...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޔާމިނާއި ނަޝީދު އެއް އޮޑިއަކަށް އަރުއްވައިގެން ވިއަސް މި (ވައް)ކަން ހުއްޓުވަން ޖެހެއެވެ!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އދ.ގެ ކޮންފަރެންސް، ކޮޕް 27 ގައި ޝްރީލަންކާގެ ވަފްދާ އެކު ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން ނަޝީދަށް ފާޑުވިދާޅުވި ފަރާތްތަކުގެ ތެރޭގައި އެމް.އާރ.އެމްގެ ލީޑަރ މައުމޫން އަބްދުލް ޤައްޔޫމް ހިމެނެއެވެ. ނަޝީދު އެކުރެއްވީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މައުމޫން އެ ހުންނެވީ ޝްރީލަންކާގެ ވަފްދުގެ މެމްބަރެއްގެ ގޮތުން ރައީސް ނަޝީދު އެބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވުރެ ބޮޑު ޣައްދާރު ވުމެއް މިޤައުމަށް ވެވަޑައިގެންނެވެ. އެއީ މިޤައުމު އިންޑިއާ އަށް ވިއްކާލައްވަން ރައީސް ސޯލިހާއި ފޮރިން މިނިސްޓަރ ޝާހިދާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާ މަސައްކަތަށް ބަހެއް ވިދާޅުނުވެ ކޯލިޝަން ސަރުކާރުތެރޭގައި ހުންނެވުމެވެ. 

ރައީސް ސޯލިހާއި ޝާހިދާއި ރިފްއަތާއި މާރިޔާ އަދި ޖެނެރަލް ޝަމާލް ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ މަސްލަހަތަށް ވުރެ އިންޑިއާގެ މަސްލަހަތު އިސްކުރައްވާފައެވެ. ރިފްއަތަކީ ޖީ.އެމް.އާރުން ރާއްޖެއާ ދެކޮޅަށް ކުރި ދައުވާގައި ރާއްޖެއާ ދެކޮޅަށް ޖީ.އެމް.އާރަށް ވަކާލާތު ކޮށްދެއްވި ލޯޔަރެކެވެ. މިހާރު ބަންޑާރަ ނައިބުގެ ވަޒީފާގައި ހުންނަވައިގެން މަސައްކަތް އެކުރައްވަނީ ޝާހިދާ ގުޅިގެން ޗާގޯސްގެ ރަށްތަކާއި ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސް އަށް ދިނުމުގެ މަސައްކަތެވެ. މޮރިޝަސް އަކީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮތް، އަޣުލަބިއްޔަތު ހިންދޫ ޤައުމަކަށް ވުމުން މޮރިޝަސް ކޮޅަށް ރާއްޖޭގެ ސަރުކާރުން މިނިންމާ ނިންމުންތަކަކީ ހަޤީގަތުގައި އިންޑިއާ އަޑީގައި އޮވެެގެން އިންޑިއާގެ މަސްލަހަތު ކުރިއަރުވަން ނިންމުވާ ނިންމުންތަކެކެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުން ހަނިމާދޫ އާއި، އުތުރު ތިލަފަޅާއި، ދެކުނުން ލ.ކައްދޫ އާއި އައްޑޫ ސިޓީގައި އިންޑިއާގެ އަސްކަރީ ސިފައިން ޤާއިމްވެތި ބެވޭ ގޮތަށް ކަންކަން ފަހިކޮށްދިނުމާއި، ރާއްޖޭގެ ކަނޑު އަޑީގެ ޗާޓް ކުރެހުން އިންޑިއާއާ ހަވާލުކުރުމާއި، އައްޑޫގައި އިންޑިއާގެ މިލިޓަރީ އެކަޑަމީއެއް އެޅުން ފަދަ ކަންކަމަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލަށް އިހްތިރާމެއް ނެތި ރައީސް ސޯލިހުގެ ސަރުކާރުގެ އަމިއްލަ ފައިދާ އަށް، ދިވެހި ޤައުމު ޤުރުބާން ކޮށްފައި މިވެރިން ނިންމާ ނިންމުން ތަކެކެވެ. ޗާގޯސް ވެސް ވިއްކާލަނީ އެވެ. ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގެ ބާރުވެސް އިންޑިއާ އަށް ދޫކޮށްލަނީ އެވެ. މިވަރުގެ ގައްދާރުވުމެއް ވަމުންދާ އިރު މިސަރުކާރުގެ ކޯލިޝަންގައި އެމް.އާރ.އެމް އިން ދެމިއޮވެ، ނަޝީދުގެ ކޮޕް27 ދަތުރަށް ފާޑުކިއުމަކީ މުނާފިޤްކަމާއި ދެފުށްކެހެރި ކަމުގެ ލާމަސީލް މިސާލެކެވެ. މައުމޫން އަބްދުލް ޤައްޔޫމް މިހާރު އެ ހުންނެވީ މިޤައުމުގެ ހައްޤުގައި އަނދިރިއަނދިރިނަށް ވެސް ފާޑު ނުކިޔޭހާ ދަށުދަރަޖަ އަށް ވެއްޓިފައި ކަމަށް އަޅުގަނޑު ދެކެމެވެ. 

ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލާގައި ނޮވެމްބަރު ނުވަ ދުވަހު ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މިހާރު ބައިނަލްއަގްވާމީ ކަނޑުތަކުގެ ޓްރައިބިއުނަލްގައި ހިނގަމުންދާ އިމުގެ މައްސަލާގައި ރާއްޖޭން އެއްވެސް ސަރަހައްދެއް ދޫކޮށްލުމަށް އެއްބަސްވެއްޖެ ނަމަ ވެގެންދާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަލާކުކޮށްލުމަށް ދެވޭ ދައުވަތަކަށް ކަމަށެެވެ. އިންޑިއާގެ އެޖެންޓެއް ކަމަށް ޝައްކުވާ ފަދަ ގޮތެއްގައި ދިވެހި ސަރުކާރުތެރޭގައި މަސައްކަތް ކުރައްވާ މިނިސްޓަރ ޝާހިދުގެ އާރުކާޓީ ކަމުގެ ދަށުން ފޯޅަވަހި މޮރިޝަސް އަށް ދޫކޮށްލުމަށް މިސަރުކާރުން މަރުފަލި ޖަހަމުންދާއިރު ވަރަށް ގިނަ ސިޔާސީ ލީޑަރުންނާއި އާއްމުން ދަނީ މިކަމުގައި ވަރަށް ބޮޑަށް ނުރުހި، ސަރުކާރާ ދެކޮޅު ޝުއޫރު ފާޅު ކުރަމުންނެވެ. ސިޔާސީ މި ޕްރެޝަރު ކުޑަ ކުރުމުގެ ގޮތުން ޝާހިދާއި ރިފްއަތު، އަންގާރަ ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ސަރުކާރުގެ ނިންމުން ދިފާއު ކުރައްވަން ކުރެއްވި މަސައްކަތުން އިތުރަށް ވީ ބޭޒާރެވެ. ސަރުކާރުގެ ހަޤީގީ ނިޔަތް ދިވެހީންނަށް ސާފުވެ، މިސަރުކާރުން އިންޑިއާގެ ދިފާއުގައި މަރުފަލިޖަހާ ވަރު ހާމަވުން ނޫން ކަމެއް އެބައްދަލުވުމަކުން ނުފެނުނެވެ.

މިހާރު މިފެންނަނީ ޝާހިދުގެ "ބޯއި"އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިއުވާން މުހައްމަދު، ދިވެހި ސަރުކާރުގެ ތަރުޖަމާނަކަށް ލައިގެން ފޯޅަވައްސާއި ރާއްޖޭގެ ބައެއް ބައިތައް އިންޑިއާ އަށް ދޭން ޝާހިދާއި، ރައީސް ސޯލިހު މަސައްކަތް ކުރައްވާ ތަނެވެ. ޗާގޯސް އިންޑިއާ އަށް ދެނީ 2023ގެ އިންތިހާބު ރައީސް ސޯލިހަށް ހޯދައިދިނުމަށް އިންޑިއާ އިން މަަސައްކަތް ކުރާ ގޮތަށް ކަމަށް ޤަބޫލު ކުރެވެއެވެ. މިއީ ދިވެހީންނާއި ދިވެހި ޤައުމަށް ނުހަނު ނުރައްކާ ހުރި ޑީލެކެވެ. ދިވެހީންގެ ލޯ ކުރިމަތީގައި، ރޯމާ ދުވާލު ޗާގޯސްގެ މިބޮޑު (ވައް)ކަން ކުރިޔަދީގެން ނުވާނެއެވެ. ދިވެހި ރައްޔިތުން މިވަރަށް ކަނުވެ، ސިޔާސީ ގޮތުން މޮޔަވެއްޖެ ނަމަ ހޭއަރާއިރު ޤައުމެއް، ދީނެއް، މިއްލަތެއް ނޯންނާނެ އެވެ. އިންޑިއާ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް (އިޒްރޭލް ނަގާފައި ދެން) މުސްލިމުންނާ އެންމެ ދުޝްމަން ޤައުމެވެ. އެފަދަ ޤައުމެއްގެ ހައްދުފަހަނައަޅާފައިވާ ބީ.ޖޭ.ޕީ ސަރުކާރުގެ އުނގަށް ވެއްޓިގެން މިސަރުކާރުން ކުރަމުން މިދާ މަސައްކަތަކީ ދިވެހި ރައްޔިތުންނާއި ޤައުމުގެ ކުރިމަގުނާމާން ކޮށް، އަނދިރި ވަޅުގަނޑަކަށް ވައްޓާލާނެ ނުބައި ޖަރީމާއެކެވެ.

މިވަރުގެ ކަމެއް ހިނގަމުންދާ އިރު އެއްޗެއް ވިދާޅުނުވެ މައުމޫނު އަބްދުލް ޤައްޔޫމް ހުންނަވާފައި ރައީސް ނަޝީދުގެ ކޮޕް27 ދަތުރަށް ފާޑުވިދާޅުވެ ޤައުމީ ކާޑު ކުޅުއްވުމަކުން ދިވެހިން މިހާރަކު ނޯޅޭނެ އެވެ. މައުމޫނު އެހުންނެވީ ނަޝީދަށް ފާޑުވިދާޅުވެވޭ ވަރަށް ވުރެ މާބޮޑަށް ދިވެހި ޤައުމަށް އިހުމާލުވެ ވަޑައިގެންނެވެ.

އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ވިދާޅުވީ މިސަބަބާ ހުރެ ކަމަށް އަޅުގަނޑު ދެކެމެވެ. ހޭބުއްދި ސަލާމަތުން ހުރި، ދީނާއި ޤައުމުދެކެ ކިރިޔާ ވެސް ލޯތްބެއްވާ ދިވެއްސަކު މިސަރުކާރުން އިންޑިއާއާ ގުޅިގެން މިކުޅޭ ކުޅިގަނޑަށް ތާއީދެއް ނުކުރާނެއެވެ. އަދި އެކުޅިގަނޑަށް ފާޑު ނުކިޔައި މަޑަކުން ވެސް ނޯންނާނެއެވެ. ފޯޅަވަހި މޮރިޝަސްއަށް ލިބިއްޖެނަމަ ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އޮތުމާއެކު އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާ ކުރާނެ "އެހެން" ދިވެހި ސަރުކާރެއް ހޯދަން ޖެހިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާލުވުމަކީ ހަމަ ތެދެކެވެ. މިނޫން ގޮތެއް އެބަ ބޭނުންވެއެވެ. ދިވެހި ރައްޔިތުންގެ ލީޑަރެއްގެ ގޮތުން ނުވަތަ ބައްޕައެއްގެ ގޮތުން ޤައުމާއި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެ، ޤައުމުގެ ހައްޤުތައް ހޯދައިދިނުމަށް މިމައްސަލާގައި ވަކާލާތު ކުރައްވާނެ ބޭފުޅަކީ ރައީސް ސޯލިހެއް ނޫންކަން މިހާރު ވަރަށް ސާފެވެ. އެބޭފުޅަކީ މިނިސްޓަރ ޝާހިދެއް ނުވަތަ ރިފްއަތެއް ވެސް ނޫނެވެ. މިޤައުމު ދިފާއު ކޮށްދެއްވާނެ ދިފާއި ވަޒީރަކީ މާރިޔާއެއް ވެސް ނޫނެވެ. މީ ހުސް އިންޑިއާގެ މަސްލަހަތު ކުރިއަށް ނެރުއްވައި، ކުނި ކުކުޅު ބިހަކާއި ކުނި ފިޔަލަކަށް ޤައުމު ވިއްކައިގެން ތިއްބެވި ޖަމާއަތެކެވެ. ނަޝީދު އެވިދާޅުވާ ފަދަ "އެހެން" ސަރުކާރެއް އައިސްގެން މެނުވީ މިކަމުގައި ދިވެހީންގެ ހައްޤުތައް ހިމާޔަތް ކުރެވޭކަށް ނެތެވެ.

ރައްޔިތުން އޮޅުވާލެއްވުމުގައި ގޮތް ހުސްވެވަޑައިގެން މިނިސްޓަރ ޝާހިދު ވަނީ ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުގެ އިސްތަށިފުޅުގައި ވެސް މިމައްސަލައިގެ ބައެއް އެޅުއްވޭތޯ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ރައްޖޭގެ މީޑިއާ އަކާ ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު ފޯޅަވަހި ހިމެނޭ ޗާގޯސް ސަރަހައްދުގައި ހިނގަނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ގަބޫލުކޮށްފައިނުވާނެ ކަމަށެވެ. 

އިންޑިއާ އަށް ޤައުމު ވިއްކާލަން މިސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރި އެންމެ ބޮޑު ހުރަހަކީ ރައީސް ނަޝީދު ކަަމަށް ވުމުން މިހާރު ކުޅެން ފަށައިފައިވާ ގޭމަކީ މަޖުލީހުގެ ރައީސަކަށް ހުންނަވައިގެން އެހެން ޤައުމެއް ތަމްސީލް ކުރައްވަން ރައީސް ނަޝީދު ކޮޕް27 ސަމިޓަށް ވަޑައިގަތުމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާތަކާ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިގެން މަޖުލީހުގެ މެމްބަރު ކަމުން ނަޝީދު ވަކި ކުރުމުގެ ގޭމެވެ. މިކަމަކީ ސަރުކާރު އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ލަތީފް ވިދާޅުނުވިއަސް އެކަން ވަރަށް ސާފެވެ. ޤައުމުގެ ހައްޤުގައި ވަކާލާތު ކުރާނެ އެހެން ސަރުކާރެއް ބޭނުން ކަމަށް ރައީސް ނަޝީދު ވިދާޅުވީ ހަމަ ތެދުފުޅެކެވެ. ނަޝީދުގެ އެވާހަކަ މިސަރުކާރަަކަށް ވެސް އަދި އިންޑިއާ އަކަށް ވެސް ހަޖަމެއް ނުވާނެއެވެ. ގައްދާރުންނަށް އޮތީ އެންމެ ހައްލެކެވެ. ރައީސް ޔާމީން ޖަލަށް ލައި، ރައީސް ނަޝީދު މަޖުލީހުގެ ރައީސް ކަމުން ވަކިކޮށް ބާކީކޮށްލުމެވެ. މިހާރު ހިންގަނީ އެ އެޖެންޑާ އެވެ. ދިވެހި ރައްޔިތުން ހޭލާ ތިބޭށެވެ. ޤައުމު ވަަގަށް ގެންގޮސް ނިމުނަ ނުދޭށެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދު އެއް އޮޑިއަކަށް އަރުއްވައިގެން ވިއަސް މި (ވައް)ކަން ހުއްޓުވަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

2 Responses

  1. ނަޝީދު ބައިވެރިކޮށްގެން ކުރެވޭ އެއްވެސްކަމެއްގައި މި ގައުމަށް ވާނެ ފައިދާއެއް ލާބައެއް މަންފާ އެއް ނޯންނާނެ. އެހެނީ މިގައުމަށް އިންޑިއާ ސިފައިން އެރުވުމުގެ އެންމެ އަޑީގައި ހުރީ އެކަލޭގެ ކަމަށްވުން.

    1. ވަރަށް ވެސް ތެދު ވާހަކައެއް ތިޔަ ބުނީ. މުހައްމަދު ނަޝީދު ފަދަ، ގައުމަށް ޚިޔާނަތްތެރިވި މީހެއް އިހުގައި ވެސް އަދި ފަހުގައި ވެސް، އަދި ދިވެހިންގެ ތެރެއިން ފެނިފައެއް ނެތް. އެހެންވެ، އެފަދަ ޣައްދާރު ޚިޔާނަތްތެރިއެއްގެ ކިބައިން ގައުމަށް އެއްވެސް ހެވެއް ލިބިދާނެ ކަމަށް ހީކުރުމަކީ ވެސް ބޮޑު ގޯސް ހީކުރުމެއް. މާތްﷲ އޭނާގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވައި، އެންމެނަށް ވެސް އޭނަގެ ހަގީގަތް އިތުރަށް ދައްކުވައި، އޭނާއަށް ހައްގު ޖަޒާ ދެއްވާށި!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *