Support Us

ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދި އަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފި

ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދި އަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސް މާތޮޑާގައި މިރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ހަވީރު، ފަރެސްމާތޮޑާ އާއި ހުވަދު އަތޮޅުގެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މަސްކިރުވުމަށް ހުރި ދަތިތަކާއި މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މި ދަތިތައް ދާދި އަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދި އަވަހަށް ހަމަޖައްސައިދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި ތިނަދޫގައި ޤާއިމް ކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަސައްކަތާ ގުޅޭ މައުލޫމާތުވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި ތ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި އެންމެ ޒުވާން ކެޔޮޅަށާއި، އެންމެ ގިނައިން މަސްކިރުވި ތިން ދޯންޏަށާއި އެންމެ ގިނައިން މަސް ގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިންސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިޖަލްސާގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރ، ހ. މީނާޒް، އަލްމަރްޙޫމާ ޑރ. ފާޠިން ޙަމީދަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *