Support Us

"އާކް" އިން ކުރިއަށްގެންދިޔަ "ސޭވް ޕްލެނެޓް އަރތް" ޕްރޮގްރާމްގެ ތެރެއިން.. -ފޮޓޯ: އާކް

ފަޅުތަކާއި ހޭޅިފަށް ހިމާޔަތްކުރުމަށް ހާއްސަ ޕްރޮގްރާމެއް އާކްއިން ފަށައިފި

ރާއްޖޭގެ ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް ހާއްސާ ޕްރޮގްރާމެއް އާކް އިން ފަށައިފިއެވެ.

ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން ބުނީ "ސޭވް ޕްލެނެޓް އަރތް" މި ޕްރޮގްރާމް ފަށައިފައި ވަނީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވާ ދިއްފުށީގެ ހޭޅިފަށް ސަރަހައްދު ހިމާޔަތް ކުރުމަށް ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމަކާ އެކުގައި ކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ ތިމާވެށީ ހިމާޔަތްކުރުމަށް ވަކާލާތުކުރާ މޫދުބުޅާ ޑައިވް ސެންޓަރ، އަލޯހާ އުފާ، ބީޗް ކަލްބް، ކްލަބް ކާފު، އެސްޑީއެމް ފާރމިންގް އަދި ދިއްފުށީ ކައުންސިލްގެ އިދާރާއާ ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދިއްފުށި ސްކޫލުގައި ތައުލީމު ހާސިލުކުރާ ކޮންމެ ދަރިވަރަކަށް ގަހެއް އިންދުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މިގޮތުން 280 އަށްވުރެ ގިނަ ދަރިވަރުން ވަނީ، ހޭޅިފަށުގައި އާންމުކޮށް ހެދޭ ގަސްތަކުގެ ތެރެއިން ކުރެދި، މަގޫ، ކާނި، ހިރުނދު، ބޯށި އަދި ދިވެހިރުއް ހިމެނޭ ގޮތަށް 300 ގަސް ސްކޫލުގެ ކުރިމަތީގައިވާ ހޭޅިފަށް ސަރަހައްދުގައި އިންދައިފައެވެ.

ހޭޅިފަށުގައި ގިނަ އަދަދަކަށް މިފަދަ ގަސްތަކާއި ރުއް އިންދުމުގެ ސަބަބުން، ގަދަ ވައިންނާއި އުދައެރުން ފަދަ ގުދުރަތީ ކާރިސާތަކުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭ ގޮތުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އޮށްތަކާއި އޮޔާ ލައްގާ މޫދު ވިނަ ފަދަ ގުދުރަތީ ތަކެތި ހޭޅިފަށުގައި ބެހެއްޓުމުގެ މުހިންމުކަންވެސް ކުދިންނާ ހިއްސާކުރެވުނު ކަމަށް އާކުން ބުނެއެވެ.

"އާކް" އިން ކުރިއަށްގެންދިޔަ "ސޭވް ޕްލެނެޓް އަރތް" ޕްރޮގްރާމްގެ ތެރެއިން.. -ފޮޓޯ: އާކް

މީގެ އިތުރުން، ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަނާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (މައިކްރޯ ޕްލާސްޓިކް) އަދި 'ނަރޑަލް ހަންޓް' ގެ ހަރަކާތެއް ކުރިއަށް ގެންގޮސް، 5mm އަށްވުރެ ކުދިކޮށް ހިމުންވެފައިވާ ޕްލާސްޓިކް ގޮނޑުދޮށުން ހޮވަން ދަސްކޮށްދީފައިވެއެވެ.

ތިން ދުވަހަށް ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ގްރޭޑް 6-10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އޯޝަން އެވެއާނަސް' ޕްރޮގްރާމެއްވެސް ވަނީ ހިންގައިފައެވެ. މި ޕްރޮގަރާމުގައި ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ކުދިންނާ ހިއްސާކޮށް، ފަރުތައް ބަލާލުމަށާއި ފީނުމާއި ސްނޯކަލްކުރުމުގެ އިތުރުން، ކަމަށް ޝައުގުވެރިވާ ކުދިން 'ޑިސްކަވަރ ޑައިވް' ޕްރޮގްރާމް މެދުވެރިކޮށް ޑައިވިންއަށް ތައާރަފްކުރުމަށް ހާއްސަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"އާކް" އިން ކުރިއަށްގެންދިޔަ "ސޭވް ޕްލެނެޓް އަރތް" ޕްރޮގްރާމްގެ ތެރެއިން.. -ފޮޓޯ: އާކް

އަދި ކުދިންގެ މެދުގައި މޫދަށް އިތުރަށް ލޯބި ޖެއްސުމުގެ މަގްސަދުގައި، މި ދާއިރާގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، 'ސްޓޭންޑް އަޕް ޕެޑަލް' ބޯޑިންގް އަދި ސެއިލިންގ ފަދަ ތަފާތު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުދިންނަށް ފަހިކޮށްދީފައިވާ ކަމަށް އާކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *