...

Support Us

ބަދަލު ނުވާށެވެ!

ނުވާށޭ ބަދަލު ކަންކަމުން އޭ ދަރީންނޭ
ނުވާނޭ ރަނގަޅު އޭރަކުން އޭ ދަރީންނޭ

ޒަމާން ފަސްވެ ކަންކަން ވަނީ އޮޅިފަޔޭ އަދު
ކަމާ އަޞްލުތައް ދެން އިޢާދަވެ ނުދާނޭ

ދެމުންބުއް ކިޔައި ނާނަނާގައި ކިޔައިގެން
ހެމުން މައިންބަފައިން ހޭނި ގޮތްތައް ހިފާށޭ

ތިމާ ހޭނި ގޮތްތައް ސުކޫލާ ސުކައުޓުން
ޙިމާޔަތް ނުކޮށް ދޫކުރަން ހެޔޮ ނުވާނޭ

އެ ތިންތަނުގެ ތަރުބިއްޔަތަށް ހޭނުވީމާ
ދެތިން މިނެޓު ފަހު ދޫކުރަން ކަން ނުވާނޭ

ކުލާހުން ރަނގަޅު ދަރިވަރުންނާ ގުޅޭށޭ
ދުލާ އަތް ސަލާމަތް ކުރަން ވެސް ޖެހޭނޭ

ކުލާހާ އޮފީހުން ރަނގަޅު ރައްޓެހިންނާ
މުލާޤާތުކޮށް އެކު އުޅުން ރަނގަޅުވާނޭ

ސުކޫލުން ނިމޭ ހިނދު ވަޒީފާ ހިފާށޭ
ޙުކޫމަތުގެ އިމުގައި އުޅެން ފަހެ ޖެހޭނޭ

އެއަށްފަހު ޙަޔާތެެއް ޒަވާޖީ ފަށާށޭ
އެއަށްވުރެ ކަމެއްއިސް ވެގެންނެއް ނުވާނޭ

ލިބޭ  އާމްދަނީ އިން ފުދޭ ގޮތް ބަލައިގެން
ލިބޭ މިންވަރުން ފުއްދަމުން ދާން ޖެހޭނޭ

ޒުވާން ޢުމުރު ބޭކާރު ކޮށްގެން ނުވާނޭ
ސުވާލެއް ޤިޔާމަތް ދުވަހުގައި ވެވޭނޭ

ޖަމާޢާތުގެ އެންމެން ބަލައިގަންނަ، ގޮތް ހުރި
ޒަމާނުގެ ރަނގަޅު މީހަކަށް ވާން ޖެހޭނޭ

ފުދުންތެރި ވެވޭނޭ މަގެއް ފެނުނު ނަމަވެސް
ފުދުންތެރި ނުޙައްޤުން ވެގެން ވެސް ނުވާނޭ

ނުބައިކަންކަމާ ރަނގަޅު ގޮތްތައް އެނގޭ އިރު
ނުބައި ކަންކަމާ ފޭވެ ދުރުވާން ޖެހޭނޭ

އަތުން ބީވިޔަސް ދުނިޔެވީ ކަންކަމާ މެދު
ކަތުންނާ އަރައިރުން ވެގެންނެއް ނުވާނޭ

ޔަތީމުން ފަޤީރުންގެ އިޙުސާސް ތިމާޔަށް
މަތީ ދަރަޖައެއްގައި އެނގެން ވެސް ޖެހޭނޭ

ކުރަން ރަޙުމު ޖެހެޔޭ ދިރޭހައި ތަކެއްޗަށް
ފުރައި ބަނޑު އުޅޭ ނަމަ ނުދީކާން ނުވާނޭ

މިތާ އަބަދު ނޫޅޭނެކަން ވެސް ތިމާދަނެ
ހިތާ ހަށި އެދޭހައި މަގުން ދާން ނުވާނޭ

ކަމެއް ވާޖިބެއް ދީނު އޮތް ދޫނުކޮށްލައި
ދަމެއް ނެތި އެއަށް އެންމެ އިސްވާން ޖެހޭނޭ

އަޚަކު ގޯސްކަމެއްކޮށް ދިނަސް ބޮނޑި ތިމާޔަށް
އަޚަކު ދެރަކުރަން ފަހެ، ހިތައިގެން ނުވާނޭ

ނަސޭހަތް އަހާށޭ ބުނާ ބަސް އަހާށޭ
ފަސޭހަވެ ދެ ދުނިޔޭގެ ބާއްޖަމެ ލިބޭނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *