Support Us

ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން: ރައީސް

ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވައި، ޓެކްސް ފައިސާ ސަރުކާރަށް ދައްކަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ސަރުކާރުން ޤާއިމްކޮށްދިނުމަށްޓަކައި ކަމަށާއި، ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ނިލަންދޫގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިލަންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބެއެވެ. އަދި އެއީ ކަރަންޓުގެ ޚިދުމަތްކަމުގައި ވީ ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ކަމުގައި ވީނަމަވެސް، ލަފާ ފުރުމުގެ ޚިދުމަތްކަމުގައި ވީނަމަވެސް ނުވަތަ ރަނގަޅު ތަޢުލީމާއި، ޞިއްޙީ ޚިދުމަތް ކަމުގައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ޚިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މީގެ ކުރިން ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ހެއްދެވީ އެއްވެސް ރަށެށް، އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތައް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިގޮތުން ފެނަކަ މެދުވެރިކޮށް 144 ރަށަކަށް އައު ކަރަންޓު އުފައްދާ ޖެނެރޭޓަރު ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގެ އިންޖީނުގޭ އޮފީސް ޢިމާރާތް ޤާއިމްކުރެވިއްޖެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ މި ދައުރުގައި ރަށްރަށުގެ ކަރަންޓްގެ ޚާލަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން، ރަށްރަށަށް އައު އިންޖީނު ފޯރުކޮށްދިނުމާއި، ކަރަންޓު ފޯރުކޮށްދޭ ކޭބަލް ނެޓްވޯރކް އަޕްގްރޭޑްކުރުން ހިމެނެއެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ނިލަންދޫގެ އައު އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބަހައްޓައިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓްގެ ތިން ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ. ނިލަންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ ޢިިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. އަދި ކުރީގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަމަވެސް އައު އިންޖީނުގެ ޤާއިމްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *