...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: 2023ގެ ކާލާމަންނަ އަކީ ހަސަން ކުރުސީ!

ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ ހެންޑްލް އެއް ކަމުގައި ބުނެވޭ "ހަސަން ކުރުސީ" އަކީ ޖިސްމާނީ ގޮތުން އެމަނިކުފާނު ކަމުގައި ނުވިއަސް އެއީ އެމަނިކުފާނުގެ ހިޔާލާ އެއްގޮތަށް ކުރިއަށްދާ އެއްޗެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް މާނަކުރި ކަމުގައި ވިއަސް ހަސަން ކުރުސީ އަކީ ހަމަ ރައީސް ނަޝީދެވެ. އެކަމަކާ އެއްވެސް ޝައްކެއް ނެތެވެ. ހަސަން ކުރުސީ މިނަމަށް ބަލައިލަމާ ހިންގަވާށެވެ. އަރަބި ބަހުން ހަސަންގެ އެއް މާނައަކީ އެހީތެރިވެދޭ ފަރާތެވެ. ކުރުސީގެ އެއް މާނައަކީ ގޮނޑި އެވެ! އެހެންކަމުން ހަސަން ކުރުސީގެ މާނައަކީ އެހީތެރިވެދޭ ގޮނޑިއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ރައްޔިތުންގެ ކަންކަން ފުއްދައިދޭ މަޤާމެވެ! ހަަސަން ކުރުސީ، މިނަމުން ރައީސް ނަޝީދު އެ ވިދާޅުވަނީ ތިމަން މަނިކުފާނަށް ވެރިކަމުގެ ގޮނޑި ލިބިވަޑައިގެންފި ނަމަ ރައްޔިތުންގެ މުހުތާދުތައް ފުއްދަވައިދެއްވާނެ ކަމަށެވެ. ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކޮށްދެއްވާނެ ކަމަށެވެ.

ސުވާލަކީ އަމިއްލަފުޅަށް "ހަސަން ކުރުސީ"ގެ ނަން ލިބިވަޑައިގެން ހުންނެވި މުހައްމަދު ނަޝީދަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ދެވަނަ ފަހަރަށް ލިބިވަޑައިގެންފާނެތޯ އެވެ؟ މި ސުވާލުގެ ޖަވާބު ހޯދަން އެހެން ދިމާލަކަށް ބަލައިލަމާ ހިންގަވާށެވެ! އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއްގައި އާމިންދައްތަ ނަމަކަށް ކިޔާ ދުވަސްވީ އަންހެނަކު ހައްޔަރު ކޮށްގެން ފުލުހުން ތަހްޤީގްކުރި މައްސަލަ އަކާ ގުޅިގެން އެކުއްޖާ އަށް އަސްލު ގޯނާކުރީ ދުވަސްވީ އެހެން ފިރިހެނެއް ކަމަށް ބުނެ "ހަސަން ކުރުސީ"ގެ އެކައުންޓުން އިހަކަށް ދުވަހު ކުރި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ މި މައްސަލައިގައި އިންސާފުވެރި ތަހްޤީގެއް ނޮވެމްބަރ 2023 ގައި ފެށޭނެ ކަމަށާއި އެކަމުގައި ކުށްވެރިވާ މީހާ ޖަލަށް ލެވޭނެ ކަމުގެ ޔަޤީންކަން އައްޑޫ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. މީގެން ދޭހަވާ ވާހަކައަކީ އަންނަ އަހަރުގެ ރިއާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ޤަބޫލު ކުރައްވަނީ ބާވައެވެ؟ އަޅުގަނޑަށް މީގެން ނެގުނީ އެހެން މާނައެކެވެ!

އެމަނިކުފާނު 2023 ގެ އިންތިހާބަށް ކުރިމަތިލެއްވިއަސް ރިއާސީ އިންތިހާބު ކާމިޔާބުވެ ވަޑައިނުގަންނަވާނެކަން ރައީސް ނަޝީދަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. މައިގަނޑު ސަބަބަކީ އެމް.ޑީ.ޕީ ބައިބައިވެފައި އޮތުމެވެ. ނަމަވެސް ކޮންމެވެސް ވަރުގަދަ ކެންޑިޑޭޓެއްގެ ރަނިންގ މޭޓެއްގެ ގޮތުން ރައީސް ނަޝީދު ކުރިމަތިލައްވައިފި ނަމަ ކާމިޔާބު ލިބިވަޑައިގަތުމަކީ ވެދާނެ ކަމެކެވެ. އަނެއް ގޮތަކީ ކޯލިޝަނެއްގެ ތެރެއިން ނަޝީދު ފެކްޝަނުގެ ތާއީދު ރައީސް ޔާމީން ފަދަ ކެންޑިޑޭޓަކަށް ދެއްވައިގެން އިންތިހާބު ކާމިޔާބު ކުރައްވައިގެން ސަރުކާރުން ބައެއް ހޯއްދެވުމެވެ. މިއީ ހުރިހާ ގޮތަކުން ވިސްނާއިރު ވެސް ވުން އެންމެ ކައިރި ގޮތެވެ. ނޮވެމްބަރު 2023 ގައި ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް "ހަސަން ކުރުސީ" އެ ވިދާޅުވަނީ މިދެންނެވި ކޯލިޝަންގެ ފޯމިއުލާގެ ތެރެއިން ކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެއެވެ.

ސުވާލަކީ އެފަދަ ހާލަތެއްގައި ރައީސް ނަޝީދު ކޯލިޝަން ހައްދަވާނީ ކޮން ފަރާތަކާ އެކުގައި ތޯއެވެ؟ ރައީސް ޔާމީނާ އެކުގައިތޯއެވެ؟ ނުވަތަ ޒަމާންވީ އެކުވެރިޔާ ޤާސިމް އިބްރާހިމާ އެކުގައިތޯއެވެ؟ ނުވަތަ މުޅިން އާ ކެންޑިޑޭޓަކާ އެކުގައިތޯއެވެ؟ އާ މީހަކާ އެކުގައި ކޯލިޝަން ހައްދަވައިގެން މި ދަނޑިވަޅުގައި މާބޮޑު ކާމިޔާބެއް ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ކޯލިޝަނެއްގެ ތެރެއިން ވެރިކަމުގެ، ނުވަތަ ސަރުކާރުގެ، އެއްބައި ރައީސް ނަޝީދަށް ހޯއްދެވުމުގެ ފޯމިއުލާ ކާމިޔާބުވުން ގުޅިފައި އޮތީ ރައީސް ޔާމީން ނުވަތަ ޤާސިމް އިބްރާހިމާއެވެ. މި ދެގޮތުގެ ތެރެއިން ވެސް ވުން ބޮޑަށް ކައިރި ކަމަށް ލަފާ ކުރެވެނީ ރައީސް ޔާމީނާއި ރައީސް ނަޝީދު ކޯލިޝަން ހެއްދެވުމެވެ.

ހަސަން ކުރުސީގެ ޓްވިޓަރ އެކައުންޓުން ރައީސް ނަޝީދު އިއްޔެ ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން "ރަސްމީކޮށް" އިއުލާން ކުރައްވާފައެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލް ކުރެވޭ ގޮތުގައި އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވެސް އަދި ރިއާސީ އިންތިހާބުގައި ވެސް ރައީސް ނަޝީދު މިފަހަރު ވާދައެއް ނުކުރައްވާނެއެވެ. އެމް.ޑީ.ޕީގެ ޕްރައިމަރީގައި ރައީސް ސޯލިހު ބަލިކުރެއްވޭ ވަރަށް ރައީސް ނަޝީދަށް ތާއީދު ނެތަސް، އަދި ރިއާސީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ތާއީދު ނެތަސް ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް ތާއީދު ބޮޑު ބޭފުޅެކެވެ. ސިޔާސީ މައިދާނުގެ މުހިއްމު ބާރެކެވެ. ފާއިތުވި ރިއާސީ އިންތިހާބު ތަކުގައި "ކާލާމަންނަ"ގެ ދައުރު އަދާކުރެއްވީ ޤާސިމް އިބްރާހިމް ނުވަތަ މައުމޫނު އަބްދުލް ޤައްޔޫމް ނުވަތަ ޝެއިޚް އިމްރާނެވެ. މިފަހަރު ސިޔާސީ ކުޅިބައި އެތުރެމުން މިދާ ގޮތަށް ބަލާއިރު 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގެ ކާލާމަންނަ އަކީ ހަސަން ކުރުސީ އެވެ. ކާލާ މަންނަ އަކަށް ވާނީ ރައީސް މުހައްމަދު ނަޝީދެވެ!