Support Us

ކޮލަމް ގަލަން: އާއިލާގެ ނުރުހުމުގައި މައްޔިތާގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދާދި ފަހުން މީހަކު ނިޔާވި ޚަބަރު މީޑިޔާގައި ދައުރުވިއެވެ. (މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރުކުރައްވާށިއެވެ. އާމީން) އަދި ތުހުމަތުތަކާ އެކު އާއިލާގެ ނުރުހުމުގައި، ރާއްޖެއިން ބޭރަށް ހަށިގަނޑު ގެންގޮސްގެން، ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ. އެހެންކަމުން ބަލަދުވެރިންގެ ނުރުހުމުގައި މައްޔިތާގެ ޕޯސްޓުމޯޓަމް ހެދުމުގެ ހުކުމަކީ ކޮބައިކަން މި ދަނޑިވަޅުގައި އެނގެން ބޭނުންވެއެވެ.

މައްޔިތާ އެއްތަނުން އަނެއް ތަނަށް ނަޤުލުކުރުމާއި ނުވަތަ ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދަ ލިބުމާއި ނުލިބުން ނުވަތަ އެކަން ހުއްދަވުމާއި ހަރާންވުން ބިނާކުރެވެނީ ނުވަތަ ދަލީލު ނެގެވެނީ ފިޤުހުގެ ޤަވާއިދުގެ ތެރެއިން ދެ ޤަވާޢިދެއްގެ މައްޗަށް ރިޢާޔަތްކުރެވިގެންނެވެ. އެއީ سد الذرائع ގެ ޤަވާޢިދާއި الاستحسانގެ ޤަވާޢިދެވެ.

ހ- سد الذرائعގެ މާނަ:

އެ ކަލިމަ އުފެދިފައިވަނީ ދެ ލަފުޒެއް ގުޅިގެންނެވެ. އެއީ سدގެ ލަފުޒާއި، الذرائع ގެ ލަފުޒެވެ. އަރަބި ބަހުގައި سدގެ މާނައަކީ ކަމެއް މަނާކުރުމެވެ. الذرائعގެ މާނައަކީ ވަސީލަތެވެ. (އިބްނު މަންޡޫރް، ލިސާނުލްޢަރަބް 3/207)

އެހެންކަމުން سد الذرائعގެ މުރާދަކީ ޝަރުޢީ ކަމެއްގައި އިހުމާލުވުމަށް މަގުފަހިކޮށްދޭ މަގުތައް ބަންދުކުރުމެވެ. ނުވަތަ އެފަދަ ކަމަކަށް އަރައިގަތުމަށް އުފެއްދޭ އޮޅުވައިލުންތަކަށް މަގު ބަންދުކުރުމެވެ. ނުވަތަ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަމަކަށް ގަސްތަކާ ނުލައިވެސް އަރައިގަނެވިދާނެ މަގުތައް ބަންދުކުރުމެވެ. (އިބްނުލްޤައްޔިމް، އިޢުލާމުލްމުވައްޤިޢީން، 3/119)

ދަންނައެވެ. ފިޤުހު އުޞޫލުގެ ޢިލްމުވެރީންގެ އިސްޠިލާޙުގައި سد الذرائعގެ ޢާއްމު މާނައަކާއި އަދި ޚާއްޞަ މާނައެއް އޮވެއެވެ.

ޢާއްމު މާނައަކީ: ކަމަކަށް ވާޞިލުވުމަށް އޮންނަ މަގެކެވެ. ވާޞިލުވެވޭ އެ ކަމަކީ ޝަރީޢަތް ހުއްދަކުރާ ކަމެއް ނަމަ އެ ވަސީލަތުގެ ދޮރު ހުޅުވައިލުމެވެ. އަދި ވާޞިލުވެވޭ އެކަމަކީ ޝަރީޢަތް ހުއްދަނުކުރާ ކަމެއް ނަމަ އެ ވަސީލަތުގެ ދޮރު ބަންދުކޮށްލުމެވެ. (ސަޢަދީ އަބޫޖައިބް، އަލްޤާމޫސުލްފިޤިހީ، 1/136)

ޚާއްޞަ މާނައަކީ: އެއީ ހުއްދަ ވަސީލަތެއް، އެހެނަސް އެ ވަސީލަތެއްގެ  ބޭނުން ހިފައިފި ނަމަ ފަސާދައަކަށް ވާޞިލުވެވިދާނެ ނުވަތަ އެ ވަސީލަތެއްގެ ބޭނުންކޮށްފި ނަމަ ފަސާދައަކަށް ވާޞިލުވެވިދާނެ ކަމަށް ބުރަވެވޭ ނުވަތަ އެ ވަސީލަތެއްގައި މަޞްލަޙަތަށް ވުރެ ފަސާދަ ބޮޑު ކަމަށް ބުރަވެވޭ ކަންތައްތައް ބަންދުކޮށްލުމެވެ. (އައްޝައުކާނީ، އިރްޝާދުލްފަޙޫލް، 217)

ށ- الاستحسانގެ މާނަ:

ޢަރަބި ބަހުގައި الاستحسان އަކީ ކަމެއްގައި ގިނަ ކަންތައް އެކުލެވިފައި އޭގެ ތެރެއިން އެއްގޮތަކީ އެކަމެއްގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ތިމާއަށް އެއްބަސްވެވުން ނުވަތަ ސިކުނޑި ޤަބޫލުކުރުމެވެ. ކަމެއް ރަނގަޅު ކަމަށް ދެކެފި މީހާ އެކަން ބަލައިގަންނާނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. އެއީ ޙިއްސީ ކަމެއް ކަމުގައި ވިޔަސް ނުވަތަ މަޢުނަވީ ކަމެއް ކަމުގައި ވިޔަސް މެއެވެ. މިސާލަކަށް، ކެއުން ވަރަށް ރަނގަޅު ކަމަށް ބަލައިގެންފިއެވެ. މިސާލަކަށް، މިއީ މުސްލިމުން މިކަމުގައި ރަނގަޅު ގޮތް ކަމުގައި ދުށްގޮތެވެ. (އިބްނު މަންޡޫރް، ލިިސާނުލްޢަރަބް، މާއްދާ: ޙަސަން) (އައްސަރްޚަސީ، އުޞޫޫލުއްސަރްޚަސީ، 2/200)

ފިޤުހު ޢިލްމުވެރީން الاستحسانގެ އިޞްޠިލާޙީ މާނަކުރެއްވި ގޮތްތައް އެއްގޮތަށްވުރެ ގިނައެވެ. އޭގެތެރެއިން އެއްގޮތް ދަންނަވާލަމެވެ. އެއީ الاستحسان އަކީ، ޝަރުޢީ ނައްޞެއްގެ ޢަލީގައި، ނުވަތަ ޝަރުޢީ ޡުރޫރަތަކަށް ޓަކައި ނުވަތަ ޤިޔާސުގެ އަލީގައި ނުވަތަ އާދަކާދައިގެ މައްޗަށް ބިނާވެގެން އަޞްލު ޙުކުމާ ޚިލާފަށް އެވައްތަރުގެ އެހެން ޙުކުމަކަށް މަގުފަހިކުރުމެވެ. (އަލްޢަޒާލީ، އަލްމުސްތަޞްފާ، 1/138) (އިބްނުއްނައްޖާރް، އަލްކައުކަބުލް މުނީރް، 3/15)

3 މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމާއި ޕޯސްޓްމޯޓަމް ހެދުމުގައި އާއިލާގެ ހުއްދައިގެ ޙުކުމް

ހ- سد الذرائعގެ ދަށުން (ފަސާދައިގެ ދޮރު ބަންދުކުރުމުގެ ގަވާއިދުގެ ދަށުން) މައްޔިތާއަށް ލިބިދާނެ ގެއްލުންތަކުން ސަލާމަށްކުރުމަށް ޓަކައި މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމާއި ނުވަތަ ޕޯސްޓުމޯޓަމް ހެދުމުގައި ބަލަދުވެރީންގެ ހުއްދަ ހޯދުން އިސްލާމީ ޝަރީއަތުގައި ވާޖިބު ކުރެވެއެވެ.

ށ- ދިރިހުރި މީހެއްގެ ހަށިގަނޑަށް ސިއްހީ ބޭނުމަކަށްޓަކައިވެސް ޒަޚަމެއް ދެވޭނީ އެމީހެއްގެ ފުރިހަމަ ރުހުން ލިބިގެންނެވެ. އަދި އެއީ ދިރިހުންނައިރު އެމީހެއްގެ ޒާތީ ހައްގެކެވެ. އަދި މަރުވުމަށްފަހު އެހައްގު ޝަރުޢީގޮތުން ލިބިގެންވަނީ ހަމއެކަނި ވާރިސުންނަށެވެ. ނުވަތަ ބަލަދުވެރީންނަށެވެ. އެހެންކަމުން މަރުވުމަށްފަހު މައްޔިތާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދޭނީ މައްޔިތާގެ ބަލަދުވެރިންގެ އިޒުނަ ލިބިގެންނެވެ. އެއީ އަސާސީ ޝަރުޠެކެވެ.

އަލްއަޒުހަރުގެ ކުރީގެ شيخ جاد الحق علي جاد ގެ ބަސްފުޅާއި މިސްރުގެ ފަތުވާއާއި ސައުދިއާގެ ފަތުވާއާ އަދިވެސް އިތުރު ތަފުސީލު ބައްލަވާށެވެ. (لشيخ جاد الحق علي جاد، الفقه الإسلامي ومرونته، ص248./ دار الإفتاء المصرية. فتوى رقم 1069، الفتاوى الإسلامية، المجلد 7، ص2505، لجنة الفتوى بالأزهر فتوى مؤرخة في 8/8/1985م. هيئة كبار العلماء بالسعودية. فتوى رقم 62 في 25/10/1398ه، لجنة الإفتاء التابعة للمجلس الإسلامي الأعلى في الجزائر. فتوى مؤرخة في 20/4/1972م.)

ނ- މައްޔިތަކަށް ޤަޒުފު ކުރެވިއްޖެ ނަމަ، އިސްލާމީ ޝަރީޢަތުގައި މައްޔިތާގެ ވާރިސުންނަށް ދަޢުވާ އުފުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިސްލާމީ ޝަރީޢަތު މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގެ ޙައްޤު ލިބިގެންވަނީ ވެސް ހަމައެކަނި ވާރިޘުންނަށެވެ. މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގައި ވާރިޘުންގެ ހުއްދަ އޮތުން ލާޒިމުކުރެއެވެ. (ޢަމްރޫވ، އަޙްކާމު ޖަރާއިމުލްއިޢުތިދާއި ޢަލަލްއަމްވާތް، މާސްޓަރް ތެސީސް،2004 ޖާމިއަތް ނާއިފް، ސަޢުދިއަރަބިޔާ)

ރ- الاستحسانގެ ގަވާއިދުގެ ދަށުން މަރުވުމަށްފަހު މައްޔިތާއަށް އެންމެ މަސްލަހަތު ބޮޑުވަނީ އޭނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުދީ ވީހާވެސް އަވަހަކަށް ވަޅުލުމެވެ. އެހެންކަމުން އެކަންކުރުމުގެ ހައްގު ޝަރީއަތުގައި ދީފައިވަނީ މައްޔިތާގެ ބަލަދުވެރީންނަށެވެ. ނަމަވެސް ޝަރުޢީ ބޭނުމަކަށްޓަކައި މިސާލަކަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޓަކައި މައްޔިތާގެ ބަލަދުވެރިންގެ އިޒުނައަކާ ނުލައި ނުވަތަ އެ މީހުންގެ ނުރުހުމުގައި މައްޔިތާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުން އެންމެ ރަނގަޅު ކަމުގައި އިބުނު ބާޒު ފަތުވާދެއްވިއެވެ. އެއީ ރޭޑިއޯ ޕްރޮގުރާމެއްގައި ދެއްވި ބަސްފުޅެކެވެ. (فتوى الجامع الكبير)

މައްޔިތާގެ ބަލަދުވެރިންގެ އިޒުނައަކާ ނުލައި ޖިނާއީ ތަހުގީގެއް ހިންގުމަށް ޓަކައި މައްޔިތާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުން އެންމެ ރަނގަޅު ކަމުގައި އޮތް ފަތުވާގެ އަސްލު ބިނާކުރެވިފައިވަނީ އިސްލާމީ ޝަރީޢަތުގެ އިއްތިފާގު ލިބިފައިވާ ގަވާއިދެއް ކަމުގައިވާ "الضّرورات تُبيح المْحظورات"ގެ ގަވާއިދުގެ ދަށުން ލިބިގެންވާ ހުއްދައަކަށެވެ. މާނައަކީ: ޝަރުޢީ ބޭނުންތަކަށް ޓަކައި މަނާ ކަންތައްތައް ހުއްދަކުރެވެއެވެ. އެބަހީ މަނާކަމެއް ހުއްދަ ކުރެވޭނީ ހަމައެކަނި ޟަރޫރަތަކަށް ޓަކައެވެ. ޟަރޫރަތޭ ބުނެވޭ ބަހުގެ މުރާދަކީ ޝަރުޢީ މަސްލަހަތުތަކެވެ. އެ ގަވާއިދުގެ ދަށުން މައްޔިތާގެ ބަލަދުވެރިންނަށް ލިބިފައިވާ އިޒުނައިގެ ހައްގު ވަގުތީގޮތުން ނިގުޅައިގަތުން ހުއްދަކުރެވެއެވެ. ނަމަވެސް އެއީ އާއްމު ހުއްދައެއް ނޫނެވެ. އެ ހުއްދަ ލިބުމުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާން ޖެހެއެވެ. އެއީ:

އެކެއް: އެ ފަދަ ޕޯސްޓްމޯޓަމްގެ ޝަރުޢީ ބޭނުމެއް އޮތުމެވެ. މިސާލަކަށް އުފުލިފައިވާ ޖިނާއީ މަރެއްގެ މައްސަލައަށް ކޮންމެހެން ވެސް ބޭނުންވާނެ ހެކި އެ ފަދަ ޕޯސްޓްމޯޓަމަކުން ލިބޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. އެހެންކަމުން ޕޯސްޓްމޯޓަމް ހެދުމުގެ ކުރީގައި އެކަމުގައި ސިއްހީ މާހިރުންގެ ބަހެއް އޮތުން ލާޒިމުކުރެއެވެ. ހަމައެކަނި ފުލުހުން ބުނާ ބުނުމެއް ނުވަތަ ސަރުކާރުން ބުނާ ބުނުމަކަށް ނުފުދޭނެއެވެ.

ދޭއް: ހުށަހެޅިފައިފައިވާ ޖިނާއީ ދައުވާ ސާބިތުކުރުމަށް ޕޯސްޓްމޯޓަމް ހެދުން ފިޔަވައި އެހެން މަގެއް ނެތުން ލާޒިމުކުރެއެވެ.

ތިނެއް: ޕޯސްޓްމޯޓަމް ނުހަދައި ދޫކޮށްލައިފި ނަމަ ލިބިދާނެ ގެއްލުން ޕޯސްޓްމޯޓަމް ހެދުމަށްވުރެ ބޮޑުވުމެވެ. އެ ދެ ނުގުތާއަށް ބަލާއިރު މައްޔިތާގެ ވަލީވެރީން ކުރާ މަރުގެ ޖިނާއީ ދައުވާ ސާބިތުކުރުމަށް ހެކި ދެއްކުމަކީ އެމީހުންގެ ހައްގެކެވެ. މަރުގެ ދައުވާތަކުގައި ބޭރުފުށުގެ ހެކި ނުލިބެއްޖެ ނަމަ އިސްލާމީ ޝަރީޢަތް ކުރިޔަށް ގެންދާނެ ގޮތް ފިގުހުގައި ބަޔާންވެފައިވެއެވެ. އެހެންކަމުން ދައުވާ ލިބޭ ފުލުހުންނަކަށް ނުވަތަ ސަރުކާރަކަށް އެ މީހުން ދިފާއުކުރުމަކަށް މައްޔިތާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދައެއް ނުލިބެއެވެ. އަދި އެއީ ޝަރުޢީ ޟަރޫރަތަކަށް ނުވެއެވެ.

ހަތަރެއް: ދިމާވި ޝަރުޢީ ޟަރޫރަތަކީ (ޝަރުއީ ބޭނުމަކީ) އެކަން ހައްލުކުރުމަށް ޓަކައި ކުރާ ކަމަކުން އެހެން އާދަމުގެ ދަރިއެއްގެ ހައްގަކަށް އަރައިގަތުމަށް މަގުފަހިވާ ކަަމަކަށް ނުވުމެވެ. މައްޔިތާގެ ބަލަދުވެރިންގެ އިޒުނައަކާ ނުލައި ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ވިޔަސް މައްޔިތާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަކީ މައްޔިތާގެ ހައްގަކަށް އަރައިގަތުމެވެ. ހަދީސުން ސާބިތުވާ ގޮތުގައި ހަށިގަނޑަކީ ދިރިހުންނައިރު އިހުތިރާމުކުރަންޖެހޭ ފަދައިން މަރުވުމަށްފަހު ވެސް އިހުތިރާމުކުރަންޖެހޭ ހަށިގަނޑެކެވެ. މައްޔިތާގެ ގައިން ކަށްޓެއް ބިންދުމަކީ އެ މީހަކު ދިރިހުއްޓައި އެކަށި ބިންދުން ފަދަ ކުށެކެވެ. (އަބޫދާއޫދު 3207 ) އެހެންކަމުން މައްޔިތާގެ ހައްގަކަށް އަރައިގަނެގެން ފުލުހުންގެ ހައްގު ނުވަތަ ސަރުކާރުގެ ހައްގު ދިފާއެއް ނުކުރެވޭނެއެވެ.

އިސްވެދިޔަ މޭރުމުން ބަލާއިރު އަޅުގަނޑު ބުރަވަނީ އާއިލާގެ ނުރުހުމުގައި މައްޔިތާގެ ޕޯސްޓްމޯޓަމް ނެހެދޭނެ ކަމަށެވެ. އަދި އަމުދުން ތުހުމަތުކުރެވޭ މީހުންގެ ދިފާއުގައި ނުވަތަ ދައުވާ ލިބޭ މީހުންގެ ނަފީގެ ހެކި ދެއްކުމަށް އާއިލާގެ ނުރުހުމުގައި މައްޔިތާގެ ޕޯސްޓްމޯޓަމް ހެދުމުގެ ފުރުސަތެއް ޝަރުއީ އުސޫލުން ލިބިފައިނުވާ ކަމަށެވެ.

މިކަމުގައި އަޅުގަނޑު ވެސް އަޑުއަހަން ބޭނުންވަނީ ދިވެހިރާއްޖޭގައިވާ ދީނީ މުއައްސަސާތަކުގެ ފަތުވާއެކެވެ.

އަޅުގަނޑުގެ އިލްތިމާސަކީ: ދިވެހިރާއްޖޭގައި ދިވެހީންނަށްޓަކައި ގާނޫނުތައް ހަދާއިރު ދިވެހިންނަކީ މުސްލިމުން ކަމަށްވާތީވެ ގާނޫތައް އިސްލާމީ ޝަރީއަތަށް ފެތޭގޮތަށް ފަރުމާކުރަމުން ގެންދިއުމެވެ. އަދި ކުރީގައި ހަދައިފައި ހުރި ގާނޫނުތައް މުރާޖައާކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6

3 Responses

  1. ދުކްތޫރަށް މާތް ﷲ ބަރަކާތްލައްވާށިއެވެ! ވަރަށް ޢިލްމީ ލިޔުމެކެވެ. އުންމީދުކުރައްވާ ފަދައިން މި ރާއްޖޭގެ ދީނީ މުއައްސަސާއަކުން މި ކަމަށް ފަތުވާއެއް ނުނެރޭނެއެވެ. ސަބަބަކީ ހުރިހާ މުއައްސަސާތައް ވަނީ މި ސަރުކާރުގެ މުށުތެރޭގައި ކަމަށް ވާ ކަމެވެ. ޑރ. އިޔާޒު ފަދަ، އިލްޔާސް ފަދަ ބޭފުޅުން ރައުޔެއް ނެރުއްވިޔަސް ނެރުއްވާނީ ސަރުކާރުގެ ސިޔާސަތާ އެއް ގޮތަށެވެ. އެހެންނޫނީ ތިބޭނީ ހަނުއެވެ.

  2. އިބްނު ބާޒު ފަދަ ފުންނާބުއުސް އިލްމުވެރިންގެ ރައުޔުކޮބާތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *