Support Us

ކޮލަމް ކޯދު: ހިމާރެއްގެ ވާހަކަ

މަތީގައި އެވާ ފޮޓޯއިން ފެންނަނީ ހިމާރަކާއި އެ ހިމާރު އުފުލަމުންދާ މޭވާތަކެކެވެ. ތަފާތު ވައްތަރުތަކުގެ މޭވާތަކެވެ. އަނބާއި ފޭރާއި މޭބިސްކަދުރާއި އަދިވެސް އިތުރު މީރުމީރު މޭވާތަކެވެ. ނަމަވެސް، އެ ހިމާރު އުފުލަމުންދާ މޭވާތަކުން، އެންމެ ކުޑަވެގެން މޭބިސްކަދުރު ފުކެއް ރަހަބަލައިލުމުގެ ފުރުސަތެއް ވެސް އެ ހިމާރަކަށް ނެތެވެ. އެއްވެސް މޭވާއެއް ނުވަތަ އޭތި އުފަލައި ގެންދާ އެއްވެސް އެއްޗެއް ކެޔަނުދިނުމަށްޓަކައި ހިމާރުގެ އަނގަމަތިވެސް އޮތީ އެއްޗެއް އަޅައި ބަންދުކޮށްފައެވެ.

މި ފޮޓޯ ފެނުމުން ދެކަމެއް ހަނދާންވިއެވެ. ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ރަންބިސް އަޅާ ކުކުޅުގެ ވާހަކައެވެ. އާދެ، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ރަށްތައް މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަރުވައި ހިންގުމަށްޓަކައި ވަނީ ދޫކޮށްލައިފައެވެ. ތަނުގެ ރައްޓެހި ދޭސީންނަށާއި ބޭރުގެ ބީރައްޓެހި ބިދޭސީންނަށެވެ. ތަނުގެ ރަށްތައް ތަނުގެ މީހުންނަށާއި ބޭރުގެ މީހުންނަށް ދޫކުރެވިފައި އޮތުމަކީ ފަހަރެއްގައި ވެސް އޭގެ ޒާތުގައި ގޯހެއް ނޫނެވެ. ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް މި ރަށްތަކަކީ އެއްވެސް ބަޔެއްގެ ރަށްތަކެއް ނޫނެވެ. ރާއްޖޭގެ އެއްވެސް ރަށަކީ ވަކި ބަޔެއްގެ ރަށްތަކަކަށް ނުވާ ފަދައިންނެވެ. ރާއްޖޭގެ ހުރިހާ ބިމަކީ ވެސް ބަންޑާރަ ބިންބިމެވެ. މާނައަކީ ރާއްޖޭގެ ހުރިހާ ބިމަކީ ރައްޔިތންގެ ބިމެކެވެ. ވަކިވަކި ފަރުދުންގެ މިލްކިއްޔާތުގައި ހިމެނޭ އެއްޗެއް ނޫނެވެ. އެހެން ކަމަށްވާއިރު، ބިންބިން މީސްމީހުންނަށް ދޫކުރެވޭއިރު، އެކަމުގެ ފައިދާ ޚާއްސަވެފައި އޮންނަން ޖެހޭނީ މަދު ބަޔަކަށް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި، ތަނަކަށް ޚަރަދުކޮށް، ތަނެއް ތަރައްގީކުރާ ނަމަ، އެކަން ކުރާ ބަޔަކަށް ފައިދާ ލިބެން ޖެހޭނެއެވެ. ރަނގަޅު ފައިދާއެއް ލިބެން ޖެހޭނެއެވެ. ހަމަ އެހެންމެ، އެފަދަ ތަންތަނުން ރަނގަޅު ފައިދާއެއް އާންމުންނަށް ވެސް ލިބެން ޖެހޭނެއެވެ. ޚާއްސަ ގޮތެއްގައި، ވަޒީފާ ލިބިދިނުމުގައެވެ. އަދި، އެ ވަޒީފާތައް އަދާކުރުމުން، އެކަށީގެންވާ އާމްދަނީއެއް ލިބިދިނުމުގައެވެ. މީގެ އިތުރުން، މިކަމާ ގުޅިފައިވާ ވިޔަފާރިތައް ހިންގުމުގެ ފައިދާވެސް މެއެވެ. މިސާލަކަށް، ދުވަހުން ދުވަހަށް، އެތަންތަނަށް ބޭނުންވާ އެކި ބާވަތްބާވަތުގެ މުދާ ސަޕްލައިކޮށްދިނުމެވެ.

ދެން، އުފެދޭ ސުއާލަކީ އަޅުގަނޑުމެންގެ ރަންބިސް އަޅާ ކުކުޅުގެ ރަންބިހުން އާންމުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ފައިދާއެއް ކުރޭ ހެއްޔެވެ؟ ކަމާ ބެހޭ ބައެއް ތަފާސްހިސާބުތައް ބުނާ ގޮތުން، ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އޮތީ ސަތޭކައަކުން ހަތްދިހައަށް ވުރެވެސް ދަށުގައެވެ. އަދި، ބައެއް ރަށްރަށުގައި މަސައްކަތްކުރާ މީހުން ބޭނުންވެގެން އިއުލާނުކުރާއިރު ފެންނަނީ ބޭރު މީސްމީހުންނަށް އިސްކަންދެވޭނޭކަން ވެސް ބުނެފައެވެ.

މިކަން މިއީ އިސްލާހުވާން ޖެހޭނޭ ކަމެކެވެ. މިކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކަމާ ބެހޭ ރަސްމީ ފަރާތްތަކުންނެވެ. މަސައްކަތްކުރާނޭ ހުނަރު ހުރި މީހުން ނެތޭ ބުނުމަކުން ނުފުދޭނެއެވެ. އެހެން ކަމަށްވަންޏާ އެފަދަ މީހުން އުފައްދަން ޖެހެއެވެ. އެއީ ވެސް ކަމާ ބެހޭ ރަސްމީ ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބައިގަރުނުވިއިރު އެފަދަ ހުނަރު ހުރި މީހުން އުފެއްދިފައި ނެތުމަކީ ފަތުރުވެރިކަމުގެ ސިޔާސަތުގެ އުނިކަމެކެވެ. އެކަން އިސްލާހުކުރަންޖެހޭ ކަމެކެވެ.

ސަރުކާރުތަކުގެ ބޭނުމަކީ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. ތަނުގައި ހުރި މައްސަލަތައް ބަލައި އެކަން ދެނެގަނެ އެކަންކަން އިސާލުހުކުރުމަށްޓަކައި ރަނގަޅު ސިޔާސަތުތައް ކަނޑައަޅައި ހިންގާލުމެވެ. ތަނުގެ މުއްސަނދިކަން، މަދު ބައެއްގެ މުށުތެރޭގައި އޮތުމަށް އެހީވެ ނުދީ، ތަނުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނޭ މަގު ކޮށައި އެ މަގުގައި ކަންތައްކުރުމެވެ. މާނައެއް ނެތް ގާނޫނުތައް ފާސްކުރުމަކުން މިކަމެއް ނުވާނެއެވެ. އިހުގައި ހަދާފައިވާ ގޯސް ރަނގަޅުކުރަން ބޭނުން ނަމަ، ރަނގަޅުކުރަން އޮތީ މައިގަނޑު އެންމެ ކަމެކެވެ. ވެރިކަމަކީ ތަނުގެ މުއްސަނދިކަން ވެރިކަން ކުރާ މަދު ބައެއްގެ އަމިއްލަ އެއްޗަކަށް ހަދާލުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި އޮތް އާދަ ނައްތާލުމެވެ. ދައުލަތުގެ މުދަލާއި ފައިސާއަކީ އަމާނާތެއްކަމާއި، ވެރިކަމުގައި ތިބޭ ބަޔަކު ހިތުހުރި ގޮތަކަށް ކަންތައް ކުރަން އޮތް އެއްޗެއް ނޫންކަން ދެނެގަނެ އެކަން ހިތުގެ އަޑިން ގަބޫލުކުރަންވީއެވެ. ދައުލަތުގެ ފައިސާ ބޭނުންކޮށްގެން، ބޭކާރު ދަތުރުތައްކުރުމާއި، ގާތް ތިމާގެ މީހުންނަށްޓަކައި ވަޒީފާތައް ހަދައި ބަހައި ހެދުން ހުއްޓާލަންވީއެވެ.

އާދެ، މި ފޮޓޯއިން ހަނދާންވީ އެއްކަމަކީ މިއެވެ. އަޅުގަނޑުމެންނެކޭ މަތީގައިވާ މޭވާ އުފުލާ ހިމާރެކޭ ތަފާތެއް ނެތްކަމެވެ. ރަންބިސްއަޅާ ކުކުޅަކީ އަޅުގަނޑުމެންގެ އެންމެންގެ އެއްޗެކޯލައެވެ. ނަމަވެސް، އެ ބިހުން އަޅުގަނޑުމެންނަށް ލިބެންޖެހޭ ހައްގުގެ ތިންބައިކުޅަ އެއްބައިވެސް ނުލިބެއެވެ. ހިމާރުގެ އަނގަމަތި އަޅައި ބަންދުކޮށް މޭވާ އެއަށް ނުކެވޭނޭ ގޮތް ހަދާފައިވާ ފަދައިން، ރަންބިސްއަޅާ ކުކުޅުގެ ރަންބިހުން އެކަށީގެންވާ ފައިދާ އަޅުގަނޑުމެން އާންމުންނަށް ނުލިބޭނޭ ފަދައިން ކަންތައްތައް އޮތީ މާކުރިންސުރެން ހަމަޖެހިފައެވެ. އެކަމާ ބެހޭ ހަރުދަނާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުންނެވެ.

މަތީގައި ފޮޓޯއިން ދެވަނައަށް ހަނދާންވީ ކީރިތި ޤުރުއާނުގައި އޮންނަ ހިމާރުގެ ވާހަކައެކެވެ. ޖުމްޢަ ސޫރަތުގެ ފަސްވަނަ އާޔަތެވެ. مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا… މިއާޔަތެވެ. ތައުރާތް އެމީހުންގެ މައްޗަށް ބާވާލައްވައި ތައުރާތުގެ އުނގަންނައިދިނުންތަކުގެ މައްޗަށް އަމަލުކުރުމުގެ ވާޖިބު އުފުލުމަށް އެމީހުންނާ ހަވާލުކުރެވުނު މީހުންގެ ވާހަކައެވެ. އެކަން ހަވާލުކުރުމުން، އެމީހުން އެކަން ކުރުންދޫކޮށްލި ވާހަކައެވެ. އެ ވާޖިބު އުފުލުމުން ރެކިގަންވާހަކައެވެ. އެ މީހުންގެ މިސާލަކީ ފޮތްތަކެއް އުފުލާ ހިމާރެއްގެ މިސާލެވެ. އާދެ، ފޮތްތަކުގައި ކިތަންމެ ރަނގަޅު ވާހަކައެއް އޮތަސް އެ ފޮތްތައް ބަލައި، ދޭހަކޮށް، އެއާ މެދު ނުވިސާނާ ކަމަށްވާ ނަމަ، އެ ފަދަ ފޮތަކުން ކުރާނޭ ފައިދާއެއް ނޯންނާނެތާއެވެ. ކިތަންމެ އަގުހުރި ވާހަކަތަކެއް އެކުލެވޭ ފޮތެއް ހިމާރަކަށް ލިބިފައި އޮތުމުން ހިމާރަށް ކުރާނޭ ފައިދާއެއް ނޯންނާނޭ ފަދައިންނެވެ.

މި އާޔަތުގެ ވާހަކައާއި މަތީގައި އެވާ ފޮޓޯއާއި އަދި ރަންބިހުގެ ކުކުޅުގެ ވާހަކައާ ގުޅެނީ ކިހިނެއް ހެއްޔެވެ؟ ތަންތަނާއި ކަންކަން އިސްލާހުވުމުގެ ފެށުން ގުޅިފައި އޮންނަނީ ތަންތަނުގެ އާންމު ފަރުދުންނާއެވެ. އަނިޔާވެރި ބޭއިންސާފުވެރި ލީޑަރުންނަށް އެމީހުންގެ މަގާމުތައް ހޯދައިދީ އަދި އެމީހުން އެމަގާމުތަކުގައި ދެމި ތިބެވޭ ގޮތް ހަަދައިދެނީ ރައްޔިތުންނެވެ. އެއްބަޔަކު މިކަން ކުރެއެވެ. އަނެއް ބަޔަކު މިކަމާ އަޅާނުލާ ތިބެއެވެ. އެއްބަޔަކު ވެރިން ކިޔާ ކޮންމެ އެއްޗަކަށް އަތްތިލަބަޑި ޖަހަން ތިބެއެވެ. އަނެއް ބަޔަކު ބީރު ކަންފަތަކާއި ކަނުލޮލެއްދީ، ގައުމުގެ ޖަމާއީ ކަންކަމާ އަޅާނުލާ ތިބެއެވެ. މިިގޮތަަށް އާންމު ފަރުދުން ކަންތައް ކުރުމުން، ކޮންމެ މީހަކު ވެރިޔަކަށް އައި ކަމުގައި ވިޔަސް، އޭނާ ހިތުހުރި ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު އޮވެއެވެ. ބޭންކެއްގެ ތިިޖޫރިތައް ހުޅުވާލާފައި ދޫކޮށްލާފައި ބޭންކުގެ ފައިސާތަކަށް ވާނޭ ގޮތެއް ވާން ދޫކޮށްލައިފައި ތިބޭ ގޮތަށެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ ބޭންކުގެ ފައިސާތައް އިސާހިތަކު ހުސްވެ ހިނގައިދާނެ ނޫން ހެއްޔެވެ؟ އާންމު ފަރުދުންވެސް ގައުމުގެ ޖަމާއީ ކަންކަމާ މެދު ކަންތައް ކުރަނީ މިފަދައިންނެވެ. ގައުމީ ތިޖޫރީގެ ތަޅުދަނޑި ބަޔަކާ ހަވާލުކޮށްފައި ވާނުވާ ނުބަލައެވެ. ދެން، ކަންތައްވާނޭ ގޮތަށް ކަންތައް ވަމުންދަނީ އެވެ. އެންމެ އިހުއްސުރެ ފެށިގެންނެވެ.

މަތީގައި އެވާ އާޔަތުގައި އިޝާރަތްކުރަނީ އެ ގޮތުގައި ނުތިބުމަށެވެ. އަޅުގަނޑުމެންނަށް ވެސް ފޮތެއް ދެއްވިފައި އެބަ އޮތެވެ. ކީރިތި ޤުރުއާނެވެ. އެ ފޮތް ކިޔައި ފަހުމުކޮށް އެ ފޮތުން ފައިދާ ލިބިގަތުމަށެވެ. މިކަން ވެވެން އޮންނަނީ ކިޔައި، ކިޔަވައިގެންނެވެ. އުނގެނި، ދަސްކޮށްގެންނެވެ. އަދި، މިފަދައިން ކަންތައްކޮށް ފިކުރީ ގޮތުން މިނިވަންވުމަށެވެ. އާދެ، ފޮތެއް ދެވިފައިވެމެ، އެއިން ފަައިދާ ލިބިގަންނަން ނޭނގިއްޖެ ނަމަ، އެ އާޔަތުގައި ބުނެފައިވާ ފަދައިން އަޅުގަނޑުމެންނެކޭ އޭގެ ބުރިކަށިމަތީ ފޮތް އުފުލާ ހިމާރެކޭ ތަފާތެއް ނެތެވެ. އެއާޔަތުގެ މަފްހޫމަކީ، ދޭހައަކީ، ހިމާރުންގެ ގޮތުގައި ނުތިބެ، ވިސްނައި ފިކުރުކުރަން ދަސްކޮށް ހޭލުންތެރިވުމެވެ. އެފަދަ ހޭލުންތެރި ކަމެއް ލިބެނީ، ދެންމެ މިބުނިހެން، ކިޔައި ކިޔަވައިގެންނެވެ. އުނގެނި ދަސްކޮށްގެންނެވެ. ތިމާމެންގެ ފިކުރު ތަރައްގީކޮށްގެންނެވެ. ތިމާމެން ހޭލުންތެރިވެ، ތިމާމެންގެ ފިކުރު ތަރައްގީ ކުރެވިއްޖެ ނަމަ، ތިމާމެން ކުރިމަތީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާކަށް ވެރިންނަކަށް ނުކުރޭނެއެވެ. އެ މީހުން ބުނާ އެއްޗެއް ދޭހަކޮށް އެ ވާހަކަތައް ތަހުލީލުކުރަން އެނގޭނެތީއެވެ. އަދި، ވާހަކަ ވާހަކައަށް ވަނީ އެ ވާހަކަ ނިކުތް އަނގަޔަކަށް ބަލާފައި ނޫންކަމަށް ދެކޭނެތީއެވެ. ވާހަކަ ވާހަކައަކަށް ވަނީ އޭގައި އޮއްޓަރެއް ހުރެ، ވާހަކަ ހަމަޖެހޭ ވާހަކައަކަށް ވީމައެވެ. މީހާގެ އަގު ވަޒަންކުރެވެނީ އޭނާގެ ވާހަކައަށް ބަލާފައި ކަމުގައިވާތީއެވެ. މީހާއަށް ބަލާފައި ވާހަކައިގެ އަގު ވަޒަންކުރުން ނޯންނާނެތީއެވެ.

ކޮންމެއަކަސް، ތިރީގައިވާ ފޮޓޯގައި އެވާ ހިމާރު ފަދައިން އަޅުނގަޑުމެން ނުވެ ދިޔުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނަން ވެއްޖެއެވެ. މަތީގައި ލިޔެވިދިޔަ އާޔަތް އިޝާރަތްކުރާ ފަދައިން، ކިޔައި އެއްޗެހި ދޭހަކޮށްގަންނަން ދަސްކޮށް، ތިމާމެންގެ ވިސްނުމާއި ފިކުރު ތަރައްގީކޮށްގެންނެވެ. މިފަދައިން ކަންތައްކޮށް، ފިކުރީ ހޭލުންތެރިކަމެއް އުފެދިގެން މެނުވީ އަޅުގަނޑުމެންގެ ގައުމީ މައްސަލަތައް ހައްލުވެ، ހަގީގީ ކުރިއެރުމުއް ހޯދޭނޭހެނެއް ހިޔެއް ނުވެއެވެ.

ނޯޓު: ފޮޓޯގެ ލިޔުންކޮޅުގައި ވަނީ މިފަދައިންނެވެ: "މި ހިމާރު… ރަނގަޅު މީރުވިހާ އެއްޗެއް އުފުލައެވެ. (ނަމަވެސް) އޭގެ އަނގަމަތި އޮތީ ހުރަހެއް (އަޅައި ބަންދުކުރެވި)ފައެވެ.

އެމީހުންގެ ރަށްތަކުގައި އެތައް އެތައް މުއްސަނދިކަމެއް އޮވެމެ، އެ މުއްސަނދިކަމުގެ ފައިދާ އެމީހުންނަށް ނުލިބޭ މީސްތަކުންނާއި މި ހިމާރާ ހަމަ ސީދާ އެއްގޮތެވެ.