Support Us

ރައްޔިތުންނަށް ފަސޭހަވާނެ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ: ފައިސަލް

މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށާއި އަދި އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އަށް ތިން އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޤައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމުގައި ވިދާޅުވެ އެކަން އެގޮތަށް ކުރުމަަށް ބާރުއަޅުއްވާފައެވެ.

މި ޙަފްލާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާރް.ޑީ.ސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އާރް.ޑީ.ސީން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށާއި އަދި އިޖުތިމާޢީ ކަންކަމުގައިވެސް އެކުންފުނިން ބައިވެރިވާކަން ފާހަގަކުރައްވައިފައެވެ.

މި ޙަފްލާގައި، ބްލައިންޑް އެސޯސިއޭޝަނަށް ދޭ ރަމްޒީ ހަދިޔާ ޙަވާލުކުރުމާއި ކޯޕަރޭޓިވް އެޑިއުކޭޝަން ޕްރޮގްރާމް (ބިނާވެހި) ލޯންޗުކުރިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން މުވައްޒަފުންނަށް އެވޯޑު ޙަވާލުކުރުންވެސް ކުރިއަށްދިޔައެވެ. އެގޮތުން އާރް.ޑީ.ސީގެ މުވައްޒަފުންނަށް "ޢުމަރު ޒާހިރު އެވޯޑު" ޙަވާލުކޮށްދެއްވާފައިވަނީ ނައިބު ރައީސެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ނައިބު ރައީސަށް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން 9 ޖޫން 2019 ގައި އާރް.ޑީ.ސީ އުފެއްދެވީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތެއްކަމުގައި މި ސަރުކާރުން ދެކޭތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *