Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިވެހީންނާއި އަންނަން އޮތް ޖީލަށް ވެސް ޣައްދާރުވެއްޖެ!

ދިވެހިންގެ އެންމެން ވެސް ޑިއަގޯގާޝިއާ (ފޯޅޮވަހި) ދަނެއެވެ. އެއީ އައްޑު އަތޮޅުގެ ދެކުނުން އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްކަން އެނގެއެވެ. ގިނަ މީހުންނަށް ނޭނގޭ ކަމަކީ ޑިއަގޯގާޝިއާގެ ގޮތުގައި ދިވެހިން އާއްމުކޮށް ކިޔާ އުޅޭ ސަރަހައްދަކީ ހަޤީގަތުގައި ބޮޑު ސިންގާ ހަ އަތޮޅުގެ މައްޗަށް އެކުލެވޭ 60 ރަށްކަމެވެ. އެއީ އަނެއްހެން ބުނާ ނަމަ ރާއްޖެ ފަދަ އެހެން ކުޑަ ރާއްޖެއެކެވެ. އެ 60 ރަށުގެ މައްޗަށް އެކުލެވޭ ޗާގޯސްގެ މައްޗަށް މޮރިޝަސް އިން ކުރާ މިލްކުވެރިކަމުގެ ދައުވާ އަށް ދިވެހި ރާއްޖެ އަބަދުވެސް ދެކޮޅު ހަދައެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ދައުލަތުން މީގެ ކުރިން ދުވަހަކު ވެސް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް އިންޑިއާގެ މަސްލަހަތު އޮތް މިކަމުގައި ދިވެހި ސަރުކާރުން ވަަރަށް ހިޔަޅު ގޮތަކަށް ދިވެހި ރާއްޖޭގެ ސިޔާސަތު މިކަމުގައި ބަދަލުކޮށްފިއެވެ. ދިވެހި ސަރުކާރުން މިހާރު ބުނަނީ ޗާގޯސް ނުވަތަ ޑިއަގޯގާޝިއާ އަކީ މޮރިޝަސްގެ ބައެއް ކަމަށް މިހާރު ޤަބޫލްކުރާ ކަމަށެވެ.

މި މައްސަލާގައި ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކާއި ސިޔާސީ އަދި އިގްތިސޯދީ މާހިރުންވެސް ބުނަނީ މިއީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް މޮރިޝަސްގައި އޮތުމުން އިންޑިއާގެ އެދުމަށް ދިވެހި ސަރުކާރުން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމި ނިންމުމެއް ކަމަށެވެ.  ކުރީގެ ރައީސް މުހައްމަދު ނަޝީދު މިކަމުގައި ވިދާޅުވަނީ ޗާގޯސް (ފޯޅޮވަހީ) އަކީ މޮރިޝަސްގެ ބައެއް ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވަނީ ރާއްޖެ އަށް ލިބެން އޮތް އެއްވެސް ފައިދާއެއް ނުވަތަ ހައްޤެއް ގެއްލޭ ގޮތަށް މިފަދަ ނިންމުމެއް ނިންމަން ޖެހޭނީ ރައްޔިތުންގެ ވޯޓަކަށް އަހައި ރައްޔިތުންގެ ހުއްދަ އޮވެގެން ކަމަށެވެ. މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައިބައިކުރަން ބާރު ލިބި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސް އަށް ލިބި، ދެކުނުގެ މަސްވެރިކަން އިނދަ ޖެހޭނެއެވެ. މޮރިޝަސް އަކީ ބޭރުގެ ބޮޑެތި ބޯޓުފަހަރަށް ދާއަޅައިގެން މަސް ބާނަން ހުއްދަދޭ ޤައުމަކަށް ވުމުން ރާއްޖޭގެ ކަނޑުތަކުން ދާޖަހައިގެން މަސްކޮޅު ކަހާލާނީ ބޭރު މީހުންނެވެ. މިއީ އަންނަން އޮތް ޖީލުތަކުގެ ހައްޤަށް ކޮޅުފައިން އަރައި ދިވެހި ސަރުކާރުން ނިންމި ވަރަށް ވެސް ނުބައި ނިންމުމެކެވެ. ސިޔާސީ އަދި އިގްތިސޯދީ ބޮޑު ޖަރީމާއެކެވެ.

ދިވެހި ސަރުކާރުން މި ނިންމުމުގެ ދިފާއުގައި ދައްކާ ވާހަކަ ދެކޮޅެއްނުޖެހެއެވެ. ސަރުކާރުން ބުނަނީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ނިންމިއަސް ޗާގޯސް އާއި އައްޑޫއާ ދެމެދު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށެވެ. ނަމަވެސް ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ޤަބޫލް ކުރަން ދިވެހި ރާއްޖެއިން ދެކޮޅު ހަދަމުން އަންނަތާ އެތަކެއް އަހަރު ފަހުން ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް މިހާރު އެއްބަސްވުމުން ރާއްޖޭގެ ބާރު މިކަމުގައި ކުޑަވާނެއެވެ. ޗާގޯސް އާއި އައްޑޫއާ ދެމެދު ހުރީ އެންމެ 500 ކިލޯ މީޓަރެވެ. ނަމަވެސް މޮރިޝަސް އާއި ޗާގޯސްއާ ދެމެދު 2000 ކިލޯ މީޓަރުގެ ދުރުމިން އެބަހުއްޓެވެ. ފޯޅޮވައްސަކީ ރާއްޖެއާ ވަރަށް ކައިރި، މޮރިޝަސްއާ ނުލާހިކު ދުރުގައި އޮތް ބިޔަ ބޮޑު ސަރަހައްދެކެވެ. އިގްތިސޯދީ ޖަވާހިރެއް ފަދަ ތަނެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ތަނެކެވެ. އެތަނުގެ މިލްކުވެރިކަން އެހެން ބަޔަކަށް ވާކަމަށް ރާއްޖެ އިން އިއުތިރާފްވުމުން ދެން އެންމެ އަވަހަށް ގެއްލޭނީ ރާއްޖޭގެ އީ.އީ.ޒެޑް ނުވަތަ އިގްތިސޯދީ ކަނޑުގެ ސަރަަހައްދުން ބޮޑު ބައެކެވެ. މިއީ އެމް.ޑީ.ޕީ ކޯލީޝަން ސަރުކާރުން ދިވެހީންނަށް ވީ ބޮޑު އިހުމާލެކެވެ. ޣައްދާރުވުމެކެވެ.

ޤާސިމް ވިދާޅުވި ގޮތަށް "ބޮޑު ބޭބޭ" (އިންޑިއާ) ބުނުމުން ބޮޑު ބޭބޭގެ ޕްރެޝަރަށް، ރައީސް ސޯލިހުގެ ސަރުކާރުން ދީލައިލީ އެވެ. އިންޑިއާ އަށް ދިވެހި ޤައުމުން އެކި ތަންތަން ވިއްކަމުން، އިންޑިއާ ސިފައިން މިޤައުމުގައި ބައިތިއްބަމުން ގޮސް މިހާރު މިޖެހުނީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ވެސް އިންޑިއާގެ ޕްރެޝަރަށް ދޫކޮށްލާށެވެ. މިކަމަށް އެކަނި ބެލިކަމުގައި ވިއަސް މި ސަރުކާރަކީ ދިވެހީންނަށް ޣައްދާރުވެފައިވާ ސަރުކާރެއް ކަމަށް ނިންމަން ޖެހެއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިސަރުކާރު އަލުން ހޮވައިފިނަމަ ދިވެހި ރާއްޖެ ވިއްކައި ހުސްކޮށްލާނެއެވެ. ދިވެހިން އިންޑިއާ އަށް އަޅުވެތިކޮށް ނިންމާނެއެވެ. މީގެން އެނގެނީ އަމިއްލަ ސިޔާސީ ފައިދާ އަށްޓަކައި އެމް.ޑީ.ޕީގެ މިސަރުކާރުން ނުކުރާނެ އެއްކަމެއް ވެސް ނެތް ކަމެވެ. މިއީ ދިވެހީންނަށްޓަކައި ކުރާ ވެރިކަމެއް ނަމަ ދިވެހީންގެ ކުރިމަގާ ގުޅިފައިވާ މިފަދަ ނިންމުން، ދިވެހި ރައްޔިތުންގެ ބަހެއް ނުހޯދައި ނުނިންމާނެއެވެ.

މާފަންނު މެދު ދާއިރާގެ މަޖުލިސް މެމްބަރު އެމް.ޑީ.ޕީގެ އިބްރާހިމް ރަޝީދު (ބޮންޑެ) މި މައްސަލާގައި ވިދާޅުވެފައި ވަނީ ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށާއި އެބައި ދޫކޮށްލެވޭނީ ދިވެހި ރައްޔިތުންގެ ބަހެއް އޮވެގެން ކަމަށެވެ. ޗާގޯސްގެ މައްސަލާގައި ދިވެހި ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލު ކުރުމުގައިވާ ސަބަބުތައް ދެނެގަނެ، އެކަން ކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަން ޔަޤީން ކުރުމަށް މަޖިލީހުގެ ހާއްސަ ސެލެކްޓް ކޮމިޓީއަކުން މިކަން ބެލުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ކާނަލް މުހައްމަދު ނާޒިމް ވަނީ ގޮވާލައްވާފައެވެ. މަހިބަދޫ ދާއިރާގެ މަޖުލިސް މެމްބަރު އަހްމަދު ތޯރިޤް މިކަން ސިފަ ކުރައްވާފައިވަނީ ދިވެހި ޤައުމުން ބައެއް ވިއްކާލުމުގެ ގޮތުގައެވެ. އަދި ދިވެހި އަސްކަރިއްޔާއިން ރައީސަށް ފިޔަވަޅު އެލުމަށް ތޯރިޤް ގޮވާލައްވާފައި ވެއެވެ!

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން މޮރިޝަސްގައި އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް ހަދަމުންދާ ކަމަށް އަލްޖަޒީރާ ޓީވީން ކުރި ނޫސްވެރިކަމުގެ ތަހުޤީގަކުން ވަނީ ހާމަވެފައެވެ. މޮރިޝަސްގައި އޮތީ އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރެއްކަން މުޅި ދުނިޔެއަށް އެނގެއެވެ. ވީއިރު އިންޑިއާގެ ބަސް އަހައިގެން ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ހައްޤެއް މިގޮތަށް ދޫކޮށްލުމަކީ ރައީސް ސޯލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މި ދިވެހި ޤައުމަށް ވެވަޑައިގަންނަވާ ބޮޑު ހިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. މި ކަމުގައި އެންމެ އިސް ރޯލެއް ކުޅުއްވާނީ އިންޑިއާގެ ގޮނޑިކޮއްކޮއަކަށް ވެގެން، އދ.ގެ އާންމު މަޖުލިސްގެ ރައީސްކަން ކުރެއްވި ޝާހިދުކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖުލިސް މެމްބަރ މުހައްމަދު މުސްތަފާ މިކަމާ ދެކޮޅަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 200 މިލިއަން ޑޮލަރަށް މޮރިޝަސް އަށް ފޯޅޮވަހި ވިއްކާލައިފި ކަމަށެވެ. އަދި "އިބޫ ސޯލިހު ހުންނެވީ ރައްޔިތުން ވިއްކާލައިގެން ވެސް ފައިސާ އަށް ކަރު ހިއްކައިގެންފައި" ކަމަށް މުސްތަފާގެ ޓުވީޓްގައި ވެއެވެ.

ކެންދޫ ދާއިރާގެ މަޖުލިސް މެމްބަރު އަލީ ހުސެއިން މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޮރިޝަސް އަކީ އެޤައުމުގެ ކަނޑުގެ ސަރަހައްދު އެހެން ޤައުމުތަކުގެ ބޮޑެތި ކުންފުނި ތަކަށް ކުއްޔަށް ދީގެން ބޮޑުދާ އަޅާ ބައެއް ކަމަށާއި ޗާގޯސް ކައިރީގައި ބޮޑުދާ އަޅަން ފަށައިފި ނަމަ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ހަލާކުވާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. އިއާދަނުކުރެވޭ ވަރުގެ ބޮޑު އިގްތިސޯދީ ގެއްލުމެއް ރާއްޖެ އަށް ލިބޭނެ ކަމެކެވެ. އަދި ރާއްޖޭގެ ޤައުމީ ސަލާމަތަށް ވެސް އިއާދަނުކުރެވޭ ވަރުގެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާނެ ކަމެކެވެ.

ސަންޓްރެވެލް ސިޔާމްގެ ޕާޓީ، އެމް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ވެސް ސަރުކާރުގެ މި ނިންމުމަށް ފާޑުކިޔާފައި ވެއެވެ. އެ ބަޔާނުގައި ވަނީ ރާއްޖޭގެ ސަރަހައްދުން ކިތައްމެ ކުޑަ ތަންކޮޅެއް ވިއަސް އެހެން ޤައުމެއްގެ ސަރަހައްދަށް ބީވެގެންދާ ފަދަ އެއްވެސް ނިންމުމެއް ނިންމިގެން ނުވާނެ ކަމަށެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުގެ ދާއިރާއިން ޕީ.އެޗް.ޑީ ހައްދަވާފައިވާ، ކުރީގެ ބަންޑާރަ ނައިބު، ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ މިކަމާ ދެކޮޅަށް މީޑިއާގައި ވާހަކަ ދައްކަވާފައެވެ. ރައްޖޭގެ އެތަކެއް ސިޔާސީ ލީޑަރުންނާއި ޤާނޫނީ ވަކީލުންނާއި، މަޖުލީހުގެ އެތަކެއް މެމްބަރުންނާއި، މަޖުލިސް ރައީސާއި އެތަކެއް އާއްމު ރައްޔިތުން މިކަމާ ދެކޮޅުހަދަމުންދާ އިރުވެސް އިންޑިއާގެ ކޮޅު ނަންގަވައި ސޯލިހުގެ ސަރުކާރުން މިވަނީ ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ހައްޤަށް އުނިކަން ލިބޭ ފަދަ ބޮޑު ބައިނަލް އަޤްވާމީ ޖަރީމާއެއް ހިންގެވުމަށް ނިންމަވާފައެވެ.

މިސަރުކާރުގެ ނިންމުން އަނބުރާ ގެންދަވައި، ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ކަނޑައަޅަން ދިވެހި ސަރުކާރަށް، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަމެވެ. ދިވެހި ރާއްޖެއާ އެންމެ 500 ކިލޯމީޓަރ ކައިރީގައި އޮތް ފޯޅޮވަހިން ބައެއް ނަމަވެސް ދިވެހި ދައުލަތަށް ލިބެން ޖެހެއެވެ. އެހެން ނޫންނަމަ ރައްޖޭގެ ކަނޑުގެ ސަރަަހައްދުން އެންމެ އިންޗިއެއް ވެސް މޮރިޝަސް ކޮޅަށް ގޮސްގެން ނުވާނެއެވެ. މިއީ ހަމައެކަނި އ.ދގައި ލާ ވޯޓެއް ލާނެ ގޮތް ނިންމުމެއް ނޫނެވެ. މިއީ ދިވެހީންގެ، އަދި އަންނަން އޮތް ޖީލުގެ ހައްޤަކަށް މިސަރުކާރުން އަރައިގަތުމެވެ. މިސަރުކާރުގެ ޣާއްދާރު މިއަމަލު ހުއްޓާލައި، ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ޖެހެއެވެ. ހުރިހާ ސިޔާސީ ފަރާތްތަކާއި އިގްތިސޯދީ ފަރާތްތައް އަދި ދިވެހި ހުރިހާ ރައްޔިތުން މިކަމާ ދެކޮޅަށް އެކަތިގަނޑަކަށްވެ، ތެދުވާން ޖެހެއެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ. މިއީ ޤައުމީ ކަމެކެވެ.