ފާއިތުވެ މާޒީވަމުންދާ ކޮންމެ އަހަރަކީ ދުނިޔެއާ އާފަތްތަކާއި މުޞީބާތްތަކާއި ކާރިސާތައް ކުރިމަތިވެފައިވާ ދުވަސްތަކެކެވެ. ބައެއް ކަންތައްތަކަކީ ޤުދްރަތީ ކަންތައްތަކެވެ. އަނެއްބައި ކަންތައްތަކަކީ އިންސާނާގެ ޢަމަލުތަކުގެ ނަތީޖާތަކެކެވެ.
މި ބީދައިން 2022ވަނަ އަހަރުގައި ވެސް ދުނިޔޭގެ ތާރީޚުގައި ކަނޑައިނެގޭނެ ފަދަ ހާދިސާތަކެއް ހިނގައިފައި ވެއެވެ. ފާޅުކަންބޮޑު އެއް ހާދިސާއަކީ ޔުކްރޭން ހަނގުރާމައެވެ. މި ހަނގުރާމައިގެ ނައްސިކަން ދުނިޔޭގެ ހުރިހާ ޤައުމުތަކަކަށާއި ރައްޔިތުންނަށް ކޮށްފައި ވެއެވެ. ދެވަނަ ހާދިސާއަކީ ޗައިނާއާއި އެމެރިކާއާ ދެމެދުގައި ހިނގަމުންދާ އަރާރުންތަކާއި ކޯޅުންތަކެވެ.
މި ދެ ހާދިސާގެ ސަބަބުން ދުނިޔޭގެ ލާދައިގެ ދަރަޖަ ވަނީ މީގެ އެތައް ދަހަރުތަކެއްގައި ރެކޯޑުކުރެވިފައިނުވާ ދަރަޖައަކަށް މައްޗަށް ގޮސްފައެވެ. ކާބޯތަކެއްޗާއި ހީފިލުވައިދޭ އެއްޗެއްސާއި މުވާސަލާތާއި ނަޤްލާއި ބޯހިޔާވަހިކަމުގެ އަގުތަކާއި ކުލިތައްވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އެމެރިކާގެ ޢާލަމީ އިސްވާރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން
އެމެރިކާގެ ވެރިކަމާ 2021ގައި ބައިޑްން ޙަވާލުވެ ވަޑައިގަތުމާއެކު އުފުއްލެވި ޝިޢާރަކީ "އެމެރިކާ ޢާލަމީ އިސްވާރުކަމަށް އަނބުރާ އަތުވެއްޖެ" އެވެ. އެހެނަސް އެމެރިކާގެ ތާރީޚު ދުށް އެންމެ މުސްކުޅި ރައީސްގެ ރިޔާސަތުގެ ފުރަތަމަ އަހަރު ވެގެންގޮސްފައި ވަނީ އެމެރިކާގެ އިސްވާރުކަމަށް ވަރަށް "ނުބައި" އަހަރަކަށެވެ. މިގޮތުން 6 ޖަނަވަރީ 2021ގައި ކޮންގްރެސްއަށް ބަޔަކު ވަދެގަން މަންޒަރާ ވިދިގެން ދެން އައީ އަފްޣާނިސްތާނުން އަވަހަށް ފޭބި ތަނެވެ. ކުރިން ކަނޑައަޅައިފައިވާ ތާރީޚަށްވުރެ މާ އަވަހަށް މާ ކުއްލި ގޮތަކަށެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމު "ނިކަމެތިކަމާއެކު" އަފްޣާނިސްތާނުން ފޭބުމުން އެމެރިކާ ހީނުކުރާހާ އަވަހަށް އެމީހުންގެ "ގޮނޑިކޮއްކޮ" ސަރުކާރު ވެއްޓި ޠާލިބާނުން ވެރިކަމަށް އައިތަނެވެ. ދެން ފެނުނީ އީރާނުން އެ ޤައުމުގެ ނިޔުކްލިޔަރ ފައިލް މާ މައްޗަށް އުފުއްލައިލި ތަނެވެ. މިފަދަ ޢަމަލުތަކުގެ އިތުރަށް އެމެރިކާގެ އެތެރޭގައި ބައިބައިވުންތަކާއި ޚިޔާލު ތަފާތުވުންތައް އިތުރުވެގެން ދިޔައެވެ.
މިއީ ރައީސް ބައިޑްންގެ ރިޔާސީ ފުރަތަމަ އަހަރުގައި އޭނާއާ ކުރިމަތިވެވަޑައިގެންނެވި ބައެއް ގޮންޖެހުންތަކެވެ. ބައެއް ގޮންޖެހުންތަކަކީ އެމެރިކާއަށް ބަލާއިރު "އިހާނާތްތެރި" ގޮންޖެހުންތަކެކެވެ. އެހެނަސް ދާޚިލީ މަސްއަލަތަކުގެ ޙާލަތު މާ ނާޒުކެވެ. މާ ޙައްސާސެވެ. އިޤްތިޞާދީ މައިދާނާ ކުރިމަތިލާންޖެހުނު ކަސާދައިގެ އިތުރަށް ކޮވިޑް19ގެ ސަބަބުން މުޖްތަމަޢާ ކުރިމަތިލާންޖެހުނު ޞިއްޙީ އަދި އިޖްތިމާޢީ މަސްއަލަތައް ގިނަވެގެން ދިޔައެވެ. ސިޔާސީ މައިދާނަށް ބަލާއިރު އެމެރިކާގެ ރައްޔިތުން ތަނޑިތަނޑިވެގެން ދިޔުމާއި ވާދަވެރިކަން އިތުރުވެގެން ދިޔުންވެއެވެ. މި ކަމުގެ ހިޔަނި އެމެރިކާގެ ކޮންގްރެސްގެ ފެންޑާތަކަށް އެޅިގެންދިޔައެވެ.
ވާދަކުރާނެ ދެވަނަ ބާރެއްނެތި އެމެރިކާ ދުނިޔޭގެ ޒަޢާމަތުގައި އަތްގަދަކޮށްފައި އޮތްއޮތުމާ ކުރިމަތިވި ގޮންޖެހުންތައް ވަރަށް ބޮޑުވެގެން ދިޔައެވެ. "ޚުދްމުޚްތާރުކަމާއި އިސްތިބްދާދިއްޔަތާ" ކުރިމަތިލުމަށް ޓަކައި މިނިވަން ދުނިޔޭގެ ޒަޢާމަތަށް އެމެރިކާ އަނބުރާ އަތުވެއްޖެ ކަމަށް ބައިޑްން ވިދާޅުވިޔަސް މި ޒަޢާމަތު އެމެރިކާއަށް ގެއްލިގެން އެބަ ދާކަމަށް "މިތުރުންނާއި ހަތުރުން" ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރައީސް ބައިޑްންގެ އެންމެ އިސް ފައިލަކަށް ހައްދަވައިފައިވަނީ ޔުކްރޭނެވެ. ހަމައެއާއެކު ޗައިނާއާ ވާދަކުރެއްވުމަށް ވެސް އެފަދަ އަހައްމިއްޔަތެއް އޭނާ ދެއްވިއެވެ. ޙަޤީޤަތަށް ބަލާއިރު މި ދެ މަސްއަލައަކީ ވެސް އޭގެ ޠަބީޢަތުގައި އައު ކަމެއްނޫނެވެ. ޔުކްރޭން މަސްއަލައަކީ 2014ވަނަ އަހަރުގެ މަސްއަލައެކެވެ. ޗައިނާ މަސްއަލައަކީ ރައީސް ޓްރަމްޕް ރޯކުރެއްވި މަސްއަލައެކެވެ. ބައިޑްން ވެރިކަމަށް ވަޑައިގެން ދުވަހު ވިދާޅުވެފައި ވަނީ އޭނާގެ މަސައްކަތްޕުޅަކަށް ވާނީ "ޓްރަމްޕް ފަސާދަކުރެއްވި ކަންކަން އިސްލާޙު ކުރެއްވުމަށް" ކަމަށެވެ.
ޔުކްރޭން މަސްއަލައަކީ އޭގެ ބިންގަލަށް ބަލާއިރު ސޮވިއެޓް ޔުނިއަނުން ރަޝިޔާއަށް ވާރުތަވި ޖިއޯސިޔާސީ މަސްއަލައެކެވެ. ސޮވިއެޓް ޔުނިއަން ރޫޅިގެންދިޔުމުން 1991ގައި ޔުކްރޭނަށް މިނިވަންކަން ލިބުނެވެ. އަދި 2004ވަނަ އަހަރު ޔުކްރޭނަށް އައި އޮރެންޖު އިންޤިލާބުގެ ސަބަބުން ރަޝިޔާއަށް ތާއީދު ކުރައްވާ ރައީސް ޔެންކޮވިޗްގެ ވެރިކަން ވެއްޓި ހުޅަނގަށް ތާއީދު ކުރައްވާ ޔުޝްޗިންކޯ ވެރިކަމަށް އިސްވަޑައިގަތެވެ. މިކަމާ ވިދިގެން ޔޫރަޕްގެ އިއްތިޙާދާއި ނޭޓޯއާ ޔުކްރޭން ގާތްވާން ފެށިއެވެ. އެހެނަސް 2010ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ ކުރީގެ ރައީސް ޔެންކޮވިޗަށެވެ. އޭނާ ފިޔަވަޅުތައް އަޅުއްވަން ފެށްޓެވީ ޔޫރަޕްގެ އިއްތިޙާދާއެކު އެއްބާރުލުމާ ދުރުހެލިވުމަށެވެ. ހުޅަނގުގެ ނުބައި ރޭވުންތަކުގެ ސަބަބުން ޔުކްރޭނުގެ އެތެރެ ދެ ފަޅިއަށް ކިބަވެގެން ދިޔައެވެ. ޔުކްރޭނުގެ ހުޅަނގު ފަޅި ބަދަލުވެގެން ދިޔައީ ހުޅަނގަށް ތާއީދު ކުރާ ބަޔަކަށެވެ. މި ފަޅީގެ ރައްޔިތުން ބޮޑަށް ބޭނުންވަނީ ނޭޓޯއާ ގުޅުމަށެވެ. އަދި އިރުމަތީ ފަޅި ބަދަލުވެގެން ދިޔައި ރަޝިޔާއަށް ތާއީދު ކުރާ ބަޔަކަށެވެ. އިރުމަތީ ފަޅީގެ ގިނަ ރައްޔިތުންނަކީ ރަޝިޔާ ބަހުން ވާހަކަ ދައްކާ ރަޝިޔާ މީހުންނެވެ. އެމީހުން ބޭނުންވަނީ ރޫސީ އިއްތިޙާދުގައި ބައިވެރިވެ ރަޝިޔާގެ ބަޔަކަށް ޔުކްރޭންވުމަށެވެ.
ހުޅަނގުގެ އެހީގައި 2014ވަނަ އަހަރު ރައީސް ޔެންކޮވިޗާ ދެކޮޅަށް އަނެއްކާ ވެސް ޙަރަކާތެއް ފެށިއްޖެއެވެ. ރައީސް ޔެންކޮވިޗާއި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 100 ވަރަކަށް މީހުން މަރުވެގެން ދިޔައެވެ. ނަތީޖާއަކަށްވީ ޔެންކޮވިޗް ވެރިރަށް ކިޔީވް ދޫކުރައްވާ އިރުމަތީ ފަޅިއަށް ވަޑައިގަތުމެވެ. މިކަމާ ވިދިގެން އިދިކޮޅު ބާރުތަކުން ވެރިކަމަށް އިސްވެ ރައީސް ޔެންކޮވިޗް ހައްޔަރުކޮށް ޝަރީޢަތަށް ހުށައެޅުމަށް އަމުރުނެރުނެވެ. މޮސްކޯ ދެކޭގޮތުގައި މިއީ ހަތިޔާރު އެޅި ބަޣާވަތެކެވެ. އެހެނަސް ކިޔީވްގެ އައު ވެރީންނަށް އެމެރިކާއާއި ހުޅަނގުން ތާއީދު ލިބި ވެރިކަމުގައި އެމީހުންގެ ބާރު ގަދަކުރިއެވެ.
ރައީސް ޔެންކޮވިޗް ޔުކްރޭނުގެ އިރުމަތީ ފަޅިއަށް ވަޑައިގެންނެވުމާއި ކިޔީވްގެ ވެރިކަމަށް އިސްވި ބާރަކީ ޣައިރުޤާނޫނީ ބާރަކަށް ވާތީ ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުން ކިޔީވް ސަރުކާރު ޤަބޫލުނުކުރާނެކަން އިޢުލާނު ކުރިއެވެ. މި ސަރަޙައްދުގެ ތެރޭގައި ހިމެނޭ މުހިއްމު ސަރަޙައްދުތަކުގެ ތެރޭގައި ކްރިމިޔާއާއި ޑޮންބާސް ހިމެނެއެވެ. މިކަމާ ހެދި ކިޔީވް ސިފައިންނާއި ޔުކްރޭނުގެ މައި ސަރުކާރާ ވަކިވެގަތުމަށް އެދޭ އިރުމަތީ ސަރަޙައްދުގެ ބާރުތަކާ ދެމެދުގައި ހަނގުރާމަތަކެއް ހިނގިއެވެ. މި ހަނގުރާމައިގެ ތެރޭގައި ކްރެމިޔާ ޔުކްރޭނާ ވަކިވެ މިނިވަން ޖުމްހޫރިއްޔާއެއް އިޢުލާނު ކުރިއެވެ. އެއަށްފަހު ކްރެމިޔާގެ ގަވަރުނަރު ރޫސީ އިއްތިޙާދުގައި އެ ސަރަޙައްދު ބައިވެރިވުމަށް އެދިވަޑައިގެން މޮސްކޯއަށް މަސްއަލަ ހުށައެޅުއްވިއެވެ. ކްރިމިޔާ ރޫސީ އިއްތިޙާދުގައި ބައިވެރިވުމުން ރޫސީ ސިފައިން އެ ސަރަޙައްދަށް ވަދެ އެ ސަރަޙައްދު ރަޝިޔާގެ ބަޔަކަށް ހެދިއެވެ. މި ކަމާ ވިދިގެން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. މިފަހަރާ ޚިލާފަށް އެ ފަހަރު ހަނގުރާމައެއް ނުފެށުނީ ކީއްވެގެން ހެއްޔެވެ؟ މުޙައްލިލުން ވިދާޅުވާ ގޮތުގައި އެ ކަމުގެ ސިއްރަކީ ޖަރްމަނުގެ އޭރުގެ މުސްތަޝާރާ އެންޖެލާ މަރކްލް އެވެ. އޭނާ ކުރެއްވި ސިޔާސީ މަސައްކަތްޕުޅުގެ ސަބަބުން މިންސްކް އެއްބަސްވުން ޤާއިމު ކުރެވުނެވެ. މި އެއްބަސްވުމުގެ ސަބަބުން ބާރޫދު ފީފާއިން ފީތާފަށް ނަގައި އެއްލައިލެވުނެވެ.
ރައީސް ބައިޑްން މި ފަހަރު ޢަމަލު ކުރެއްވީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާ ނުކުމެވަޑައިގަތީ "ހަނގުރާމަ" އަށެވެ. އެއީ އެމެރިކާގެ ދާޚިލީ މަސްއަލަތަކުގެ ފަރުބަދައަށް ފަސްއަޅުއްވައި ދުނިޔެއަށް ވަންހަނާ ކުރެއްވޭތޯ ކުރެއްވި ކަމެކެވެ. ރަޝިޔާއިން ހުށައެޅި އެއްވެސް ޙައްލެއް ބައިޑްނަށް ރަނގަޅު ޙައްލަކަށް ނުވިއެވެ. ޕޫޓިނަށް މަޖްބޫރުވެވަޑައިގަތީ އޭނާ އެ ވިދާޅުވާ "ޢަސްކަރީ ޚާއްޞަ ޙަމަލާ" ފަށްޓަވާށެވެ. އެހެނަސް ހުޅަނގުން ސިފަކުރިގޮތުގައި އެއީ އެއްވެސް "ޢުޒްރެއްނެތް ހަނގުރާމަ" އެކެވެ.
ޔުކްރޭން ހަނގުރާމައަށް 11 މަސް ފުރިގެންދާއިރުގައި ވެސް ރައީސް ބައިޑްން އޭނާގެ ސިޔާސަތު މުރާޖަޢާ ކުރައްވާތަނެއް ނުފެނެއެވެ. ހުޅަނގުގެ މުޙައްލިލުން ވިދާޅުވާގޮތުގައި އެއީ "ބިރުހުރި" ސިޔާސަތެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމަ ދިގުލަމުންދިޔަ ވަރަކަށް ރަޝިޔާ ނިކަމެތިވަމުންދާނެއެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން ބައިޑްނަށް ފައިދާތަކެއް ލިބިވަޑައިގަންނަވަމުންދާ ކަމަށް ބުނެވިދާނެއެވެ. އަމްނާއި ސަލާމަތީ ކަންކަމުގައި އެމެރިކާގެ މައްޗަށް ޔޫރަޕް ބަރޯސާވާ މިންވަރު މިހާރުވަނީ 100% އާ ހަމައަށް ވާޞިލުވެފައެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރާ އެއްގޮތަށް އެމެރިކާއިން މިހާރު ވަނީ މުސްކުޅި ޔޫރަޕަށް އެތައް ހާސް ސިފައިންނެއް ފޮނުވައިފައެވެ. އެހެނަސް އެމެރިކާއިން އަޅައިފައިވާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ހުޅަނގުގެ އިޤްތިޞާދީ ހެދިބޮޑުވުން ހުއްޓެމުންދާތަން ފެނެއެވެ. އެމެރިކާގެ ރައީސް ގެންގުޅުއްވާ އިޤްތިޞާދު ޙިމާޔަތްކުރުމުގެ ޤާނޫނުގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ކުންފުނިތައް ދަނީ އެމީހުންގެ ލާރިކޮޅު ހިފައިގެން އެމެރިކާއަށް ބދަލުވަމުންނެވެ.
ޕޫޓިން މަޅީގައި ޖެހިވަޑައިގަތީތަ؟
ހުސްވި 2022ވަނަ އަހަރު ދުނިޔެ ބިރުވެރިކަމުގެ ތުންފަތްމައްޗަށް ގެންދިޔުމުގައި ރައީސް ޕޫޓިނަކީ މުހިއްމު ދައުރެއް ކުޅުއްވި ބޭފުޅެކެވެ. ޔުކްރޭނަށް ޙަމަލާދެއްވުމަށް ނިންމެވީ އޭނާއެވެ. މިއީ ބައިޑްން ޖެއްސެވި ދަންތުރައިގައި ޕޫޓިން ޖެހިވަޑައިގަތުން ހެއްޔެވެ؟ ނުވަތަ އެ ހަނގުރާމަ ފެށްޓެވީ ބޮޑު ކޯޅުމެއް ފެށުމަށް އެންމެ އެކަށީގެންވާ ވަގުތު އަތުވެއްޖެ ކަމަށް ޕޫޓިން ދެކެވަޑައިގެން ހެއްޔެވެ؟ ފެންނަ ފެނުމުގައި ރަޝިޔާއިން ވަނީ މި ކަމަށް ތައްޔާރުވެފައެވެ. އެމެރިކާއާއި އެ ޤައުމުގެ ބައިވެރިން ރަޝިޔާއަށް ދަތިކުރުމަށް ޓަކައި އެޅި އެތައް ހާސް ފިޔަވަޅުތަކެއްގެ ނަތީޖާ ކޮބައި ހެއްޔެވެ؟ އަޅުގަނޑުމެންނަށް ފެންނަމުންދަނީ ރަޝިޔާގެ ތެލާއި ގޭސް ބާޒާރުގައި ކުރިއަށްވުރެ ރަނގަޅު އަގުގައި ވިކެމުންދާތަނެވެ. ރަޝިޔާގެ އިޤްތިޞާދު ކަމީނާވެގެން ނުދާތަނެވެ. ރަޝިޔާގެ ރޫބެލްގެ އަގު ވެއްޓިގެން ދިޔުމުގެ ބަދަލުގައި އޭގެ އަގު މައްޗަށް އުފުލެމުންދާ ތަނެވެ.
މި ހަނގުރާމައިގައި އެމެރިކާގެ އަމާޒަކީ ރަޝިޔާ އަބަދުގެ އަބަދަށް ނިކަމެތިކޮށްލުމެވެ. ރަޝިޔާގެ އަމާޒަކީ ޔުކްރޭނުގެ އިރުމަތީ ސަރަޙައްދު ރަޝިޔާގެ ބިމަށް އިތުރުކުރުމާއި ކިޔީވް ވަކި ފަރާތަކަށް ނުޖެހޭ ދައުލަތެއްގެ ގޮތުގައި ބޭއްވުމެވެ. ނޭޓޯގެ މެންބަރަކަށް ވިޔަ ނުދިނުމެވެ.
އެހެންކަމުން ފެންފެނުމުގައި ފާއިތުވި އަހަރަށް ވުރެ 2023 ވަނަ އަހަރު "ނުބައި" ވާނެ ކަމަށް ލަފާކުރެވެއެވެ. ހަނގުރާމަ ކުރިއަށް ދާނަމަ ލާދަ މައްޗަށް ދާނެއެވެ. މަރްކަޒީ ބޭންކުން ފައިދާ ބޮޑުކުރިއަސް މި ވަބާއަށް ޝިފާއެއް ލިބޭނެ ވެކްސިނަކަށް އެ ކަން ނުވާނެއެވެ.
ޝީ ތައިވާން ޙިޞާރު ކުރުން
ހުސްވި އަހަރު ދުނިޔެ ފުން ވަޅުގަނޑަކަށް ވައްޓައިލުމުގައި މުހިއްމު ދައުރެއް ކުޅުނު ތިނެސްކަނުގެ ތިންވަނަ ފައިކަށްޓަކީ ޗައިނާއެވެ. ފާއިތުވި އަހަރު އެމެރިކާ- ޗައިނާ އަރާރުމާއި ކޯޅުން ވަނީ ވަރަށް ނުރައްކާތެރި ފިޔަވައްސަކާ ހަމައަށް ވާޞިލުވެފައެވެ. މި އަހަރުގެ ތެރޭގައި މި ދެބަސްވުންތައް ނެތިގެންދާނެހެނެއް ހީއެއް ނުވެއެވެ. މިއަދުގެ ބައިނަލް އަޤްވާމީ މަސްރަޙުގައި ވާ އެންމެ ބޮޑު ދެ ބާރަކީ އެމެރިކާއާއި ޗައިނާއެވެ. މި ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ އަރާރުމަކީ ފިނިހަނގުރާމައެވެ. ޔުކްރޭން ހަނގުރާމަ ފެށުމާއެކު އެމެރިކާއިން ޗައިނާ މޮސްކޯއާ ދުރަށްލެވޭތޯ މަސައްކަތް ފެށިއެވެ. ޗައިނާ ބުނާގޮތުގައި ޔުކްރޭނުގެ ހަނގުރާމައިގައި އެ ޤައުމަކީ ވަކި ފަރާތަކަށް ނުޖެހޭ ޤައުމެކެވެ.
އިނގިރޭސިވިލާތުގެ ގާޑިއަން ދުވަހުނޫސް ބުނާގޮތުގައި ތައިވާނުގެ ސަބަބުން ޗައިނާއާއި އެމެރިކާއާ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފާނެއެވެ. މި ނޫސް ބުނާ ގޮތުގައި މި ސައްތައިގެ ތިންވަނަ ދަހަރަކީ ނުރައްކާތެރި އަހަރުތަކެކެވެ.
ރައީސް ޝި ވަނީ އެ ޤައުމުގެ ޤާނޫނުއަސާސީއަށް އިސްލާޙުތަކެއް ގެންނަވައި ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގައި ހުންނެވޭނެކަން ކަށަވަރުކުރައްވައިފައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި އުޑުގެ ދަށުގައި ޗައިނާއަށް ޙައްޤުވާ މަޤާމު ހޯދުމަށް ބޭޖިންގަށް ވަނީ ނުކުންނާން ޖެހިފައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޢާލަމީ ނިޒާމަކީ އެމެރިކާގެ ނިޒާމުކަމުގައި ވެގެން ނުވާނެއެވެ. މި ކަން ނިމުމަކަށް އަންނަން ވެއްޖެއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔެ ވާންޖެހެނީ އެތައް ތަނޑިތަކެއްގެ ދުނިޔެއަކަށެވެ.
އެމެރިކާގެ ހައުސްގެ ކުރީގެ ރައީސާ ނެންސީ ޕެލޫސީ މިދިޔަ އޯގަސްޓް މަހު ތައިވާނަށް ކުރެއްވި ދަތުރުފުޅުގެ ބޭނުން ހިފައިގެން ޗައިނާއިން ތައިވާން ޙިޞަރުކުރިއެވެ. ތައިވާން ދެކޭގޮތުގައި މިއީ ޗައިނާއިން ތައިވާން ހިފުމަށް ޓަކައި ތައްޔާރުވަމުންދާ ދިޔުމެކެވެ. އެހެނަސް އެމެރިކާ ކަށަވެތިވެފައިވާ ގޮތުގައި ވޮޝިންގްޓަނުން ތައިވާނުގެ މިނިވަންކަން ޖާމިނުކޮށްދޭނެއެވެ.
ޝީގެ ސިޔާސަތުގައި ހިމެނޭ ދެވަނަ މުހިއްމު ޢުންޞުރަކީ ސެމިކޮންޑަކްޓަރުގެ މައިދާނުގައި ޗައިނާ ފުދުންތެރި ކުރުމެވެ. ރައީސް ޝީ ވަނީ ޗައިނާގެ މި ޞިނާޢަތް ވަރުގަދަ ކުރުމަށް ޓަކައި ޓްރިލިއަން ޔުވާން (143 ބިލިއަން ޑޮލަރުގެ) މަޝްރޫޢެއް ތައްޔާރު ކުރައްވައިފައެވެ. އެއީ ފަންނިއްޔަތުގެ މައިދާނުގައި ޗައިނާގެ ކުރިއެރުމުގެ ދުވެލި މަތަކުރުމަށް ޓަކައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާ ކުރިމަތިލުމަށް ޓަކައި ބޭޖިންގުން ރާވައިފައިވާ މަޝްރޫޢެކެވެ. މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ކުރިމަގުގައި ޖިއޯސިޔާސީ މަސްއަލައަކަށް ވެގެންދާނެ ކަމެކެވެ. ޗައިނާއިން މިހާރު މި ވަނީ މި ކަމަށް ތައްޔާރުވެފައެވެ.
ޝީއަށް ޙައްލު ކުރައްވަން ޖެހިވަޑައިގަންފައިވާ ތިންވަނަ މަސްއަލައަކީ ކޮވިޑް މަސްއަލައެވެ. ރައީސް ޝީގެ ސިޔާސަތަކީ "ކޮވިޑް– ސުމެއް" ސިޔާތެވެ. މި ސިޔާސަތުގެ ސަބަބުން ކޮވިޑް ދުނިޔެއަށް އަލުން ފެތުރިގެން ހިނގައިދާނެ ކަމަށް އެމެރިކާއާއި ހުޅަނގު ދެކެއެވެ.



advertisment