Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސް ޔާމީނަކީ ހުދުކާފޫރުކޮޅެއް ހެއްޔެވެ؟

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމު ދައްކަވަނީ "ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ" ކަމަށެވެ. އަދާލަތު ޕާޓީ އަށް ހެޔޮ ނިޔަތުގައި ވަދެއްޖެ މީހަކު ދިންނަވާނެ ކަމަށް ދޭހަވާ ގޮތަށް އިމްރާން ވިދާޅުވި ވިދާޅުވުމަކީ ހަމަ ގައިމުވެސް ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ. އެއީ ގޮތް ހުސްވެފައިވާ ސިޔާސީ މީހުން ދައްކާ ކަހަލަ ވާހަކަ އެވެ. ހިނގަމުން މިދާ ވެރިކަމުގެ ދައުރަކީ ރާއްޖޭގައި އެންމެ ގިނައިން ދީނަށް ފުރައްސާރަކުރި އަހަރުތަކެވެ. އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާހިޝް އަމަލު ފެތުރުނު އަހަރު ތަކެވެ. އެކި ނަންނަމުގައި ޖަމިއްޔާތައް ހަދައިގެން ދިވެހިން ދީނުން ބޭރުކުރަން އެންމެ ގިނައިން މަސައްކަތް ކުރ އަހަރު ތަކެވެ. އެ ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދީގެން އޮތް އެމް.ޑީ.ޕީ ސަރުކާރުގައި ޝެއިހް އިމްރާނާއި އަދާލަތު ޕާޓީގެ ހިއްސާ ވެސް ވެއެވެ. ޝިރުކާ ދެކޮޅަށް ތެދުވުމަކީ ޓެރަރިޒަމަށް ހަދައިފިއެވެ. މިސްކިތަށް ބޮޑުކަމުދާ މީހާ ދޫކޮށްލަނީ އެވެ. އެއްޖިންސުން ގުޅުން ހިންގުމުން ހުކުމް ކުރަނީ ތިން މަސް ދުވަހު ގޭގައި ބަންދު ކުރުމަށެވެ.

މިފަދަ އަނދިރި ދުވަސްތަކެއް ދިވެހިން މީގެ ކުރިން ދެކެފައި ވަނީ ޕޯޗުގީޒުން ދިވެހިންގެ ކަރަށް ރާ އަޅައި، ދިވެހިން ނަސޯރާ ދީނަށް ވައްދަން އުޅުނު ދުވަސްވަރު އެކަންޏެވެ. މުސްލިމުންގެ އެންމެ ބޮޑު އަދާވާތްތެރިން ކަމުގައިވާ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް މިއަދުގެ ދިވެހި ސަރުކާރު ވެއްޖެ އެވެ. އެއް ބިލިއަން ރުފިޔާގެ ދަރަންޏެއް ދިވެހިންގެ ބޮލުގައި އަޅުވާފައި އިންޑިއާ ކުންފުންޏެއް ލައްވާ އައްޑޫގައި ބިން ހިއްކައި މަގުހެދުމަށް ކުރާ މަސައްކަތް ނިމޭއިރު އެމަގުތަކުގެ ފެންވަރު ދަށްވެ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމަށް އައްޑޫގެ މޭޔަރ މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އެކަމަކު ދިވެހި ރައްޔިތުންނަށް ހުރި މިފަދަ އެންމެ ބޮޑު ނުރައްކަލަކީ އައްޑޫގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓެއް ނޫނެވެ. އެންމެ ބޮޑު ނުރައްކަލަކީ ތިލަމާލެ ބްރިޖެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓުގެ ދަށުން އިންޑިއާ ކުންފުންޏަކުން އަޅާ މި ބްރިޖް ބުރިބުރިވެގެން ކަނޑަށް ވެއްޓޭ ދުވަހަކީ ދިވެހި ރައްޔިތުން އެންމެ ބިކަވާނެ ދުވަހެވެ. އިންޑިއާ އަކީ މިފަދަ ބްރިޖް އެޅުމުގައި ދުނިޔޭގެ ފެންވަރުގައި ދަށް ބައެކެވެ. ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް ފުތަރަތަމަ ގެނައި ޕްލެޓްފޯމްވެސް އެރީ ވިލިމާލެ ފަރަށެެވެ. ފަރަށް ލިބުނު ގެއްލުމުގެ ބަދަލުވެސް އިންޑިއާ އަތުން ހޯދުމުގެ ކެރިކުޅަދާނަކަން ދިވެހި ސަރުކާރުގެ ކިބައިގައި ނެތެވެ. ފަރަށް އެރި ޕްލެޓްފޯމަކީ މި ބްރިޖްވެސް އަރާނީ "ފަރަށް" ކަމުގެ ދިރިހުރި ނިޝާނެކެވެ. ރައްޔިތުން ބޮލުގައި އެޅޭނީ އެތައް މިލިއަން ޑޮލަރެއްގެ ދަރަންޏެވެ. މަދު އަހަރު ތަކެއްގެ ތެެރޭ ބްރިޖްގައި މައްސަލަތައް ދިމާވުމަކީ ހަމަ ވަރަށް ކައިރި ކަމެކެވެ. "މޭޑް އިން އިންޑިއާ" އަކީ ދުނިޔެ ޤަބޫލް ކުރާ ފެންވަރުގެ އެއްޗެއްނޫނެވެ. އިންޑިއާގައި ހަދާ ޑޮކްޓަރީ ބޭހަކީ ވެސް ފެންވަރު ދަށް ފޭކް ބޭހެވެ. ބްރިޖް ފޭކަކަށް ވެއްޖެ ނަމަ ދިވެހިންގެ ދުވަސް ދިޔައީ އެވެ.

އިންޑިއާގެ ފޭކް ބޭސް ކައިގެން، އިންޑިއާގެ ކުނި ބިހާއި ކުނި ފިޔާ ކައިގެން ދިވެހި ޖީލެއް ފަނާވާއިރު ދިވެހި ސަރުކާރުގެ ދިފާއީ ވަޒީރު ސިފަކުރައްވާ ގޮތުގައި ދިވެހިން ކައިގެން ބޮއެގެން އުނުއޮރިޔާން ނިވާކޮށްގެން އުޅެ، ދިވެހި ރާއްޖޭގެ މިނިވަންކަން ދަމަހައްޓަނީ "އިންޑިއާގެ ހެޔޮފުޅުކަމުން"ނެވެ. މިހުރިހާ ކޮރަޕްޝަނާއި އިންޑިއާގެ ސިޔާސީ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އޮތް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަތަކަކީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ކަމުގައި ޝެއިޚް އިމްރާން ވިދާޅުވުމަކީ ހަޤީގަތުގައި ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ އެވެ! އިމްރާންގެ ޕާޓީ އޮތީ މިހުރިހާ ނުބައިކަމެއް ހިންގާ ސަރުކާރާ އެކުގައެވެ. އެސަރުކާރުގެ ކޯލިޝަންގައެވެ. އެފަދަ ބަޔަކާ އެކު އޮވެ، އަދާލަތު ޕާޓީ އަށް ވަނުމަކީ އެމީހަކު ދިންނަވާނެ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ދިވެހި ރައްޔިތުން އޮޅުވާލައްވަން ދައްކަވާ ވާހަކަ އެވެ.

ހަމަޖަމްކުރަން ދަތިވިޔަސް، އެމް.ޑީ.ޕީގެ މި ސަރުކާރަކީ އެންމެ ކޮރަޕްޝަން ގިނަ ސަރުކާރެވެ. އަޅުވެތިކަމުގެ ވަޅުގަނޑަކަށް ޤައުމު ވައްޓާލަމުންދާ ސަރުކާރެކެވެ. އެސަރުކާރު ރީތިކޮށް، މޭކަޕް ކުރަން އިމްރާންމެން ކިތައްމެ މަސައްކަތެއް ކުރެއްވިއަސް މިއީ ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ގެއްލުން ހުރި ސަރުކާރެއްކަން އެންމެ ކުޑަ ކުއްޖާ އަށް ވެސް އެނގޭނެއެވެ.

މީގެ މާނައަކީ ރައީސް ޔާމީނަކީ ހުދު ކާފޫރުކޮޅެކޭ ނޫނެވެ. ހއ. ދިއްދޫގައި އޮތް ސިޔާސީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ވެސް އިންސާނެއް ކަމަށާއި އެމަނިކުފާނަށް ވެސް ކުށެއް ކުރެވިފައި އޮވެދާނެ ކަމަށެވެ. ނަމަވެސް އޭގެ އެއްދުވަސް ފަހުން ޔާމީން ވަނީ އެބަސް އަނބުރާ ގެންދަވައި، އެމަނިކުފާނު ދުވަހަކުވެސް ކުށެއް ނުކުރައްވާ ކަމށް ވިދާޅުވެފައެވެ. އަންނަ އަހަރުގެ ރިއާސީ އިންތިޚާބަށް ފަހު ރާއްޖެ ހަމަމަގަށް އެޅުވޭނެ ކެންޑިޑޭޓެއް ކަމަށް ފެންނަނީ ރައީސް ޔާމީން ކަމުގައި ވިއަސް އަމަނިކުފާނަކީ ހުދު ކާފޫރެއް ނޫނެވެ. ކުށް ކުރެވިފައި އޮވެދާނެއެވެ. ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވިއަސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް ކުށް ކޮށްފައި އެބަހުއްޓެވެ. އިސްލާމްވެ ވަޑައިގަތުމުގެ ކުރިން އުމަރުގެފާނުވެސް ކުށް ކުރެއްވިއެވެ. އެއީ އެއިރު އިސްލާމްދީނުގެ އެންމެ ބޮޑު އެއް ދުޝްމަނެވެ. ނަމަވެސް ތައުބާވެ ވަޑައިގެން، ކުށަށް އިއުތިރާފް ވެވަޑައިގެން އުމަރުގެފާނު ބަދަލުވެވަޑައިގަތީ އިސްލާމް ދީން ކުރިއެރުމުގެ އެންމެ އިސް އެއް ސަހާބީއަށެވެ. ކުށެއް ކުރެއްވުމުން ކުށަކަށް އިއުތިރާފްވެ އަލުން ފެށުމަކީ އެންމެ ރިވެތި ގޮތެވެ. ރައީސް ޔާމީނަށް އެކަން ކުރައްވަން ކެރިވަޑައިނުގަތުމަކީ ދެރަކަމެކެވެ. އެކަމަކުވެސް މިވަގުތު ފެންނަން ތިބި ކެންޑިޑޭޓުންގެ ތެރެއިން ދިވެހި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވޭނެ ކަމަށް ފެންނަ ކެންޑިޑޭޓަކި ހަމަ ޔާމީނެވެ.

މިސަރުކާރަށް ފާޑުވިދާޅުވެ ރައީސް ޔާމީން ދައްކަވާ ބައެއް ވާހަކަތަކަކީ އެމަނިކުފާނުގެ ވެރިކަމުގައިވެސް ހިނގިފަދަ ބައެއް ނުރަގަނޅު ކަންކަން ކަމަށް ބުނެ ނޫހެއްގައި ދާދި ފަހުން ލިޔެފައި އޮތެވެ. ތެދެކެވެ. އެފަދައިން ހިތަށް އަރާ ބައެއް ވާހަކަތައް ރައީސް ޔާމީން ދައްކަވާ އަޑު އިވެއެވެ. ރައްޔިތުންގެ ތާއިދު ހޯއްދަވަން އެއަށްވުރެ އިހްލާސްތެރިކޮށް، ސާފު ބަހުން ވާހަކަ ދައްކަވަން ޖެހެއެވެ. ރައީސް ޔާމީނަށް ވެސް ހަމަ ކުށް ކުރެއްވިފައި ހުންނާނެއެވެ. ޝައްކެއްނެތް ގޮތުގައި 2023 އަކީ އާ ފެށުމެކެވެ. އަދި 2023 އަކީ މާޒީގެ ކުށްތަކުން ފިލާވަޅު ލިބިވަޑައިގެން ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ޓަކައި ދެފުށްފެންނަ، ތެދުވެރި، އަމިއްލަ އެދުމެއް ނެތް، އިންސާފުވެރި ވެރިކަމެއް ކޮށްދެއްވައި، ދިވެހި ޤައުމަށް އިގްތިސޯދީ އަދި ސިޔާސީ މިނިވަންކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި، އަލުން ހޯއްދަވައިދެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެކެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދާދި ފަހުން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ނޫނީ ދެން ތިއްބެވީ ހުސް އިންޑިއާގެ ކެންޑިޑޭޓުންނެވެ. ދިވެހި ކެންޑިޑޭޓަކީ ހަމައެކަނި ރައީސް ޔާމީނެވެ. މިއީ މައިގަނޑު ގޮތެއްގައި ތެދަަކަށް ވެދާނެއެވެ. އެހެނަސް ރައީސް ޔާމީން ނޫނަސް އިންޑިއާ އައުޓް ކުރުމަށް ގޮވާލައްވާ ކެންޑިޑޭޓުން އެބަތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކެންޑިޑޭޓަކީ އުމަރު ނަސީރެވެ. އިންޑިއާ އައުޓް ވުމަށް އެދޭ ދިވެހިންގެ އުއްމީދަކީ އިންޑިއާ އައުޓް ކުރައްވަން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ނިކުމެވަޑައިގެން ތިއްބެވި ދެ ކެންޑިޑޭޓުން ކަމުގައިވާ ރައީސް ޔާމީނާއި އުމަރު ނަސީރު ގުޅިވަޑައިގެން 2023 އަށް ކުރިމަތިލެއްވުމެވެ. ހަމަ ދީނާއި ޤައުމަށްޓަކައެވެ!

ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ "ނަގޫ ފިތިފައި" ކަމަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި ގިނަ ބޮޑުން ތިއްބެވީ އިންޑިއާގެ ދަށުވެފައެވެ. އެބޭފުޅުންގެ "ނިގޫ"ތައް ވަނީ އިންޑިއާގެ ދަންތުރާގައި ފިތިފައެވެ. ސަލާމަތުން ތިބީ ޔާމިނާއި އުމަރު ނަސީރު ފަދަ މަދު ލީޑަރުންކޮޅެކެވެ. އިންޑިއާ އައުޓް ކުރެވޭނީ ނިގޫ ނުފިތި ތިބި ބަޔަކަށެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުން ވާހަކަ ދައްކަވާނީ އިންޑިއާގެ ދިފާއުގައެވެ.

ދެހާސް ތޭވީހުގައި ރައީސް ޔާމީނަށް ވޯޓުލާނެ އެންމެންނަކީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށް ޤަބޫލް ކުރާ މީހުންނެއް ނޫނެވެ. ޔާމީނަށް ވޯޓުލާނެ ގިނަ މީހުން ވާނީ އެމަނިކުފާނު ވެސް ކުށް ކުރަވާފައިވާނެ ކަމަށް ޤަބޫލްކޮށް، އެކަމަކު ކުރިއަށް އޮތްތާނގައި އެކަމުން ފިލާވަޅު ހޯއްދަވައިގެން ހެޔޮ ވެރިކަމެއް ކޮށްދެއްވަފާނެ ކަމުގެ އުއްމީދުގައި ވޯޓުލާނެ މީހުންނެވެ. ރާއްޖެ އަށް އިގްތިސޯދީ އަދި ސިޔާސީ މިނިވަންކަން ހޯދޭނެ ހަމައެކަނި މަގަކީ އެއީ ކަމަށް ދެކިގެން ވޯޓުލާނެ މީހުންނެވެ. ޔާމީނަކީ ހުދު ކާފުރުކޮޅެއް ކަމަށް ދެކިގެން ވޯޓުލާނެ މީހުނެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ހަމަ ކުށެއް ކުރެވިދާނެއެވެ. މޮޅެތި ލީޑަރުންނަކީ ކުށެއް ކުރެވުމުން އެކަމުން ފިލާވަޅު ހޯއްދަވައިގެން، ކުރިމަގު ރަނގަޅުކުރައްވާ ލީޑަރުންނެވެ. ރައީސް ޔާމީނަށް އެކަން ވާނެ ތޯއެވެ؟