Support Us

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކި ވާހަކަފުޅުގައި، ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި މާޓިން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ވޯލްޑްބޭންކާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޯލްޑްބޭންކުގެ ލަފައާ އެއްގޮތަށް އިޤްތިޞާދީ ގޮތުން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އަލިއަޅުވާލެއްވިއެވެ.

މާޓިން ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި އެ ނިންމެވުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވިއެވެ.

މާޓިންގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިޤްތިޞާދީ ވިލުންތެރިކަމަށާއި އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އިންސާނީ ވަޞީލަތް ބިނާކުރުކަން މާޓިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައިވެސް ދެފަރާތުގެ ދެމެދު އެއްބާރުން އިތުރުކުރުމާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *