...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މަރްޙަބާ ރައީސް ޔާމީން ބްރިޖް، ފުދިއްޖެއެވެ. ފުދިއްޖެއެވެ!

ހިތަދޫ-ހުޅުމީދޫ ބްރިޖް ހަޤީގަތަކަށް ވަނީ އެވެ! އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމިން އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތިން ދުވަސް ނިމުނު އިރުވެސް އައްޑޫ ރައްޔިތުންނަށް މާބޮޑު ވައުދެއްވެ ވަޑައިނުގަންނަވާތީ ހިތްހަމަނުޖެހިފައި ތިބި އައްޑޫ ރައްޔިތުންނަށް އިއްޔެ އިވުނީ އުފާވެރި ހަބަރެކެވެ. ޔާމީންގެ އައްޑޫ ދަތުރުގެ ތެރެއިން އިއްޔެ ހުޅުމީދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި އައްޑޫ ހިތަދޫން ހުޅުމީދޫ އަށް ބްރިޖަކުން ގުޅައިލެއްވުމަށް ވައުދުވެވަޑައިގަތުމަކީ އައްޑޫ ސިޓީގެ ގިނަ ބައެއްގެ ތާއީދު ރައީސް ޔާމީނަށް ލިިބުމުގެ ސަބަބަކަށް ވެދާނެއެވެ. ފުދިއްޖެ އެވެ! ފުދިއްޖެ އެވެ!

ކުރިއަށް އޮތް 2023ގެ ރިއާސީ އިންތިހާބު ޔާމީނަށް ކާމިޔާބިވެވަޑައިގެންފިނަމަ އައްޑޫގެ ހުރިހާ ރަށެއް އެއްފަސް ކުރެއްވުމުގެ ގޮތުން ހިތަދޫއިން ހުޅުމީދޫ އަށް ބްރިޖެއް އެޅުއްވުމަށް ޔާމީން ވެވަޑައިގަތް ވައުދަކީ އައްޑޫ ރައްޔިތުންގެ ތަރައްޤީގެ އެންމެ ބޮޑު އުއްމީދީ އެއް ކަމެވެ. މި ހިސާބުން ހަނދާންވަނީ އަޅުގަނޑު މީގެ ހަތަރު އަހަރު ކުރިން، ސެޕްޓެމްބަރ 2018 ގައި ދިވެހި އޮންލައިން ނޫހެއްގައި ލިއުނު ލިއުމެއްގެ މަތީންނެވެ.

އެއީ އައްޑޫ އެއްފަސްކުރުމުގެ މި ބްރިޖާ މެދު އަޅުގަނޑު ދުށް ހުވަފެނެކެވެ. އަޅުގަނޑު އުއްމީދު ކުރީ ރައީސް ސޯލިހުގެ ރިއާސީ ދައުރުގެ ތެރޭގައި އައްޑޫ ރައްޔިތުންނަށް އެފަދަ ބްރިޖެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އެހުވަފެން ބިލާހަކަށްވެ ނިމިއްޖެ އެވެ. އަނެއްކާވެސް އެހެން ހުވަފެނެކެވެ. އެހުވަފެނަށް ޖެހިލަމާ ހިންގަވާށެވެ!

ހުވަފެނުން ފެންނަ އަހަރަކީ 2026 ވަނަ އަހަރެވެ. އެ އަހަރުގެ އޮގަސްޓް މަހުގެ 28 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަތްޕުޅުގައި އޮތް ސްމާރޓް ޓެބްލެޓެއްގެ ފިތަކަށް ފިތާލެއްވުމާ އެކު އައްޑޫސިޓީގެ "ރައީސް ޔާމީން ބްރިޖް" ހުޅުވިގެން ދިޔައީ އެވެ. މި ބްރިޖަކީ ކަނޑިހެރައިގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އަޅާފައިވާ ބުރިޖެކެވެ. ބްރިޖްގެ އަނެއްބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާފައިވާ ހައިވޭ އެކެވެ. ކަނޑިހެރައިގެ ދެފަރާތުން އޮތް ކަނޑުއޮޅި ހިއްކައިގެން އަޅާފައިވާ ބްރިޖްގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ކިލޯ މީޓަރެވެ. އެއީ ސިނަމާލެ ބްރިޖަށް ވުރެ ކުރު ބްރިޖެކެވެ.

އަސުރުމާ ކުލައިގެ ވިލާތަކުގެ ކުލަ ހަވީރުގެ އެވަގުތު އުޑުމަތިން ފޭދެމުން ދިޔައެވެ. ބްރިޖުގެ ދެފަރާތުން ފެހި ކުލައިގެ ގަސްތައް ފޯދިގެން އަރާފައި ހުއްޓެވެ. ބްރިޖް މަތީގައި ތިބި ރައްޔިތުންނަށް އައްޑު އަތޮޅު ހިތަދޫ ފަރުމަތިން އޮމާން ރާޅުތައް އައިސް ބްރިޖް ކައިރިއަށް ބީއްސާލާ މަންޒަރު ފެނެއެވެ. ރައީސް ޔާމީންގެ ފަސްއަހަރުގެ ރިއާސީ ދައުރުގެ ތިންވަނަ އަހަރު ނިމިގެންދާ އިރު އައްޑޫ ސިޓީ ވަނީ މުޅި ރާއްޖޭގެ "ބަގީޗާ ސިޓީ"ގެ ގޮތުގައި ތަރައްގީ ކުރެވިފައެވެ.

މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރ ބަނދަރު ހަދައި، ހިއްކި ބިމުގައި ރިސޯޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީތައް ވަނީ އަޅައި ނިންމާފައެވެ. އައްޑޫގެ ރަށްތަކުގެ މަގުތައް ވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައި ނިންމާފަ އެވެ. އަތޮޅުގެ ރަށްރަށުގެ ފުއްޓަރު ފަރާތުން މަގު ހަދައި، އެމަގުތަކުން ދަތުރު ކުރާއިރު މޫދު ފެންނަ ގޮތަށް ތަރައްގީކޮށް، އެމަގުތަކުގައި ހިތްފަސޭހަ މައިޒާން ތަކެއް ވަނީ ހަދައިފައެވެ.

ސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫގައި އިސްލާމިކް ލައިބްރަރީ އަކާ އެކު ބޮޑު ސިންގާ އިސްލާމީ މަރުކަޒެއް ވަނީ ހަދައި ހުޅުވާފައެވެ. އަތޮޅުގެ ޒުވާނުން މަސްތުވާ ހިކި ތަކެެއްޗާއި ދިޔާ ތަކެތިން ސަލާމަތްކޮށް ދިނުމަށް ޓަކައި ޒަމާނީ ފެންވަރުގެ ރީހެބިލިޓޭޝަން ސެންޓަރެއްވަނީ އައްޑޫސިޓީގައި ހުޅުވާފައެވެ. އެއް އިމާރާތަކުން، ފަސޭހަކަމާ އެކު އައަޑޫގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަބުރީގެ އުސް އޮފީސް އިމާރާތެއް ވަނީ އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް ބިމުގައި ހަދައި ނިންމާފައެވެ. އަދި ޕޮލިސް ކޮލެޖްގެ ގޮތުުގައި އިންޑިއާ އިން އައްޑޫގައި ހަދާފައިވާ ތަނުގެ ފުރިހަމަ މިލްކުވެރިކަން އިންޑިއާ އަތުން ނަގައި އެތަނަކީ ދިވެހި ދައުލަތުގެ ތަނަކަށް ވަނީ ހަދައިފަ އެވެ. އަދި އިންޑިއާގެ ސިޔާސީ އަދި އަސްކަރީ ނުފޫޒުން އައްޑޫ އާއި މުޅި ރާއްޖެ ވަނީ ސަލާމަތް ކޮށް ފުރިހަމަ މިނިވަން ޤައުމަކަށް ދިވެހި ރާއްޖެ ވަނީ ހަދާފައެވެ.

"ރައީސް ޔާމީން ބްރިޖް" ހުޅުވައިދެއްވުމަށް ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަތީ އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓެއްގަ އެވެ. އެބޯޓް ޖެއްސި ގަން އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ހަޤީގަތުގައި ވެސް ބައިނަލްއަޤްވާމީ އެއާރޕޯރޓެއް ގޮތަށް ތަރައްޤީ ކުރެވިފައެވެ. އެ އެއާޕޯޓްގައި ޒަމާނީ ފެންވަރުގެ ސީޕްލޭން ބޭސް އަކާއި، އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި، އެއާޕޯޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހުއްޓެވެ. ގަން އެއާރޕޯރޓަށް ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު މަދުވެގެން ފަސް ޝެޑިއުލް ފްލައިޓް ޖައްސައެވެ.

ހިތަދޫ އިން މީދޫ އަށް އަޅާފައިވާ ބްރިޖް ހުޅުވައިދެއްވުމުގެ އުފާވެރި ރަސްމިއްޔާތަށް ފަހު ރައީސް ޔާމީން މިރޭ މަޑުކޮށްލެއްވުމަށް ހަމަޖެހިފައިވަނީ ގަމުގައި ހަދާފައިވާ ތަފާތު ތިން ފެންވަރުގެ ތިން ހޮޓަލުގެ ތެރެއިން ފައިވް ސްޓާރ ފެންވަރަށް ހަދާފައިވާ ބޮޑު ހޮޓެލްގައެވެ. މާދަމާ (އަނގާރަ ދުވަހު) ހަމަޖެހިފައިވާ ގޮތުން އެމަނިކުފާނު ހުޅުވައިދެއްވާނީ ގަމުގައި ހަދާ ނިމިފައިވާ (ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ) ކްރޫސް ޝިޕް ޓަރމިނަލް އާއި ޔޮޓް މެރިނާ އެވެ. އެ ރަސްމިއްޔާތަށްފަހު ބިލެތް މީރުކޮށްލެއްވުމެއް ހަމަޖެހިފައި ވަނީ ގަމުގެ ދޫގަސްގައި ހަދައިގެން މިހާރު ހިންގަމުންދާ ތިންތަރީގެ "މެރިނާ ހޮޓެލް" ގައެވެ.

އެއަށްފަހު މީގެ އެއްއަހަރު ދުވަސް ކުރީން ގަމުގައި ހުޅުވުނު އެއަރކްރާފްޓް އިންޖިނއަރިންގް ކޮލެޖް އާއި ޕައިލެޓް ޓްރެއިނިންގް ސެންޓަރުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސް އަބްދުﷲ ޔާމީން ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މި ތަގްރީރްގައި، އައްޑޫސިޓީގައި އިންވެސްޓްމެންޓް މިހާރަށް ވުރެވެސް އިތުރު ކުރުމުގެ ގޮތުން އިތުރު ޓެކްސް ބްރޭކްތަކެއް އިއުލާން ކުރައްވާނެ ކަމަށް ރައީސްގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ. މިއީ އައްޑޫ ސިޓީގައި މީގެ ދެއަހަރު ކުރީން، 2024 ގައި ހުޅުވުނު ބައިނަލްއަޤްވާމީ ޓަރާންސްޝިޕްމެންޓް ބަނަދަރުގެ ވިޔަފާރިވެސް އިތުރުކޮށް އައްޑޫސިޓީ އާއި މުޅި ޤައުމުގެ އިގްތިސޯދް އިތުރު ހަރުފަތެއް މައްޗަށް ގެންދިއުމުގެ ގޮތުން އިއުލާން ކުރެވޭ ޓެކްސްބްރޭކެއްކަމުގައި ރައީސްގެ ތަރުޖަމާން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ޒައާމަތުގައި އައްޑޫ ސިޓީ އަށް ތަރައްޤީގެ ގިނަގުނަ ކަންތައް ތަކެއް ވަނީ ކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފުރިހަމަ ފަސް ހޮސްޕިޓަލަގް ތެރޭގައި ހިމެނޭ ބައިނަލްއަޤްވާމީ ފެނަވަރުގެ ހޮސްޕިޓަލަކަށް ހެއްދެވުން ހިމެނެއެވެ. މިއީ އެމް.އާރ.އައި އަދި ސީ.ޓީ.ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދްމަތްތަކާ އެކު ހުޅުވާފައިވާ ފުރިހަމަ ޓާރޝަރީ ހޮސްޕިޓަލެކެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި ޕެރަމެޑިކްސް އާއި އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ލިބެން އެބަހުއްޓެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ބަލިބައްޔަށް ފަރުވާ ހޯދުމަށް އެތަނަށް އައުމުގެ ސަބަބުން އައްޑޫ މިހާރު ވަފައިވަނީ މެޑިކަލް ޓޫރިޒަމްގެ ރާއްޖޭގެ ހަބަކަށެވެ. ހަމަ އެފަދައިން ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް. އާރ.އެޗް) މިހާރު ވަނީ ޕްރައިވެޓައިޒް ކޮށް "އޭ.ޑީ.ކޭ އައްޑޫ ސިޓީ ހޮސްޕިޓަލް"ގެ ގޮތުގައި ހުޅުވާފައެވެ.

ހަމަ އެފަދައިން 2024 ގައި ރައީސް ޔާމީން ހުޅުވައިދެއްވި "ފޭދޫ މުފީދް ސްޕޯރޓްސް އެރީނާ" އަކީ ވެސް އައްޑޫސީޓީ އަށް ރައީސް ޔާމީންގެ ޒައާމަތުގައި ކޮށްދެއްވާފައިވާ ގިނަގުނަ ކަންތައްތަކުގެ ތެރެއިން މުހިއްމު ކަމެކެވެ. ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑު ހިމެނޭ ގޮތަށް ބިނާކޮށްފައިވާ "ފޭދޫ މުފީދް ސްޕޯރޓްސް އެރީނާ"ގެ ބައެއްގެ ގޮތުގައި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިންގ ޕޫލް ކޮމްޕްލެކްސް" އެއް ވެސް ހަދާފައިވެއެވެ. ދިވެހި އަދި ބޭރުގެ ފުޓްބޯޅަ ޓީމުތަކަށް ޓްރެއިނިންގ ކޭމްޕް ހިންގޭނެ ފަދަ ވަސީލަތް ތައް ގާއިމް ވެފައިވާ ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް ވެސް މި ސްޕޯރޓްސް އެރީނާގެ ވަކި ބައެއްގެ ގޮތުގައި ހިމެނެއެވެ. އަދި ޒުވާނުން ރޭސް ޖަހާނެ ފުރިހަމަ ރޭސިންގް ޓްރެކެއް ވެސް މިތަނުގައި ވެއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއްގެ އިތުރުން ކަލްޗަރަލް ވިލެޖަކާއި ދާރުލް އާސާރެއް، އަދި ފޮޓޯގަރަފީ އާއި އާޓްގެ ފަންނުވެރިކަން ދައްކައިދޭނެ އާރޓް ގެލެރީ އަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ޝޮޕިންގ މޯލް އެއް ވެސް އައްޑޫގައި ހުޅުވާފައި ވެއެވެ.

"ރައީސް ޔާމީން ބްރިޖް" ހުޅުވައިދެއްވުމަށް ފަހު، އަދި އޭގެ ފަހުން ބުދަ ދުވަހު ހަމަޖެހިފައިވާ ރަސްމީ އެހެން ކަންތައް ތަކަށް ފަހު ރައީސް އާއި އާއިލާ ބުރާސްފަތި ދުވަސް ހޭދަ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ނުރަސްމީ ޗުއްޓީ ދުވަހެއްގެ ގޮތުގައި އައްޑޫގެ "ދިވެހި ރިސޯރޓް"ގަ އެވެ. އެއީ ދިވެހީންނާއި ބިދޭސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓި ހޭދަ ކުރެވޭ ގޮތަށް އައްޑޫސިޓި ގައި ދެތަރީގެ ފެންވަރަށް ހަދާފައިވާ 50 ކޮޓަރީގެ "ދިވެހި ހަލާލް ރިސޯޓް" އެކެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް އަދި ވޯޓަރ ސްޕޯޓްސް އާއި ޑައިވިންގް ސެނެޓަރެއްވެސް ހުރެއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި އައްޑޫ ސިޓީގައި އިތުރު 10،000 ޓޫރިސްޓް އެނދު ނުވަތަ 5،000 ޓޫރިސްޓް ކޮޓަރި ވަނީ ތަރައްގީ ކުރެވިފައެވެ. އޭގެ ތެރޭގައި "ހަންކެޑެ" ސަރަހައްދުގައި ހަދާފައިވާ 200 ކޮޓަރީގެ ރިސޯރޓާއި، ހެރެތެރޭގެ ދެކުނުން އެރަށާ އެއްފަޅެއްގައި އޮތް "މުލިކެޑެ" ގައި ހަދާފައިވާ 300 ކޮޓަރީގެ ރިސޯރޓް ހިމެނެއެވެ. ރިސޯރޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަން ތަރައްޤީ ކޮށް އައްޑޫސިޓީ އަށް 5،000 ޓޫރިސްޓް ކޮޓަރި އިތުރު ކޮށްފައި ވަނީ ގެސްޓް ހައުސް އާއި ރިސޯރޓް އަދި މެރިނާ ހޮޓެލް ހިމެނޭ ގޮތަށެވެ. މި ބައިތައް ތަރައްޤީ ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ބިން ހިއްކައިގެން ނެވެ. ހަތަރު ހާސް ކޮޓަރި އިތުރު ކުރުމުގެ ގޮތުން އައްޑޫސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި "ޓޫރިޒަމް ޒޯން" ތަކެއް ކަނޑައަޅައި، އެޒޯން ތަކުގައި ވެލިއަޅައިގެން ބީޗް ހަދައި، ހޮޓެލް، ގެސްޓް ހައުސް، މެރިނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކޮށްފައިވަނީ ގަމުގެ ވައިގެ ބަނދަރާއި ގަމުގައިވާ ސީޕްލޭން ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ވާނެ ފަދަ ގޮތަކަށެވެ.

ހޯމަ ދުވަހުގެ ހަވީރު ވަގުތުގައި ހުޅުވައިދެއްވި "ރައީސް ޔާމީން ބްރިޖް" އާއެކު މުޅި އައްޑޫ ސިޓީ ވަނީ އެއްފަސްވެ ތަރައްޤީގެ މުޅިން އައު މަރުހަލާ އަކަށް ދަތުރުފަށާފަ އެވެ. އެއާ އެކު ރައީސް ޔާމިން އާއި ނައިބު ރައީސް ޑރ.ވަހީދު ވަނީ އިތުރު ފަސް އަހަރުގެ ރިއާސީ ދައުރަކަށް ކުރިމަތި ލެއްވުމަށް، ވިޝަން 2033 ވެސް މިހަފްލާ ތެރޭ އިއުލާން ކުރައްވާ ފައެވެ. އައްޑޫސިޓީ އަށް ވެސް އަދި މުޅި ދިވެހިރާއްޖެ އަށް ވެސް މިވަނީ ތަރައްޤީގެ މުޅިން އައު ގުލްޝަނެއް ފަރިވެ ފޮޅިފައެވެ. މިތަރައްޤީގެ ގުލްޝަނުގެ އިތުރު ފަސް އަހަރުގެ ފެށުން، ނުވަތަ ވިޝަން 2033 އިއުލާން ކުރައްވަން އެންމެ އައުލާކަން ބޮޑުވެގެންވާ ތަނަކީ ދިވެހިރާއްޖޭގެ "ބަގީޗާ ސިޓީ"ގެ ރައީސް-ޔާމީން ބްރިޖެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.