ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކުރެއްވުމަަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ލޯނު ނަގައިގެން ދަނޑުވެރިކަން ކުރުމުގައި ޤުދުރަތީ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫނުބެއްދޭކަން ދަނޑުވެރިން ފާހަގަކޮށް އިންޝުއަރެންސް ސްކީމެއްގެ މުހިއްމުކަން ފާހަގަކޮށްފައި ވާއިރު، ކާށިދޫ ދަނޑުވެރިންނާއި އެކު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށްވާތީ، ސަރުކާރުން އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން، މިއަހަރުގެ ދަނޑުވެރިންގެ މައުރަޒުގައި އެލައިޑް އިންޝުއަރެންސްއިން ބައިވެރިވެފައިވާކަމާއި އެކަމާ ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސާ އެކު ވާހަކަތައް ދެކެވެމުން ދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކާށިދޫގެ ބިމާ ގުޅޭ ގޮތުން މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ކާށިދޫގެ ގުދުރަތީ ބިން، ކާށިދޫ ދަނޑުވެރިކަމަށް ބޭއްވުން ކަމަށާއި، ރަށުގެ ހުޅަނގު ފަރާތުން ފަތުރުވެރިކަމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކާށިދޫ ދަނޑުވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގެ ދަނޑުވެރިންނާއި ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ދަނޑުވެރިން ފާހަގަކުރި ދަތި ކަންކަމުގެ ތެރޭގައި، ކާށިދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް، މާލެއަށް އުފުލުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބޭކަން ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓަށް ތަކެތި ވިއްކުމުގައި ހުރި ދަތިތަކާއި، މާކެޓްގައި ހުރި އަގަށްވުރެ ކުޑައަގެއްގައި ތަކެތި ވިއްކަންޖެހޭކަމާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކާށިދޫގެ ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ނުލިބޭކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި، ސަރުކާރުން ދަނޑުވެރިކަމުގެ ސިޔާސަތާ ގުޅިގެން އުފެއްދި އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ދަނޑުވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކުންފުންޏާ އެކު ކުރިޔަށް ދިޔުމުގައި އުއްމީދު އެބައޮތް ކަމުގައި ވެސް ދަނޑުވެރިން ވަނީ ހާމަކޮށްފައެވެ.
ކާށިދޫ ދަނޑުވެރިންނާއި އެކު ބޭއްވެވި މިބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަނޑުވެރިކަމުގެ ދުވަހާއި ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހާ ގުޅިގެން، ކ. އަތޮޅު މަދަރުސާގައި ކުރިޔަށްދާ ދަނޑުވެރިންގެ މައުރަޒަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ދައްކާލަން ބަހައްޓާފައި ހުރި ދިވެހި އުފެއްދުންތަކާއި، އަދި ދަނޑުވެރިކަމުގެ މަސައްކަތާއި ގުޅޭ ތަކެތީގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.
މި މަހުގެ 15 އިން ފެށިގެން ކުރިޔަށްދާ މި މައުރަޒު މިއަދު ނިމޭއިރު، މި މައުރަޒުގައި، ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ޖުމުލަ 19 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކާށިދޫގެ އަށް ފަރާތެއްވެސް ހިމެނެއެވެ.



advertisment