...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ހިތާމަވެރި ނަސްރުގެ ދުވަހެއް! 

ޗާގޯސް (ފޯޅަވަހީގެ) ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލް ކުރަން ހުޅުދޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރު އިލްޔާސް ލަބީބް، ބުދަ ދުވަހު، ގޮވާލެއްވި ގޮވާލެއްވުމަށް ދިވެހި ހުރިހާ ރައްޔިތުން އެއް އަޑަކުން ތާއީދު ކުރަން ޖެހެއެވެ. އަޅުގަނޑުގެ ކުންފުންޏެއް ހިންގަން މެނޭޖަރަކާ ހަވާލުކޮށްފައި ހުއްޓާ އެކުންފުނީގެ ހިއްސާ އޮތް ބިމެއްގެ މިލްކުވެރިކަން، އަޅުގަނޑާ މަޝްވަރާ ކުރުމެއް ނެތި، އެހެން ބަޔަކަށް ދޫކޮށްލުމުގެ ބާރު އެ މެނޭޖަރަށް ނޯންނާނެއެވެ. އެފަދަ ކަމެއް ލިއުމަކުން ކޮށްފިނަމަ އެލިއުން ބާތިލް ކުރުމުގެ ހައްޤު އަޅުގަނޑަށް އޮންނާނެއެވެ.

މި ޤައުމަކީ ދިވެހި ރައްޔިތުންގެ ބިމެކެވެ. ރައްޔިތުންގެ ފަރާތުން ޤައުމު ހިންގުމުގެ ވަޒީފާ ޙަވާލުކޮށްފައި ހުރި ބޭފުޅާ އަށް މިޤައުމުގެ ބިމުން ބައެއް ދޫކޮށްލުމުގެ އެއްވެސް ހައްޤެއް ނޯންނާނެއެވެ. ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސް އަަށް ދޫކޮށްލަން އެއްބަސްވެ ވަޑައިގެން ދިވެހި ދައުލަތުގެ ނަމުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ މިހާރުން މިހާރަށް ބާތިލް ކުރުމަށް ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ގޮވާލަމެވެ. މިގޮވާލުމުގައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހެއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެ ޒުވާން ޕާޓީ އެމް.އެން.ޕީ އަކީ ރަސްމީ ގޮތުން "އިދިކޮޅު" ޕާޓީ އެއް ކަމަށް އެމް.އެން.ޕީގެ ގައުމީ ހިންގާ ކައުންސިލުން ބުދަ ދުވަހު ނިންމި ނިންމުމާ އެކު ރައީސް ސޯލިހު ނޫން އެހެން ހުރިހާ ސިޔާސީ ފަރާތްތައް މިކަމުގައި އެއްގަލަކަށް އަރަން ޖެހެއެވެ. ޗާގޯސްގެ މައްސަލާގައި ހުރިހާ ފަރާތްތައް އެއްގަލަކަށް އަރައި އެތަނުގެ ބިމުންވެސް އަދި ކަނޑުން ވެސް ދިވެހި ރާއްޖެ އަށް ކޮންމެެވެސް ބައެއް ލިބޭ ގޮތަށް މި މައްސަލަ ހައްލު ކުރުމަށް ވަރުގަދަ ކެމްޕެއިނެއް ފަށަން ޖެހެއެވެ. މި ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށް ގެންގޮސް، ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް، އިދިކޮޅުން އިސްނަަގައިގެން، ހަރަކާތްތެރިވާން ޖެހެއެވެ. ޕީ.ޕީ.އެމް އާއި ރައީސް ޔާމީން، އެމް.ޑީ.ޕީ އާއި ރައީސް ނަޝީދު، ޖުމްހޫރީ ޕާޓީ އާއި ޤާސިމް އިބްރާހިމް، އެމް.އާރް.އެމް އާއި ރައީސް މައުމޫން، އެމް.އެން.ޕީ އާއި ކާނަލް ނާޒިމް، އަދި ޑރ. މުހައްމަދު މުނައްވަރާއި އެނޫންވެސް ސިޔާސީ ހުރިހާ ފަރާތްތަކެއް، ޤައުމީ ކަމެއްގެ ގޮތުގައި އެއްގަލަކަށް އަރައިގެން މިކަމުގައި ވަރަށް އަވަސް ގޮތެއްގައި ހަރަކާތްތެރިވާން ޖެހެއެވެ. ވަރަށް އަވަސް ގޮތެއްގައި މަސައްކަތް ތަކެއް ނުކޮށްފިނަމަ ނޭނގި ތިއްބާ އަނެއްކާ އަނެއް ސިޓީ ފޮނުއްވައި، އަނެއް އެއްބަސްވުމެއްގައި ސޮއިކުރައްވައި ރައީސް ސޯލިހު މިކަން ނިންމަވާފާނެއެވެ. އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ލިބިދާނެ އެވެ. ހާއްސަކޮށް އިންޑިއާގެ މަސްލަހަތު އޮތް ހުރިހާ ކަމެއްގައި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ވުރެ ބޮޑަށް ރައީސް ސޯލިހާއި، ދިފާއި ވާޒީރު މާރިޔާ ދީދީ، އާއި ހާރިޖީ ވަޒީރު ޝާހިދު އިސްކުރައްވާތަން ފެނިފައި ވަނީ އިންޑިއާގެ މަސްލަހަަތެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ބޮޑު ކަމެއް މިތިން ބޭފުޅުން ނުކުރައްވާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ.

މިއަދު ފާހަގަ ކުރަމުން މިދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުހާތަބް ކުރައްވައި ވާހަކަ ދައްކަވަންވެސް ކެރިވަޑައި ނުގަތް ރައީސް ސޯލިހު މިއަދު ކުރެއްވިހާ ވެސް ކަމަކީ ލިޔުމުން ހިތޯބެއް ފޮނުއްވުމާއި ޓްވީޓެއް ކޮށްލެއްވުމެވެ. އެ ޓްވީޓްގައި ވަަރަށް ފޭކް ގޮތަަކަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށް ވިދާޅުވެ "ދިވެހި މިވަތަން މިނިވަންކަމުގައި އަބަދުމެ ލައްވާށި،" ކަމަށް ދުއާ ކުރެއްވި އެވެ. މިނިވަންކަން މަތީ އަބަދުމެ ލައްވާށިއޭ ވިދާޅުވެ އެއްކޮޅުން ދުއާ ކުރެއްވުމަށް ފަހު އަނެއް ކޮޅުން މިފެންނަނީ ދިވެހި ޤައުމުގެ ހައްޤު އޮތް ބިމެއް މޮރިޝަސް އަށް ދޫކޮށްލައްވައި އިންޑިއާގެ ގޮނޑި ކޮއްކޮ އަކަށް މިޤައުމު ހައްދަވާ ތަނެވެ. މިގޮތަށް ޓްވީޓް ކުރެއްވުމަށް ފަހު އިންޑިއާގެ އަޅުވެތި ކަމަށް ދިވެހި ޤައުމާއި ޤައުމުގެ ހައްޤުތައް ދޫކޮށްލެއްވުމަކީ ދެފުއްކެހެރި ކަމެވެ. އެއީ ތެދުވެރި ލީޑަރުންގެ ގޮތެއް ނޫނެވެ. އެއީ ސިޔާސީ "ޑީލަރުން" ގެ ގޮތެވެ. އަމިއްލަ އެދުމުގެ ޑީލެވެ!

ޗާގޯސްގެ މައްސަލާގައި މުޅި ދިވެހި ޤައުމު ކެކިއަރައި، ރައްޔިތުންގެ މަޖުލިސް ވެސް ކެކި އަރާއިރު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މިކަމުގައި ވާހަކަ ދެއްކެވީ އެންމެ ފަހަރަކު އެވެ. އެފަހަރުވެސް ވަރަށް ނުސީދާ ގޮތަކަށް ދެތިން ޖުމްލައިން މި މައްސަލައަށް އިޝާރާތެއް ކުރެއްވުން ފިޔަވައި ޗާގޯސްގެ މައްސަލާގައި ރައީސް އެއްވެސް ބަހެއް ވިދާޅެއް ނުވެއެވެ. ދިވެހި ރައްޔިތުން ކަންބޮޑުވެގެން ކެކިއަރާ އެއްވެސް މައްސަލައެއްގައި ރައީސް ސޯލިހު އެެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނަވައި އަމަލު ކުރައްވަނީ ރައްޔިތުންގެ އިހްސާސްތަކާ އިދިކޮޅަށެވެ. އެމް.ޑީ.އެން މައްސަލަ އާއި އިންޑިއާ އައުޓް މައްސަލާގައި ވެސް ފެނުނީ އެމަންޒަރެވެ.

ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހަކީ ބަސް މަދު، އަމަލު ގިނަ ބޭފުޅެއް ކަމަށެވެ. ސަމީރު އެ ވިދާޅުވީ ހަމަ ތެދެކެވެ. ރައްޔިތުން ނަރުގަނޑުގައި ޖެހޭހާ ބަސް މަދެވެ. އަމަލުން ފެންނަނީ ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް ކަންކަން ނިންމަވާ ތަނެވެ.

އިންޑިއާގެ އެފްކޯންސް ކުންފުނީގެ ޕްލެޓްފޯމް ވިލިގިލީ ފަރަށް އެރައި އެފަރަށް ލިބުނު ގެއްލުމުގެ މައްސަލަވެސް މަސްތަކަަކަށް ފަހު ދިވެހި ރައްޔިތުން ހަނދާން ނެތުމުން ކަހާލާނީ ކާޕެޓްގެ ދަށަށެވެ. އެމް.ޑީ.އެން ޖަމިއްޔާއިން ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގައި އަދިވެސް ދެމިތިބި އިރު އެޖަމިއްޔާގެ މަސްއޫލުވެރިންގެ ގޮތުގައި ކުރިން ހަރަކާތްތެރިވި އެތައް ބަޔަކު މިސަރުކާރުގެ އިސް މަޤާމް ތަކުގައި އެބަތިއްބެވެ. އެފްކޯންސް ކުންފުނީގެ ބަޔަކު އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ގޮތުން ހިންދޫންގެ އަޅުކަމެއްގެ "ބަރަކާތުން" އެމަސައްކަތް ފެށި މަންޒަރުގެ ވީޑިއޯ ލީކްވުމުން އިސްލާމިކް މިނިސްޓްރީން ޕޮލިހަށް ސިޓީއެއް ފޮނުވުމަކުން މިކަން ހައްލެއް ނުވެއެވެ. އެސީޓިގެ މަތިން ދިވެހިން ދުވަސްކޮޅަކުން ހަނދާން ނެތޭނެއެވެ. އެބުނާ ތަހްޤީގެއް ދުވަހަކު ނުނިމޭނެއެވެ. އިންޑިއާ ބަޔަކު މިޤައުމަށް ކޮންމެ ފަދަ ގެއްލުމެއް ދިނަސް އެމީހުންނާ ދެކޮޅަށް ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެއެވެ. ކުރަން ނުވެސް ކެރޭނެއެވެ. މައްސަލަ ކަހާލާނީ ކާޕެޓް ދަށަށެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު އިންޑިއާ ބަޔަކު، ހިންދޫ ކަލާނގެއަކަށް ނިސްބަތްވާ ބުދެއް ކެޔޮ ފަތަކަށް ލައިގެން ފ.ބިލެއްދޫގެ މަގުތަކުގައި ހިނގުމުން ރައްޔިތުން ރަތަށް އެރުމުން ދިވެހި ފުލުހުން އެމީހުން ހައްޔަރު ކުރިއެވެ. އަދި އެމީހުންގެ ބަންދަށް ދިހަ ދުވަސް ކޯޓުން ޖެހިއެވެ. ނަމަވެސް އެމީހުންނަށް ވީގޮތެއްވެސް ފަހުން ނޭނގެއެވެ. އެކަންވެސް ކާޕެޓް ދަށަށް ކަހާލީ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ޖާސޫސް ކުރަން އުޅެނިކޮށް ފަޅާ އަރައިގެން ހައްޔަރު ކުރި އިންޑިއާގެ ޖާސޫސުންގެ މައްޗަށްވެސް އެއްވެސް ދައުވާއެއް ނުކޮށް އެމީހުން ސަލާމަތުން ރާއްޖެއިން ފުރުވާލީ އެވެ. ކުރިއަށް އޮތް ތާނގައި ރާއްޖޭގައި އިތުރު ބާރުތައް އިންޑިއާ އަށް ލިބުމުން ދިވެހީންނަށް ވުރެ މިޤައުމުގައި އިންޑިއާ މީހުންގެ ބާރުގަދަ ވާނެއެވެ. އަދި 2023 ގައި ރައީސް ސޯލިހަށް ދޭ ވޯޓަކީ އިންޑިއާގެ ބާރު މިޤައުމުގައި ގަދަ ކުރުމަށް ދެވޭ ވޯޓެކެވެ. އެ ވޯޓަކީ ދިވެހި މިބިމުގެ ހައްޤުގައި ދިވެހީންގެ ދީނުގެ ހައްޤުގައި ޤުރުބާންވެ ޝަހީދުވީ ދިވެހީންގެ ލޭގެ އަގެއް ނެތްކަމުގައި ދިވެހީން ނިންމާ ވޯޓެކެވެ. އެވޯޓު ވާނީ މިދިވެހި ޤައުމާއި ދިވެހި ޤައުމުގެ ހައްޤު އޮތް ޗާގޯސްގެ ބިންވެސް އިންޑިއާ އަށް ހިތަކަށް ދިނުމަށް ދޭ ވޯޓަކަށެވެ.

ބަސް ކިތައްމެހާ ވެސް މަދު ލީޑަރެކެވެ. ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ކަންކަމުގައި ރައްޔިތުން ޝަކުވާ ކުރަމުން ގޮސް ރޯނާވާ އިރުވެސް ހިކުމަތްތެރި ކަމަށް ހެދިގެން ހުންނަވާ ލީޑަރެކެވެ. އަމަލުން ދައްކަވަނީ އިންޑިއާ އެދޭހާ ގޮތަަކަށް ދީލާލައްވާ ތަނެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރަމުންދާ އިރު ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ މިފަދަ ވެރިއަކަށް ދެވަނަ ދައުރެއް ދިނުމަކީ މިޤައުމު ވިއްކާލަން ދެވޭ ލައިސަންސެއް ކަމެވެ. އެއިރުން ދެން ފާހަގަ ކުރާނެ ނަސްރުގެ ދުވަހެއް، މިނިވަން ދުވަހެއް ނޯންނާނެއެވެ. މިޤައުމެއް ވެސް ނޯންނާނެއެވެ. ރައްޔިތުންނާއި ޤައުމު ވިއްސި ވިހާލިވެގެން ދާނެއެވެ. ދިވެހި ޤައުމު މިއޮތީ ހަތަރުއަނގޮޅިއެއްގައެވެ. ކުރިއަށް ދާނީ އަޅުވެތި ކަމުގެ މަގުންތޯ ނުވަތަ މިނިވަން ކަމުގެ މަގުންތޯ ކަނޑައެޅުމުގެ ބާރު އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައެވެ. މިނަޒަރުން ބަލާ އިރު މިއަދަކީ ހިތާމަވެރި ނަސްރުގެ ދުވަހެކެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.