ޒަމާން ދިގުލައި ދިޔަސް މި ހަނދާން ހިތުން ފިލުވައި ލެވޭނޭތޯ
ސަމާލުކަމެއް ނުދީ ދޫވާން މިކަން ދޫކޮށް ލެވޭނޭތޯ
ދިވެހި ގައުމަށްޓަކައި ލޭފޮދު ބިމަށް އޮހޮރުއްވި މާތް ވި ރަދުން
ދިވެހި ގައުމިއްޔަތެއް ހުރި ހިތްހިތުން ފިލުވައި ލެވޭނޭތޯ
ޝަހީދު ޢަލީ ހަވަނަ ދީނާ ދިވެހި ގައުމުގެ ޙިމާޔަތުގައި
ރަހީނުވުމަށް ނުހުންނެވިކަން ހަނދާން ނައްތައި ލެވޭނޭތޯ
އަސަރުގަދަވީ ވަޞިއްޔަތްޕުޅު ކުރެއްވެވި ހިނދު އެމާތްވި ރަދުން
އަސަރުގަދަ ކަރުނަފޮދު އޮހޮރުނު ހަދާނުން ފޮހެ ލެވޭނޭތޯ
ވަދާޢުން ސިއްތިމާވާޔާ ވަދާޢު ކުރެއްވި މަންޒަރުގައި
ތަދާ ވޭނުން ކަނބާއައިޝާގެ ހިތްޕުޅު ރެކި ލެވޭނޭތޯ
ވަކީލު ކުރެއްވުމަށް ފަހުގައި ޖިހާދުގެ ހޫނު މައިދާނަށް
ވަކީން ދެއްވެވި ޙަމަލަ ގަދަފަދަ ހަނދާނުން ފޮހެ ލެވޭނޭތޯ
އަވަރު ވާތްތެރި "ބުރުތުޣާލީ" ދުރުން ފޮނުވައިލި ވިހަ ތީރުން
ހަވަރު މައްޗަށް ގަދަވިގޮތް އަދު މި ދީބުން ފޮހެ ލެވޭނޭތޯ