ކުނި މެނޭޖްކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް ކުނިމެނޭޖްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރީގެ ގާނޫނުގެ މާއްދާ އުވިގެން ދިއުމާ ގުޅިގެން އަލުން މި ލިސްޓު ކަނޑައެޅުއްވީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚްތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ.