ޖުމްލަ 63 ވޯޓުގެ ހަނި އަޣްލަބިއްޔަތަކުން އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ނަތަންޔާހޫ މިއަދު އިސްކޮށްފިއެވެ. މިއީ ބުންޔާމީން ނަތަންޔާހޫގެ ރިޔާސަތުގެ ދަށުގައި ލީކޯޑް ޕާޓީން އިސްރާއީލުގައި އެކުލަވައިލި ހަ ވަނަ ސަރުކާރެވެ.
މީޑިއާތައް ސިފަކުރާ ގޮތުގައި މިއީ އިސްރާއިލުގައި ޤާއިމު ކުރެވުނު އެންމެ ބޮޑަށް ޙައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ ސަރުކާރެވެ. ނަތަންޔާހޫގެ ސަރުކާރުގެ ކޯލިޝަނުގައި ޖިނާއީ ކުށްތަކުގައި ކުށްވެރިވެފައިވާ އެތައް މެންބަރުންނެއް ހިމެނޭކަން އިދިކޮޅު ބާރުތަކުން ފާހަގަކުރެވެއެވެ.
ނަތަންޔާހޫ ޤާނޫނީ ހުވާކުރެއްވުމަށްފަހު ދެއްވި ޚިޠާބުގައި ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން އެންމެ އިސްކަންދޭނީ އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިސްރާއީލުގެ އަމްނަށާއި ސަލާމަތަށް އޮތް ބިރެކެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މި ދައުރުގައި އިތުރު ޤައުމުތަކަކާއެކު ގުޅުން ޠަބީޢީ ކުރެވޭނެކަމަށް ނިމުތުކުރެއްވެއެވެ.
ނަތަންޔާހޫގެ ޚިޠާބަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން އެތައް ފަހަރަކު ހުރަސްއެޅުއްވިއެވެ. ބާރެއް ނެތް ބާރެއްނެތް ސަރުކާރެކޭ ވިދާޅުވެ ހަޅޭއްފުޅު ލެއްވިއެވެ. މެދުމިން ޕާޓީތަކުން ނަތަންޔާހޫގެ ސަރުކާރުގައި ބައިވެރިވުމާ ދެކޮޅު ހަދައިފައިވާކަން ފާހަގަ ކުރެވެއެވެ. މި ޕާޓީތަކުން ނަތަންޔާހޫގެ ކޯލިޝަނުގައި ބައިވެރި ނުވީ ނަތަންޔާހޫގެ ސަރުކާރާ ޤާނޫނީ އެތައް މަސްއަލަތަކެއް ކުރިމަތިވެފައިވާތީއެވެ.
ނަތަންޔާހޫގައި ކޯލިޝަންގައި ހިމެނޭ ޔަހޫދީ ދީނީ ޕާޓީތަކާއި ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޕާޓީތަކުގެ ސަބަބުން ފަލަސްޠީނުގެ މަސްއަލައަށް ސުލްޙަވެރި ޙައްލެއް ނާންނާނެކަމަށް ދާރިސުން ދެކެވަޑައިގަންނަވައެވެ. ނަތަންޔާހޫ ވިދާޅުވާގޮތުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި ހުޅަނގު އައްސޭރިއާއި ޤުދްސުގެ ބިންތަކުގައި އިތުރު އާބާދީތައް ހެދޭނެއެވެ.
އިދިކޮޅު މުޒާހަރާތައް
އިސްރާއީލުގެ އައު ސަރުކާރަށް އިތުބާރުދީ އައު ސަރުކާރު ހުވާކުރި ޖަލްސާ ބޭއްވެމުންދިޔަ އިރު ކަނީސަތުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކުރިއެވެ. މުޒާހަރާގެ ބައިވެރީން ބުނިގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ވެރިކަމުގައި ދެމިހުންނެވުމަށާއި އޭނާގެ އިސްތަށިފުޅުގައި އެޅިފައިވާ ފަސާދައިގެ ތުހްމަތުތަކުން ބަރީއަވެވަޑައިގެންނެވުމަށް ޓަކައި އިސްރާއީލުގެ ދީމުޤްރާޠީ އުޞޫލުތައް ފުޑުފުޑުކޮށްލެއްވުމަށެވެ.
އިސްރާއީލުގެ އައު ސަރުކާރު ހުވާކުރުމާވިދިގެން ބަރްލަމާނުގެ ރައީސްކަމަށް ލީކޫޑް ޕާޓީގެ އަމީރު އޫޙާނާ އިންތިޚާބު ކުރެވުނެވެ. އޫޙާނާއަކީ ކަނީސަތުގެ ރައީސަށް ކަމަށް އިންތިޚާބު ކުރެވުނު "ދެ ކުޅީގެ" ފުރަތަމަ ރައީސެވެ.
ނަތަންޔާހޫގެ ސަރުކާރުގައި ދިފާޢީ ވަޒީރުކަން ޙަވާލު ކުރެވުނީ ޔޫ އާފު ގެލެންޓާއެވެ. ޖަސްޓިސް މިނިސްޓްރީ ޙަވާލު ކުރެވުނީ ލީކޫޑް ޕާޓީގެ ޔާރީފު ލެވިނާއެވެ. މާލީ ވަޒީރުކަން ޙަވާލުކުރެވުނީ ދީނީ ޞިހްޔޫނިއްޔަތު ޕާޓީގެ ޒަޢީމު ބިތަސްއީލް ސުމޮޓްރިޗާއެވެ. ދާޚިލީ ވަޒީރުކަން ޙަވާލު ކުރެވުނީ ހައްދުފަހަނަޅައިފައިވާ ޝާސް ޕާޓިގެ ޒަޢީމު އެރިއޭ ދިރްޢީއާއެވެ. މި ދެ މަޤާމަށް އެ ބޭފުޅުން އިސްކުރެވުނީ ދައުރު ބަހައިގެން ވުޒާރާ ބަދަލުކުރާ ގޮތަށެވެ. އިސްރާއީލުގެ ޤައުމީ އަމްނާބެހޭ ވުޒާރާ ޙަވާލު ކުރެވުނީ ޔަހޫދީ ބާރު ޕާޓީގެ ޒަޢީމު އީތުމާރު ބިން ޣަފީރާއެވެ. އޭނާއަކީ ޢަރަބީންނާ ވަރަށް އިދިކޮޅު ހައްދަފަހަނަޅައިފައިވާ ސިޔާސަތެއްގެ ވެރި ބޭފުޅެކެވެ.
ކޯލިޝަންގެ އުޞޫލުތައް
ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ޕާޓީތައް މި ކޯލިޝަންގައި ބައިވެރިވީ ވަރަށް ވަރުގަދަ އެއްބަސްވުންތަކަކާ އެކުގައެވެ.
މި އެއްބަސްވުމުގައި ހިމެނޭ މުހިއްމު އުޞޫލުތައް:-
- އިސްރާއީލުގެ ބިމުގައި ޔަހޫދީ ރައްޔިތުންނަށް ޚާއްޞަ ޙައްޤުތަކެއް ލިބިގެންވުމާއި ސަރުކާރުން ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އާބާދީތައް ހެދުން ކުރިއަށް ގެންދިޔުމާއި އިސްރާއީލަށް ހިޖްރަކުރާ ޔަހޫދީން އިތުރުކުރުމަށް މަސައްކަތް ކުރުން.
- އިސްރާއީލުގެ ޔަހޫދީވަންތަކަން ރައްކައުތެރިކުރުމަށް މަސައްކަތްކުރުމަށް ކަށަވެތިވުން
- އިސްރާއީލުގެ ވެރިރަށް ކަމުގައި ޤުދުސް ހެދުމަށް މަސައްކަތް ކުރުން
- ނިރުބަވެރިކަން ނައްތައިލުމަށް ޓަކައި ސަލާމަތީ ބާރުތައް ވަރުގަދަކުރުމާއި ސިފައިންގެ ބާރުތައް ވަރުގަދަކުރުން
- ޢަރަބި މުޖްތަމަޢުގައި ހިނގަމުންދާ ހަރުކަށި ޢަމަލުތަކާއި ޖަރީމަތައް ހުއްޓުވުމަށް ޓަކައި އިސްރާއީލުގެ ދާޚިލީ އަމްނާބެހޭ އިދާރާ ޝަބާކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ދިނުން
- ގަނޑުބަޑުތައް ނައްތައިލުމަށް ޓަކައި މީސްމީޑިއާއަށް ފާރަލައި ބެހެއްޓުމުގެ ބާރު ޝަބާކަށް ދިނުން
- އިސްރާއީލުގެ ތާރީޚި މަޞްލަޙަތު ރައްކައުތެރިކޮށް ދެމެހެއްޓުމާއެކު އަވަށްޓެރީންނާއެކު ޞުލްޙަ ޤާއިމު ކުރުމަށް މަސައްކަތް ކުރުން
- އިސްރާއީލަށް ލިބިފައިވާ ހުރިހާ ބާރުތަކަކާއި ވަސީލަތްތަކަކުން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ދެކޮޅަށް ހަނގުރާމަ ކުރުން



advertisment