Support Us

ބްރެޒީލުގެ ސަލާމަތީ ބާރުތައް ނުކުމެ ތިން ބާރުގެ މަރްކަޒުތައް އަލުން އަތުލައިފި

ބްރެޒީލުގެ ކުރީގެ ރައީސް ޖާއީރު ބޮލްސޮނާރޯއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އެ ޤައުމުގެ ކޮންގްރެހަށާއި ރިޔާސީ ގަނޑުވަރަށާއި ސުޕްރީމު ކޯޓަށް އިއްޔެ ވަދެ އެތަންތަނަށް ގެއްލުންދިނުމާ ވިދިގެން ބްރެޒީލުގެ ރައީސް ލޫލާ ޑި ސިލްވާ އެ ޤައުމުގެ ސަލާމަތީ ފެޑަރަލް ބާރުތައް ނެރުއްވާ ބޮލްސޮނާރޯގެ ވާގިވެރީންގެ ކިބައިން ޤައުމުގެ ސިޔާދަތީ ބާރުތައް ރަމްޒުކޮށްދޭ މައި މަރްކަޒުތައް ރޭ ސަލާމަތް ކުރައްވައިފިއެވެ.

ނޫސްވެރީން ސިފަކުރާ ގޮތުގައި މިއީ ރައީސް ޓްރަމްޕްގެ ވާގިވެރީން މީގެ ދެ އަހަރު ކުރިން އެމެރިކާގެ ކޮންގްރެހަށް ވަންފަދަ ކަމެކެވެ.

މި ހާދިސާއާ ވިދިގެން ބްރެޒިލުގެ ރައީސް ލޫލާ ޑި ސިލްވާ މިހާރު ވަނީ 31 ޖަނަވަރީއާ ހަމައަށް ވެރިރަށް ބްރެޒީލޔާގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ސަލާމަތީ ފެޑަރަލް ބާރުތަކާ ޙަވާލު ކުރައްވައިފިއެވެ.

ރައީސް ޑި ސިލްވާ ތުހްމަތު ކުރައްވާ ގޮތުގައި މިއީ ނާކާމިޔާބު ލިބިވަޑައިގެން ކުރީގެ ރައީސް ބޮލްސޮނާރޯގެ ތަޚްރީބީ ޢަމަލެކެވެ. ރައީސް ޑި ސިލްވާ ވިދާޅުވާ ގޮތުގައި މި ކަން ހިނގައިފައި މި ވަނީ ވެރިރަށުގެ ސަލާމަތީ ބާރުތަކުގެ އިހްމާލުންނެވެ. ރައީސް ލޫލާ މި ވަގުތު ހުންނެވީ ބްރެޒީލުގެ ސައޮ ޕައޮލޯ ގައެވެ. ރައީސް ޑި ސިލްވާ ވިދާޅުވިގޮތުގައި ބްރެޒީލިޔާގެ ގަވަރުނަރު ވަނީ "ފެޝިސްޓުންނަށާއި ޒާތީ ތަޢައްޞުބުގެ މީހުންނަށް ތަންތަން ޚަރާބު ކުރުމަށާއި ގަޑުބަޑު އުފެއްދުމަށް މަގު ތަނަވަސްކޮށް ދެއްވައިފައެވެ." ބްރެޒީލުގެ ސުޕްރީމު ކޯޓުން މިއަދު ވަނީ ވެރިރަށް ބްރެޒީލިޔާގެ ގަވަރުނަރު 90 ދުވަހުގެ މުއްދަތަށް އެ މަޤާމުން އެކަހެރިކޮށްފައެވެ.

ރައީސް ޑި ސިލްވާ ވިދާޅުވިގޮތުގައި ދައުލަތުގެ ސިޔާދަތު ރަމްޒުކޮށްދޭ މައި މަރްކަޒުތަކަށް ވަދެ އެ ތަންތަން ހަލާކުކޮށް ގެއްލުން ދިން މީހުން ހައްޔަރުކޮށް ޝަރީޢަތަށް ހުށައެޅޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙަރަކާތް ނައްތައިލުމަށް ސަރުކާރުން ފިޔަވަޅު އަޅާނެއެވެ.

ބްރެޒީލުގެ ސަލާމަތީ ބާރުތައް ބުނާގޮތުގައި މި ގަޑުބަޑުތައް ހިންގި މީހުންގެ ތެރެއިން 30 މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ. އަދި ދައުލަތުގެ ސިޔާދަތީ ބާރުގެ މަރްކަޒުތަކަށް ވަން މީހުން މިހާރު ވަނީ އެ ތަންތަނުން ބޭރަށް ލެވިފައެވެ. ބްރެޒީލުފެ ސުޕްރީމް ކޯޓުގެ ރައީސް އިންޒާރުކުރައްވާ ގޮތުގައި ދައުލަތުގެ ތަންތަނަށް ޤަވާޢިދާ ޚިލާފަށް ވަދެ އެތަންރަނަށް ގެއްލުންދިން މީހުންނަށް އަދަބު ދެވޭނެއެވެ.

ބްރެޒީލުގެ ސިޔާދަތީ ބާރުތަކުގެ މައި މަރްކަޒުތަކަށް ވަން މީހުން ތިބީ ރީދުލާއި ފެހި ކުލައިގެ ޓީ ޝަރޓް ލައިގެންނެވެ.

ބްރެޒީލުގެ ރައީސްކަމާ ރައީސް ޑި ސިލްވާ ޙަވާލުވެ ވަޑައިގަތީ މި މަހުގެ 1ވަނަ ދުވަހުއެވެ. ބްރެޒީލުގެ ޓީވީ ބުނިގޮތުގައި މި ގަޑުބަޑު ހިންގުމުގައި ތިން ހާހެއްހާ މީހުން ބައިވެރިވިއެވެ. މި މީހުން މި ތަންތަނަށް ވަދެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައި ފަރުނީޗަރުތަކަށް ގެއްލުންދީފައިވާ ކަމަށް ޓީވީ ބުންޏެވެ. ބްރެޒީލުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ނާކާމިޔާބު ލިބިވަޑައިގެން ރައީސް ބޮލްސޮނާރޯ ވަނީ އައު ރައީސް ހުވާކުރެއްވުމުގެ ކުރީން ފިއްލަވައިގެން އެމެރިކާއަށް ވަޑައިގަންފައެވެ.

ބައިނަލްއަޤވާމީ މަސްރަޙަށް ބަލާއިރު އެމެރިކާއިން މިކަން ކުށްވެރިކުރިއެވެ. ބްރޒީލުގައި ހުންނަވާ އެމެރިކާގެ ޝާޒޭ ދަ ފޭ ވިދާޅުވާގޮތުގައި " ދީމުޤްރާޠީ ޤައުމެއްގައި ހަރުކަށި ޢަމަލުތަކަށް ޖާގައެއް ނޯންނާނެއެވެ. " އޭނާ ސިފަކުރެއްވި ގޮތުގައި މި ޙަމަލާއަކީ ދީމުޤްރާޠީ ނިޒާމަށް ދެވުނު ޢުދްވާނެކެވެ. މި ކަމަށް އެއްވެސް ޢުޒުރެއްނެތެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ވިދާޅުވި ގޮތުގައި "މިއީ އެމެރިކާއިން ކުށްވެރިކުރާ ޢަމަލެކެވެ."

ލެޓިން އެމެރިކާގެ ޤައުމުތަކުގެ ޒަޢީމުން ބްރެޒީލިޔާގައި ހިންގުނު ހަރުކަށި ޢަމަލުތައް ވަރަށް ހަރުބަހުން ކުށްވެރި ކުރެއްވިއެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި އެ ޤައުމުތައް އޮތީ ބްރެޒީލު ރައްޔިތުންނާއެކުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *