ފަތުޙު މައްކާގެ މަތިވެރިވީ ހަނދާތައް އާވެގެން މިދަނީ
ކަތުންގެ ހިތަށް އުފާވެރިކަން ލިބޭ ޒިކުރާ އިޢާދަވަނީ
ބަކުރު ވަންހައިގެ މީހުންނާ ޚުޒާޢަތު ވަންހަ ކޯޅުމަކުން
އަކުރުތައް ޞުލްޙަ ނާމާގައި ޤަރާރުވި ގޮތް ޚިލާފުވަނީ
ހުރަހަކަށް ޞުލްޙަ ނާމާވީ ސަބަބު ބާޠިލްވެ ނެތި ދިއުމުން
ކުރައްވަން އެންމެ އިސްކަމަކަށް ފަތުޙު މައްކާ ޚިޔާރުވަނީ
ހުރަސް އެޅުމަށް އަބޫ ސުފްޔާން ކުރައްވަން އައު ޢަހުދުނާމާ
ބުރައިގައި ކުޅަ ދަތުރު ފުޅުގައި، މަލާމާތެއް އެ ރައްދުވަނީ
ތަބާ ވީޔޭ ކިޔޭ ތުހުމަތު އިބުނު ޙަރުބަށް ވެވުނު ރައްދުން
ތަބާވީ ނޫންކަމުގެ ރަމުޒޭ ދެބުދު ދެމެދުން އެ ދައްކަވަނީ
ޖަމާވާން ރޯދަމަސް އައުމުގެ ކުރިން އެންގެވި މަދީނާޔަށް
އަމާންކަމުގައި ޤަބީލާތައް ޖަމާވި ހަނދާން މި އާވެވެނީ
މަހުގެ މެދުފޮއި ތެރޭގައި މާތް ރަސޫލާ ދަތުރުފުޅު ފެއްޓެވި
ރަޙުމުވެރި ހިތްޕުޅުގެ ރަޙުމާ އެކީ ލަސްކަރު ދަތުރު ކުރަނީ
ޢަދަދު ދިހަހާސްވި ލަސްކަރު މައްރު އައްޡަހުރާނު ގައި ވީރޭ
ޢަދަދު ދިހަހާސް ގަނޑުގެ އަލިފާން ހުޅުން އެވެރިން ވަޒަންކުރަނީ
މަހުގެ ވިހިވަނަ ދުވަހު ޚާލިދު ކުދާގެ މަގުން ނުހަނު ބާރުން
ފަޚުރުވެރިކަން ނުވާ ސާހިބު އަމާން ކަމުގައި އެ ވައްދަވަނީ
އަރާމުގެ ހިނދު ކޮޅެއްފަހުގައި ފަތުޙު ސޫރަތް ވިދާޅުވަމުން
އަރައި އިންނެވި ޖަމަލުކޮޅުގައި ޠަވާފެއް އިސް ކުރައްވަވަނީ
މިސާލުން އެންމެ ހެޔޮ އުސްވަތު އެތާގައި ދައްކަވައި ދެއްވައި
އިޝާރާތްޕުޅު ކުރެއްވުމަކުން ބުދަށް ނިމުމެއް އެގެންނަވަނީ
ޒަމާން ދެމި އޮތް ހިނދަކު ތާރީފު ކުރެވޭ މާތްވި ބަސްފުޅަކުން
އަމާންކަން ޢާންމުކޮށް ދެއްވެވި މަޢާފު ހަނދާން ވެގެން މިދަނީ