Support Us

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ މަޝްރޫއުގެ ޓަރަވުތައް -އަދިވެސް ފޮޓޯ

އެއީ ސަރުކާރުގެ ރުހުން ހޯދުމަށް ލިޔެފައިވާ ހާސަރެއް

ހުޅުމާލޭގެ ފިޔަވަހި 2 ގައި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާ ޙަވާލުކޮށްގެން 2017 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން ބިނާކުރާން ފެއްޓި ހިޔާ މަޝްރޫޢު "ބެލުމަށް" ފަހު، އެކުލަވައިލި "ހިޔާ 7000 ޕްރޮޖެކްޓު ބެލުމަށްފަހު ފާހަގަކުރެވުނު ކަންކަމުގެ ރިޕޯޓް"ގެ ނަމުގައި، އާރކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސްގެ ފަރާތުން އެ ޖަމްޢިއްޔާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓް އަޅުގަނޑު ވެސް ކިޔައިލީ، ރާއްޖޭގެ ބައެއް ނޫސްތަކުގައި، މި ރިޕޯޓާ ބެހޭ ގޮތުން ލިޔެފައި ހުރި ބައެއް ވާހަކަތައް، ސީދާ ރިޕޯޓުން ކިޔައިލާނަމޭ ހިތައެވެ. މި ރިޕޯޓަކީ އިންސްޕެކްޝަން ރިޕޯޓެއް ނޫން ކަމަށް ވެސް އެ ރިޕޯޓްގައި ބަޔާންކޮށްފައި އެބައޮތެވެ.

މި ރިޕޯޓުން އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންކަން ދަންނަވައިލާނަމެވެ.

ޕްރޮޖެކްޓްގެ ތަޢާރަފުގައި، ޓަވަރުތަކުގެ ޢަދަދާއި، ޓަވަރެއްގައި ހުރި ފްލޯގެ އަދަދާއި ފްލޯއެއްގައި ހުރި ޔުނިޓްތަކުގެ އަދަދާއި، ޔުނިޓެއްގެ ބޮޑުމިނުގެ އިތުރަށް، އެއްވެސް އިތުރު މަޢުލޫމާތެއް ހިމަނައިފައެއް ނުވެއެވެ. މި މަޢުލޫމާތަކީ އެންމެން ވެސް ދަންނަ މަޢުލޫމާތެވެ. ދިރިއުޅޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޢަދަދަކީ އެސްޓިމޭޓެކެވެ.

ޕްރޮޖެކްޓުގެ ރޭޝަނޭލް ކިޔައިދީފައި ނެތަސް، ޕްލޭނިން ސުރުޚީގެ ދަށުގައި "ޓަވަރުތައް މިހާ ކައިރީގައި ހުރުމުން" ކަމަށް ބުނެފައިވާއިރު، ޓަވަރުތައް ހުރީ ކިހާ ކައިރީގައި ކަމެއް ބުނެދީފައެއް ނެތެވެ. އޭރިއަލް ފޮޓޯތައް ބަލައިލުމުން، ޓަވަރުތައް ހުރީ "އެހާ ކައިރީގައި" ނޫން ކަމަށް ޤަބޫލުކުރެވެއެވެ. އަދި "ޓަވަރުތައް މިހާ ކައިރީގައި ހުރުމުން" ނޭދެވޭ އިޖްތިމާޢީ، ޞިއްޙީ، އަދި ރައްކާތެރިކަމުގެ މަސްއަލަތައް އުފެދޭނެ ކަމަށް ފެނެޔޭ" އޮތުމުން، މިއީ ޕްރޮފެޝަނަލް ބަޔަކު ލިޔެފަ އޮތް ރިޕޯޓެއް ކަމަކަށް ގަބޫލުކުރާނެ ޖާގައެއް ނެތެވެ. އެހެނީ، އެބުނާ "ނޭދެވޭ އިޖްތިމާޢީ، ޞިއްޙީ، އަދި ރައްކާތެރިކަމުގެ" މަސްއަލަތަކަކީ ކޮބައިކަން ބުނެދީފައެއް ނެތެވެ. އަދި އެހެން ބުނެފައި އެ ވަނީ ރާއްޖޭގެ ކޮން ސަރަޙައްދެއްގައި ހުރި ކޮން ހައުސިންގ ޕްރޮޖެކްޓަކަށް ނިސްބަތްކޮށް ކަމެއް ބުނެދީފައި ނެތުމުން، މިއީ ޚިޔާލީ ދުނިޔެއެއްގައި ފައުޅުކޮށްފައި އޮތް ވާހަކައެއް ކަމަށް ޤަބޫލުކުރާންޖެހެއެވެ. ހަމަ އެހެންމެ، "އެއް ފްލޯރއެއްގައި މިހާ ގިނަ ބަޔަކު ހިނގައިބިގައިވެ އުޅެންޖެހުމުން ދިރި އުޅުމުގެ މާޙައުލު ތަޣައްޔަރުވާނެ ކަމަށް ބެލެވެއެވެ." އޮތުމުން، އެއީ ކޮން ކަހަލަ ތަޣައްޔަރުވުންތަކެއް ކަމެއްވެސް ބުނެދީފައެއް ނެތެވެ. އަދި ފްލޯއެއްގައި ދިރިއުޅޭ އެންމެން އެއްފަހަރާ ނިކުންނަނީހެއްޔެވެ؟ އަދި "ދިރި އުޅޭ މީހުންގެ ދުޅަހެޔޮ ކަމަށް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ފެނެއެވެ" ފަދަ އިބާރާތްތަކަކީ، ފެކްޓް ބޭސްޑް (ޙަގީގަތެއްގެ މައްޗަށް ބިނާކޮށްފައިވާ) ވާހަކަތަކަކަށްވުރެ، ޚިޔާލީ ވާހަކައެއް ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. ކޮންމެއަކަސް، "ޤަބޫލުކުރެވެއެވެ"، "ބެލެވެއެވެ"، "ފެނެއެވެ" މި ފަދަ އިޞްޠިލާޙުތަކަކީ ޕްރޮފެޝަނަލް ރިޕޯޓަކުން ފެންނާންވާނެ އިޞްޠިލާހުތަކެއް ނޫނެވެ. މި ފަދަ ބަސްމަގަކީ ލޭމަނުންގެ ރިޕޯޓަކުން ފެންނާނެ ފަދަ ބަސްބަހެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ޓަރަވުތައް ބިނާކުރުމުގެ މަސައްކަތް ކުރަނީ -އަދިވެސް ފޮޓޯ: އެލިޒީ

"ކުޅިވަރު ކުޅޭ ތަންތަނާއި، ކަސްރަތުކުރާ ތަންތަނާއި، ޕާކް ފަދަ ތަންތަން ޢިމާރާތުގައި ނެތްއިރު، މި ސަރަޙައްދުގައި މިފަދަ ތަންތަން ޕްލޭންކޮށްފައިވާ ނަމަ" އޭ އޮތުމުން، އެކަން ވެސް ކަމާބެހޭ ފަރާތުން އޮޅުންފިލުވައި ސާފުކޮށް ހަދައިފައި ނުވާކަން ޔަޤީން ކުރެވެއެވެ. "އެފަދަ ތަންތަން ނެތް ނަމަ، ދުޅަހެޔޮ ޞިއްޙަތަށް އަސަރުކުރާނެ" ކަމަށް ބުނުމުން، ޕްރޮޖެކްޓްގެ ސްކޯޕުން ބޭރަށް ގޮސް، ޚިޔާލީ ވާހަކަތަކެއް ދައްކައިފައިވާކަން ސާބިތުވެއެވެ. މިބާވަތުގެ ވާހަކަ ދައްކާނަމަ، މިއިން ކޮންމެ ޢިމާރާތެއްގައި ހެލިޕޭޑޭއް ނެތްވާހަކަ ވެސް ދައްކާންވީތާއެވެ. ޓަވަރުތަކުގެ ދޭތެރޭގައިވާ ހުސްޖާގައިގައި ގަސްއިންދާ ވާހަކަ އޮތުމުން، ޓަވަރުތައް ހުރީ ޖެހި ފިތިގެން ނޫންކަން އެނގެއެވެ. އަދި މިއީ ވެސް ޕްރޮޖެކްޓްގެ ސްކޯޕުގައި ހިމެނިފައި އޮތްކަމެއްކަން ނުވަތަ ނޫންކަން ވެސް މި "ރިޕޯޓުގައި" ސާފުކޮށް ބުނެދީފައެއް ނެތެވެ.

ރެއިލިންގެ ވާހަކަ ދައްކައިފައިވާއިރު، ރެއިލިން ހަރުކުރީ މި ސަރުކާރުންނެވެ. ސުވާލަކީ، އެބުނާ "ޕްލޭނިން ޤަވާޢިދަށް ނުފެތޭ ކަމަށް ފެންނަ" ރެއިލިން ހަރުކުރިޔަ ދިނީ ކީއްވެހެއްޔެވެ؟ އޭގެ ޒިންމާ ނަގާންޖެހޭނީ ކޮން ބަޔެއް ހެއްޔެވެ؟ އެ ވާހަކަ ވެސް، ކަނޑައެޅިގެން ނުބުނެ، ކިޔުންތެރިންގެ ޚިޔާލަށް ދޫކޮށްލާފައި ވަނީ ވެސް ރަނގަޅު ނިޔަތެއްގައި ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

ނުވަދިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ބިލްޑިން ކޯޑެއް (އިމާރާތްކުރުމުގައި ޢަމަލުކުރާންޖެހޭ މިންގަނޑެއް) އެކުލަވައިލުމުގެ މަސައްކަތްކުރާން ފެށުނު ކަމަށް ވިއަސް، އެ ކޯޑަށް ޢަމަލުކުރެވެމުންދަނީ ކިހާ ވަރަކަށްތޯ ދާއިރާގައި މަސައްކަތްކުރާ މީހުންކުރެ އައްސަވައިލަބައްލަވާށެވެ. އެއަށް ޢަމަލުކުރެވުނު ނަމަ، ވެލާނާ ބިލްޑިންގައި ވެސް ހުރީހީ އެންމެ ތިރީހަކަށް ސައިކަލް ބެހެއްޓޭނެ ޖާގައެއް ނޫންތާއެވެ. ޢިމާރާތުގެ އަގުބޮޑުވެގެން ވާހަކަ ދައްކާ ބަޔަކު، ޢިމާރާތް ހުންނަންޖެހޭނީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކަމަށް ދަޢުވާކުރުމަކީ، ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ބަޖެޓަކަށް ފައްތައިގެން ކުރާ ކޮންމެ ކަމެއްގައި ކޮމްޕްރޮމައިޒް ކުރަންޖެހޭ ކިތަންމެ ކަމެއް ހުންނާނެކަން، ޤަބޫލުކުރާން ޖެހޭނެއެވެ.

"ޕީކް ގަޑިތަކުގައި ލިފްޓް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ފެނެއެވެ" މިއީ އަނެއްކާވެސް އަނެއް "ފެނުމެއް"ގެ ވާހަކަ އެކެވެ. ޔަޤީނެއް ނޫނެވެ. ސުވާލަކީ، އެބުނާ 1500 މީހުންނާއި 1900 މީހުން ލިފްޓަށް ދާނީ ހަމަ އެއް ގަޑިއެއްގައި، އެކީގައި ހެއްޔެވެ؟ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ލިފްޓަކަށް އެއް ގަޑިއެއްގައި 600 މީހުން ދިމާކުރިއަސް، ލިފްޓަށް އެރޭ މީހުންގެ އަދަދާއި، ލިފްޓްގެ ސްޕީޑަށް ބަލާއިރު، އެއްވެސް މީހަކަށް 12 މިނިޓަށްވުރެ ދިގު މުއްދަތެއްގައި ލިފްޓް ނުލިބިގެން މަޑުކުރާކަށް ނުޖެހޭނެއެވެ. މީގެ އިތުރަށް މި ބައިގައި ހުރި ވާހަކަތަކަކީ، ސްކޯޕުން ބޭރުން، "ކުރި ނަމަ ފުރިހަމަ" ވީސް ފަދަ ވާހަކަތަކެކެވެ. އަލިފާނުގެ ރައްކާތެރިކަމާ ބެހޭގޮތުން ވެސް ހުރީ ރާއްޖޭގައި ކަންހުރި ގޮތުގެ ވަރަށް ޖެނެރަލް އޮބްޒަރވޭޝަން (ޢާއްމުކޮށް އެނގޭ ހޯދުން) ތަކެކެވެ. އެކަމަކާ ޓަވަރުތަކަކާ އެއްވެސް ގުޅުމެއް ނެތެވެ.

ހަމަ އެހެންމެ، "އިމާރާތުގައި ދިރިއުޅޭ މީހުންނާއި ތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ އެއްވެސް ނިޒާމެއް ނެތްކަން ފާހަގަކުރެވެއެވެ." އޮތް އޮތުމަކީވެސް ޢިމާރާތްކުރުމުގެ ސްކޯޕުން ބޭރުން ދައްކާފަ އޮތް ވާހަކައެކެވެ.

ރިޕޯޓުގެ ނިންމުމުގައި ވެސް ހުރީ މި ކަހަލަ ވާހަކަތަކެކެވެ. ފަސްދޮޅަހުގެ އަހަރުތަކުގައި އުސް ޢިމާރާތްތަކުގައި ހެދި ސޯޝަލް ހައުސިންތައް ފެއިލްވެފައިވާ ވާހަކަ ބުނެފައިވާއިރު، އޭގެ އެއްވެސް ރެފަރެންސެއް ދީފައެއް ނެތެވެ. ފަސްދޮޅަހުގައި ހެދީ ކޮން ސޯޝަލް ހައުސިންއެއްތޯ ސުވާލު އުފެދެއެވެ. ހަމަ ގައިމުވެސް 1990ގެ އަހަރުތަކުގައި ރައީސް މައުމޫންގެ ސަރުކާރުން ފެއްޓެވި ސޯޝަލް ހައުސިންއަކީ ޑިމާންޑް ބޮޑު ކާމިޔާބު މަޝްރޫޢެއްކަން އެންމެންނަށް ވެސް އެނގޭނެއެވެ. އަދި މިއީ 1960 ގެ އަހަރުތަކާ އަޅައި ކިޔިދާނެ ޒަމާނެއްތޯއާ މެދު ވެސް ސުވާލު އުފައްދަމެވެ. އަދި 1960 ގެ އަހަރުތަކާ އަޅައި ކިޔާއިރު، މިއަދު ހުރި ވަސީލަތްތައް އޭރު ހުރިތޯ ހިތާހިތާ ސުވާލުކޮށްލާށެވެ.

އަޅުގަނޑު އެންމެ ޙައިރާވި ވާހަކައަކަށް މި ރިޕޯޓުގައި އޮތީ، ނިންމުމުގެ 2 ވަނަ ބުލެޓުގައި އޮތް ވާހަކައެވެ. އާދެ! "މިވަގުތު (މަސައްކަތް) ގޮސްފައިވާ ހިސާބަށް ބަލާއިރު، މި މަޝްރޫޢުގެ ޑެންސިޓީއާއި ޑިޒައިނަށް ބަދަލު ގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަންކަމެއް ކަމާއި، އެހެން ނަމަވެސް، މިހާރު އޮތްގޮތަށް ކުރިއަށް ގެންގޮސްފިނަމަ، ފަހުން ދިމާވެދާނެ ޞިއްޙީ، އިޖްތިމާޢީ، އަދި ރައްކާތެރިކަމުގެ މަސްއަލަތައް މާބޮޑެވެ" އޮތް އޮތުމެވެ. އަޅުގަނޑު ޤަބޫލުކުރަނީ، މިއީ ޕްރޮފެޝަނަލް ޖަޖުމަންޓަކަށްވުރެ ސިޔާސީ ޖަޖުމަންޓެއް ކަމަށެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެހެނީ މި ޖަމްޢިއްޔާއިން، 23 މެއި އިން 02 ޖޫން 2020މ. އަށް ކޮށްފައިވާ ކޮވިޑް 19 ގެ އިމްޕެކްޓް ރިޕޯޓުގެ ނިންމުމުގައި، މެންބަރުންގެ އާމްދަނީ ދަށްވެފައިވާ ވާހަކައިގެ އިތުރަށް، ވާރކްލޯޑް ދަށްވެފައިވާ ވާހަކައާއި، މެންބަރުންނަށް ހަ މަހަށްވުރެ އިތުރު މުއްދަތެއްގައި މަސައްކަތް ހިފަހައްޓައިނުލެވޭނެ ވާހަކައާއި، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނުލިބިގެން މަސައްކަތްތައް ހުއްޓިފައިވާ ވާހަކައާއި، ސަރުކާރުގެ އެއްވެސް އެއީއެއް މެންބަރުންނަށް ލިބިފައި ނުވާ ކަމަށް އޮތުމުން، ވާހަކަ މިދެކެވޭ ރިޕޯޓުން ސަރުކާރަށް ފިނިކަމެއް ލިބޭނެކަމީ އެއްވެސް މީހަކު ޝައްކުކުރާނެ ކަމެއް ނޫންކަން ޔަޤީންނެވެ.

ލިޔުމުގެ އެހެނިހެން ކަންކަމަށް ބަލާއިރު، "ބަލައިލުމުގެ" އިވެލުއޭޝަން މެތޮޑޮލޮޖީ، އަމާޒު އަދި ލިމިޓޭޝަންސް ބަޔާންކޮށްފައި ނެތުމާއި، ޕްރޮޖެކްޓުގެ އޮބްޖެޓިވްސް ކިޔައިދީފައި ނެތްކަމާއި، ޕްރޮޖެކްޓުން ޙާޞިލުކުރާން ބޭނުންވި ސްޕެސިފިކް ލަނޑުދަނޑިތަކާއި ނަތީޖާ ކިޔައިދީފައި ނެތްކަމާއި، ޕްރޮޖެކްޓްގެ ރެލެވަންސް އަދި ޕްރޮޖެކްޓްގެ އިފެކްޓިވްނަސް، ޕްރޮޖެކްޓުން ޙާޞިލުކުރާން ބޭނުންވި ނަތީޖާ ބުނެދެވިފައި ނެތް ކަމާއި، ޕްރޮޖެކްޓުގެ އިމްޕްލިމެންޓޭޝަން މޮޑެލިޓީސް ކިޔައިދެވިފައި ނެތްކަމާއި، "މަސައްކަތް ބަލައިލުމުގެ" ސްކޯޕާއި އޮބްޖެކްޓިވްސް ބުނެދެވިފައި ނެތް ކަމާއި، ޕްރޮޖެކްޓްގެ ޑިޒައިނާ ބެހޭ ގޮތުން ހުރީ ލޭމަނެއްގެ ފެންވަރުގެ ޚިޔާލީ ވާހަކަތަކެއްކަން ފާހަގަކުރެވުނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މިއީ ކަނޑައެޅިގެން އެ ފްލެޓްތަކުގެ މައްޗަށް ރައްޔިތުން ފޫހިކޮށް، މާޔޫސްކުރުވުމަށްވުރެ ވެސް ބޮޑަށް ސަރުކާރުގެ ރުހުން (ނުވަތަ "ބްލެސިން") ހޯދުމަށް ޓަކައި ލިޔެފައިވާ "ހާސަރެއް" ކަމުގައި ދަންނަވާންޖެހެއެވެ.

އެކިއެކި ޕްރޮފެޝެނަލް ޖަމުޢިއްޔާތަކު ނަމުގައި މިފަދަ ސިޔާސީ ލިޔުންތައް ލިޔެ ޢާއްމުކުރުމަކީ އެކި ޕްރޮފެޝަންތަކަށް މީހުން ކުރާ އިތުބާރު ވެއްޔާ މޮޑެވިގެންދާނެ ކަމެއްކަން ކަށަވަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފާރޫގު ވަރަށް ފައްކާ ލިއުމެއް. މިލިއުން މިހާރުގައި އުޅޭ އެމްޑީޕީގެ ތަރުޖަމާނު ޝިފާނާއަށް ފޮނުވޭނޭ ގޮތެއް ބަލަން އެބަޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *