Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މާލަސް ނުވަނީސް ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ މުހިއްމު ވާހަކަ ތަކެއް!

އޮކްޓޯބަރ މަހުގެ މެދުތެރެއިން ކަޅުފޮއެ ރެއެއްގެ މެންދަމު ވަގުތު މިފްކޯގެ މަސްބޯޓެއް ވަރަށް ސިއްރިޔާތުގައި ދަތުރެއް ހަދައިގެން ރާއްޖެއިން ބޭރަށް ފުރަނީ އެވެ. ބޯޓުގައި ތިބި ހުރިހާ ފަޅުވެރީންނަށް އަންގާފައި ވަނީ މިދަތުރާ ބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. ފުރިއިރު ބޯޓުގެ މަންޒިލްވެސް އެނގެނީ ކެޕްޓަނާ އެކު މަދު ބަޔަކަށެވެ. އަމާން ދަތުރަަކަށް ފަހު ބޯޓު ގޮސް ބަނދަރު ކުރަނީ ރާއްޖޭގެ އިރު ދެކުނުން އޮތް، ބާރަ ލައްކަ މީހުންގެ އާބާދީއެއް އޮތް ޖަޒީރާ ޤައުމެއް ކަމުގައިވާ މޮރިޝަސްގައެވެ. ބޯޓުގެ ދަތުރުގެ ބޭރުފުށުގެ ސަބަބެއް ކަމަށް ބުނަނީ ކަނޑުމަސް ވިއްކަން ކުރާ ދަތުރެއް ކަމަށެވެ. ފޮރުވިފައިވާ ސިއްރެއް އެނގެނީ މަދުބަޔަކަށެވެ. ދަތުރު ފެށިތާ ދެހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ބޯޓު އަނބުރާ ރާއްޖެ އަންނައިރު ބޯޓުގެ ކާގޯގެތެރޭގައި ހުންނާނެ އެއްޗެއް އެނގެނީ ވަރަށް މަދު ބޮޑުން ކޮޅަކަށެވެ!

މިއަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފުޅެއް ފޮނުއްވިއެވެ. މިސީޓިފުޅު ފޮނުއްވިކަން ދިވެހި އެއްވެސް މީޑިއާ އަކަށް ނުވަތަ ރައްޔިތުންނަކަށް ނޭގެއެވެ. މިކަން ދިވެހި ރައްޔިތުންނަށް އެނގުނީ 20 އޮކްޓޯބަރ 2022 ގައި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު، ޖަރުމަނުވިލާތުގައި ހިގަމުންދާ އ.ދގެ ޓްރައިބިއުނަލް އަކަށް ވަޑައިގެން ދެއްކެވި ވާހަކަ އަށް ފަހުގައެވެ.

ޖަރުމަނުގެ ހެމްބާގްގައި، އ.ދގެ ޓްރައިބިއުނަލްގެ ނުވަ ޖަޖުންގެ ކުރިފުޅުމަތީގައި ރިއްފަތު ވިދާޅުވީ ރާއްޖޭގެ ދެކުނުން އޮތް، ފަސް އަތޮޅެއްގެ މައްޗަށް އެކުލެވޭ 60 ރަށް ކަމުގައިވާ ފޯޅޮވަހީގެ މިލްކުވެރިކަމާ މެދު ކުރެވޭ ޝަރީއަތުގައި، ފޯޅޮވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން އެއްބަސްވާ ކަމަށެވެ! މިއީ ދިވެހީން ނިދާފައި ތިއްބާ ދިވެހި ސަރުކާރުން ދިވެހީންގެ ބޮލަށް އެޅި ބޮޑު ނިއުކްލިއަރ ބޮމެކެވެ!

އިނގިރޭސި ކޮލޮނީ އެއްގެ ގޮތުގައި 1814 ވަނަ އަހަރުން ފެށިގެން އޮވެ، 1966 ވަނަ އަހަރު އެމެރިކާގެ އަސްކަރީ މަރުކަޒެއް ހަދަން އެމެރިކާ އަށް ކުއްޔަށް ދިން މި ބިޔަ ބޮޑު ސަރަހައްދަކީ ޒަމާނުއްސުރެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުން ދަތުރުކޮށް އުޅުނު ފަޅުރަށްތަކެކެވެ. ފޯޅޮވައްސާއި ރާއްޖެއާ ދެމެދު ހުރީ އެންމެ 500 ކިލޯމީޓަރެވެ. ނަމަވެސް މޮރިޝަސްއާއި ފޯޅޮވައްސާ ދެމެދު މީގެ ހަތަރު ގުނަ (ދެހާސް ކިލޯ މީޓަރ) ހުރެއެވެ. ފޯޅޮވައްސަކީ އެއްވެސް އިރަކު މޮރިޝަސްގެ ތަނެއް ނޫނެވެ. މިއަހަރުގެ އޮގަސްޓް މަހު، ދިވެހި ރައްޔިތުންނަށް ސިއްރުން، އަންގާވެސް ނުލައި، މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ފަތްކޮޅަކުން މިބިޔަ ބޮޑު ސަރަހައްދުގެ މިލްކުވެރިކަން މޮރިޝަސް އަށް ދޫކޮށްލައްވަންދެން ދިވެހި ރާއްޖެއިން ބުނަމުން އައިސްފައިވަނީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށެވެ.

ދިވެހި ރައްޔިތުންނާ މިހާ ބޮޑު ގުޅުމެއް ހުރި މިވަރުގެ މުހިއްމު ކަމެއްގައި، ރައްޔިތުންނާ މަޝްވަރާ ކުރެއްވުމެއް ނެތި ފޮނުއްވި ފަތްކޮޅެއްގެ ވާހަކަ އެނގުމުން އެސިޓީގައި ވަނީ ކޮންވާހަކައެއްތޯ މީޑިއާއިން ސަރުކާރާ ސުވާލު ކުރިއެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ އެސިޓީ ވަނީ ސިއްރު ކުރެވިފައި ކަމަށެވެ. ސިއްރުން ހިންގި ޖަރީމާއެއްގެ ސިޓީ ސިއްރުކުރީ އެވެ. ވަގަކު ގެއަކަށް ވަދެ ވައްކަން ކޮށްފައި ސީސީ ޓީވީ ފުޓޭޖް ފޮރުވުމަށް ފަހު އެ ފުޓޭޖް ސިއްރު ކުރުން ކަހަލަ ކަމެކެވެ.

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ޤާނޫނާ ބެހޭ އެންމެ އިސް އެއް ޤާނޫނީ މާހިރަކީ ދިވެހި ރައްޔިތެކެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރު ފަދަ ތަޖުރިބާކާރު ބޭފުޅަކު ހުސްކޮށް ހުންނަވަނިކޮށް އެމަނިކުފާނުގެ ލަފަޔެއް ނުވަތަ އެހީތެރިކަމެއްވެސް ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ މިވަރުގެ ކަމެއް ނިންމުމަކީ ވަރަށް ގޯސްކޮށް ސަރުކާރުން ކުރި ކަމެއް ކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މީގެ ހަފްތާއެއް ކުރިން ވިދާޅުވިއެވެ.

އޮގަސްޓް މަހު ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިއްރުން ސިޓީފުޅެއް ފޮނުއްވުމުގެ ދެމަސް ދުވަސް ކުރިން، 24 ޖޫން 2022 ވީ ހުކުރު ދުވަހު، ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައި މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ކުމާރު ޖަގުނައުތު އާއި ރައީސް ސޯލިހު ބައްދަލު ކުރެއްވިއެވެ. އެއީ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރީންގެ ބައްދަލުވުމުގެ ހަވާސާގައި ރައްޖޭގެ ރައީސް ބޭއްވެވި ބައްދަލުވުމެކެވެ. ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސް ކޮޅަށް ޖެހެން ނިންމީ ރުވާންޑާގައި ބޭއްވި މިދެންނެވި ބައްދަލުވުމަށް ފަހުގައި ކަމަށް ބެލެވެއެވެ. މިވަރުގެ ކަމެއް މިއަހަރުގެ ކުރީކޮޅުން ފެށިގެން ހިނގަމުން އައިއިރު ދިވެހި ރައްޔިތުންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރިތާނގައި ހަބަރަކުން ވެސް އަންގާވެސް ނުލިއެވެ.

ބާރަ ލައްކަ މީހުންގެ އާބާދީ އެއް އޮތް މޮރިޝަސްގެ 66 ސައްތަ އަކީ އިންޑިއާ ނަސްލުގެ މީހުންނެވެ. މޮރިޝަސްގެ ރައީސަކީ (ނަމުންވެސް އެނގޭ ގޮތުގައި) ރަތްލާ ޖެހި، އިންޑިއާ ނަސްލުގެ ހިންދޫ އެކެވެ. މޮރިޝަސްގެ ޖަޒީރާ އެއް ކަމުގައިވާ އަގަލެގާގައި އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް ހަދަމުންދާ ކަމުގައި އަލްޖަޒީރާ ޓީވީ އިން ވަނީ، އޮގަސްޓް 2021 ގައި، ފަލާއަރުވާލާފައެވެ. މޮރިޝަސް ސަރުކާރާއި އިންޑިއާ ސަރުކާރުން މިކަން ދޮގު ކުރިއަސް އަލްޖަޒީރާގެ ރިޕޯރޓްތައް ބަލައި، އަޑުއަހާލުމުން މިކަމުގެ ވަރަށް ސާފު ހެކިތައް އިންޓަރނެޓުން މިހާރުވެސް އެހެރީ ފެންނާށެވެ. މޮރިޝަސް އަކީ އިންޑިއާގެ ނުފޫޒުގެ ދަށުގައިވާ، އިންޑިއާ ނަސްލުގެ ބާރު އޮތް، އިންޑިއާގެ ސަހަރެއް ފަދަ ތަނެކެވެ.

ރާއްޖޭގެ އުތުރުން ހަނިމާދޫ، އަދި މެދު ރާއްޖެތެރެއިން އުތުރު-ތިލަފަޅު، އަދި ދެކުނުން ލާމު ކައްދޫ އާއި، އެންމެ ދެކުނުން އައްޑޫ ސިޓީގައި އިންޑިއާގެ އަސްކަރީ ސިފައިން މިހާރު މިވަނީ ބަނޑަހަ ޖަހައިފައެވެ. މޮރިޝަސް އަށް ފޯޅޮވަހި ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމީ އިންޑިއާގެ "އަމުރަށް" ކަން މީގެން ވަރަށް ސާފެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ.މުނައްވަރު ވެސް ވިދާޅުވަނީ ހަމަ މިހެންނެވެ. މީގައި އިންޑިއާގެ ބޮޑު "އަތެއް" ވާކަން ވަރަށް ސާފެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދުގައި އިންޑިއާ ސިފައިން މިހާރަށްވުރެ ފުޅާކޮށް ރުކުރުވާލެވޭނީ ރައީސް ސޯލިހަށް 2023 ގައި އިތުރު ދައުރެއް ލިބިވަޑައިގަތުމުންނެވެ. އެއާއެކު ފޯޅޮވަހި އެއްކޮށް އިންޑިއާގެ މިލިޓަރީ ބޭސް އަކަށް ހަދާނެއެވެ. މަލިކު އެއޮތީ އިންޑިއާގެ ދަށުގައެވެ. އެހިސާބުން މުޅި އިންޑިއާ ކަނޑުގެ ކޮންޓްރޯލް އިންޑިއާ އަށް ލިބޭނެ އެވެ. ދިވެހި ސިޔާސީ ބޭފުޅުން ހަމައެކަނި އަނގަބަހުން މިކަން ކުށްވެރި ކުރައްވައިގެން ތިއްބެވުމަކުން ފުދޭކަށް ނެތެވެ. ޤައުމު ވިއްކާލައި، ޤައުމުގެ ހައްޤުތަކެއް ދޫކޮށްލާއިރު ހަމައެކަނި އަނގަތަޅަން ތިބެގެން ވާކަށް ނެތެވެ.

ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝަކޫރާއި ދިޔާނާ ސައީދާއި ޑރ.މުނައްވަރާއި ކުރީގެ ޑިފެންސް ސްޓޭޓް މިނިސްޓަރ މުހައްމަދު މުއިއްޒު އަދުނާން، އަދި ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ވެސް ވަނީ ފޯޅަވަހީގެ މައްސަލާގައި ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެ، ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށް ގޮވާލައްވާފައެވެ. މި ހުރިހާ ބޭފުޅުންނަށް ވުރެ ބޮޑަށް މިޤައުމުގެ މަސްލަހަތު އެނގެނީ ރައީސް ސޯލިހާއި އަބްދުﷲ ޝާހިދާއި ރިއްފަތަށް ތޯއެވެ؟

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން 26 އޮކްޓޯބަރގައި މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަމަ ރަނގަޅަށެވެ. ރާއްޖޭގެ ގައުމީ ސަލާމަތަށް މިވަގުތު ހުރި އެންމެ ބޮޑު ނުރައްކަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަޅުގާނޑު އެއަށް އިތުރުކޮށްލަން ބޭނުން އަނެއް ހަތަރު ނަމަކީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ދިފާއި ވަޒީރު މާރިޔާ ދީދީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުﷲ ޝަމާލްގެ ނަމެވެ. މި ފަސް ބޭފުޅުންނަކީ ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ފަސް ނުރައްކާ ކަމަށް ބަލައި މި ފަސް ބޭފުޅުން، ޤާނޫނީ ހަމަތަކުގެ ތެރެއިން މަޤާމުން ދުރު ނުކޮށް 2023 ގައި ބާއްވާ އިންތިހާބެއް އިންސާފުވެރި ވެދާނެ ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދޭ ވޯޓަކީ އެމްޑީޕީއަށް ދޭ އެއްޗަކަށް ވެއްޖެނަމަ އެއީ ދިވެހި ޤައުމުގެ ސަންދޯކުގައި ޖަހާ އެންމެ ފަހު އިސްކުރު ޖަހާ ބާރުކޮށްލުން ކަމަށް ރައީސް ޔާމީން ވިދާލުވެފައި ވެއެވެ. އަޅުގަނޑު މީގެ ކުރިން ވެސް ލިޔެފައިވާނެ ފަދައިން ޔާމީނަކީ ވެސް ހުދު ކާފޫރެއް ނޫނެވެ. ނަމަވެސް ޔާމީން އެ ވިދާޅުވީ ހަމަ ތެދެކެވެ.

ހުޅުދޫ ދާއިރާގެ މަޖުލިސް މެންބަރު (އެމް.ޑީ.ޕީގެ ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ) އިލްޔާސް ލަބީބަކީ ވެސް ހުދު ކާފޫރެއް ނޫނެވެ. ނަމަވެސް އިލްޔާސް ވެސް ވިދާޅުވީ ހަމަ ތެދެކެވެ. ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން، އެ ފައިސާއިން ރައްޔިތުންނަށް ރިޝްވަތު ދީގެން، ރައްޔިތުންގެ ވޯޓު ގަނެލައިގެން، 2023 ކާމިޔާބު ކުރުމަކީ ވެންމަސް ވެނަށް ކާންދީގެން ވެން އޮޅުކުރުން ކަހަލަ ކަމެކެވެ. ޓެކްސް ބޮޑުކުރުމުގެ މައްސަލައިގެ ބަހުސްގައި އިލްޔާސް ވިދާޅުވި ފަދައިން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭކަށް ހަމަނުފެނެއެވެ. ރައްޔިތުން ބިކަވެފައިވާ ހާލު ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަނީ އެވެ. ރާއްޖޭގެ ބައެއް، ދިވެހި ރައްޔިތުންނަށް ނާންގައި މިއޮއްގެން ވިއްކާލަނީ އެވެ.

މޮރިޝަސްގައި އޮތް މިފްކޯގެ ބޯޓު އެނބުރި އަންނާނެ ދުވަހެއް ނޭނގެއެވެ. އެނބުރި އަންނައިރު އެބޯޓުގެ ފަލްކާގައި ނަގުދު ފައިސާއިން 500 މިލިއަން ޑޮލަރު ހުއްޓަސް އަޅުގަނޑު ހައިރާނެއް ނުވާނެއެވެ. މިސަރުކާރުން ކޮށްފައި ނުކުރާނެ ކަމެއް އެއްވެސް ދިވެއްސަކަށް މިހާރު ނޯޅޭނެއެވެ. ދެހާސް ތޭވީސް ޔަޤީން ކުރަން މި ސަރުކާރުންނާއި އިންޑިއާ އިން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ރައީސް ސޯލިހަކީ ހިކުމަތްތެރި ބޭފުޅެއް ކަމަށް ބުނެއުޅެއެވެ. މިއީ ހިކްމަތްތެރި ކަމެއް ނޫނެވެ. މިއީ ޒިއްމާއިން ރެކުމާއި އަމިއްލަ އެދުމެވެ. ތިމާގެ އެންމެ ގާތް ރަހްމަތްރިޔާ ހޯދައިދިން ވެރިކަމެއްގެ ލައްޒަތުގައި ޖެހި، ރަހްމަތްތެރިޔާ އަށް ހަރާމްކޯރުވީ ބޭފުޅަކު ރައްޔިތުންނަށް ހަރާމްކޯރު ނުވާނެ ކަމަށް ބަލައިގެން ނުވާނެއެވެ. މިހާރު މިވަނީ ހަމަ ސީދާ ހަރާމްކޯރެވެ. މިކަމާ ދެކޮޅަށް ރައްޔިތުން ބަސްބުނެ، ތެދުވާން ޖެހެއެވެ.