...

Support Us

ހުރިހައި ޢިލްމެއްގެ ހަގީގީ މަޞްދަރަކީ ކީރިތި ޤުރުއާން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދު މި ފެންނަ ހުރިހައި ޢިލްމެއްގެ ހަގީގީ މަޞްދަރަކީ ކީރިތި ޤުރުއާން ކަމަށާއި ހުރިހައި ޢިލްމަކާއި، އަދި ހުރިހާ މައްސަލަތަކެއްގެ ޙައްލު ޤުރުއާނުގައި އެބަ އޮތް ކަމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ގަލޮޅު މަދަރުސާގެ އިޤުރައު އިންސްޓިޓިޔުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި ގޮތުގައި ރީތި ރާގުރާގަށް ޤުރުއާން ކިޔަވާން ދަސްކުރާންޖެހެނީ ޤުރުއާނަށް މީހުން ހިތްޖެއްސުމަށެވެ. ރީތި ރާގުރާގަށް ޤުރުއާން ކިޔަވާން ދަސްކުރުމުގެ އިތުރަށް ޤުރުއާނުގެ މާނައާއި ޤުރުއާނުގެ ބަލާޣާތާއި އޭގެ ފުރިހަމަކަމާއި މުއްސަނދިކަމާމެދު ވިސްނައި ފިކުރުކޮށް ތަދައްބުރުކުރުމަކީ ހަގީގަތުގައި އަޅުގަނޑުމެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ޓަކައި ކުރާންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޤުރުއާނުގެ ޢިލްމުގެ ތެރެއަށް ވަންނާން ވަރަށް ޅަ ޢުމުރުގެ ކުދީން ކުރިމަތިލައި ރޭގެ ޖަލްސާގައި ދަސްވެނިވުމަކީ މުޖުތަމަޢުގެ ކުރިމަގަށް އޮތް ވަރަށް ހެޔޮ ފާލެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޢަޒީޒު ޖަމާލު ވިދާޅުވިއެވެ. އަދި އެންމެ ހެޔޮ ބަޔަކީ މާތް ﷲގެ ވަޖުހަފުޅަށް ޓަކައި ކީރިތި ޤުރުއާން އުނގެނި، އެ ޤުރުއާން އެހެން މީހުންނަށް އުނގަންނައިދޭ މީހުންކަމަށް ވެސް ވިދާޅުވިއެވެ.

ގަލޮޅު ސްކޫލްގެ ޚިދުމަތުގެ މައްޗަށް ބައްލަވައިލައްވަމުން، މީހުން ބިނާކުރުމުގައި ތުއްތުކުދީންގެ ތަޢުލީމާއި މަތީ ތަޢުލީމަށް އަހަންމިއްޔަތު ދެއްވައިގެން ތަޢުލީމީ ބިނާގެ ބިންގަލާއި އެންމެ އުސްފުރާޅު ފަރުމާކުރެއްވުމަކީ ޖީޖެއް ބިނާކުރުމުގައި ގަލޮޅު ސްކޫލުން އަދާކުރައްވާ ވަރަށް މަތިވެރި ޚިދުމަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ގަލޮޅު މަދަރުސާގެ މެނޭޖްމެންޓްގެ ދަށުން މަތީ ތަޢުލީމުގެ މުއައްސަސާއެއް "އިޤުރައު އިންސްޓިޓިޔުޓް"ގެ ނަމުގައި އުފައްދަވައިގެން ކީރިތި ޤުރުއާނުގެ ތަޢުލީމަށް ކުރައްވާ މަތިވެރި ޚިދުމަތް ފާހަކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ. އަދި އެ ސްކޫލުގެ އިޚުލާޞްތެރި ކަށަވެތި މުވައްޒިފުންގެ ޚިދުމަތް އެ ގޮތުގައި ދެމެހެއްޓެވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ޤުރުއާނުގެ ތަޢުލީމަށް 2012 ވަނަ އަހަރު ފެށި ދަތުރުގައި ހިންގި ކޯސްތަކުން ދަސްވެނިވި 300 އަށްވުރެ ގިނަ ދަރިވަރުން ރޭގެ ޖަލްސާގައި ދަސްވެނިވިއެވެ. ރޭގެ ޖަލްސާގައި ދަސްވެނިވި ދަރިވަރުންނަށް ސަނަދުތައް ބައްސަވައިދެއްވީ އިޤުރައު އިންސްޓިޓިއުޓުގެ އިސްވެރީންނާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރީންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އިސް ބައެއް ވެރީންނެވެ.

އިޤުރައު އިންސްޓިޓިޔުޓް ވުޖޫދަށް ގެނައުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދެއްވީ އެ އިންސްޓިޔުޓްގެ ޑިރެކްޓަރު އަދި ގަލޮޅު ސްކޫލްގެ ޕްރިންސިޕަލް ސުރައްޔާ އިބްރާހީމެވެ. އެކި ކޯސްތަކުން ވަނަވަނައަށް އައި ދަސްވެނީންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.