...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސް ޔާމީންގެ އައްޑޫ ދަތުރުފުޅު- ތިވަރަކުން އަދި ނުފުދޭ!

މި ނޮވެމްބަރު މަހު ހައެއް ވީ އާދީއްތަ ދުވަހު އައްޑޫ ސިޓީއަށް ރައީސް ޔާމީން ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ދުވަހު ފެނުނީ ވަރަށް ތަރުހީބާ އެކު ގަމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވި ތަނެވެ. އުއްމީދީ ފެށުމަކާއެކު ޔާމީން ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރު އެމް.ޑީ.ޕީގެ މައިބަދައެއްގެ ގޮތުގައި އޮތް އައްޑު އަތޮޅު އެމް.ޑީ.ޕީ އަތުން ބީވެގެން ހިނގައްޖެ ކަމަށެވެ! މިއީ ހަޤީގީ ވާހަކައެއްތޯ ބެލުމުގެ ކުރީން ރައީސް ޔާމީނުގެ ދަތުރުފުޅަށް އެހެން ނަޒަރަކުން ބަލައިލަމާ ހިންގަވާށެވެ.

ދަތުރުގެ ފުރަތަމަ ދުވަހު އައްޑު އަތޮޅު ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަލުން ވެރިކަން ލިބިވަޑައިގެންފި ނަމަ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އައްޑޫގައި މުޅިން އާ ފަސް ހާސް ވަޒީފާ އުފައްދަވާނެ ކަމަށެވެ. ހޯމަ ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވައުދުވެ ވަޑައިގަތީީ އައްޑޫގެ "ޒުވާނުން"ނަށް ކާރާއި ސައިކަލުން ރޭސް ޖަހާނެ ރޭސިންގ ޓްރެކެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. ގަން އެއާޕޯޓުން ރައީސް ޔާމީނަށް މަރުހަބާ ދަންްނަވަން ވަރަށް ގިނަ އަދަދެއްގެ އައްޑޫ މީހުން ދިއުމުން އުއްމީދާ އެކު ފެށުނު ދަތުރުގައި ހިތަދޫ ޖަލްސާއިން ފެނުނީ ވަރަށް މަދު ބަޔަކު ގޮސް ތިބި ތަނެވެ. އެޑްވާންސް ޓީމުގެ ގޮތުގައި ޕީ.ޕީ.އެމްގެ އެތައް ގިނަ ބޮޑުންތަކެއް މާލެއިން އައްޑު އަށް ވަޑައިގެން އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށުގައި ބާއްވާ ޖަލްސާ މިއަށް ވުރެ އާރުލާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޖަލްސާގައި ރައީސް ޔާމީން އަރިހުގައި ތިބިތަން ފެނުނީ އައްޑޫ ހިތަދޫގެ ޒުވާނުންކޮޅެކެވެ. އާރުލާ ބަޔަކު ނެތެވެ. ނުވަތަ އެފަދަ ބަޔަކު ތިބިނަމަ ތިބީ ވަރަށް މަދުންނެވެ. ސިޔާސީ ކޮންމެ ވެރިއަކުވެސް ވަރަށް ފޭކު ގޮތަކަށް މި ވިދާޅުވަނީ ޤައުމު ހިންގަނީ ޒުވާނުން ކަމަށެވެ. އެއީ ބޮޑު ދޮގެކެވެ. މިޤައުމު ހިންގަނީ ވެސް އަދި މަސައްކަތުގެ ސިނާއަތުގައި އުޅެނީ ވެސް ގިނައިން މެދު އުމުރުގެ މީހުންނާއި ދުވަސްވީ މީހުންނެވެ. މި ޤައުމުގެ ޒުވާނުން ތިބީ މަޝްހޫރު "ޒައީމް"ގެ ރަން ތިރީސް އަހަރުގައި ވާވައްދާ ޑްރަަގަށް ދެވިހިފުވާފައެވެ. ދީން އޮތީ "ހަރުކަށި ފިކުރުގެ" ނަމުގައި ބަލިކަށި ކޮށްފައެވެ. ޒުވާނުންނަށް އަޅަންވީ ރޭސިންގް ޓްރެކާއި ޓާފް ދަނޑާއި ވޯލްޑް ކަޕް ބަލާނެ މާލަންތަކެއް ނޫނެވެ. ފުރަތަމަ ދިވެހި ޒުވާނުންގެ ހަށިތަކާއި ވިސްނުން ޖެހެނީ ޖުނުބުން ހިނުވައި ހަމަމަގަށް އަޅުވާށެވެ.

ރައީސް ޔާމީންގެ ދަތުރުފުޅަށް ތިން ދުވަސް ވީއިރު މި އަޑު އިވުނީ ވައިގެތެރެއިން މުޅިން އަލަށް ފަސް ހާސް ވަޒީފާ އުފައްދަވާނެ ވާހަކަ އާއި ޒުވާނުން ރޭސް ޖަހާނެ ޓްރެކެއް އަޅުއްވައި ދެއްވާނެ ވާހަކައެވެ. އައްޑޫ މީހުން އެމް.ޑީ.ޕީ ދެކެ ނުވަތަ މި ސަރުކާރު ދެކެ ނުރުހިގެން އެމް.ޑީ.ޕީ އަތުން ބީވެގެން މިދިޔައީ ރޭސިންގ ޓްރެކެއް ނެތިގެންތޯއެވެ؟ ކޮންމެ ސިޔާސީ ބޭފުޅަކު ވެސް މިތެއް ހާސް ވަޒީފާ އުފައްދަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ދެތިން އަހަރު ފަހުން މިތެއް ހާސް ވަޒީފާ އުފައްދަވައިފި ކަމަށް ވިދާޅުވެއެވެ. އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ބެލޭނެ ގޮތެއް ރައްޔިތުންނަކަށް ނޯވެއެވެ. އިތުރު ވަޒީފާ އުފެއްދުން ކިތައްމެހާވެސް މުހިއްމެވެ. ރޭސިންގ ޓްރެކް ވެސް ހަމަ އަޅަންވީ އެވެ. ނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުން ފެންބޮވައިގެންފައި ތިބީ މިކަހަލަ ހޮޅި ވާހަކަ ނުވަތަ ހޮޅި ވައުދުތަކުގެ އަޑު އަހާކަށް ނޫނެވެ!

ރައީސް ޔާމީން އާއި ޕީ.ޕީ.އެމްގެ ލީޑަރުން ދައްކަވަންވީ އައްޑޫގައި ނުހުޅުވި ހަތަރު އަހަރު ވެފައިވާ ޝަންގްރިއްލާ ރިސޯޓް ހުޅުވާނެ ގޮތުގެ ވާހަކަ އެވެ. ހެރެތެރެ ރިސޯޓުގެ މެނޭޖްމެންޓް ޒިއްމާދާރު ކުރުވައި އެ ރިސޯރޓް ރަނގަޅަށް ހިންގުވާނެ ގޮތުގެ ވާހަކަ އެވެ. އެމް.ޑީ.ޕީގެ ސަރުކާރުން ދޮގު ވައުދުވި 8،000 ޓޫރިސްޓް އެނދު އައްޑޫގައި އަޅާނެ ގޮތުގެ ވާހަކަ އެވެ. އައްޑު ޒުވާނުން ޑްރަގާއި ގޭންގް ހަނގުރާމައިން ސަލާމަތްކުރާނެ ގޮތުގެ ވާހަކަ އެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހަމަކޮށް އެތަނުގެ ވަސީލަތްތަކާ އެއްފެންވަރަށް ޑޮކްޓަރުން ހަމަކުރާނެ ގޮތުގެ ވާހަކަ އެވެ. އަދި އައްޑޫ ގަން "އިންޓަނޭޝަނަލް" އެއާޕޯރޓަށް ޝެޑިއުލް ފްލައިޓް އިތުރު ކުރާނެ ގޮތުގެ ވާހަކަ އާއި އެއާޕޯޓް ތަަރައްޤީ ކުރާނެ ގޮތުގެ ވާހަކަ އެވެ. އަދި އައްޑޫގެ ޕރޓް (ބަނދަރު) ބައިނަލްއަޤްވާމީ ފެންވަރަށް ތަަރައްޤީ ކުރާނެ ގޮތުގެ ވާހަކަ އެވެ. އަދި ޔޮޓްމެރިނާ އަކާއެކު ސިޓީ ހޮޓަލެއް އައްޑޫގައި ހަދާނެ ވާހަކަ އާއި، ހިތަދޫން ހުޅުމީދޫ އަށް ބްރިޖެއް އަޅާނެ ކަމުގެ ވާހަކައާއި އިންޑިއާގެ ނުފޫޒުން އައްޑޫސިޓީ ސަލާމަތް ކުރާނެ ގޮތުގެ ވާހަކަ އެވެ.

މިފަދަ މުހިއްމު ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި ރައީސް ޔާމީނާއި އަބްދުއްރަހީމް (އަދުރޭ) ވެސް ފެނުނީ ރައީސް ސޯލިހަށާއި އެމް.ޑީ.ޕީ އަށް ހުތުރު އެއްޗެތި ވިދާޅުވުމުގައި ޖަލްސާގެ ވަގުތު ހޭދަކުރެއްވި ތަނެވެ. މި ސަރުކާރުގެ ގޯސް ކަމާއި ކޮރަޕްޓް ކަމާއި،ނުބައިކަން ނޭނގިގެން އައްޑޫ މީހުންނެއް ނޫޅެއެވެ. އައްޑޫ މީހުން މި ސަރުކާރު އަތުން "ބީވެގެން" ދިޔައީ އެ ކަންތައްތައް އެނގޭތީ އެވެ. އިދިކޮޅު ލީޑަރުން އައްޑު އަށް އަދި ރާއްޖޭގެ އެހެން ސަރަހައްދު ތަކަށް ވެސް ވަޑައިގެން އެމް.ޑީ.ޕީ އަށާއި ނާޤާބިލް ރައީސް ސޯލިހަށް ބަސް ވިދާޅުވުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ އާއި ވައުދުތަކުގެ ވާހަކަ ދެއްކެވުން މާމުހިއްމެވެ. ސަރުކާރަށް "ބަވައިގެން" ރައްޔިތުންގެ ތާއީދާއި ވޯޓު ލިބުނު ދުވަސް މާޒީވެއްޖެ އެވެ. ކޮންމެ މީހަކަށް ވެސް "ބެވިދާނެ" އެވެ. ހާއްސަކޮށް ކޮންމެ ސިޔާސީ މީހަކަށް ވެސް ސްޓޭޖަށް އަރައި ސަރުކާރަށް ބެވިދާނެއެވެ. ވޯޓާއި ތާއިދު މިހާރު ލިބޭނީ ހަރުދަނާ ސިޔާސަތާއި ލީޑަޝިޕާއި ރަނގަޅު ވައުދުތަކައިގެން ވަޑައިގަންނަވާ ބޭފުޅަކަށެވެ.

އެމް.ޑީ.ޕީ އަތުން އަދި ރައީސް ސޯލިހު އަތުން އައްޑޫ ސިޓީ ހަމަ ރަނގަޅަށް ވެސް ބީވެއްޖެ އެވެ. ނަމަވެސް އެ ބީވި ބީވުމަކުން އައްޑޫ ސިޓީ އަދި ޕީ.ޕީ.އެމަށް ލިބުނީ ކަމަށް ޔަޤީންކޮށްގެން ނުވާނެއެވެ. އެމް.ޑީ.ޕީ އަތުން ބީވި އައްޑޫ ގޮސް ހުއްޓޭނީ އައްޑޫ ރައްޔިތުންނަށް އެންމެ ރަނގަޅު ވައުދުތަކެއްވެ، އެންމެ ހަރުދަނާ ލީޑަޝިޕަކާއި އެންމެ މޮޅު ހުށަހެޅުން ތަކެއް ހުށަހަޅާ ޕާޓީ އަކަށް ނުވަތަ ލީޑަރަކަށްކަން ޔަގީނެވެ.

ރައީސް ޔާމީން އާއި ޕީ.ޕީ.އެމް އަދި ޕީ.އެން.ސީގެ ކެމްޕެއިން ދަތުރު ފެށުނީ ކިތައްމެ އުއްމީދާ އެކުގައި ކަމަށް ވިއަސް އައްޑޫ ރައްޔިތުން އެންމެ އަޑުއަހަން ބޭނުން ވާހަކަ ތަކާއި ވައުދުތައް އެލީޑަރުންގެ ދުލަކުން އަދި ނީވެއެވެ. އެމް.ޑީ.ޕީ އާއި ރައީސް ސޯލިހު ކަމަކުނުދެވެ. އެބޭފުޅުން އައްޑު އަށް ދިނީ ކޮޅުކެއްސެވެ. "ބަގީޗާ" ސިޓީ އޮތީ ކަށިކުނބުރު ވަލަކަށް ވެފައެވެ. ރައީސް ޔާމިނާއި ޕީ.ޕީ.އެމް އިން މި ސަރުކާރުގެ ގޯސް ވާހަކަ ރިޕީޓް ކުރެއްވުން މަދު ކުރައްވައި ރައްޔިތުންނަށް ކޮށްދެއްވާނެ "ޓެންޖިބަލް" މިނައިލެވޭނެ ވައުދުތަކެއް ވާންޖެހެއެވެ. ގޯސްކޮށް ކޮށްފައި ހުރި ކަންކަން ރަނގަޅު ކުރާނެ ގޮތުގެ ވާހަކަ ދައްކަން ޖެހެއެވެ. ޕޯޑިއަމް ތަކަށް އަރައި ރައީސް ސޯލިހަށާއި އެމް.ޑީ.ޕީ އަށް ބެވިއަކަސް މިހާރަކު ވޯޓެއް ނުލިބޭނެއެވެ. އެއަށްވުރެ ޕްރޮފެޝަނަލް ބަޔަކަށް މިޒަމާނުގެ ސިޔާސީ މީހުން ވާންއެބަޖެހެއެވެ.

އިންޑިއާ އައުޓް ކުރާނެ ގޮތާއި، ޗާގޯސް މައްސަލަ ރާއްޖެ އަށް ފައިދާ ހުރި ގޮތަކަށް ބަދަލު ކުރެވޭނެތޯ އާއި، ދަރަނިން އަރައިގަންނާނީ ކިހިނަކުންތޯ އާއި، ލާދީނީ ކަންކަން ހުއްޓުވައި އިސްލާމީ ރިވެތި މުޖުތަމައުއެއް އުފައްދާނީ ކިހިނަކުންތޯ އާއި، މިފަދަ އެތައް ވާހަކައެއް ދައްކަން ޖެހެއެވެ. އަދި 2023 ކާމިޔާބު ކުރައްވާ ނަމަ ވާހަކައިގެ އޮއްޓަރާއި މިސްރާބާއި ފިކުރު ބަދަލު ކުރަން ޖެހެއެވެ. އައްޑޫ ޒުވާނުން ކޮޅެއް ހިމަނައިގެން ބާއްވާ ކުޑަ ޖަލްސާއެއްގައި ޒުވާނުންނަށް ރޭސިންގް ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެގެންނެއް އެމް.ޑީ.ޕީ އަތުން ދޫވި "ދޮންދީނި" ޕީ.ޕީ.އެމް އަކަށް އަދި ނުލިބޭނެއެވެ. އެ "ދޮންދީނި" ލިބޭނީ ތިއަށް ވުރެ ހުށިޔާރުވެ ހަމަބިމަށް ތިރިވެގެންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.