...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޣައްދާރުން ނުރުހުނަސް ފޯޅަވައްސަކީ ދިވެހީންގެ ބިމެއް!

މީލާދީ ސަނަތުން 1561، ނުވަތަ މީގެ 460 އަހަރު ކުރީގެ ދިވެހި ތާރީޚަށް ޖެހިލަމާ ހިންގަވާށެވެ. އެއިރު ރާއްޖޭގެ ރަސްކަމުގެ ތަހުތުގައި އިންނެވި ރަސްގެފާނު، ސުލްތާން ހަސަން (ނުވަވަނަ)، ޕޯޗުގީޒުންގެ ރާޖާއަށް ފަތްކޮޅެއް ފޮނުއްވި އެވެ. އެ ފަތްކޮޅުގައި ހަސަން ރަސްގެފާނު ވަނީ އެ ރަސްގެފާނު ނިސްބަތްވެ ވަޑައިގެންނެވި ދިވެހި ރާއްޖެ އަކީ ކޮބައިކަން ޕޯޗުގީޒު ރާޖާ އަށް ސިފަކޮށްދެއްވާފައެވެ. އެ ފަތްކޮޅުގައި އޮތްގޮތުން ދިވެހި ރާއްޖެއަކީ ރާއްޖޭގެ ރަށްތަކާއި، ސުއާދޫގެ ތިން ޕަޓަނާޔާ އާއި، ޕުއްލޮބޭގެ ހަތް ރަށުގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ޤައުމެކެވެ. ސުއާދޫގެ (ސުވާދީބުގެ) ތިން ޕަޓަނާއޭ ވިދާޅުވެ އެ ފަތްކޮޅުގައި އިޝާރާތް ކުރައްވާފައި އެވަނީ ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑުއަތޮޅަށެވެ. ޕުއްލޮބޭއޭ ވިދާޅުވެ އިޝާރާތް ކުރެއްވީ ފޯޅަވައްސަށެވެ.

މީގެ 460 އަހަރު ކުރިން ރާއްޖޭގެ ރަސްގެފާނު ސުލްތާން ހަސަން، ޕޯޗުގީޒުގެ ރަސްގެފާނަށް ފޮނުއްވި ފަތްކޮޅުން ވަރަށް ސާފުކޮށް އެނގޭ އެއްޗަކީ ފޯޅަވަހި ނުވަތަ ޗާގޯސް އަކީ ދިވެހި ރާއްޖޭގެ ބައެއް ކަމާއި އެއީ ދިވެހި ރަސްކަމުގެ ދަށުގައި އޮތް ތަނެއް ކަމެވެ!

ފަރަންސޭސި ތާރީޚު ލިއުންތެރިޔާ ޕިރާޑްގެ ލިއުންތަކުން ސާފުކޮށް ފެންނާން އޮތް ގޮތުގައި ހިލާލީ ރަސްކަމުގެ ޒަމާނާއި އުތީމު އާއިލާގެ ރަސްކަމުގެ ޒަމާނުގައި ފޯޅަވައްސަށް ރަސްމީގޮތުން ދިވެހިން ދަތުރުކޮށް އުޅުނެވެ. އެއީ މީލާދީން 1600 ގެ އަހަރުތަކުގެ ތެރޭގައެވެ. މިގޮތަށް މިކަން އޮއްވައި މީލާދީން 1790 ހާތާނގައި ފަރަންސޭސީންގެ އިސްތިއުމާރުގެ ދަށުން ފަރަންސޭސި ވިލާތުގެ ބަޔަކަށް ޗާގޯސް ހެދިއެވެ. އަދި އޭގެ ފަންސަވީހަކަށް އަހަރު ފަހުން، މީލާދީން 1814 ވަނަ އަހަރު، އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށުން އިނގިރޭސި ކޮލޮނީ އަކަށް ޗާގޯސް ހެދިއެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ޗާގޯސް އޮންނަތާ 150 ވަރަކަށް އަހަރު ފަހުން 1966 ވަނަ އަހަރު އެތަން އެމެރިކާގެ އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި ފަންސާސް އަހަރަށް އެމެރިކާ އަށް ކުއްޔަށް ދިނީ އިނގިރޭސީންނެވެ. އެ މުއްދަތު 2016 ގައި ހަމަވުމުން އިތުރު 20 އަހަރަށް (2036 ވަނަ އަހަރާ ހަމައަށް) އެ އެއްބަސްވުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އިނގިރޭސިވިލާތުން ދައުވާކުރާ ގޮތުގައި އެތަނަކީ އިނގިރޭސިވިލާތުގެ ބައެކެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސް އިން ދައުވާކުރަންފެށީ ވަރަށް ފަހުން، 1968 ވަނަ އަހަރު އެވެ.

ފަރަންސޭސީންނާއި އިނގިރޭސީންގެ ކޮލޮނީއެއް ގޮތަށް ޗާގޯސް އޮތްއިރުު ދަނޑުވެރިކަން ކުރުމަށާއި، އެއިރު ފަރުވާއެއް ނެތް ބޮޑެތި ބަލިޖެހޭ މީހުން އެކަހެރި ކުރުމަށް ފަރަންސޭސިންނާއި އިނގިރޭސިން ޗާގޯސްއަށް ގެންދިޔަ ކަޅު ނަސްލުގެ މަދު ބަޔަކު ޗާގޯސްގައި އާބާދުވީ މީގެ 200 ވަރަކަށް އަހަރު ކުރީންނެވެ. އިނގިރޭސި ވިލާތުން އެމެރިކާ އަށް ޗާގޯސް ކުއްޔަށް ދިނުމުގެ ކުރިން، އަދި މޮރިޝަސް އަށް އިނގިރޭސި އިސްތިއުމާރުން މިނިވަންކަން ދިނުމާ އެކު އިނގިރޭސީން ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ކަނޑައަޅާފައެވެ. އެމެރިކާގެ އަސްކަރީ މަރުކަޒު ހަދަންވެގެން ޗާގޯސްގައި ތިބި ހާހެއްހާ ކަޅު ނަސްލުގެ މީހުން އެތަނުން ބޭލިއެވެ. އެއީ އަސްލު ޗާގޯސްގެ ނަސްލެއް ނޫނެވެ. ޗާގޯސްގެ ބައެއް ނޫނެވެ.

ފަރަންސޭސީންގެ ކޮލޮނީއަކަށް ވުމުގެ މާކުރިން، އަދި އިނގިރޭސީންގެ ކޮލޮނީއަކަށް ވުމުގެ މާކުރިން، އަދި 1968 ވަނަ އަހަރު މޮރިޝަސްގެ ބައެއް ކަމަށް ޗާގޯސްގެ މައްޗަށް މޮރިޝަސް އިން ދައުވާ ކުރަން ފެށުމުގެ މާ ކުރިން، މީގެ 460 އަހަރު ކުރިން ވެސް ޗާގޯސް އަކީ ދިވެހީންގެ ބިމެކެވެ. ދިވެހި ރާއްޖޭގެ ބައެކެވެ. ދިވެހި ރަސްކަމުގެ ދަށުގައި އޮތް، ދިވެހީންގެ ބިމެކެވެ.

ޗާގޯސްގެ ރަށްތައް

މޮރިޝަސް އިން ޗާގޯސްގެ މިލްކުވެރިކަމަށް 1968 ގައި ދައުވާ ކުރި ކުރުން ދިވެހި ރާއްޖޭގެ އެއްވެސް ސަރުކާރަކުން ޤަބޫލުނުކޮށް އޮތްއޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ސިއްރިއްޔާތުގައި ހެދި ޑީލަކުން ބަދަލުކޮށް، ޗާގޯސްގެ މިލްކުވެރީންނަކީ މޮރިޝަސް ކަމަށް ދިވެހި ސަރުކާރުން ޤަބޫލް ކުރިކަން ރައީސްގެ ސިޓީއަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ދަންނަވާފައެވެ. އަދި ރާއްޖޭގެ ބަންޑާރަ ނައިބު ވަނީ މި މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން އ.ދގައި ވޯޓު ދޭނެކަން އިއުލާން ކުރައްވާފައެވެ. މިވަރުގެ ބޮޑު ކަމެއް ކުރެއްވިއިރު ދިވެހި ރައްޔިތުންނަށް ރޭކާވެސް ނުލައެވެ. މިއީ ވަރށް ސިއްރުން، އިންޑިއާއާ ގުޅިގެން ނިންމާލި ޑީލެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ފަދަ ސިޔާސީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. މި ނުބައި ޖަރީމާގެ މަތި އޮމާން ކުރެއްވުމަށް ޓަކައި އިންޑިއާ ނަސްލުގެ ޤާނޫނީ ވަކީލަކަށް ބޮޑު މުސާރަ ދީގެން ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނަމުގައި ހިންގަނީ ރާއްޖޭގެ ހައްޤުތަކެއް ބޭރު ބަޔަކަށް ވިއްކާލުމުގެ ބޮޑު ޖަރީމާއެކެވެ. ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ފަދަ ވެރީން މިނުބައި ޖަރީމާގެ ޒިއްމާ ނަންގަވަން ޖެހޭނެއެވެ. ކޮންމެވެސް ދުވަހަކުން ޤާނޫނުގެ ދިގު އަތް މިބޭފުޅުންނާ އަރާ ހަމަކުރަން ޖެހޭނެއެވެ.

އުތުރުތިލަފަޅު އިންޑިއާގެ ފަރާތުން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސޮއިކުރައްވަނީ (21 ފެބްރުއަރީ 2021) -ފޮޓޯ: އެމް.އެން.ޑީ.އެފް

ލެކެޑިވްސް މިނިކޯއީ ނުވަތަ މަލިކު އަކީ ވެސް ކުރިން ދިވެހި ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެތަން ވެސް އެއިރުގެ ދިވެހީންގެ މޮޔަކަމުންނާއި އިންޑިއާގެ ހީލަތްތެރިކަމުން ވަނީ އިންޑިއާގެ ބަޔަކަށް ހަދައިފަ އެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި، އަބްދުﷲ ޝާހިދުގެ ހިޔަޅު ޚާރިޖީ ސިޔާސަތުގެ ދަށުން، އިންޑިއާގެ ދަށުވެފައިވާ ދިފާއީ ވަޒީރެއް ލައިގެން، މިހާރު މިވަނީ ހަނިމާދޫއާއި އުތުރުތިލަފަޅާއި އައްޑޫގައި އިންޑިއާ ސިފައިން ބަނޑަހަޖަހައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ރުކުރުވާލާފައެވެ. ރާއްޖޭގެ އުތުރާއި މެދާއި ދެކުނުގައި އިންޑިއާގެ އަސްކަރީ ބާރު ގާއިމް ކުރުމަށްފަހު އިންޑިއާާ އަށް ދެން ބޭނުންވަނީ އައްޑޫގެ ދެކުނުން އޮތް ޗާގޯސް ނުވަތަ ފޯޅަވައްސެވެ. އެ ހިސާބުން އިންޑިއަން އޯޝަންގެ މުޅި ކޮންޓްރޯލް އިންޑިއާއަށް ލިބުނީ އެވެ! އެއިރުން އިންޑިއާގެ ހުއްދަ ނެތި އިންޑިއަން އޯޝަންގެ އެއްފަރާތުން އަނެއް ފަރާތަށް އެއްވެސް ބަޔަކަށް ހުރަހެއް ނުކުރެވޭނެ އެވެ. އެއިރުން ކޮރެއާ، އޮސްޓްރޭލިއާ، ނިއުޒީލޭންޑް، މެލޭޝިއާ، ޖަޕާން، ތައިލޭންޑް، އިންޑޮނޭޝިއާ އަދި ޗައިނާ ފަދަ ޤައުމު ތަކުން މެދުއިރުމައްޗަށާއި ޔޫރަޕަށް ކަނޑުމަގުން ފޮނުވާ ވިޔަފާރި މުދާ ފޮނުވޭނީ އިންޑިއާ އަށް ޖިޒީ ދައްކައިގެން، އިންޑިއާގެ ހުއްދަ ލިބިގެން، އިންޑިއާގެ ބާރުގެ ދަށުންނެވެ. މިއީ އިންޑިއާގެ ދުރު ރާސްތާގެ އަމާޒެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ އެހީގައި ހަނިމާދޫ، އުތުރު ތިލަފަޅު އަދި އައްޑޫ ސިޓީ އާއި ޗާގޯސްގެ ވެރިކަން ވެސް އިންޑިއާ އަށް ލިބި ނިމެނީ އެވެ. އަދިވެސް ދިވެހީންވީ މޮޔަ ހެދިފައި ސޯލިހަށް އިތުރު ދައުރެއް ދީގެން ހެވިފައި ތިބެންތޯ އެވެ؟ މިފަދަ ބޮޑު ޚިޔާނާތަކަށް ބީރު ކަންފަތެއް ދެއްވައިގެން ތިއްބެވި ސަރުކާރުގެ ކޯލީޝަން ޕާޓްނަރުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ޝޭހު އިމްރާން ފަދަ ބޭފުޅުން ރައްޔިތުން ކުރިމަތީ ސިޔާސީ ބަހެއް ވިދާޅުވާން ލަދުގަންނަން ޖެހެއެވެ.

ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ހަމަ ތެދުފުޅެކެވެ! ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ނޫނެވެ. އެއީ މޮރިޝަސްއާ ބެހޭ ތަނެއް ވެސް ނޫނެވެ. މީގެ ބައި ސާސްކަފު ކުރިއްސުރެވެސް އެއީ ދިވެހީންގެ ތަނެކެވެ. ދިވެހި ބިމެކެވެ. މި ސަރުކާރުގެ އެހީގައި އިންޑިއާ އާއި މޮރިޝަސް މިވަނީ ދިވެހީން އަތުން އެބިން ފޭރިގަތުމުގެ އިތުރުން ދިވެހި މަސްކަނޑުން ބައެއް ވެސް ފޭރިގަތުމުގެ މަގުމަތީގައެވެ. ޣާއްދާރުން އުފަލުން ފުމެ ނަގަނީ އެވެ. މުނާފިޤުން ތިބީ ހިމޭނުންނެވެ. ކެރޭ ކޮންމެވެސް ބަޔަކު ދިވެހި ޤައުމާއި ދިވެހި ފަސްގަނޑާއި ދިވެހި ރައްޔިތުންގެ ހައްޤުގައި ތެދުވާން އެބަ ޖެހެއެވެ. ބަސް ބުނާށެވެ. މަޑުން ތިބެއްޖެ ނަމަ ދެން ގެއްލޭނީ ޤައުމުން ބައެއް ނޫނެވެ. މުޅި ޤައުމެވެ. އެދުވަސް އޮތީ ދުރަކު ނޫނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.