...

Support Us

ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

ކުނި މެނޭޖުކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ހުސްވި ނޮވެމްބަރު 28 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެވެ. މިގޮތުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ އަޅާނެ އިދާރީފިޔަވަޅުތަކާ އަދަބުތަކާ، ޖިނާޢީ ދަޢުވާކުރެވޭނެގޮތް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިޤާނޫނުން ޙާސިލްކުރަން ބޭނުންވާ މުހިއްމު ބައެއް މަޤުޞަދުތަކުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ޢާންމު ޞިއްޙަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ޤަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މިޤާނޫނުގެ މަޤުޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުނިމެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މީގެ އިތުރުން މިޤާނޫނު ތަސްދީޤު ކުރައްވައި ގެޒެޓްކުރައްވާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ކުނިމަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރ ކަނޑައަޅުއްވައި އާއްމު ކުރަންޖެހޭނެ ކަމަށާއި އަދި ކުނިމެނޭޖު ކުރުމުގެ ޤައުމީ މާސްޓަރ ޕްލޭންވެސް 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުނި އުފެއްދުން މަދުކުރުމާއި، ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ޙަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ދެވިދާނެ ޢިނާޔަތްތައް ބަޔާންކުރާ ޢަމަލީ ޕްލޭނެއް މިނިސްޓްރީން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި އާއްމުކުރަންޖެހޭނެއެވެ.

މީގެ އިތުުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބާވަތްތައް މަދު ކުރުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުން ކުރާ ޕްލާސްޓިކްކޮތަޅުން ފީ ނެގުމާއި، އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތާއި، ޖޫރިމަނާގެ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިދާރީ ފިޔަވަޅުތައް ބަޔާންކޮށް، ޖިނާޢީ ދަޢުވާކުރެވޭނެ ކަމަށް ކަނޑައަޅައި ކުށުގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް