Support Us

ދަތުރު ރާވަންވީ… ބޮޑު އީދު ބަންދަށް މިފަހަރުވެސް 9 ދުވަސް!

އަންނަ އަހަރުގެ ބޮޑު އީދު ބަންދަށް ނުވަ ދުވަސް ލިބޭ ގޮތަށް، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ތިން ދުވަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

އަންނަ އަހަރުގެ ކަލަންޑަރުގައި ކުރިން އޮތް ގޮތުން 2023ގެ ބޮޑު އީދަށް ބަންދުވާނީ ޖޫން 27 ވާ އަންގާރަ ދުވަހުން ފެށިގެން އެ ހަފުތާގެ ނިޔަލަށް ފަސް ދުވަހެވެ. ނަމަވެސް ހަފުތާ ފެށޭ ދެ ދުވަސް ބަންދުކުރެއްވުމުން، ކުރީ ހަފުތާގެ ހުކުރު، ހޮނިހިރާއެކު ޖުމްލަ ނުވަ ދުވަސް އީދު ބަންދަށް ލިބޭނެއެވެ.

މި އަހަރުގެ ބޮޑު އީދު ބަންދުގެ ތެރެއަށް ވެސް ބުދަ، ބުރާސްފައްޗެއް ވަނުމުން، އެ ދެ ދުވަސް ވެސް ވަނީ ސަރުކާރު ބަންދުކޮށްފައެވެ. އެހެންކަމުން މި އަހަރުގެ ބޮޑު އީދު ބަންދަށް ވެސް ޖުމްލަ ނުވަ ދުވަސް ވަނީ ލިބިފައެވެ. އެހެންކަމުން ގިނަ ބަޔަކު ވަނީ ޗުއްޓީ ހޭދަކުރަން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައެވެ. އަދި މި އަހަރުގެ މިނިވަންދުވަހުގެ ބަންދު ތެރެއަށް ވެސް ބުރާސްފައްޗެއް ވަނުމުން އެ ދުވަސް ވެސް ވަނީ ސަރުކާރު ބަންދުކޮށްފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ސެޕްޓެމްބަރު 28 ވާ ބުރާސްފަތި ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ. އެއީ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަސް ކަމަށްވާ ރަބީއުލް އައްވަލް 12 ދިމާވަނީ ސެޕްޓެމްބަރު 27 ވާ ބުދަ ދުވަހާ ކަމަށްވާތީ، ބުރާސްފަތި ދުވަސް ބަންދުކުރުމުން، ބަންދު ހަތަރު ދުވަސް އެކުގައި ލިބޭ ގޮތަށެވެ.

2023ގައި ސަރުކާރު ބަންދު އިތުރު ދުވަސްތައް:

1- 25 ޖޫން 2023 (އާދިއްތަ)
2- 26 ޖޫން 2023 (ހޯމަ)
3- 28 ސެޕްޓެންބަރު 2023 (ބުރާސްފަތި)

އެކިއެކި މުނާސަބަތުތަކާ ގުޅިގެން ލިބޭ ސަރުކާރު ބަންދު ދުވަސްތަކާ ހަފުތާ ބަންދާ ދިމާވާތީ، އެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ދުރާލައި ހަމަޖައްސަވައި އިއުލާން ކުރައްވަން ފެއްޓެވީ މިދިޔަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން އެފަދަ ދުވަސްތައް ބަންދުކުރަނީ އެންމެ ފަހު ވަގުތުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *