Support Us

ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ޒިކުރާ- ޝަހީދުކޮށްލި އާންމު ރައްޔިތުން

މި ޖީލުގެ ދިވެހީން ދުށް އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާއަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ، ޕެރިސް ހޮލިޑޭ، ސަގަރު އަޙްމަދު ނާޞިރު އިސްވެ ތިބެ ސްރީލަންކާގެ ތަމަޅަ ޖަމާޢަތެއް ކަމަށްވާ ޕްލޯޓް ޖަމާޢަތާ ގުޅިގެން ދީފައިވާ ނިރުބަވެރި ޙަމަލާއެކެވެ. މި ޙަމަލާގައި ދިވެހީންގެ ތެރެއިން 19 ބޭފުޅުން ޝަހީދުވިއެވެ.

"ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ޒިކުރާ"ގެ ދެވަނަ ބައިގައި މިވަނީ އޭގެ ތެރެއިން ޝަހީދުވި އާންމު ރައްޔިތުންގެ 11 ބޭކަލުންގެ މަޢުލޫމާތާއި އެ ބޭކަލުންގެ އަގުމާތް ޒިކުރާއެވެ. ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ޒިކުރާ (އެއްވަނަ ބައި)ގައި ވާނީ އެ ދުވަހު ޝަހީދުވި ސިފައިންގެ އަށް ބޭކަލުންނާ ބެހޭ މަޢުލޫމާތާއި ޒިކުރާ ގެނެސްދީފައެވެ. ހުރިހާ ޝަހީދުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވާށިއެވެ.

ޝަހީދު އަލްމަރުޙޫމް އިސްމާޢީލް ޙަލީމް

މ. ރޯޒްބުޝް، ޝަހީދު އަލްމަރުޙޫމް އިސްމާޢީލް ޙަލީމް ޝަހީދުކޮށްލީ 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ ފަތިހު ދިވެހިރާއްޖޭގެއަޑު ހުޅުވުމަށް ޓަކައި އަޑުގެ ތަޅުދަނޑިބަލައި ބަނޑޭރިގެއަށް ދުރުވަނިކޮށް ދުޝްމަނުން ދިން ބަޑީގެ ޙަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ވަޒަން އެރީ ބައިސްކަލުގައި އަމީރު އަޙްމަދު މަގުން ހުޅަނގުން އިރަށް ދުރުވަނިކޮށް ސިފައިންގެ މައިގޭޓުގެ ހުޅަނގުން ގާތްގަނޑަކަށް ފަންސާހަކަށް ފޫޓު ދުރުންނެވެ. ވަޒަންއެރުމުން ބައިސްކަލާއެކު ސިފައިންގެ ކުރިމައްޗަށް އަމީރު އަޙްމަދުމަގަށް ވެއްޓުނެވެ. އެވަގުތު ބައިސްކަލު ދޫކޮށްލައްވާފައި ތެދުވެ އަމީރު އަޙްމަދު މަގުން އިރަށް ހިންގަވާފައި ދުރުވެ ވެންނެވީ ޑިފެންސް ގޭޓުން އެތެރެއަށެވެ. ފުލުސްއޮފީހުގެ ގޭޓުގެ ކުރިމަތީގައި ހުންނައި ފެންފޮދެއް ދޭށޭ ބުނުއްވުމަށްފަހު މަޑުނުކުރައްވައި އަމީރު އަޙްމަދު މަގަށް ނުކުންނެވިއެވެ. އެއަށްފަހު ބަނޑޭރިގޭހިނގުމުން ދެކުނަށް ދުރުވެ، މެދުޒިޔާރަތްމަގު ހުރަސްކުރައްވައި މުލީއާގޭ ހުޅަނގުން އޮންނަ އަލިމަސްގޯޅިއަށް ވެންނެވިއެވެ. އެ ގޯޅިން ދެކުނަށް ދުރުވަނިކޮށް ގ. މަލިންގެ ކަންމައްޗަށް ވެއްޓުނީއެވެ. އެވަގުތު ފެންފޮދެއް ދިނުމަށް އެދިލެއްވުމުން މަލިންގޭ އާދަމް ޝަރީފާއި ސިފައިންގެ ބޭކަލެއް ކަމުގައިވާ ޕްރައިވެޓް މުޚްތާރު މޫސާ އާ ދެބޭކަލުންވެގެން އިސްމާޢީލް ޙަލީމަށް ފެންދެއްވިއެވެ. ފެން ދިންތަނާ ޕޯސްޓަލް ކައިރިން ދުޝްމިނުން ބަޑިތަޅައިގަތެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޝަހީދުވީއެވެ. ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެއް ކަމަށްވާ އިސްމާޢީލް ޙަލީމް ޝަހީދުވެފައި އޮންނެވީ ގ. މަލިންގެ ކަންމަތީގައެވެ. ޝަހީދު އަލްމަރުޙޫމް އިސްމާޢީލް ޙަލީމް ޝަހީދުކޮށްލިއިރު އުމުރަކީ 35 އަހަރެވެ. ޝަހީދުވިއިރު ތިން ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވި އެވެ.

ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙަމީޒް

މ. ބީޗްސައިޑް، ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙަމީޒަކީ ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓް (ޓީސީޑީ)ގެ ޓްރޭނީ ގްރޭޑް 2ގެ މަޤާމުގައި ހުންނެވި ޒުވާނެކެވެ. ޔަންގް ސްޓާރ ކްލަބަށް ފުޓްބޯޅަ ކުޅެމުންދިޔަ ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި އުންމީދީ ޒުވާން ގޯލްކީޕަރެކެވެ. ފަތިހު ހެންވޭރު ދަނޑަށް ޕްރެކްޓިހަށް ދާން ތައްޔާރުވެގެން ގެއިން ނުކުންނެވީ ސައިކަލުގައެވެ. ފަރީދީމަގުން ހުޅަނގުން އިރަށް ދުރުވެ ބަގީޗާގޭ އިރުއުތުރު ކަންމައްޗާ އަރާހަމަވިތަނާ އިސްލާމީ މަރުކަޒުގެ ދެކުނު ފަރާތުގައި ހަރަކާތްތެރިވަމުން ދިޔަ ދުޝްމިނުން ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙަމީޒަށް ބަޑިން ޙަމަލާދިނެވެ. އެވަގުތު ގަޔަށް ވަޒަންއަރައި ސައިކަލާއެކު ބަގީޗާގޭ އިރުއުތުރު ކަންމައްޗަށް ޗާންދަނީމަގަށް ވެއްޓުނެވެ. އޭނާއަށް އެހީވުމަށް އެ ސަރަޙައްދަށް އަންނަން މަސައްކަތްކުރި އާންމު ރައްޔިތުންނަށް އެ ސަރަޙައްދަށް ނައުމަށް ވެއްޓިފައި އޮވެގެން އަތުން އިޝާރާތްކޮށް ގޮވައި ހެއްދެވިއެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙަމީޒު ޝަހީދުވެފައި އޮންނެވީ ބަގީޗާގޭ އިރުއުތުރު ކަންމަތީގައި ޗާނދަނީމަގުގައެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙަމީޒު ޝަހީދުކޮށްލިއިރު އުމުރަކީ 22 އަހަރެވެ.

ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު

ހއ. ދިއްދޫ، ޗާންދަނީއާގޭ ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދަކީ އިސްލާމީ މަރުކަޒުގެ ގާޑެކެވެ. ދުޝްމަނުން ޙަމަލާދޭން ފެށިއިރު އޭނާ ހުންނެވީ ޑިއުޓީގައެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، ފަތިސް ނަމާދު ކުރައްވައިގެން މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނެވިއެވެ. އެގޮތަށް އިންނެވުމަށްފަހު އެ ދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށްގެން ގެންގޮސް އެރުވީ ދުޝްމިނުން މާލެދޫކޮށް ފިލުމަށް ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓް ކިޔާ ބޯޓަށެވެ. ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޝަހީދުވީ ޕްރޮގްރެސްލައިޓު ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލުމަށް މަސައްކަތްކުރި އެބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައެވެ. ޝަހީދު ޢުމަރު އަޙްމަދު ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހު އެވެ. ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޝަހީދުވިއިރު އުމުރަކީ 45 އަހަރެވެ. ޝަހީދުވިއިރު ހަތް ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވި އެވެ.

ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބް

ސ.ހިތަދޫ، އޯކިޑްމާގެ، ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބަކީ ޗާންދަނީމަގުގެ 18 ނަންބަރު ފިހާރައިގެ ސޭޓެވެ. ދުޝްމިނުން މާލެއަށްއަރައި ޙަމަލާދެމުންދިޔަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެ ފިހާރައަށް ދުސްމިނުންގެ ބަޔަކު ގޮސް އެފިހާރައިގައި ހުރި ކޮމިއުނިކޭޝަން ސެޓެއް ދިނުމަށް އެދުނެވެ. އެކަމަށް އިންކާރުކުރެއްވުމުން ދުޝްމިނުން ޝަހީދު އަޙްމަދު ލަބީބު ނެރެގެން ރަހީނުކުރިއެވެ. ބަޑިން ބިރުދައްކައި، އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރި އެމްވީ ޕްރޮގްރެސްލައިޓަށް ގެންދިޔައެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ޝަހީދުކޮށްލީ ޕްރޮގްރެސްލައިޓުގެ ތެރޭގައެވެ. އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރު ގޯދާވަރީ ކައިރިކުރާތީ އެކަން ހުއްޓުވުމަށް ޝަހީދު އަޙްމަދު ލަބީބު ޝަހީދުކޮށްލުމަށްފަހު ކަނޑަށް އެއްލާލީއެވެ. ލައިފްޖެކެޓް ނާޅުވައި އެއްލާލުމުން އޭނާގެ ހަށިގަނޑު އޭގެފަހުން އެއްވެސް ބަޔަކަށް ފެނިފައެއް ނުވެއެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ޝަހީދުކޮށްލީ 1988 ނޮވެންބަރު 6 ވަނަ ދުވަހު އެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ޝަހީދުކޮށްލިއިރު އުމުރަކީ 52 އަހަރެވެ. ޝަހީދުކޮށްލިއިރު ފަސް ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވި އެވެ.

ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙުސައިން

ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙުސައިން (މއ.އަންނާރުގެ) އަކީ އިސްލާމީ މަރުކަޒަށް ފަތިހު ފަތިސް ނަމާދަށް ދުރުވި ބޭކަލެކެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، މިސްކިތުން ނުފޭބި އެތެރޭގައި ގިނައިރުތަކެއް ވަންދެން އިންނެވިއެވެ. އެގޮތަށް އިންނަވައި ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކުރިއެވެ. އެއަށްފަހު ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ގެންދިޔަ ރަހީނުންގެ ތެރޭގައި ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން ހިމެނެއެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙުސައިން ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ފިލަން ކުރި މަސައްކަތް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކުރުމުން އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސްލައިޓުގަ އެވެ. ޝަހީދު އިބްރާހިމް ޙުސައިން ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހު އެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހިމް ޙުސައިން ޝަހީދުވިއިރު އުމުރަކީ 52 އަހަރެވެ. ޝަހީދުވިއިރު ހުންނެވީ އެންއެސްއެސް ހެޑްކްއޯޓާރޒްގެ 1 ނަންބަރު ކައްކާގެ މަޤާމުގަ އެވެ. ޝަހީދުވިއިރު ފަސް ކުދިން ދުނިޔޭގައި ތިއްބެވެ.

ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް

ހ. މެރިހާނާ، ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމަކީ ދުޝްމިނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭން ފެށިއިރު އިސްލާމީ މަރުކަޒުގައި ޑިއުޓީގައި ހުރި ވޮޗަރެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިލެއްވިއެވެ. އެގޮތަށް އިންނެވުމަށްފަހު އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރި އެމްވީ ޕްރޮގްރެސްލައިޓަށް އަރުވައިގެން ގެންދިޔަ އެވެ. ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލީ ޕްރޮގްރެސްލައިޓާއި އައިއެންއެސް ގޯދާވަރީ ކައިރިކުރުން ހުއްޓުވުމަށްޓަކައި އިންޒާރުދިނުމުގެ ގޮތުންނެވެ. ލައިފްޖެކެޓް އަޅުވައި، ކަނުބަނދެ، ބޮލަށް ބަޑިޖަހައި އެއްވެސް ރަޙުމެއްނެތި ޝަހީދުކޮށްލުމަށްފަހު ކަނޑަށް އެއްލާލި އެވެ. ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލީ 1988 ނޮވެމްބަރު 5 ވަނަ ދުވަހު އެވެ. ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް ޝަހީދުވިއިރު އުމުރަކީ 49 އަހަރެވެ. ޝަހީދުވިއިރު ފަސް ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވި އެވެ.

ޝަހީދު ޢަބްދުއްރަޙްމާން އާދަމް

މ. ޑްރީމީލައިޓް ޝަހީދު ޢަބްދުއްރަޙްމާން އާދަމަކީ 1988 ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމިނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭން ފެށިއިރު އިސްލާމީ މަރުކަޒުގައި ފަތިސްނަމާދަށް ގޮސްހުރި އެ މިސްކިތުގެ އިމާމެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުސްމިނުން ޙަރަކާތްތެރިވަމުންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިލެއްވިއެވެ. އެގޮތަށް އިންނެވުމަށްފަހު އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކުރިއެވެ. ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރި އެމްވީ ޕްރޮގްރެސްލައިޓަށް އަރުވައިގެން ގެންދިޔަ އެވެ. ޝަހީދު ޢަބްދުއްރަޙްމާން އާދަމް ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސްލައިޓު ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައެވެ. ޝަހީދު ޢަބްދުއްރަޙްމާން އާދަމް ޝަހީދުވީ 1988 ނޮވެންބަރު 6 ވަނަ ދުވަހު އެވެ. ޝަހީދު ޢަބްދުއްރަޙްމާން އާދަމް ޝަހީދުވިއިރު އުމުރަކީ 53 އަހަރެވެ. ޝަހީދުވިއިރު 12 ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވި އެވެ.

ޝަހީދު އަލްމަރުޙޫމް އަޙްމަދު ރަޝީދު

ހ. ވެލްގްރޯ، ޝަހީދު އަލްމަރުޙޫމް އަޙްމަދު ރަޝީދަކީ ޓެކްސީ ޑްރައިވަރެކެވެ. ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު 4:30 ހާއިރު ބަޑީގެ އަޑުއިވެމުންދާތީ ވެގެން އުޅޭގޮތެއް ބަލަން މޮޓޯސައިކަލެއްގައި މެރިންޑްރައިވުން ދުރުވީ އިރުން ހުޅަނގަށެވެ. ސައިކަލް ދުއްވީ ހ. ރުމޭނިޔާ އަޙްމަދު ސަލީމެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ރަޝީދު އިންނެވީ ފަހަތުގައެވެ.

ދެ ބޭކަލުން ދުއްވަވާފައި ގޮސް ފާށަނާ ބިލްޑިންގގެ މެދަކާ ހަމައަށް ދިޔަތަނާ ކަނީރުހިނގުމުން ދުޝްމިނުން ބަޑިތަޅައިގަތް އަޑުއިވުނެވެ. އޭރު ސިފައިންގެ ކުރިމަތިން އޮންނަ ކާރނޭޝަންހިނގުމުގެ އުތުރުކޮޅުގައިވެސް ދުޝްމިނުން ޙަރަކާތްތެރިވެއެވެ. އެވަގުތު ސައިކަލްގެ ފަހަތުގައި އިންނެވި އަޙްމަދު ރަޝީދު "ތިކޮޅަށް ދިއުން ރަނގަޅެއް ނޫނޭ" ބުނުއްވުމުން އަޙްމަދު ސަލީމު ސައިކަލް އަނބުރާލި އެވެ. އެވަގުތު ކާރނޭޝަން ހިނގުމުގައި ތިބި ދުޝްމަނުން އެ މީހުންނާ ދިމާއަށް ބަޑިޖަހަންފެށިއެވެ. ދުޝްމަނުން ޖެހި ވަޒަންތަކުން ވަޒަން އަރައިގެން ބިންމައްޗަށް ވެއްޓުނެވެ. ދުޝްމިނުން ބަޑިޖަހަމުން ދަނިކޮށް ސައިކަލުގައި އަޙްމަދު ސަލީމް މެރިންޑްރައިވުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އޭނާގެ ވާތުފަޔަށް ވަޒަން އެރި އެވެ. އެވަގުތު މެރިންޑްރައިވްގައި ހުންނަ ބީޗްކެފޭ ކުރިމައްޗަށް ސައިކަލާއެކު އޭނާ ވެއްޓުނެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ރަޝީދު ޝަހީދުވެގެން ވެއްޓިފައި އޮތީ ފަށަނާބިލްޑިންގގައި ހުންނަ އެއަރ މޯލްޑިވްސް ކުރިމަތީގަ އެވެ. ޝަހީދުވިއިރު އުމުރަކީ 24 އަހަރެވެ. ޝަހީދުވިއިރު ތިން މަހުގެ ތުއްތު ދަރިއަކާއި އަނތްބަކު އިންނެވި އެވެ.

ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު

ގއ. ވިލިނގިލި، އަލިމަސްގޭ ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރަކީ އެމްވީ ޕްރޮގްރެސްލައިޓުގެ ސީމަނެކެވެ. ނޮވެންބަރު ތިންވަނަ ދުވަހު މާލޭ ބަނދަރުގައި އޮތް މިބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ ޙަސަން ޒަރީރު ތައްޔާރުވަމުން ދިޔައީ ޑިއުޓީ ނިންމުމަށްފަހު ހެނދުނު މާލެއަށް ފޭބެއްނެވުމަށެވެ. ދުޝްމިނުން މެންދުރު ހަތިޔާރާއެކު ޕްރޮގްރެސްލައިޓަށް އަރައި އެބޯޓު ހައިޖެކްކޮށް ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނަށް ބަޑިން ބިރުދައްކައި މަޖުބޫރުކުރުވައިގެން އެމީހުން ބޭނުންވާ ކަންތައްތައް ބޯޓުތެރޭގައި ކުރުވަމުން ގެންދިޔަ އެވެ.

ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސްލައިޓު ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސްލައިޓުގަ އެވެ. ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު ޝަހީދުވީ 1988 ނޮވެންބަރު 6 ވަނަ ދުވަހު އެވެ. އޭނާ ޝަހީދުވެގެން ވެއްޓިފައި އޮންނެވީ ޕްރޮގްރެސްލައިޓުގެ ކުރީކޮޅުގެ ޑެކްމަތީގަ އެވެ. ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ.

ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރު

ތ. ދިޔަމިގިލި، ކާމިނީގޭ ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރަކީ ހުޅުލެއާއި މާލެއާ ދެމެދުގައި ދުއްވާ ފްރޮޑް ދޯނީގެ ފަޅުވެރިއެކެވެ. ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއަށް ޙަމަލާދެމުންދިޔައިރު، ޓެރަރިސްޓުން މާލޭގެ ފަޅުތެރޭގައި ހުރި އޮޑިދޯނިފަހަރުން މީހުން ރަހީނުކޮށްގެން އަތުލައިގެން ބައެއް މީހުން ކަނީރުހިނގުމަށް ޖަމާކުރި އެވެ. ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރަކީ އެގޮތުން އެސަރަޙައްދަށް ގެނެސް ކަނީރުހިނގުމުގައި ބައިތިއްބައިގެން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރި މީހުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ކަނީރުހިނގުމުގައި ރަހީނުން ބައިތިއްބައިގެން އެމީހުންގެ ފަހަތުގައި ދުސްމިނުން ތިބެގެން ސިފައިންގެއަށް ޙަމަލާދެމުން ގެންދިޔަ އެވެ. ސިފައިންނާއި ދުޝްމިނުންނާ ދެމެދު ބަޑިން ޙަމަލާތައް ބަދަލުކުރެވެމުންދިޔައިރު ކަނީރުހިނގުމުގައި ގާތްގަނޑަށް ފަނަރަވަރަކަށް އާންމު ރައްޔިތުން ތިއްބެވެ. ޙަމަލާތައް ބަދަލުކުރެވެމުންދިޔަ ވަގުތު ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރު އޮތީ ހދ. ނޭކުރެންދޫ ވެޔޮދޮށުގޭ (ނައިޓްވިލާ/ ތ. ދިޔަމިގިލި) ޙަސަން ވަޙީދު ކައިރީގަ އެވެ. އުމުރުން ހަގުކަމާއެކު ޝަހީދު ޖަވާދު ޢުމަރު ބިރުން އުޅޭތީ ޙަސަން ވަޙީދު އޮތީ އޭނާގެ ބޮލުގައި އަތްއަޅާލައިގެންނެވެ. އެހެން އޮއްވާ އައިވަޒަނެއް ޙަސަން ވަޙީދުގެ އަތް ފޫއަޅާފައި ޝަހީދު ޖަވާދު ޢުމަރުގެ ބޮލަށް އެރިއެވެ. އެވަޒަން ބޮލުގެ ފުށްކިބައިން ވަދެގެން ނުކުމެފައިވަނީ ނިތްކުރިންނެވެ. ވަޒަން އެރިވަގުތު "އައްދިޔޯ ބޭބޭ އޭ" ޖަވާދު ބުނުއްވިއެވެ. އޭގެ ފަހުން އޭނާގެ ޙަރަކާތް ހުއްޓުނެވެ. ޙަސަން ވަޙީދުގެ އަތާއި ޝަހީދު ޖަވާދު ޢުމަރުގެބޯ ދުޝްމިނުންނަށް ޙަސަން ވަޙީދު ދައްކާފައި ހޮސްޕިޓަލަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ޝަހީދު ޖަވާދު ޢުމަރު އެތަނުގައި ބާއްވާފައި ޙަސަން ވަޙީދު ހޮސްޕިޓަލަށް ދިއުމަށް އެތަނުގައި ތިބި ޓެރަރިސްޓުން އެންގިއެވެ. އެވަގުތު ޝަހީދު ޖަވާދު ޢުމަރު ޝަހީދުވެއްޖެ އެވެ. ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރު ޝަހީދުވިއިރު ޢުމުރަކީ 16 އަހަރެވެ.

ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން

ކ. ދިއްފުށި، ތަނބުރުމާގެ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މަސްވެރިއެކެވެ. ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއަރައި ޙަމަލަދިންއިރު ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނު އޮތީ މާލޭގެ މަސްމާރުކޭޓާ ދިމާ ފަޅުތެރޭގައި އޮތް، އޭނާ މަހަށްދާ ދޯނި ކަމަށްވާ، ކ.ދިއްފުށީ "ކޮއި" ދޯނީގަ އެވެ. ދުޝްމިނުން ޙަމަލާދޭން ފެށުމާ ގުޅިގެން އެރޭ ފަތިހު ދޯނީގެ މީހުން މަސައްކަތްކުރީ އަވަހަށް ފުރައިގެން ރަށަށް ދިއުމަށެވެ. ރަށަށްދާން ފުރަންވެގެން ދޯނީގެ ދިރުނބާކޮޅުގައި ވަލަށް ދަމަން ހުންނަވަނިކޮށް މާލޭގެ ފަޅުތެރެއިން އޮޑިދޯނިފަހަރު ފުރިޔަނުދީ ހުއްޓުވުމަށް މަސައްކަތްކުރި ޓެރަރިސްޓް ހަނގުރާމަވެރިއަކު މިދޯނި ހުއްޓުވުމަށްޓަކައި ޖެހި ބަޑީގެ ވަޒަނެއް ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނުގެ ކަރަށްއަރައި ޒަޚަމްވި އެވެ. އޭނާގެ ކަރުގެ ވާތްފަރާތަށް އެރި ވަޒަން ނިކުމެފައިވަނީ ކަނދުރައިގެ މައިބަދަތަކުގެ ތެރެއިންނެވެ. ވަޒަން އެރުމުގެ ސަބަބުން އޭނާގެ ޙާލު ދެރަވާން ފެށުމުން ދޯނީގައި ތިބި މީހުންނާއި އެ ސަރަޙައްދުގައި ޙަރަކާތްތެރިވި ބައެއްގެ އެހީތެރިކަމާއެކު ސެންޓްރަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށި އެވެ. އޭނާގެ ކަނދުރާއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން ޑޮކްޓަރުން އޭނާ ފުލައިޓްގައި އުދުހުން މަނާކުރައްވާފައި އޮތުމަށްފަހު، ފަހުން އިތުރު ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ހަމަޖައްސަވައިދެއްވިއެވެ. ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން ޝަހީދުވެފައި ވަނީ، 1988 ޑިސެންބަރު 22 ވަނަ ދުވަހުގެރޭ 7:45 ހާއިރު އެވެ. ޝަހީދުވިއިރު އުމުރަކީ 70 އަހަރެވެ. ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނު ޝަހީދުވިއިރު ހަތަރު ފިރިހެން ދަރިންނާއި އަނތްބަކު އިންނެވި އެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހަކީ މި ހުރިހާ ޝަހީދުގެ ހަނދާންތަކާއި ޒިކުރާތައް އާކުރެވޭ ދުވަހެވެ. މި ހުރިހާ ޝަހީދުންނަށް ވެސް އެދެނީ ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކޮށްދެއްވުމެވެ.

މަސްދަރު:

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (2012) ނޮވެންބަރު ތިނެއް. ނޮވެލްޓީ ޕްރެސް.

    • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *