ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމަށާއި އޭރުން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ތަރައްޤީވަމުން ދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރައްޔިތުން ވަނީ މި ސަރުކާރު ބަލައިގަނެފައެވެ. އަދި ސަރުކާރަށް ހަަތަރު އަހަރުވެފައިވާ އިރު، މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައިވާތީ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި އަސާސީ ޚިދުމަތްތައް ހޯދުމާއި، އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިޔާސީ ޚިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ޤާއިމްކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭކަމަށާއި، ކުރިން މެދުކެނޑެމުން އައި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނޭގޮތް ފަހިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދާ ހަމަޔަށް 15,000 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށާއި، ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ދާންދޫގައި މިހާރުވެސް 12 އަށް ވުރެ ގިނަ މަޝްރޫޢު އެކި މަރުޙަލާގައި ހިނގަމުންދާކަން ފާހަގަކުރައްވައި، ދާންދޫއަށް އިތުރު މަޝްރޫޢުތައް އިޢުލާންކޮށްދެއްވާފައެވެ. އެގޮތުން، ރައްޔިތުންގެ އެދުމުގެ މަތިން ދާންދޫގައި ބޭންކެއް ޤާއިމްކުރުމަށާއި، މަސްވެރި ރަށަކަށް ވުމުން ދާންދޫގައި އޮޑި އެހެލާނެ ސަރަޙައްދެއް، ބަނދަރު މަޝްރޫޢާއެކީ ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ދާންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންއާއެކު ބްލަޑް ބޭންކާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލާއެކު ކްލާސްރޫމް އިތުރުކުރައްވާނެކަން ވެސް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ކަންބޮޑުވުނަތަކަށްވެސް އެދެވޭ ޙައްލުތައް ވަރަށް އަވަހަށް ފެންނަމުންދާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކާނެ ކަމަށާއި، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ތެލާއި ޑީސަލް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި، ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ 186.64 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދާންދޫއަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ.