Support Us

ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވައިފި

ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީދާއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި އަހަރު މީ ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އިޖްތިމާޢީ-އިޤްތިޞާދީ ދާއިރާއިންނާއި، ޞަރަޙައްދީ ސަލާމާތާއި ގުޅޭގޮތުންނާއި، ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހިކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޖަޕާން ސަރުކާރުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ. ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް