Support Us

ކޮލަމް ގަލަން: ކޮމެޓީގެ ނިންމުންކަމަށް ބުނެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ދޮރު ހަނިކުރެވޭނެތަ؟

ކޮމެޓީއަކީ ނުވަތަ މަޖިލިސްތަކަކީ ގިނަ ބައެއްގެ ތެރެއިން ވަކި ކަމަކަށް ޚާއްޞަކޮށް ހޮވާ މީހުންނެވެ. އެއީ ކަމަކާމެދު ވާހަކަދެއްކުމަށް ގިނަ ބަޔަކު ބައްދަލުވާ ބައްދަލުވުންތަކެވެ. ނުވަތަ ވަކި މުނާސަބަތެއް ފާހަގަކުރުމަށް ނުވަތަ ވަކި ކަމަކާ ގުޅިގެން ވާހަކަދެއްކުމަށް ބޭއްވާ މަޖިލިސްތަކެވެ. އެފަދަ ކޮމެޓީއަކީ ނުވަތަ މަޖިލިސްތަކުގެ ހަގީގަތަކީ ގާނޫނުގައި ކަމެއް ވަކި ގޮތަކަށް ކަނޑައެޅިފައިނުވާ ކަންތަކުގައި މަޝްވަރާކުރުމެވެ. އަދި އެކަމަކަށް ވަގުތީ ހަލެއް ހޯދައިދިނުމެވެ. ދައުލަތުގެ ކަންތައްތަކާމެދު، މަޝްވަރާކުރުމަށް މަޖިލިސްތަކެއް ވަނީ ގާނޫނުން އުފެދިފައެވެ. އަދި އެފަދަ މަޖިލިސްތަކުގެ ނިންމުންތަކާއި ގަރާރުތައް އޭގެ ހައްގުވެރި ފަރާތަށް ލިބޭގޮތަށް ވެސް ގާނޫނު ލާޒިމުކުރެއެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ދޮރު ހުޅުވިފައި ހުންނަނީ ގާނޫނުންނެވެ. އެގޮތުން ގާނޫގައި ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަކުރާ ކޮންމެ މީހަކަށް އެކަމެއް ކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮންނަނީ ހަމަޖެހިފައެވެ. އަދި އެ ޚިދުމަތެއް ދިނުމަށް ދައުލަތުން އައްޔަންކޮށްފައިވާ މުވައްޒަފަކު ޚިދުމަތަށް އެދޭ މީހުންނަށް އެކަމުގެ ޖަވާބުދާރީ ވާންޖެހެއެވެ. ނަމަވެސް މި ފަހަކަށް އައިސް ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ކޮމެޓީތައް ވަނީ ގިނަވެފައެވެ. އަދި ރައްޔަތުން އެކިއެކި ކަންކަމުގައި ބޭނުންވާ ހުއްދަތައް ނުދެވި ހިފެހެއްޓޭކަން ވެސް ފާހަގަކުރެވެއެވެ. އިދާރީ މުވައްޒަފުގެ ޖަވާބަކަށް އޮންނަނީ "އެއީ ކޮމެޓީގެ ނިންމުން" ކަމަށެވެ. ނަމަވެސް ކޮމެޓީން ނިންމި ގޮތުގެ ގަރާރެއް ސޮޔެއް ފެންނާކަށް ނޯވެއެވެ. އެ ކޮމެޓީގެ ނިންމުމުގެ ހަގީގަތާ ހަމަޔަށް ވާސިލުވުމަކީ ހިނި ރޮނގުގެ ކޮޅު ހޯދަން އުޅުން ކަހަލަ ކަމަކަށް އޮންނަނީ ވެފައެވެ. ގާނޫނީގޮތުން އުފެދިފައިވާ ކޮމެޓީއެއް ނަމަ ނިންމި ގޮތުގެ ގަރާރު އެ މީހުންގެ ސޮޔާއެކު ލިބެންޖެހޭނެ ކަމަށް ފެނެއެވެ.

ދީނީ ހޭލުންތެރިކަމުގެ ގާނޫގައިވާ ރުކުންތައް ފުރިހަމަކޮށްފައި "އިސްލާމީ އަޚްލާޤު" ނަމަކަށް ކިޔުނު ދީނީ ފޮތެއް ދާދި ފަހުން އިސްލާމިކު މިނިސްޓްރީއަށް ފާސްކުރުމަށް ހުށަހެޅީމެވެ. ލިބުނު ޖަވާބަކީ އެ ފޮތުގައި ހުރި ހުރިހާ އާޔަތްތައް މުސްހަފުލްމަދީނާއިން ނެގުމަށް ފޮތް ފާސްކުރާ ކޮމެޓީން ނިންމެވި ކަމަށެވެ. ދުނިޔޭގައި އިސްލާމީ އެތަކެއް ގައުމުތަކެއް އޮވެފައި ކީރިތި ޤުރުއާން ލިޔުއްވުމުގައި އެ ގައުމުތަކުގައި ސުންނަތް ޖަމާއަތުގެ ބޭކަލުން އެއްބަސްވާ ފޮންޓުތަކާއި ސޮފްޓްވެއަރު ބޭނުންކުރެވޭއިރު ދިވެހިރާއްޖޭގައި ގާނޫނަކުން ނުވަތަ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދަކުން ވަކި ފޮންޓެއް ނެގުމަށް ލާޒިމުކޮށްފައިނުވާ ހާލު އެ ފޮތުގައި ހުރި ހުރިހާ އާޔަތްތަކެއް މުސްހަފުލްމަދީނާއަށް ބަދަލު ކުރުމަށް އެ ކޮމެޓީއަށް އަކުރުކުރުމުގެ ހައްގު ލިބިގެންވަނީ ކޮން ގާނަކުންތޯއެވެ؟ އަދި އެ މިނިސްޓްރީގެ ދީނީ ފޮތް ފާސްކުރުމަށް އެދޭ ފޯމުގައި ވެސް އޮންނަނީ "ކީރިތި ޤުރްއާނުގެ އާޔަތްތައް مصحف مدينة އިން ނުވަތަ އެފެދަ އެހެން ޤުރްއާންގެ އާޔަތްތަކުގައި ފިލިޖެހޭ ފަދަ ސޮފްޓެވެއަރއަކުން ލިޔެފައި ހުރުމަށެވެ." ކޮމެޓީގެ ނިންމުމެކޭ ބުނެ ޣައިރުގާނޫނީ ބާރެއް ބޭނުންކޮށްގެން، ރައްޔަތުންނަށް ޚިދުމަތްކުރުމުގެ ދޮރު އެވަނީ ހަނިކުރެވިފައެވެ. އިސްވެދެންނެވުނު "އިސްލާމީ އަޚްލާޤު" ނަމަކަށް ކިޔުނު ފޮތް ތިރީގައި އެވާ ލިންކުން ބައްލަވައިލައްވާށެވެ.

https://docdro.id/N20a1fz

ވޭތުވެދިޔަ ތާރީޚުގައި ދިވެހިން އުޅެމުން ދިޔައީ އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އެންމެ ރިވެތި ނިޒާމަށެވެ. އެއީ ކޮންމެ ކަމެއްގައި ވެސް ގާނޫނުން މިނުމުގެ އުސޫލެވެ. ނަމަވެސް ދާދި ފަހުން ބައެއް މުއްއްސަސާތަކުގައި ކޮމެޓީތައް ގިނަވެއްޖެއެވެ. އަދި ފާހަގަވާ ގޮތުގައި އޭގެ ބޭނުމަކަށް ވަނީ އެބަޔަކު އެދޭ ބަޔަކަށް ކަންތައް ކޮށްދީ އަދި ނުރުހޭ ބަޔަކަށް ކޮމެޓީގެ ނިންމުން ކަމުގައި ބުނެ ޚިދުމަތް ނުދީ ހިފެހެއްޓުމެވެ.

ނަތީޖާ އެއްގެ ގޮތުން ދަންނަވަން އޮތީ ގާނޫނުގައި އުފެއްދުމަށް ލާޒިމުކޮށްފައިނުވާ ކޮމެޓީތައް މުއައްސަސާތަކުގައި އުފައްދައިގެން ރައްޔަތުންގެ ކަންކަން ހުއްދަކުރުމާއި މަނާކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. ތަންފީޒީ އިދާރާތަކަކީ ހެދިފައިވާ ގާނޫނާ އެއްގޮތަކަށް ރައްޔިތުންނަށް ޚިދުމަތްދިނުމަށް ތިބޭ ތަނެކެވެ. އެއީ އެ މީހުންގެ އަމިއްލަ ނިންމުމުން ރައްޔަތުންގެ ކަންކަން ހުއްދަކުރުމާއި މަނާކުރުމަށް ތިބޭ ބައެއްނޫނެވެ. ރައްޔިތުންގެ ކަންކަން ހުއްދަކުރުމާއި މަނާކުރުމަށް ބޭނުންވާ ގާނޫނުތައް އުފެއްދުމުގެ ބާރުލިބިފައި ވަނީ ރައްޔަތުންގެ މަޖިލިސަށެވެ.