Support Us

އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން: ރައީސުލްޖުމްހޫރިއްޔާ

ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް، އެކަމަށް ހިތްވަރު ދިނުމަށްވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށާއި އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022″ ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި، ދުނިޔެ އާއި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އެއަންނަ ކުއްލި ބަދަލާއެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިސްލާޙްވެގެން ނުދާނެ ކަމަށާއި، ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަ، ހަމަ އެވަގުތު ބަދަލުވެސް ނުވާ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް، ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައިކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ޤައުމަކަށް ނޯންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރަށް ހަތަރު އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަޤުވާމީ މުޖްތަމަޢުން މިއަދު ބަލައިގަންނަ ކަމަށެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި މި މަހާސިންތާ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން މި މަހާސިންތާއިން ފުރޭނިގެން އަންނަ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022″، އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *