Support Us

އެންމެ އިސް ސިޔާސަތަކީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުން: ރައީސް

މީގެ ހަތަރު އަހަރު ކުރިން ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށާއި، އަސާސީ ޚިދުމަތްތައް ޤާއިމުކުރެވިފައިނުވާ ކަމަށާއި އެހެން ކަމުން މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއެކު އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގއ. މާމެންދޫގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާމެންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ޝަކުވާކަމަށާއި އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ގޮތަށް ކަރަންޓުގެ ޚިދުމަތް ޤާއިމްކުރުމެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިޔަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެމަނިކުފާނު އަލަށް ތަޢާރަފްކޮށްދެއްވި ފެނަކައިގެ ކަރަންޓް ސްމާޓް މީޓަރާއި އޭގެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސްމާޓް މީޓަރގެ ސަބަބުން ޚިދުމަތް ދޭ ފަރާތަށާއި ޚިދުމަތްހޯއްދަވާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެތެރެއިން މާމެންދޫގައި ކުރިޔަށްގެންދިޔުމަށް ބައެއް ކަންކަން އިޢުލާނުކުރައްވާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މާމެންދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށިގެންދާނެ ކަމަށާއި، ހުޅިމެންދޫ ބެލެހެއްޓުމުގެ މަސައްކަތް މިހާރުން މިހާރަށް ކައުންސިލާ ޙަވާލުކުރައްވާނެ ކަމަށާއި، އަދި ޤާނޫނުގެ ތެރެއިން މާމެންދޫގެ އިޙްތިޞާޞްގައި އެރަށް ހިމެނޭނެ ގޮތެއް ބައްލަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން އެދުނު ގޮތަށް ފުލުހުންގެ ޢަދަދު އިތުރުކޮށްދެއްވާނެ ކަމަށާއި، ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ކަނދުފަތި ލަސްތަކެއްނުވެ އަޅާދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް މާމެންދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއެކު މަޝްވަރާކުރައްވާނެ ކަމަށާއި، ވޮލީ ކޯޓު ކައުންސިލުން އެދުނު ފަދައިން ރަނގަޅުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރަސްމީގޮތުން ހުޅުވި މާމެންދޫގެ އައު އިންޖީނުގޭގައި 1400 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯ ވޮޓުގެ ތިން ޖަނަރޭޓަރ ސެޓް އަދި 800 ކިލޯ ވޮޓުގެ އެއް ޖެންސެޓް ބެހެއްޓޭގޮތަށެވެ. މާމެންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރި ޢިިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *