Support Us

ދައުލަތެއްގެ ފުރިހަމަ އުސޫލު ވަނީ އިސްލާމީ ސިޔާސަތުގައި (1)

އިސްލާމީ ދައުލަތްތަކަށް މުސީބާތްތައް ކުރިމަތިވެފައިވާ މި ޒަމާނުގައި މިއީ ވަރަށް މުހިންމު ސުރުޚީއެކެވެ. އެހެނީ މިއަދު ދުނިޔޭގައި ބާރުގަދަ ޤައުމުތައް ކަމުގައި ނަން ހިނގާ، ލާދީނީ ދައުލަތްތަކުން، ލިބިފައިވާ ނުފޫޒީ ބާރުގެ އެހީގައި މުޅި ދުނިޔެ ކަމާކުރުމަށް ބޭނުންކުރާ އެއް ހަތިޔާރަކީ ދައުލަތްތައް ހިންގުމުގެ އުސޫލެވެ. އިންސާނީ ޙައްޤެވެ. އެބައިމީހުން އެތައް ޒަމާނަކުއްސުރެ ފެށި ފިކުރީ ހަނގުރާމައިގައި މުސްލިމުންނާއި އެނޫން ޖަމާޢަތްތައްވެސް ޖެހި މިއަދު މިވަނީ މި ކަމުގައި ވަރުގަދަ ހިތްވަރެއް ލައިގެން ނޫނީ އަރައިގަތުން އުނދަގޫ ވަޅުގަނޑަކަށް ވެއްޓިފައެވެ.

ދައުލަތްތައް ހިންގުމުގައި ޒުވާނުންނާއި ޒަމާނީ ފިކުރުގެ ކުދިވެރިންގެ ސިކުނޑި "ކެއުމަށް" އިސްލާމިއްޔަތު ދެކެ ރުޅިއަންނަ އެބައިމީހުން ބޭނުންކުރާ ދެ "އައިސްކްރީމް"އެއް ވެއެވެ. އެއީ ޑިމޮކްރަސީއާއި ހިއުމަން ރައިޓްސް އެވެ. އެހެން މޭރުމަކުން ދަންނަވާނަމަ "ރައްޔިތުންގެ ވެރިކަން" އާއި "އިންސާނީ ޙައްޤު"އެވެ. ހިތާމައަކީ ޒަމާނުއްސުރެ އިލާހީ ބާރުތަކަކަށް ތަބާވި އިންސާނުން އެ ބާރުތަކުގެ މާނަ ބަދަލުކޮށް ހަދައިގެން އުޅޭ ބާރުތަކަކަށް ވެރިކަން ކުރަމުންދާއިރު އެކަން އަދުގެ "ޢިލްމީ، ފިލޯސަފީ" އިންސާނުންނަށް ނުވިސްނޭކަމެވެ. އެހެންކަމުން މި ލިޔުމަށް މަޢުލޫމާތު އެއްކުރުމުގައި މި ދެ ނަޒަރިއްޔާއަށް ފުރަތަމަ ބަލައިލުން މުހިންމެވެ.

ޑިމޮކްރަސީ އަކީ ކޮބާ؟

ޝައްކެއްނެތެވެ. ޑިމޮކްރަސީ އަކީ އެ ޖަމާޢަތެއްގެ ރެޖިސްޓްރީގައި ހިމެނޭ މީހުންނަށް ހަމަހަމަ އުސޫލަކުން އާންމު މުހުތާދުތައް ފުއްދައިދިނުމުގެ ސަރުކާރަކަށް ކިޔާ ނިޒާމީ ނަމެކެވެ. ކޭމްބްރިޖް އެޑްވާންސްޑް ލާނާރސް ޑިކްޝަނަރީ 2008 (3 ވަނަ އެޑިޝަން) ގައި ވާގޮތުން ޑިމޮކްރަސީ އަކީ ރައްޔިތުންގެ މެދުގައި އޮންނަ ހަމަހަމަކަމެވެ. ނުވަތަ ސީދާ ރައްޔިތުން ތަމްސީލުކުރާ ބަޔަކު އެ ރައްޔިތުންގެ ތެރެއިން ހޮވައި އެބައިމީހުންގެ ރުހުމާއެކު އަޣްލަބިއްޔަތަށް ތަބާވެގެން ހިންގޭ ސަރުކާރެއްގެ އުސޫލެކެވެ. ކުރުކޮށް ދަންނަވާނަމަ ރައްޔިތުންގެ ވެރިކަމެކެވެ.

އަނެއް ބަޔަކު ޤަބޫލުކުރާގޮތުގައި ޑިމޮކްރަސީއަކީ ރައްޔިތުން ހަމަހަމަކަންމަތީ ބައިވެރިވެވޭ އިންތިޚާބެއްގައި ހޮވޭ މަޖިލީހެއް ހިމެނި، އަދި އެ މަޖިލީހަކީ ރައްޔިތުންގެ ބާރު ހިނގާ މަޖިލީހަކަށް ވެ ހިނގާ ދައުލަތެއްގެ ނިޒާމެކެވެ.  އެ މަޖިލީހުގެ ވަޒީފާއަކީ  ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި:-

  • ޤާނޫނުތައް ހަދައި ފާސްކޮށްދިނުން
  • ޤައުމު ހިންގުމުގެ ހުށަހެޅުންތައް އެކަށައެޅުން
  • ޤާނޫނުތައް ރައްޔިތުންނަށް އާންމުކުރުމުގެ ކަންކަން ހިންގުން
  • އިކޮނަމީ ގޮތުން ފުދުންތެރި ޘަޤާފަތެއް ޤާއިމްކޮށްދިނުން
  • މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ބައިވެރިވެ ޚިޔާލުފާޅުކޮށް އުޅުމުގެ ފުރުސަތު ހޯދައިދިނުން އެވެ.
ގްރީކް؛ ޑިމޮކްރަސީ އުފަންވީ ގްރީކްގައި ކަމަށް މުއައްރިޚުންގެ ހޯދުންތަކުން ހާމަވޭ

ޑިމޮކްރަސީ އުފަންވުން:

ޑިމޮކްރަސީ އުފަންވީ ގްރީކްގެ ސްޕާޓާގައި ކަމަށް މުއައްރިޚުންގެ ހޯދުންތަކުން ހާމަވެއެވެ. އެއީ މީލާދުގެ 400 ވަރަކަށް އަހަރުގެ ކުރިންނެވެ. ރޯމަންގެ ބާރުވެރި ޒަމާނުގައި އުފަންވި ނިޒާމެކެވެ. އޭރު ގްރީކުގެ އެހެން ސްޓޭޓްތަކާއި ހުޅަނގާއި ޔޫރަޕްގެ ޤައުމުތައް ޤަބޫލު ނުކުޅަޔަސް ފަހުން މުޅި އެބައިމީހުންގެ މެދުގައި މާ މަޤްބޫލު ނިޒާމެއް ކަމުގައިވެ ތަފާތު ބަދަލުތަކަކާއެކު އައިސްފައިވާ ވެރިކަމުގެ ނިޒާމެކެވެ. މިނިޒާމު "ފައްކާވެ" ދުނިޔޭގެ ރަސްކަންތައް ނިމުމަކަށް ގެނައުމުގައި މި ނިޒާމަކީ އެހީއެއް ކަމުގައިވީ 19 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ.

"ޑިމޮކްރަސީސް"ގެ މި ނިޒާމަށް މި ނަން ބޭނުންކުރީ އެ ވެރިކަމުގެ ނިޒާމަކު ނޫނެވެ. ލިޔެވި ރައްކާކުރެވުމެއް ނެތި ފެށުނު މިވެރިކަމުގެ އުސޫލު ތާރީޚުގައި ލިޔުނު ލިޔުންތެރިޔާ ޓޮސީޑިސް މި ލަފުޒުން، އޭނާގެ ފޮތުގައި މުޚާޠަބުކުރީއެވެ. މިއީ ބުނެވޭ ގޮތުގައި އެތެންސްގެ ފިލޯސަފަރެއް ކަމުގައިވި ޕްރިކްލީޒުވެސް ބޭނުންކުރި ލަފުޒެވެ. އެހެންކަމުން ނަން މުހިންމު ނުވިޔަސް ކަން މުހިންމުވެ ހިނގައިގެންފައިވެއެވެ.

"ޑެމޮކް" މި ލަފުޒަކީ ގްރީކު ބަހުގެ އަސްލެކެވެ. ގްރީކްގެ ބަހުގައި "ޑެމޮސް" އަކީ މީހުންނެވެ. އެބަހުގައި "ދީމޮކްރާތީއަ" އަކީ ރައްޔިތުންގެ އުސޫލެވެ. ޑިމޮކްރަސީ އުފެދިފައިވަނީ ގްރީކްގެ "ދެމޮސް" އާއި ހަމަ ގްރީކްގެ "ކްރާޓޮސް" އެކުވެގެންނެވެ. ކްރާޓޮސް ގެ މާނައަކީ ބާރެވެ. އެބައިމީހުން ކިޔާގޮތުން އެއީ "ދެމޮސް ކްރާޓޮސް" އެވެ. ފަހަރެއްގައި މި ބަސް ކިޔުމުގައި ޕްރޮނައުންސް ތަފާތު ވެދާނެއެވެ. ނަމަވެސް މި ބަސް ފޮނެޓިކްސް ޢިލްމުގައި ތަފްސީލު ދީފައިވާ ގޮތް ތިރީގައި މިވަނީއެވެ.

ގްރީކު ލަފުޒު އެމީހުންގެއަކުރުން δῆμος، ކިޔާގޮތަކީ (dêmos)، މާނައަކީ "މީހުން" އެވެ.
ގްރީކު ލަފުޒު އެމީހުންގެއަކުރުން κράτος، ކިޔާގޮތަކީ (kratos)، މާނައަކީ "ބާރު" އެވެ.
ގްރީކު ލަފުޒު އެމީހުންގެ އަކުރުން δημοκρατία،ކިޔާގޮތަކީ (dēmokratía)، މާނައަކީ "ރައްޔިތުންގެ އުސޫލު" އެވެ.

މި ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅި ނަން ކިއިގެން އައިސްފައިފަނީ އީސާގެ ފާނުންގެ ސަނަތުގެ ކުރި 400 ގެތެރޭގައި އެ ޤައުމުގެ ސްޕާރޓާގައި ކަމަށް ލިޔުންތަކުގައި ވެއެވެ. އޭރު އެބައިމީހުންގެ ތެރޭގައި އޮތީ އިލާހީ ދީނުގެ އުސޫލެއް ނޫނެވެ. ރޯމަންގެ ނާ ތަހުޒީބު ދީންތަކުގެ ބާރެވެ. އިންސާނުން އަމިއްލައަށް ހަދައިގެން އުޅުނު އެމީހުންގެ ދުނިޔަވީ މުހުތާދުތަކަށް ފެތުރު އުސޫލުތަކެއްގެ ގޮތްފޮތެވެ. ބާރުގަދަ ނުފޫޒު ގަދަ މީހުންނަށާއި އެފަދަ ތަކެތި ކަލާނގެ ކަމަށް ބެލެވޭ ދުނިޔަވީ އެއްޗެއްސަށް އަޅުކަންކުރުމުގައެވެ. އެހެނެއްކަމަކު އެބައިމީހުންގެ ފޮތްތަކަށް ތަބާވާ މީހުން މަދެވެ.

އިލާހީ ދީން، އިސްލާމް ފުރިހަމަކުރައްވައި މި އުއްމަތުގެ މާތް ނަބިއްޔާ ފޮނުއްވުނީ ސްޕާރޓާގައި އެ އުފެދުނު ޑިމޮކްރަސީގެ ބިންގާ އެޅުނު ފަހުންކަން ކަށަވަރެވެ. އެހެނީ ޑިމޮކްރަސީސްގެ  ނަމުން އުފެއްދި އުސޫލު އެ ޤައުމުގައި ވިހައި ވަކި ހިއްޕައިފައިވަނީ އީސާއީ ސަނަތުގެ 400 އަހަރުކުރީގައެވެ. ބުއްދިއަށް އެނގޭ އެއްޗަކީ އެ އުސޫލަކީ އެންމެ ހަރުދަނާ އުސޫލުކަމުގައިވީ ނަމަ މި އުއްމަތަށް ﷲ ފޮނުއްވީހީ އެ އުސޫލެވެ. ކީރިތި ޤުރުއާނުގައިވާނީ އެ އުސޫލުގެ ނިޒާމެވެ. ނަމަވެސް ޤުރުއާނާއި ސުންނަތުން މި އުއްމަތަށް ފޮނުއްވުނީ މުޅިން ތަފާތު ފުރިހަމަ މޫރިތި އުސޫލެކެވެ. އިސްލާމީ އިލާހީ ވެރިކަމުގެ އުސޫލެކެވެ.

ޑިމޮކްރަސީގެ މައްޗަށް ބާވައިލެއްވުނު އިލާހީ އުސޫލު:

އިންސާނިއްޔަތުކަމުގެ އުސޫލެއް ޤާއިމްވެ، އެންމެ ފަހުގެ ރަސޫލު މުޙައްމަދު މާތް ނަބިއްޔާ (ޞޢވ) މެދުވެރިއެއްކަމުގައިވެ މި އުއްމަތަށް މިވަނީ އިސްލާމީ ވެރިކަމުގެ ފުރިހަމަ އުސޫލެއް އައިސްފައެވެ. އެއީ މީލާދީން 570 ގެތެރޭގައެވެ. ޑިމޮކްރަސީސް "އުފަންވީތާ" 900 އެއްހާ އަހަރުފަހުންނެވެ. ހިނގައި ދިޔަ މި ތާރިޚީ ކަންކަމުން ދޭހަވަނީ އިންސާނިއްޔަތަށް ދައުލަތުގެ ނިޒާމެއް ފުރިހަމަވެ ޤާއިމްވެފައިވާނީ އިސްލާމްދީނުގައިކަމެވެ.

ﷲގެ ވަޙީބަސްފުޅުގައިވެއެވެ. "يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ" (ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތް). މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ތިޔަބައިމީހުންގެ ގާތަށް وعظއަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاءއަކާއި، مؤمنތަކުންނަށް ތެދުމަގަކާއި، رحمةއެއް އަތުވެއްޖެކަން ކަށަވަރެވެ." (ކީރިތިޤުރުއާނުގެ ދިވެހި ތަރުޖަމާއިން)

އިންސާނީ ޙައްޤަކީ ކޮބާ؟

"އިންސާނީ ޙައްޤު" މިއީ ޢަރަބި އާއިލާގެ ދެ ލަފުޒެވެ. ފަހަރެއްގައި ފާރިސީ ބަހުގެ އަސްލަކާވެސް ގުޅިފައިވެދާނެއެވެ. ކޮންހެނެއް ވިޔަސް މިދެ ލަފުޒުގެ ލަފުޒީ މާނައަކީ، އިންސާނާއަށް ލިބުން މަޖުބޫރު ކަމެއް، އެއްޗެއް އެވެ. ނަމަވެސް މިތަނުގައި މުރާދުކުރަނީ އިންސާނެއްގެ ބީދައިން އުޅޭ މީހާއަށް އެ ގޮތުގައި ސާބިތުވެ ހުރުމަށް ބޭނުންވާ އަސާސީ އަދި މެދުމިނުގެ އަދި އެންމެ ފުރިހަމަ މުހުތާދުތަކެވެ. ޖަނަވާރީ ފިކުރުގައި ޙައިވާނީ ބާރުވެރިކަމުގައި ވިސްނާ އިންސާނާއަށް ބޭނުންވާ އަސާސުތަކެއް ނޫނެވެ.

އިންސާނީ ޙައްޤުގެ ދުވަހުގެ މުނާސަބަތުގައި ޔޫއެންގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް ކޯފީ އަނާން (1997) ހާމަކުރެއްވި ގޮތުގައި "އިންސާނީ ޙައްޤަކީ ޠަބީޢަތުގައި އަބަދުވެސް އެދެވޭ މިނިވަންކަމެވެ. އޭގެ ތެރޭގައި އިހުސާސް ފާޅުކުރުގެ މިނިވަންކަމާއި ހެލިފެލިވެ އުޅުމުގެ މިނިވަންކަމާއި އިންސާފުގެ މިނިވަންކަމާއި ހަމަހަމަކަމުގެ މިނިވަންކަމާއި ދިރިހުރުމުގެ މިނިވަންކަމާއި އުނގެނުމުގެ މިނިވަންކަމާއި ދީނީ މިނިވަންކަމާއި އަމިއްލަ ފުދުންތެރި ހިޔާވަހިކަމެއްގެ މިނިވަންކަމާއި މިފަދަ އެތައް ކަމެއް" އެވެ.

ސިޔާސީ ދިރާސާތައް ކުރައްވައި ލިޔުންތަކާއި ފޮތްތައްލިޔުއްވައިފައިވާ އެއް ޢިލްމުވެރިއެއްކަމުގައިވާ ސާދި ގުލިސްތާން (2005) ހާމަކުރައްވާ ގޮގުގައި "އިންސާނީ ޙައްޤަކީ ކޮންމެ އިންސަނަކަށް އޭނާއަށް ކުޅަދާނަވީ މިންވަރަކުން އުފަލާއެކު އުޅުމުގެ މިނިވަންކަން" އެވެ.

ކޮންމެއަކަސް އިންސާނީ ޙައްޤު މާނަކުރާކޮންމެ ފިކުރެއްގައިވެސް ވަނީ އިންސާނާގެ މުހުތާދުތައް ފުއްދުމުގެ ފުރުސަތަކީ އިންސާނީ ޙައްޤުކަމުގައެވެ. ދެން އެ ބައެއްގެ ޢަޤީދާއާ އެއްގޮތަށް އެމިނިވަންކަމަށް މަސައްކަތްކުރަނީއެވެ. ނަމަވެސް މި ނަމުގައި ބައެއް ފަރާތްތަކުން އެބައިމީހުންގެ ޒާތީ އުފަލާއި ދިރިހުރުމުގެ އެންމެހާކަމެއް އޭގައި ހިމެނިގެންދާގޮތުން އެ ޙައްޤު ފުޅާކޮށް ހަނިކޮށް ހަދަނީއެވެ. މިއީ މިއަދު މައްސަލައުފެދޭ ހިސާބަށް "އިންސާނީ ޙައްޤު" ދާންޖެހޭ ސަބަބެވެ.

އިންސާނީ ޙައްޤު އުފަންވުން:

އިންސާނީ ޙައްޤުގެ ނަމުގައި ކިރިޔާވެސް މާނަކުރެވޭ ފިކުރެއް އުފަންވެފައިވަނީ މީލާދީން 1215 ގައި އިނގިރޭސީންގެ ރަސްގެފާނު ޖޯޖް ނެރުއްވި މެގްނާޓާއިންނެވެ. އެއީ މި ޑެކްލަރޭޝަނެއް ފާސްވެ ދުނިޔޭގައި ހިގައިގަތީ އެކި ފަހަރުމަތިން އިނގިރޭސީންނާއި އެމެރިކާނުންގެ ބައެއް ފިލޯސަފަރުންގެ ތެރޭގައި އަޑުއުފުލުމަށްފަހުގައެވެ. ބައެއް ތާރީޚުތަކުގައި ލިޔެފައިވާގޮތުން އިންސާނީ ޙައްޤުގެ ތިއަރީއަކީ ރިނައިސަންސްގެ ތަރައްޤީގައި އުފެދުނު ފިކުރެކެވެ. ކޮންމެއަކަސް އިންސާނީ ޙައްޤުގެ ފިކުރާއި ވިންދު ވިހައި ބޮޑުވެފައިވަނީ އިނގިރޭސީންނާއި އެމެރިކާނުންގެ އަތްމަތީގައެވެ. އެހެންކަމުން މި އުސޫލުގައި ވަރަށް ބޮޑަށް އެބައިމީހުންގެ ލާދީނީ އަދި އިންސާނީ ބާރުގެ ފިކުރު  ބައްޓަންވެފައިވެއެވެ.

އިންސާނުންގެ ތެރޭގައި އޮތް "މީހާ ނިކަމެތިކުރުމުގެ ގޮށްމުށު ބާރު" ހިގަންފެށުމުން އުފެދުނު މިނިވަން ބަހުސްގައި އިންސާނީ ޙައްޤު އެކަށައެޅުނެވެ. އަދި 10 ފެބުރުއަރީ 1948 ގައި ޔުނައިޓެޑް ނޭޝަންސްގައި މި ޤާނޫނު ރެޖިސްޓްރީކޮށް މެންބަރު ޤައުމުތަކަށް ޑެކްލަރޭޝަން ފޮނުވައިފައިވެއެވެ. އެ ޑެކްލަރޭޝަންތަކުގައި ހިމެނޭ ނުކުތާތަކުން ދޫކޮށްލަން ވާހަކަދައްކައި ބައެއް ނުކުތާތަކަށްޢަމަލުކުރުމަށް މެމްބަރު ޤައުމުތަކުން ސޮއިކުރިކަމުގައިވެސްވެއެވެ. އެއްބަސްވާ ނުކުތާތަކަށް މެމްބަރު ޤައުމުތަކުން ޢަމަލު ނުކޮށްފިނަމަ އޭގެ އަދަބު މެންބަރު ޤައުމުތަކަށް ލިބޭނެއެވެ. މިއީ އެހާވެސް ބާރުގަދަ ޑެކްލަރޭޝަނެއްކަމުގައިވެގެން ދިޔައެވެ.

ލިސްޓުކުރެވިފައިވާ އިންސާނީ ޙައްޤުގުތަކާމެދު:

އިންސާނީ ޙައްޤުގެ ގޮތުގައި ހުޅަނގުގެ އެވޭލާ ޒަމާނުގައާއި ފަހުގެ ޒަމާނީ ޑިމޮކްރަސީގައިވެސް އެންމެ ބޮޑަށް އަހުމިއްޔަތުކަމެއް ދީގެން ފާހަގަކުރާ ދެކަމެއް މާނަކުރެވޭނޭ ނުކުތައްވާކަމުގައިވެއެވެ. އެއީ:-

  • ވާހަކަދައްކައި މަޝްވަރާކުރުމުގެ މިނިވަންކަން (މުޢާމަލާތްކުރުމާއި މަޝްވަރާ)
  • އެހެންމީހުނަށް ނުބައިކަމެކޭ ހީވިޔަސް ތިމާއަށް އެކަމަކުން ހިތްހަމަޖެހުން ލިބިދެވޭ އަދި އެކަމަކުން ދިރިހުރުމުގެ އުފާ ލިބިދެވޭ ކަންކަން ކުރުމުގެ މިނިވަންކަން (ހިތުހުރި ގޮތަކަށް އުޅުމުގެ މިނިވަންކަން) އެވެ.

ނަމަވެސް ޔޫއެންގެ ޤާނޫންތަކާއި ނިންމެވުންތަކާއި ޤައުމުޤައުމުގެ އަމިއްލަ އުސޫލުތައްކަމަށް ނިންމައިފައިވާ ގިނަ ނިންމުންތަކުގައިވާގޮތުން އިންސާނަކަށް އަންނަނިވި ޙައްޤުތައް ލިބެންޖެހޭނެއެވެ. ނުވަތަ ލިބުމުގެ ފުރުސަތު އޮންނަންޖެހޭނެއެވެ. އަދި ޒަމާނީ ޑިމޮކްރަސީގައި މި ކަންކަން ފަހިވާގޮތަށްނޫނީ ވެރިކަމުގެ އެއްވެސް އިންތިޒާމެއް ކުރެވި ހަމަޖެހިފައި ހުރެގެން ނުވާނެއެވެ. މި ލިސްޓަކީ މިދެންނެވި ޒަމާނީ ޑިމޮކްރަސީގައި އިންސާނީ ޙައްޤުގެ ގޮތުގައި ބެލޭ ކަންކަމެވެ. ލިސްޓުގައި މި ވާ ކަންކަން ބައެއް ޤައުމުތަކުގައި މާ ހަނިކޮށް އަދި ގިނަކޮށްފައި ހުރެއެވެ. މިސާލަކަށް "ވާހަކަދެއްކުން" ވަކިން އޮވެފައި "މަޝްވަރާ" ވަކިން އޮތުމެވެ.

އިންސާނީ ޙައްޤުތައްކަމަށް ލިޔެވި އާންމުކޮށްފައިވާ އެއް ލިސްޓް:-

  • މިނިވަން ބޯ ހިޔާވަހިކަން – ދިރިހުރުމާއި ދިރިއުޅުގެ ޙިމާޔަތް
  • ޢާއިލާއެއް ބިނާކުރުމުގެ ފުރުސަތު – އަމިއްލަވަންތަ މިނިވަންކަން
  • މީހުނާއެކު ގުޅިގެން އުޅުން – ވާހަކަދެއްކުމާއި މަޝްވަރާގެ މިނިވަންކަން
  • ނުރުހުމުގެ އަޑު އުފުލުގެ ހިމާޔަތް – މަސައްކަތްކުރުމުގެ ފުރުސަތު
  • ޖިންސީ ހަމަހަމަކަން – ވަޠަނިއްޔަތުކަން
  • ޖިންސީ އެދުން ފުއްދުމުގެ ފުރުސަތު – ވޯޓުދިނުމުގެ ޙައްޤު
  • ކާވެންޏަށްބާރު ނޭޅުން – މިނިވަން ވިސްނުމަށް ފުރުސަތު
  • ދީނީ މިނިވަންކަން – ލޯބިކުރުރުމަށް ފުރުސަތު
  • ކަންކަން ތަކުރާރުކުރުމުގެ ފުރުސަތު – ސިއްޙީ ރައްކާތެރިކަން
  • އުނގެނުން – ބަސް ބޭނުންކުރުމުގެ ފުރުސަތު

ޔޫއެންގެ ނިންމުމުގައި ވަނީ މަތީގައިވާ ނުކުތާތައް ހިމެނިގެން އެކުލެވިފައިވާ 30 ނިންމުމެއްގެ ޑެކްލަރޭޝަނެކެވެ. ނަމަވެސް ޔޫއެންގެ ކޮންމެ ބައިވެރިއަކު މި ޑެކްލަރޭޝަނަށް ޢަމަލުކޮށް އެބައެއްގެ ޤާނޫނުގެ ތެރެއިން އިންސާނީ ޙައްޤު ލިބިދޭންޖެހޭނޭކަމަށްވެސް އެ ފާސްކުރުމުގައިވެއެވެ. މި ޑިމޮކްރަސީގެ ޙައްޤުތަކުގައި އޮތް އިސްލާމީ އުސޫލާ ނުގުޅޭ ކަމަކީ މި ޙައްޤުތައް އެބައިމީހުން މާނަކުރާގޮތާއި ބަލައިގަންނަ ގޮތެވެ. އަދި ދީނާ ފުށުއަރާ ސީދާ ނުކުތާތަކެވެ.

އިސްލާމްދީނުގައި އިންސާނީ ޙައްޤު:

ޢަބްދުﷲ ފާރޫޤް ޙަސަން (2005) ލިޔުއްވައިފައިވާފޮތް "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމްވުމުގެ މަފްހޫމް" މިފޮތުގައި ލިޔުއްވައިފައިވާ މަފްހޫމުގައި އިންސާނީ ޙައްޤަކީ ހުޅަނގުގެ އީޖާދެއް ނޫނެވެ. އިންސާނީ ދަރިފަސްކޮޅު ލެއްވި ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އިންސާނާއާއެކު ހުރިހާ ކަމެއް މި ބިންމަތީގައި ޤާއިމްކުރައްވައިފައެވެ. މިގޮތުން އިންސާނިއްޔަތަށްޓަކައި ދުޅަހެޔޮ ދިރިއުޅުމަކަށް ހެޔޮ ވެއްޓެއް ޤާއިމްކޮށް ތެދުމަގުގައި ސާބިތުވުމަށް އިސްލާމްދީން ދީފައިވާ އިންސާނީ ޙައްޤު ވެއެވެ. މި ޙައްޤުގެ ވާހަކަ ކީރިތި ޤުރުއާނާއި ސުންނަތުގައި ވެއެވެ. އެއީ:-

  • ފުރާނައިގެ ޙުރުމަތް – އިންސާނީ ޙިމާޔަތް
  • އަންހެނުންގެ ޢިއްފަތްތެރިކަން – އިޤްތިޞާދީ ރައްކާތެރިކަން
  • ޢަދުލު އިންސާފު ޤާއިމްކުރުން – ހެއު ކަމެއްގައި އެއްބާރުލުން
  • ނުބައިކަންކަމުން ދުރުކުރުން – ކެއުމަށް ޙަލާލު ތަކެތި ލިބިދިނުން
  • އުރެދުންތަކަށް އަރައި ނުގަތުން – އަނިޔާވެރިޔާއަށް ކިޔަމަން ނުވުން
  • ނުކުޅެދުންތެރިންނަށްވެސް ހެޔޮކޮށް ހިތުން – ކުޑަކުދިންނާއި މުސްކުޅިންނަށް އަޅައިލުން
  • ސިޔާސީ ކަންކަމުގައި ބައިވެރިވެވުން – މިނިވަންކަން ރައްކާތެރިކުރުން
  • ޙައްޤާއި މިލްކިއްޔާތު ޙިމާޔަތްކުރުން – ޢަބުރާއި ޢިއްޒަތް ރައްކާޓެރިކުރުން
  • ގޯތި ދެދޮރުގެ ޙުރުމަތްތެރިކަން – އަނިޔާއާއި ދެކޮޅަށް އަޑުއުފުލުން
  • ޚިޔާލު ފާޅުކުރުމުގެ ފުރުސަތު – ޢަޤީދާގެ މިނިވަންކަން
  • ދީނީގޮތުން ހޭލުންތެރިކުރުން – ހިތުގައި ޖެއްސުމުން ރައްކާތެރިކުރުން
  • ޙައްޤާއި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުން – މިނިވަންކަން
  • ނުކުރާ ކަންކަމުން ބަރީޢަވުން – ދިރިއުޅުމުގެ ފުރުސަތު
  • ތުހުމަތުތަކުން ސަލާމަތްވުން – ހަމަހަމަކަން
  • ވިޔަފާރިކުރުމުގެ ފުރުސަތު – ތަރައްޤީއާއި ތަހުޒީބުގެ ޖާގަ

އިންސާނީ ޙައްޤުގެ ނަމުގައި ޔަހޫދީ ފިކުރު:

އިންސާނީ ޙައްޤަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޒަމާނީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުގެ ސަވާރުގައި ދަތުރުކުރާ ބައެއް ހުޅަނގުގެ މީހުންގެ އަމާޒަކަށް ވެފައިވަނީ އިސްލާމީ ހިދާޔަތަށް ނުފޫޒު ފޯރުވުމެވެ. އިސްލާމީ ވަހުދަތު ނެތިކޮށް "ފްރީޑަމް އޮފް ހިއުމަން"ގެނަމުގައި "ޑިމޮކްރަޓިކް ތިންކިންގ" ގެނަމުގައި އިންސާނުން ހިސޯރުކުރުމެވެ. މިކަން އެނގެނީ ޤައުމުތަކުގައި ހެދޭ ޤާނޫނުތަކާ ޚިލާފަށް އެބައިމީހުންގެ ފިކުރީ ހަމަލާތައް ފޯރަމުންދާ ދިއުމެވެ. މި ކަންތައް ކުރެވޭތާ ކިތަންމެ އަހަރެކެވެ. ސަރުކާރުތަކަށް މަޖުބޫރުކުރުވައިގެން ބާރުވެރި ޤައުމުތަކުގެ އެހީގެ އަވައިގައި ޖައްސައި ވަންހަނާ މަގުތަކުން ކުރެވޭ ރިޝްވަރުގެ މުޢާމަލާތްތަކުން ފިކުރު ގަނެގެން، ޒަމާނީ ތަރައްޤީގެ ހިޔަނީގައި އިސްލާމީ ޅަ ހިތްތައް ޤުރުބާންކުރަން ޖައްސަނީއެވެ. އާދޭހެވެ.

ކިރިތި ޤުރުއާނުގައި ވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنقَلِبُوا خَاسِرِينَ [٣:١٤٩]" މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! كافرވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دينން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حالގައެވެ." (ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާއިން ނަގައިފައި)

ސުބުޙާނަﷲ އެވެ. ޤުރުއާނުގެ ތެދުކަމާއެވެ. މިއަދު އަޅުގަނޑުމެން މިދެކެނީ މިކަމެވެ. ކާފިރުންގެ ފިކުރުގައި ޖެހި އެބައިމީހުންގެ ގޮތް ނޭނގޭ ކަޅުހިޔަނިތަކުގެ އަވާގައި އަނދިރިކަމެއްގެ ތެރެއަށް ވަންނަމުންދާތަނެވެ. މި އާޔަތުގައިވާފަދައިން އަޅުގަނޑުމެން މުސްލިމުންގެ ބުރަކަށިތަކަށް ރައްދުކުރާތަނެވެ. މިއީ ޑިމޮކްރަސީގައި އެ ބުނާމާނަތޯއެވެ. ނޫނެކެވެ. ޑިމޮކްރަސީ ނޭނގޭތީ އިސްލާމިކް ޑިމޮކްރަސީ ދަސްކުރުމުގެ ފުރުސަތު ނެތަތީ ޙާތަށް އަންނަ ބަދަލެވެ.

އެންމެ ފުރިހަމަ ސިކުނޑިން ވިސްނައިލާށެވެ. ޔަހޫދީންގެ މޮޅު "އިންސާނީ ޙައްޤުގައި" އަދަބުދިނުމާއި މީހުންމެރުމާއި އިސްލާމަށް ފުރުސަތު ހަނިވުން އޮވެއެވެ. އެބައިމީހުން ބޭނުންނަމަ މުސްލިމް ޤައުމުތަކަށް އަރައި މަރައި ކަތިލައި ހަދައެވެ. އެކަމަކު މުސްލިމުން އެއިން ކަމެއްގައި އަޑެއް އުފުލައިފިނަމަ އިންސާނީ ޙައްޤު ގެއްލުނީއެވެ. ނުކިޔަވާ ނުވިސްނާ ގަމާރުންނަށް ވީއެވެ. މި ވާގޮތަކާމެދު ވިސްނައި ހޭލާންވެއްޖެއެވެ. ފިކުރީ އަޅުވެތިކަމާ ދުރަށް ދާން ވެއްޖެއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7
ޚިޔާލު ފާޅުކުރައްވާ!

7 Responses

  1. މި ލިޔުން ވަަރަށްފުރިހަމަ جزاك اللّٰه خيرا. އިސްލާމް ދީީނުގައި ނިޒަާމުތައް ކަނޑައަޅުއްވާފައިވާލެއް ފުރިހަމަކަން ގަބޫލުކުރާނީ މި މަތިވެރި ދީނާމެދު ވިސްނާ ފިކުރުކުރާމީހުން. ލާދީނިއްޔަތަށް ގޮސް ހުސްވެފަތިބި މުރުތައްދުބައިގަނޑަށް ވިސްނޭނީ ޑިމޮކުރެޓިކް އުސޫލާއި ގޮތްތައް. އެއުޅެނީ މިގައުމުން އިސްލާމީީ ވަޙުދަތު ފޮހެލެވޭތޯ إن شاء اللّٰه އެބައިމީހުންގެ ނުބައި ރޭވުންތައް ފަލީހަތްކުރައްވަވާ އެބައިމީހުން ނިކަމެތިކުރައްވާށި އާމީން. އެމީހުންގެ ރޭވުންތަކަށްވުރެ اللّٰٰه ގެ ރޭއްވެވުން މާފުރިހަމަ. اللّٰه اكبر ތިބާތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތްލައްވާށި އާމީން..

  2. ވަރަށް ރަގަނޅު ފުރިހަމަ ލިޔުމެއް ވަރަށް ރަނގަޅަށް ވާނުވާ އެގިއްޖެ މި ލިޔުން ހިއްސާ ކޮށްދެއްވި ފަރާތަށް ޝުކުރިއްޔާ

  3. Liyun varah furihama. Ma sha Allah
    Hageegathugaves migaumu miothy hulhanguge laadhiinii fikuraa dhimaalah misraabu jahaafa. Islam dheenugai hurihaa kamehge nizaamuves varah furihama koh othy. Visnaa bayakah ekan engeyne namaves laadheeniyyathah support kuraa baigandah islam dheenuge positive kanthah thakeh nufennaane. Hagguthakey kiyaa govaairu Quran gai varah furihamayah eba oi hukum thah bayaan kurahvaafa eygai neh ehcheh nabiyyaa S.A.W ge sunnathun fennan ebaoi. Mivarun vs gina dhivehin support kuranii democracyge balikashi nizaamah ilaahii gaanoonu dhookohlaafa ekm vaamolheh nufeney. Mulhin vs museebaaithah kurimathivaathan mifennanii mi maaidheenah gonjahan ulhey varakah

  4. މާޝާﷲ ވަރަށް ކިޔާ ހިތުން ކިޔާލެވުނު ލިޔުމެއް. މި ލިޔުއްވި ފަރާތަށް ޝުކުރިއްޔާ

  5. ހަޤީޤަތުގައި ވެސް ޑިމޮކްރަސީ އަކީ އިސްލާމީ ވަހުދަތު ނެތިކޮށް "ފްރީޑަމް އޮފް ހިއުމަން"ގެނަމުގައި "ޑިމޮކްރަޓިކް ތިންކިންގ" ގެނަމުގައި އިންސާނުން ހިސޯރުކުރުމެވެ. މިކަން އެނގެނީ ޤައުމުތަކުގައި ހެދޭ ޤާނޫނުތަކާ ޚިލާފަށް އެބައިމީހުންގެ ފިކުރީ ހަމަލާތައް ފޯރަމުންދާ ދިއުމެވެ. މި ކަންތައް ކުރެވޭތާ ކިތަންމެ އަހަރެކެވެ. ސަރުކާރުތަކަށް މަޖުބޫރުކުރުވައިގެން މިޤައުމަށް ވެސް މިބޮޑު މުސީބާތް މިވަނިީ ކުރިމަތި ކުރުވަމުން (މި މުސީބާތުން ﷲ އަޅުގަނޑުމެން ސަލާމަތް ކުރައްވާން ދޭވެ). އާމިން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *