Support Us

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލެވޭނެ ފުރުޞަތު ނޫވިލު ސީޕްލޭން ޓަރމިނަލްގައި ގާއިމްކޮށްފި

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލެވޭނެ ފުރުޞަތު ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނޫވިލު ސީޕްލޭން ޓަރމިނަލްގައި ގާއިމްކޮށްފިއެވެ.

މިގޮތުން ނެޝެނަލް ސެންޓަރ ފޮރ ދި އާރޓސްއިން އިންތިޒާމުކޮށްގެން ސީ ޕްލޭން ޓަރމިނަލްގައި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް މިހާރު ކުރިޔަށްގެންދާ އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ބައްލަވާލައްވައިފައެވެ.

މިއީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫވިލު ސީޕްލޭން ޓަރމިނަލްގައި ކުރިޔަށް ގެންދާ ޙަރަކާތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ސީ ޕެލޭން ޓަރމިނަލްގެ 12 ޕެނަލެއްގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުންތަކުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ 20 ކުރެހުމެއް ހިމެނެއެވެ. ދިވެހި ފަންނުވެރިންގެ ކުރެހުންތައް ސީ ޕްލޭން ޓަރމިނަލްގައި ދައްކާލުމަށްޓަކައި ބެހެއްޓުމުގެ ބޭނުމަކީ އެތަނަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖޭއިން ބޭރުގެ މީހުންނަށް ފަންނާނުންގެ މަސައްކަތްތައް އިޝްތިހާރުކޮށް އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމެވެ. މީގެ އިތުރުން، މިއުޒިކީ ފަންނާނުންނަށްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ ހުނަރުތައް ދެއްކުމުގެ ފުރުސަތުވެސް ވަނީ ފަހިކުރެވިފައެވެ.

މި މަޢުރުޒު ބައްލަވާލެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަންނުވެރިންނާއި ކަމާ ގުޅޭ ޖަމުޢިއްޔާތަކުގެ ބޭފުޅުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައި ފަންނުވެރިންގެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ފަހިކުރެވިގެންދާ ޕްލެޓްފޯމަކީ ފަތުރުވެރިން ރާއްޖެ އަންނަ ޕީކް ސީޒަންގައި ފަންނާނުންނަށް ހުޅުވިފައި ހުންނާނެ ފުރުޞަތެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *