Support Us

ކޮލަމް ގަލަން: އިގުތިސާދު ބަނގުރޫޓުވުމުން އާސަންދައިގެ ޚިދުމަތުން އެއްބަޔަކު ދުރުކޮށްލުމަކީ ހައްލެއް ނޫން

ހުސްނުވާ އާސަންދަ ލިބުމުން އެންމެން ތިބީ ހެވިފައެވެ. އާސަންދަ ހުސްނުވާ އެއްޗަކަށް ހަމަޖެއްސެވީ ކުރީގެ ރައީސް ޔާމީނެވެ. އެކަމަށް އެ މަނިކުފާނަށް ޝުކުރު ހައްގުވެއެވެ. އެއަށްފަހު އައި އަހަރުތަކުގައި އަޑުއިވެމުން ދިޔައީ ކޮރަޕްޝަނާއި ދޯހަޅިކަމުގެ ޝަކުވާތަކެވެ. ރާއްޖެއަކީ މިހާރު އޭޝިއާގެ ޤައުމުތަކުން، ޖީ.ޑީ.ޕީ.ގެ ނިސްބަތުން ސިއްހަތަށް އެންމެ ޚަރަދުކުރާ އެއް ގައުމެވެ. މި ދާ ނިސްބަތުން ކުރިއަށް ނުގެންދެވުމުން ސަރުކާރުން ބޭނުންވަނީ ރައްޔިތުން ގިންތިތަކައް ބަހައިލައިގެން އެއްބަޔަކު އެ ޚިދުމަތުން މަހުރޫމުކޮށްލުމަށެވެ. އާސަންދަ ދޭ އުސޫލު ގިންތިކުރުމަށް ގާނޫނެއް އެކުލަވައިލައިގެން ރައްޔިތުންގެ ތެރެއިން އެއްބަޔަކު އެ ޚިދުމަތުން ދުރުކޮށްލުމަށް ޖެންޑާ މިނިސްޓްރީ ކެތްމަދުވެފައިވާކަން ފާހަގަވެއެވެ.

އާދެ! ގައުމާ ނުކަތާ ވަރަށް ސިޔާސީ މަގާމުތައް އުފައްދައި އާސަންދަ ރާއްޖެއިން ބޭރަށާއި އެތެރޭގެ ޕުރައިވެޓު ސެކުޓަރުތަކަށް ހިފެހެއްޓުމެއް ނެތި ދޫކޮށްގެން ތިބެ ބޯކިބަލެއްހެން އެންމެން ބަހައިގެން ކަމުންގޮސް ގައުމުގެ އިގުތިސާދު ބަނގުރޫޓުވެ އާސަންދަ ބޮއްސުންލައިގެން ދިއުމުން ތުހުމަތު އެޅުވީ ރައްޔިތުންގެ ބޮލުގައެވެ. އަދި އެކަމުގެ އަގު ދައްކަންޖެހުނީ ވެސް ރައްޔިތުންނެވެ. ކޮންފަދަ ބޭއިންސާފެއްތޯއެވެ؟!

ރައްޔިތުންގެ ތެރެއިން އެއްބަޔަކު އާސަންދައިގެ ޚިދުމަތުން ދުރުކޮށްލުމަށް ޖެންޑާ މިނިސްޓްރީން ވިސްނެވީ ވޯލްޑުބޭންކުން ވެސް ލަފާދޭތީ ކަމަށް އެ ވުޒާރާއިން ބުނެފައިވާތީ ހައިރާންވަމެވެ. އޭ ގައުމުގެ ވިސްނުންތެރި ސިޔާސީ ރަށްވެހީންނެވެ! ވޯލްޑުބޭންކާއި އައި.އެމް.އެފް ފަދަ މުއައްސަސާތަކަކީ ފަގީރު ގައުމުތަކަށް ހެޔޮއެދިގެން އިޖުތިމާއީ ނުވަތަ އިގުތިސާދީ މަޝްވާރާދޭން ތިބޭ ބަޔެއްނޫނެވެ. އެއީ ވިޔަފާރި އުސޫލުން ހިންގާ ބޭންކުތަކެވެ. އެ މީހުން ލަފައެއް ދިނަސް ދޭނީ އެ މީހުން ދީފައި ހުންނަ ލޯނު ނުވަތަ ދޭންއުޅޭ ލޯނު ރައްޔަތުން ބިކަކޮށްފައިވެސް ފައިދާއާއެކު އަނބުރާ ލިބޭގޮތަކަށެވެ. ވޯލްޑުބޭންކާއި އައި.އެމް.އެފް ފަދަ މުއައްސަސާތަކާމެދު ފުންކޮށް ވިސްނައިފި ނަމަ ބުނެވޭނީ އެ މީހުން ލޯނު ދޭން އަންނައިރު ގައުމުތަކުގައި ރައްޔިތުންގެ ފައިދާއަށް ޓަކައި ހަދާފައި ހުންނަ ހިލޭ އެހީގެ ޕްރޮގްރާމުތަކަކީ އެ މީހުންނަށް ވަރަށް ބީރައްޓެހި އެއްޗެއް ކަމަށެވެ. އާއްމު ބަހުރުވައިން ބުނާ ނަމަ އެއީ އެ މީހުންނަށް ހަޖަމުކުރެވޭ އެއްޗެއްނޫނެވެ. އެކަންތައް ނައްތާލުމަށްފަހު އެ މީހުން ޕްރޮމޯޓު ކުރަނީ ކެޕިޓަލިސްޓިކްގެ އުސޫލުން ޕްރައިވެޓައިޒް ކޮށްގެން ޕޮރޮގްރާމްތައް ހިންގުމަށެވެ. އެއީ އެ މީހުންގެ މަސްލަހަތަށެވެ. ނަމަވެސް މުސްތަގިއްލު މިނިވަން ވެރިކަމެއް ކުރާ ބަޔަކު ނަމަ އަމިއްލަ ރައްޔިތުންގެ މަސްލަހަތު އިސްނުކޮށް އެ މީހުން ދައްކާހާ ގޮތަކަށް ބޯލަނބައިގެން ގައުމު ކުރިޔަށް ނުގެންދާނެއެވެ. ވަރަށް ގިނަ ގައުމުތައް ވަނީ އޭގެ ހިތި ނަތީޖާ ދެކެފައެވެ. އެގޮތުން އެފުރިކާގައި ކާނާ މަދުވެ ބަނޑަށްޖެހުމުގެ ސަބަބަކަށް ބައެއް މާހިރުން ވޯލްޑު ބޭންކުގެ އިކޮނޮމިކް ރީފޯމު ޒިންމާކުރެއެވެ. އަދި ބައެއް މީހުން ވޯލްޑް ބޭންކާއި އައިއެމްއެފް އަކީ ގައުމުތައް އިސްތިއުމާރު ކުރުމުގެ ހަތިޔާރެއް ކަމަށް ސިފަކުރެއެވެ.

އިސްތިއުމާރީ ބާރުތަކުން އަރައި ގަދަވެގަންނަނީ އަމިއްލައަށް ދިފާއުވާން ނޭނގޭ ބަލިކަށި ގައުމުތަކަށެވެ. މި ޒަމާނުގެ އިސްތިއުމާރާއި ފިކުރީ ހަނގުރާމައިން ގައުމާއި ރައްޔިތުން ވިސްނުން ތެރިކަމާއެކު ސަލާމަތްކުރަން ޖެހޭނީ ރައްޔިތުން ހޮވާފައި އޮންނަ ސަރުކާރަކުންނެވެ. ބަޔަކަށް ކިތަންމެ ވަރަކަށް ހަޖަމު ނުކުރެވުނަސް ލިބޭ އާމުދަނީއަކުން ދެކޮޅުޖައްސައި ރޭވުންތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުން ބޭނުންވާ އަސާސީ ބޭސްފަރުވާއި ބޯހިޔާވަހިކަމާއި ތައުލީމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ރައްޔިތުންގެ ހައްޤުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެވެ.

ކޮންމެ އެއްޗެއް ކިޔުނަސް އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަށް ލިބޭ އާމުދަނީއަށް ބަލާއިރު ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ބޭސްފަރުވާ އާސަންދައިން ދެވިދާނެ ކަމަށް ގިނަ ދިވެހިންނަށް ޤަބޫލުކުރެވެއެވެ. އާސަންދަ ބަނގުރޫޓުވަނީ ދިވެހިންނަށް ބޭސްކުރާތީއެއްނޫނެވެ. އާސަންދަ ބަނގުރޫޓުވަނީ ބޭރުގެ ކާހިނުންނާއި އަދުއްވުންގެ މަޅީގައި ޖެހިގަތުމުންނެވެ. ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތްނުކުރާ ބައެއް މީހުންނަށް ވެރިކަމުގެ ބާރު ރައްޔަތުންދިނުމުންނެވެ.

މައްސަލައަކާ މެދު ވާހަކައެއް ދައްކައިފި ނަމަ، އެ ކަމުގެ ހައްލު ބަޔާންކޮށްދިނުމަކީ ފާޑުކިޔުމުގެ އެންމެ އަދަބުވެރިގޮތެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމާއި އާސަންދާގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ލިބިދެނިވި ގޮތެއްގައި ފަރުމާކުރުމަށް ރިޢާޔަތް ކޮށްލަންޖޭހޭ ބައެއް މުހިންމު ނުކުތާތައް ފާހަގަކޮށްލާނަމެވެ.

  • ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުހަލާއަކަށް ބައިކުރުމެވެ. އެއީ ޕްރައިމެރީ ކުލިނިކު (އަވަށު ކުލިނިކު) އާއި ސެކަންޑަރީ ހޮސްޕިޓަލް (އަތޮޅު ހޮސްޕިޓަލް) އާއި ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް) އެވެ. އަދި އަވަށު ކުލިނިކުން ރެފަރަލް ލިބިގެން ނޫނީ ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ސަރަހައްދީ ހޮސްޕިޓަލަށް އާސަންދަ ނުލިބޭ ގޮތަށް ހަމަޖެއްސުމެވެ.

ރާއްޖޭގެ ތިން ސަރަހައްދަކަށް ބަހައި އުތުރާއި މެދުރާއްޖެއާއި ދެކުނުގައި ސަރުކާރުގެ ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް)ތައް ހުރުމެވެ. މިއީ ސަރުކާރުން ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން ކުރާ ކަމަކަށްވާތީވެ މިފަދަ ހޮސްޕިޓަލްތަކުގެ ލޮކޭޝަން އިންސާފުން ކަނޑައެޅުން މުހިންމެވެ. މިސާލަކަށް ކޮންމެ ސަރަހައްދެއް ވެސް ހަމަޔަށް ބަހައި މެދަށް ވަނީ ކޮން ރަށެއްތޯ ބަލައި އެ ތަނެއްގައި އެ ހޮސްޕިޓަލެއް އެޅުމެވެ. އެ ގޮތުން ދިމާވާ ރަށަކީ މިވަތު އާބާދީ މަދު ނިކަމެތި ރަށަކަށް ވިޔަސް މިފަދަ މަޝްރޫއެއްގެ ސަބަބުން އެ ސަރަހައްދެއް ތަރައްގީވުން ވެސް އެކަށީގެންވެއެވެ.

  • ދިވެހިރާއްޖޭގައި ޕްރައިމެރީ ހެލްތުކެއާ އާއި ފެމިލީ މެޑިސިންގެ ނިޒާމު އުފައްދައި ބަލިންރައްކާތެރިވެ، ބަލިތައް މެނޭޖުކޮށް، ސިއްހީ ޚިދުމަތް އިސްރާފު ކުޑަގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެގޮތުން އަވަށު ކުލިނިކުތައް އުފެއްދުމެވެ. އާސަންދާގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާންޖެހޭނެ ތަނަކީ އަވަށު ކުލިނިކު ކަމުގައި ހަމަޖެއްސުމެވެ. ސަރުކާރުގެ އަވަށުކުލިނިކެއް ހުރެއްޖެ ނަމަ އެ އަވަށުގައި ތިބޭ ޕުރައިވެޓު ކުލިނިކަކަށް އާސަންދާ ދެވިގެންނުވާނެވެ.

އަޅުގަނޑު ދެކޭގޮތުގައި އަވަށުކުލިނަކަކީ ވަރަށް އެކުޓިވު ވާންޖެހޭނެތަނެކެވެ. މިސާލަކަށް ހަކުރުބަލީގެ މީހަކު ދައްކަން އޮންނަ މުއްދަތުގައި ހާޒިރުނުވެއްޖެ ނަމަ އެ މީހަކާ ގުޅައި އަދި ނާދެވޭނެ ފަދަ އުޒުރެއް ބުނެފި ނަމަ އެ މީހެއްގެ ގެއަށް ގޮސްގެން ވިޔަސް ހަކުރު ޗެކުކޮށް ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށުކުލިނިކުގެ މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުން އޭގެ ބޮޑު ފައިދާއެއް ބަލިމީހާގެ އިތުރުން އާސަންދައަށް ވެސް ލިބޭނެއެވެ. އެހެނީ މިސާލަކަށް ހަކުރުބަލި މޭނޭޖުނުކޮށް ހުއްޓައި މަތިވެއްޖެ ނަމަ ދެން ޖެހޭނީ މަތީ މަރުހަލާގެ ހޮސްޕިޓަލަކަށް ގެންގޮސްގެން އެޑުމިޓުކޮށް/ އައިސީޔޫގައި ބާއްވައިގެން ބޮޑުފަރުވާއަކަށް ދާށެވެ. އެ ހިނދު ފަހަރެއްގައި ބޮޑު އެއްޗެއް އާސަންދައިން ޚަރަދުކުރަން ޖެހިދާނެއެވެ. ހަކުރުގެ މީހަކު އެޑުމިޓުކޮށްގެން ހަކުރު ދަށްކޮށް ނިމޭއިރު ބައެއްފަހަރު އެތަކެއް ހާސް ރުފިޔާ އަރައިދެއެވެ. އެހެންކަމުން ފެމިލީ މެޑިސިން ތައާރަފުކޮށްގެން އަވަށުކުލިނުކުގެ ޚިދުމަތް ދޭންފަށައިފިނަމަ އާސަންދަ ހުސްނުވެ އޮތުމަށް މަގުފަހިވާނެއެވެ.

ހަކުރުބަލީގެ މިސާލެއް ދިން ކަމުގައިވިޔަސް ލޭގެ ބައްޔާއި ކޮލެސްޓުރޯލް މޮނިޓަކޮށް އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށުކުލިނިކުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން މިކަމުގެ މޭސްތެރިންނަކީ ވަރުގަދައަށް ތަމުރީނު ލިބިފައިވާ ދިވެހި ފެމިލީ މެޑިސިން ޑޮކްޓަރުން ކަމުގައިވާންޖެހެއެވެ. މަދުންނަމަވެސް އެ ވާހަކަ ދައްކާތާ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް އެކަމައް އެކަށީގެންވާ ބަދަލެއް ފެނިފައިނެތެވެ. އެއީ ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ސަރުކާރުގައި އެކަމުގެ ތަޖުރިބާއި ގާބިލުކަން ނެތީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ފެންނަނީ ބައެއް ޕުރައިވެޓު ކުލިނިކުތަކުން ހުސްނުވާ އާސަންދަ ހުސްކުރާ މަންޒަރުތަކެވެ. ސަރުކާރުގެ ހޮސްޕިޓަލުން ޚިދުމަތެއް ލިބިލިބި ހުއްޓާ ކައިރީގައި ހުރި ޕުރައިވެޓު ކުލިނިކަށް އެ ޚިދުމަތަށް އާސްދަ ދިނުމުން ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ޝައްކު އުފެދެއެވެ. ނުވަތަ މަކުނުތަކެއް ކޭކެއް އަތުޖެހުމުން ކާލާގޮތަށް ގައުމު ކައިލަނީތޯއެވެ؟

  • މިހާރު ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރާ މޮޑެލް (ނެޝަނަލް ހެލްތު އިންޝުއަރެންސް) އިން ބެވަރިޖު މޮޑަލަށް ބަދަލުކުރުމެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑަލްއަކީ ސަރުކާރާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ މޮޑެލްއެކެވެ. މިހާރު ރާއްޖޭގައި މި އޮތް އާސަންދަ މޮޑެލަކީ ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑެލެކެވެ. އެއީ ވަރަށް ގިނަ ފަހަރަށް ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒު ވަދެދާ މޮޑެލެކެވެ. އާސަންދަ ބަނގުރޫޓުވީ ވެސް އެހެންވެގެންނެވެ. އެއާ ޚިލާފަށް ބެވަރިޖު މޮޑަލަކީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ ހޮސްޕިޓަލުތަކުން ޚިދުމަތް ލިބިދެވޭ މޮޑަލެކެވެ. ޕުރައިވެޓު ހޮސްޕިޓަލަކުން އެ މޮޑަލުގެ ދަށުން ފަރުވާއެއް ލިބޭނީ ދެވަނަ ގޮތެއް ނެތް ހާލަތެއްގައެވެ. ގިނަ ޔޫރަޕުގެ ޤައުމުތަކުގައި ގެންގުޅެނީ ބެވަރިޖު މޮޑެލެވެ. ނަމަވެސް އެ ގައުމެއްގެ ވައްޓަފާޅިއަށް ބަދަލުކޮށް ފަރުމާކޮށްގެންނެވެ. ވީމާ ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑަލަކަށް ހަދައިގެން ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒުން ސަލާމަތްކުރުން ބުއްދިވެރިއެވެ.
  • އާސަންދާގެ ޚަރަދު ކުޑަކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ތަމުރީނުކޮށް، އެހެން ގައުމުތަކަށް މުހުތާދުވެފައިވާ މިންވަރު ކުޑަކުރުމެވެ. ރާއްޖޭގެ އާބާދީއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ނިސްބަތް ވަރަށް މަދެވެ. އެހެންކަމުން އެކަމަށް މަގުފަހިކޮށްދިނުން މުހިންމެވެ. އެގޮތުން ބައެއް ޑޮކްޓަރުން ތަމުރީނު ކުރުމަށް ޓަކައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ތަމުރީނުކޮށް އެ މީހުން ލައްވާ ރާއްޖޭގައި އެ ޤައުމުތަކާ އެއް ފެންވަރަށް މުހިންމު ދާއިރާތަކުގެ ސްޕެޝަލައިޒޭޝަން ތަމްރީނުކުރާން ފެށުމެވެ.

އާސަންދަ ދެމެހެއްޓެނިވި ގޮތުގައި ހުސްނުވެ އޮންނާނެހެން ދިގު މުއްދަތަކައް ރާވައި މަސައްކަތް ކުރުމަކީ ވެރިންގެ ބޮލުގައި އެޅިފައިވާ ބިޔަ މަސްއޫލިއްޔަތެވެ.