Support Us

ޕެޓްރިއެޓް މިސައިލް ޔުކްރޭނަށް ފޮނުވުމަކީ ހަނގުރާމައިގައި އެމެރިކާ ސީދާ ބައިވެރިވުން: ރަޝިޔާ

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވޮޝިންގްޓަނަށް ކުރެއްވި ދަތުރުފުޅުންނާއި އެމެރިކާއިން ޕެޓްރިއެޓް މިސައިލް ނިޒާމު ކިޔީވަށް ދިނުމަށް ނިންމި ނިންމުމުން ޔުކްރޭން ހަނގުރާމައިގައި އެމެރިކާ ސީދާ ބައިވެރިވެފައިވާކަން ހާމަވެއްޖެ ކަމަށް މޮސްކޯއިން ބުނެފިއެވެ. މޮސްކޯ ބުނި ގޮތުގައި ޔުކްރޭނުން ކުރާ ހަނގުރާމައަކީ ރަޝިޔާއާ ދެކޮޅަށް އެމެރިކާގެ ފަރާތުން ކުރާ ހަނގުރާމައެކެވެ.

އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި ޑޮންބަސް ސަރަޙައްދުން ގެއްލުނު ބަޚަމޫޓްގެ ބިންތައް ވަނީ އަނބުރާ އަތުލައިފިއެވެ. ޔުކްރޭނުގެ ޗީފް އޮފް ސްޓާފުގެ މަރްކަޒުން ބުނާގޮތުގައި ރޫސީ ސިފައިންނާއި ވެގްނަރ ސިފައިންގެ ފައުޖުތައް މިހާރު ވަނީ އެ ސަރަޙައްދުން ބޭރަށްލައިފައެވެ. އެހެނަސް ރޫސީ ސިފައިން އެ ސަރަޙައްދަށް ބޮޑު ބަޑިން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމަށް ޔުކްރޭން ސިފައިން ބުންޏެވެ.

ޔުކްރޭނުން ދެމުންގެންދާ ޙަމަލާތަކާ ބެހޭގޮތުން ރަޝިޔާއިން ބުނާގޮތުގައި ޑޮނެޓްސްކް ސަހަރަށް ޔުކްރޭނުން ދިން ޙަމަލާއެއްގައި ޑޮނެޓްސްކް ސަރުކާރުގެ ރައީސް ވިޓާލީ ޚޫޓްސިންކޯއާއި ރޫސީ ޖައްވީ އޭޖެންސީގެ ކުރީގެ ރައީސް ޑިމިޓްރީ ރޮގަޒިން ވަނީ ޒަޚަމުވެ ވަޑައިގެންފައެވެ. ރޮގަޒިން ޒަޚަމުވު ވަޑައިގަތީ އޭނާގެ ބުރިކަށިފުޅަށް ބަޑިގެ އެތިކޮޅެއް ވަނުމުގެ ސަބަބުންނެވެ. އޭނާގެ ޙާލުކޮޅު ރަނގަޅު ކަމަށް ރަޝިޔާއިން ބުންޏެވެ. އޭނާ ޒަޚަމުވެ ވަޑައިގަތީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ޓަކައި ޑޮނެޓްސްކްގެ ރެސްޓޯރެންޓެއްގައި ފަރިއްކޮޅެއްގައި އިންނަވަނިކޮށްނެވެ.

ޔުކްރޭނުން ޑޮނެޓްސްކް ސަހަރަށް މި ދިން ޙަމަލާގައި ދެ މީހަކު މަރުވެ ހަ މީހަކު ޒަޚަމުވިއެވެ. އޭގެތެރޭގައި ގިނައީ މި ރެސްޓޯރެންޓްގެ މުވައްޒަފުންނެވެ.

ޔުކްރޭން ސަރުކާރުން ބުނާގޮތުގައި ޑޮނެޓްސްކްގެ ހަނގުރާމައިގެ މައިދާން ވަރަށް ނާޒުކެވެ. ޔުކްރޭނުގެ ސަފުތައް ފޫއަޅުވައިލުމަށް ޓަކައި ރަޝިޔާއިން ދަނީ ބޮޑުބަޑިންނާއި ރޮކެޓް ބެޓެރީތަކުން ޙަމަލާތައް ދެމުންނެވެ. ޔުކްރޭން ބުނާގޮތުގައި ވޭތުވެދިޔަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ވައިގެ 15 ޙަމަލާއާއި 64 މިސައިލް ޙަމަލާ ދީފައިވެއެވެ. ޔުކްރޭން ބުނާގޮތުގައި އެ ޤައުމުގެ ސިފައިން ޚަރސަން ސަރަޙައްދުގެ ވައިގެ ބަނދަރެއްގައި ހުރި ރޫސީ ބަޑީގެ 30 ޔުނިޓަކަށް ވަނީ ޙަމަލާދީފައެވެ.

އެހެނަސް ރޫސީ ސިފައިން ބުނާގޮތުގައި ޑޮނެޓްސްކް ނާރެހުގައި ރޫސީ ސިފައިން ދަނީ ކުރިއަށް ޖެހެމުންނެވެ. އެމީހުންގެ ޙަމަލާތަކުގައި ޔުކްރޭން ސިފައިންގެ 50 މީހުން މަރައިލެވުނެވެ. ހަނގުރާމަމަތީ ދެ މަތިންދާބޯޓާއި ހެލިކޮޕްޓަރެއް ވައްޓައިލެވުނެވެ. އަދި ތިން ހަތިޔާރު ގުދަން ހަލާކުކޮށްލެވުނެވެ.

އެމެރިކާ ފަރާތުން ކުރާ ހަނގުރާމައެއް

އަނެއްކޮޅުން ރޫސީ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވާ ގޮތުގައި ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އެމެރިކާ ފަރާތުން ކުރާ ހަނގުރާމައެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގެ އެންމެ ފަހު މީހާއަށް ދާންދެން އެމެރިކާއިން މި ހަނގުރާމަ ކުރިއަށް ގެންދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ބައިޑްނާއި ޒިލެންސްކީ ޞުލްޙައަށް ގޮވައިލައްވާ ގޮވައިލެއްވުމަކީ ޙަޤީޤީ ޞުލްޙައަށް އެދިވަޑައިގެން ގޮވައިލައްވާ ގޮވައިލެއްވުމެއް ނޫނެވެ. އެ ބޭފުޅުން ރަޝިޔާގެ ޝަކްވާތަކުގެ އަޑު އައްސަވާކަށް ބޭނުންފުޅެއް ނުވެއެވެ. ޔުކްރޭނުން ޑޮންބާސްގެ ޢިމާރާތްތަކަށް ޙަމަލާދޭއިރު އެ ކަން ކުށްވެރިކުރާކަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ.

ބިސްކޯވް ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހުޅަނގުން ދޭ ހަތިޔާރުތަކުގެ ލިސްޓު ކިތަންމެ ދިގު ކުރިއަސް ރަޝިޔާއިން ޔުކްރޭނުގައި ޙާޞިލުކުރަން އެދޭ ލަޑުދަނޑިތަކަށް ހުރަހެއް ނޭޅޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ދޭ ކޮންމެ ހަތިޔާރަކީ ރަޝިޔާގެ އަމާޒެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުން ޔުކްރޭނަށް ހަތިޔާރު ދެމުންދާނަމަ މި ހަނގުރާމަ އަވަހަކަށް ނުހުއްޓުވޭނެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ހުޅަނގުން ޔުކްރޭނަށް ހަތިޔާރުތައް ދިނުމުން އިތުރުވާނީ ޔުކްރޭނުގެ ރައްޔިތުން ވޭނާއި ކެކުޅުންތަކެވެ.

ރޫސީ އިއްތިޙާދުގެ މަޖލީހުގެ ނައިބު ރައީސް ކޮސާޓޯވޭވް އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ޕެޓްރިއެޓް މިސައިލް ނިޒާމު ދިނުމަކީ މި ހަނގުރާމައިގެ ތެރެއަށް ވޮޝިންގްޓަން ސީދާ ވަނުމެވެ. އެއީ އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވާ ފަދަ ދިފާޢީ ހަތިޔާރެއް ނޫނެވެ. އޭނާ ވިދާޅުވިއެވެ. "ވޮޝިންގްޓަނާއި ކިޔީވްގެ އަމާޒަކީ ހަނގުރާމަ ކުރިއަށް ގެންދިޔުމާއި އިތުރު ސިފައިން މަރައިލުމާއި ވޮޝިންގްޓަންގެ ބޭނުންތަކުގައި ކިޔީވް ޤައިދުކޮށް ހައްޔަރު ކުރުމެވެ." ރޫސީ ޑިޕްލޮމެޓިކް ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން ދަނީ އެމެރިކާއާއި ހުޅަނގުން ޔުކްރޭނަށް ދެމުންދާ ހަތިޔާރުތައް ވަރަށް އިންތިޒާމީ ގޮތަކަށް ހަލާކުކުރަމުންނެވެ.

ޕެޓްރިއެޓް މިސައިލް ނިޒާމު

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވާ ގޮތުގައި އެމެރިކާއިން ދޭ އެހީގެ އައު ޕާރުސަލުގައި ފުރަތަމަ ފަހަރަށް ޕެޓްރިއެޓް މިސައިލް ނިޒާމު ހިމެނޭނެއެވެ. އެއީ ކުރޫޒު މިސައިލާއި ކުރު ރާސްތާ ބޮލިސްޓިކް މިސައިލް ވައްޓައިލުމުގެ ޤާބިލުކަން ލިބިގެންވާ ދިފާޢީ ނިޒާމެކެވެ. ބްލިންކެން ވިދާޅުވި ގޮތުގައި ޕެޓްރިއެޓް މިސައިލް ނިޒާމުގެ ސަބަބުން ޔުކްރޭނުގެ ވައިގެ ދިފާޢީ ބާރު ވަރުގަދަ ވެގެންދާނެއެވެ.

ވޮޝިންޣްޓަނުން ކިޔީވަށް ޕެޓްރިއެޓް މިސައިލް ދިނުމަށް ނިންމުމުން ރޫސީ ރައީސް ޕޫޓިން އެކަމަށް ފުރަތަމަފަހަރަށް ކޮމެންޓް ކުރައްވައިފިއެވެ. ޕޫޓިން ވިދާޅުވާ ގޮތުގައި ރަޝިޔާގެ އެސް 300 މިސައިލް ނިޒާމު އެމެރިކާގެ ނިޒާމަށްވުރެ މާ ވަރުގަދަވާނެއެވެ. ޕޫޓިން ވިދާޅުވާ ގޮތުގައި ސޫރިޔާގައި މި ކަން ވަނީ ސާފުކޮށް އެނގިފައެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުން ރަޝިޔާގެ އެސް 300 މިސައިލް ނިޒާމު ގަންނަން އެދޭކަން ވެސް ރައީސް ޕޫޓިން ހާމަކުރެއްވިއެވެ.

ޒިލެންސްކީ ދަތުރުފުޅު

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތައް ފެށުނުފަހުން ރައީސް ޒިލެންސްކީ ފުރަތަމަފަހަރަށް ޤައުމުން ބޭރަށް އިއްޔެ ދަތުރުފުޅެއް ކުރައްވައިފިއެވެ. މި ދަތުރުފުޅު ކުރެއްވީ ވޮޝިންގްޓަނަށެވެ. އޭނާ ރޭ އެމެރިކާގެ ކޮންގްރެސް މެންބަރުންނާ ވެސް ބައްދަލު ކުރެއްވިއެވެ. ރައީސް ބައިޑްނާ ބައްދަލުކުރެއްވުމަށްފަހު ދެ ރައީސުން ނޫސްވެރީންނާ ބައްދަލު ކުރެއްވިއެވެ. ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ރަޝިޔާއިން މި ހަނގުރާމަ ހުއްޓާކަށް ނޫޅެއެވެ. ބައިޑްން ވިދާޅުވިއެވެ. "އެހީގެ ގޮތުގައި އެމެރިކާއިން ޔުކްރޭނަށް އެތައް ބިލިއަން ޑޮލަރެއް ވަނީ ދީފައެވެ." އޭނާ ވިދާޅުވި ގޮތުގައި ސީދާ އެހީގެ ގޮތުގައި ދެ ބިލިއަން ޑޮލަރު ޔުކްރޭނަށް ދެވޭނެއެވެ.

ބައިޑްން ހާމަކުރެއްވި ގޮތުގައި ޔުކްރޭނަށް 45 ބިލިއަން ޑޮލަރު ދިނުމާ ބެހޭ ޤާނޫނެއްގައި ވަރަށް އަވަހަށް އޭނާ ސޮއިކުރައްވާނެއެވެ.

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ދޭ އައު އެހީގެ ބޮޑުބަޔަކީ ޕެޓްރިއެޓް މިސައިލެވެ. ޒިލެންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނެސްދޭ ޞުލްޙައިގެ މާނައަކީ ޔުކްރޭނުގެ ބިމުގެ އެއްބައިވަންތަކަމާ ބެހޭގޮތުން "ދަމާކެނޑުމެއް" ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ރޫސީ ޢުދްވާނުގެ ސަބަބުން ލިބިފައިވާ ހުރިހާ ގެއްލުންތަކަށް ބަދަލު ދޭން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *