Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ސަރުކާރަށް ފާޑުކިޔާ ނޫސްތައް އިނދަޖައްސާލަން ފޫގެޅުން!

ރާއްޖޭގެ މެދުމިނުގެ ނުވަތަ ތަންކޮޅެއް ކުޑަ އޮންލައިން ނޫހެކެވެ. ނޫހުގެ އެޑިޓަރަށް އަންނަނީ ފޯން ކޯލެކެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މާކެޓިންގް ސެކްޝަނުގެ މުއައްޒިފެކެވެ. އެ ކުންފުނިން އެނޫހަށް ދީފައިވާ އިޝްތިހާރު ޖެހުމުގެ އެއްބަސްވުން، ހަފުތާގެ ނޯޓިހެއް ދީފައި އުވާލާކަމުގެ ހަބަރު ދިނުމަށް ކުރި ކޯލެކެވެ. ސަބަބެއް ކަމަށް ބުނަނީ ކުންފުނީގެ މީޑިއާ ޕޮލިސީ ރިވިއުކޮށް، "ނޫސްތައް އިވެލުއޭޓްކުރުމަށް ފަހު އެގްރިމަންޓް ބާތިލްކުރަން މެނޭޖްމަންޓުން ނިންމީ" ކަމަށެވެ. އަހަރު ނިމެން، ނުވަތަ އެގްރީމަންޓް ހަމަވާން އެންމެ ދެ މަހަށް ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް، އޭނާ އިތުރަށް މައުލޫމާތު ހޯދާލުމުން މި ކަށަވަރުވީ، އެގްރިމަންޓު އުވާލަން ކުއްލިއަކަށް މި ނިންމީ ރައީސް އޮފީހުން އަންގައިގެން ކަމެވެ.

ވާނުވާ އޮޅުންފިލުވަން އެހެން ބައެއް ނޫސްތަކަށް ގުޅާލުމުން އެނގުނު އެއްޗަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުވަތަ ސަރުކާރަށް ފާޑުކިޔާ ނޫސްތަކާއި ރައީސް ސޯލިހާއި ސަރުކާރު ޕްރޮމޯޓުނުކުރާ ނޫސްތަކުގައި އިޝްތިހާރު ނުޖެހުމަށް ރައީސް އޮފީހުން ކުންފުނިތަކަށް އަންގައިފައިވާ ކަމެވެ. އެ ލިސްޓުގައި ދިހަވަރަކަށް ނޫސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

"އެގްރިމަންޓް އާކުރެވޭނީ ރައީސް އޮފީހުން އެންގީމަޔޯ. އެހެންވީމާ ރައީސް އޮފީހަށް ގުޅާލަންވީނުންހޭ އެ ކުންފުނިން ބުނީ،" ކުޑަ ނޫހެއްގެ އެޑިޓަރު ބުންޏެވެ. އޭނާ އަދި އިތުރުކޮށްލިއެވެ. "އެކަމަކު ނޫހުގެ އިޝްތިހާރު ސްލޮޓެއް، ވިޔަފާރި އުސޫލުން ކުންފުންޏަކަށް ވިއްކަން ރައީސް އޮފީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން."

ނަމަވެސް ހަގީގަތަކީ މިއީއެވެ. ސަރުކާރު ނުވަތަ ރައީސް ސޯލިހަށް ފާޑުކިއުމަކީ ނޫސްތަކަށް ސަރުކާރު ކުންފުނިތަކުން އިޝްތިހާރު ލިބުމަށް އޮތް ހުރަހަކަށް މި ވަނީ ހަދައިފައެވެ. ކޮންމެ ނޫހަކީ ވެސް، ވަކިން ޚާއްސަކޮށް ކުދި ނޫސްތަކަކީ، ލިބޭ މަދު އިޝްތިހާރުކޮޅުން ޚަރަދުބަރަދު ދެކޮޅު ޖައްސައިގެން އުޅޭ ބައެކެވެ. މިގޮތަށް އިޝްތިހާރުތައް ހުއްޓާލުމުން ނޫސް ހިންގުމުގެ ޚަރަދު ނުލިބި، ނޫސްތައް ހުއްޓާލަން ޖެހުމުން ހަޤީޤީ ގެއްލުން ލިބެނީ ނޫސްވެރިކަމުގެ ދާއިރާއަށެވެ. ބޮޑެތި ނޫސްތައް އުފެދެނީ ކުދި ނޫސްތައް ތަރައްޤީވެގެންނެވެ. ކުދި ނޫސްތަކުގެ ކަރަށް އަރައި ސިޔާސީ ގޮތުން އަނގަ ބަންދު ކުރުމުން ނޫސްވެރިކަމުގެ ދާއިރާ އަށް އެ ދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. ބޮޑު ގެއްލުމެކެވެ.

ޑިމޮކްރެސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ނުލިބޭއިރު ނޫސްވެރިންނާއި ނޫސްތަކުގެ އެޑިޓަރުން ދުވާލު ދެ ދަޅައަށް ހާޒިރުކުރީ ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް އިންފިމޭޝަނަށާއި ފުލުހަށާއި ކޯޓުތަކަށެވެ. މިހާރު މި ބުނަނީ ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް އޮންނާނެ ކަމަށެވެ. ފާޅުކުރާ ޚިޔާލަކުން ކުށްވެރިނުވާނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަން ކުރިން ދެއްކީ ޖިސްމާނީ ބިރެވެ. މިހާރުގެ ހަތިޔާރަކީ މާލީ ބިރެވެ. ނޫސްތަކަށް ލިބޭ ކުޑަ އާމްދަނީކޮޅު ސިޔާސީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާލަނީ އެވެ. މީގެން ހަޤީޤީ ގެއްލުން ލިބެނީ ރައްޔިތުންނަށެވެ. އެކި ނޫސްތަކުން ތަފާތު ޚިޔާލު ފާޅުކުރުމަކީ ޤައުމުގެ ކަންކަމާމެދު ހުޅުވިފައިވާ ގޮތުގައި ކުރެވޭ ބަހުސެކެވެ. ކުދި ނޫސްތަކާއި ސަރުކާރަށް ފާޑުކިޔާ ނޫސްތަކާއި ސަރުކާރަށް ސަނާ ނުކިޔާ ނޫސްތައް ގިއްގަޅުވާލައި ކަރަށް ފައިން އެރުމުން ރައްޔިތުންނަށް އެނގެންޖެހޭ މުހިއްމު މައުލޫމާތުތަކާއި ޚަބަރުތަކާއި ޚިޔާލްތަކެއް ހުއްޓުވާލެވެނީއެވެ. ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅެނީއެވެ. މިއީ މިނިވަން ފިކުރާ ދެކޮޅަށް ނުސީދާ ގޮތުގައި ހިންގޭ ބޮޑު ޖަރީމާއެކެވެ. އެކަމަކު ވެސް ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ކުރިއެރުން ލިބެއޭ ބުނެ ސަރުކާރުން ފަޚުރުވެރިވެ، އަތްޖަހަނީއެވެ.

އަންނަ އަހަރުގެ ރިއާސީ އިންތިހާބަށް ގާތްގަނޑަކަށް 12 މަސް ދުވަހަށް ވެފައިވާއިރު ރައީސް ސޯލިހު ދެވަނަ ދައުރެއް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންނަށް ފައިދާ ހުރި ކަަންކަން ކޮށްދެއްވައިގެން، މުހިއްމު ވައުދުތައް ފުއްދަވަންވީއެވެ. ރައީސަށާއި ސަރުކާރަށް ކިޔާ ފާޑުކިއުންތައް ޒާތީ ގޮތުން ނަންގަވައި އެފަދަ ޚިޔާލުތައް ފާޅުކުރާ ލިއުންތެރިންނަކީ މޮޔައިން ކަމަށް ހަދައި، އެފަދަ ލިއުން ޝާއިއު ކުރާ ނޫސްތަކަށް މާލީ ގޮތުން ޕްރެޝަރު ކުރުމަކީ ވަރަށް ނާތަހުޒީބު އަދި އަނިޔާވެރި އަމަލެކެވެ. އެއީ ކަނޑައެޅިގެން ރައްޔިތުންނަށާއި ނޫސްވެރިކަމުގެ ދާއިރާ އަށް ދެވޭ އަނިޔާއެކެވެ. އެޅޭ ބޮޑު ހުރަހެކެވެ.

ރާއްޖޭގެ ކުދި ބައެއް ނޫސްތަކުގައި ސަރުކާރަށް ފާޑުކިޔައި ލިއުމެއް ލިއުމުން ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނަނީ އެއީ އެ ފަރާތްތަކުން "މާ ކަންބޮޑުވާ ކަމެއް ނޫން" ކަމަށާއި، "އެކަހަލަ ކުޑަ ނޫހެއްގައި ލިޔާ ލިއުމަކުން ރައްޔިތުންނަށް ހަޤީގަތެއް ނޯޅޭނެ" ކަމަށެވެ. އެހެން ކަމުގައި ވާނަމަ އެބުނާ "ކުދި" ނޫސްތަކުގެ ކަރަށް ފައިންއަރައި، ނުސީދާކޮށް ނޫސްވެރިކަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ ކީއްވެގެން ބާވައޭ ހިތަށް އަރައެވެ.

ސަރުކާރުގެ އިމޭޖް ރަނގަޅުކުރުމަށް ކަމަށް ބުނެ ރައީސް އޮފީހުން ކުރިން މަސައްކަތްކުރަމުން އައީ ސަނާކިޔާ ވަކި ނޫސްތަކަކަށް ސީދާ ރައީސް އޮފީހުގެ ބަޖެޓުން ފައިސާ ދީގެންނެވެ. އެކަމަކު މިހާރު މިވަނީ ކުންފުނިތަކުގެ ވިޔަފާރި އިޝްތިހާރުކުރުމުގެ ތެރެއަށް ވެސް ރައީސް އޮފީހުން ދަނޑި ބާނައި، އިޝްތިހާރު ޖަހަންވީ ނޫސްތައް ރައީސް އޮފީހުން ކަނޑައަޅަން ފަށައިފައެވެ.

މި ޤައުމުގައި މިވަގުތު އޮތް އެންމެ މުހިއްމު އެއް ކަމަކީ ކުރިއަށް އޮތް ފަސް އަހަރަށް ނުވަތަ 2028 ވަނަ އަހަރާ ހަމައަށް ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ވެރިއަކު ހޮވުމުގެ އިންތިހާބެވެ. ސަރުކާރާ އެއްކޮޅު ބޮޑެތި ނޫސްތަކާއި ރައީސް އޮފީހާއި ސަރުކާރުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކުން މި މަސައްކަތް ކުރަނީ ނުސީދާކޮށް މި އިންތިހާބަށް ނުފޫޒު ފޯރުވުމަށެވެ. އެގޮތުން ނޫސްތަކާއި ނޫސްވެރިންގެ އަނގަ ބަންދު ކުރަން އުޅުކަމީ ޒަމާނީ ޑިކްޓޭޓަރޝިޕުގެ ވައްތަރެކެވެ. ބޭރުފުށުން ޑިމޮކްރެސީ އެވެ. އެތެރެފުށުން ރަތްލާޖެހި ޚުދުމުހްތާރު ކަމެވެ. ރަނގަޅު ލިއުމަކަށް ވަނީ ސަރުކާރަށް ސަނާ ކިއުމުންނެވެ. ސަރުކާރުން ކުރާ ކަމެއްގައި ހުރި އުނިކަމެއްގެ ވާހަކަ ލިއުމަކީ އެ ނޫހަކާއި އެލިއުންތެރިއަކަށް ހުރަސް އަޅައި އިނދަޖައްސާލަން ޖެހޭ ސަބަބެއް ކަމަށް ހަދައިފިއެވެ. މިއީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވުމެވެ. ނޫސްވެރިކަމަށް ހުރަސްއެޅުމެވެ.

ރައީސް އޮފީހުން މިފަދަ އެންގުންތައް އަންގަނީ އެއްވެސް ރަސްމީ ސިފައެއްގައެއް ނޫނެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން، ނުރަސްމީކޮށް، ކޮންމެވެސް އެހެން އުޒުރެއް ދައްކައިފައި، ސަރުކާރަށް ފާޑުކިޔާ ނޫސްތައް ހުއްޓުވަން ހިންގާ ވަރަށް ނުބައި ޖަރީމާއެކެވެ. މިކަމުގެ އަޑީގައި އިންޑިއާ އާއި އިންޑިއާ އަށް ތާއީދުކުރާ ސަރުކާރުގެ ފަރާތްތައްވެސް ވާނެ ކަމަށް ބެލެވެއެވެ. އަންނަ ރިޔާސީ އިންތިޚާބު އެންމެ މުހިއްމުވާ ދެފަރާތަކީ ރައީސް ސޯލިހާއި އިންޑިއާއެވެ. ކޮންމެ އެއްޗެއް ހަދައިފައި ވެސް، އަދި ކޮންމެ ބައެއްގެ ކަރަށް ފައިން އަރާފައި ވިއަސް 2023 ކާމިޔާބު ކުރުން ނޫން ގޮތެއް ރައީސް ސޯލިހަކަށް ނެތެވެ. އަދި އިންޑިއާ އަށް ވެސް އެނޫން ގޮތެއް ނެތެވެ.

ރައީސް ސޯލިހާއި އިންޑިއާ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ސަރުކާރަށް ފާޑުކިޔާ ފަރާތްކާއި އެފަދަ ނޫސް ތަކާއި، އަދި "އިންޑިއާ އައުޓް" ކެމްޕެއިނެވެ. ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ އަޑު އިއްވަނީ މިފަދަ ނޫސްތަކުންނެވެ. ލިބެން އޮތް މަދު އިޝްތިހާރުކޮޅު ހުއްޓުވާލާފައި ނޫސްތަކަށް ފިއްތުން ކުރިމަތިކުރަނީ ރައްޔިތުން އޮޅުވާލާށެވެ. ރައްޔިތުންނަށް ހަޤީގަތް އެނގުނަނުދިނުމަށެވެ. މިކަމާ މެދު ވިސްނައި ރައްޔިތުންވެސް ގޮތެއް ނިންމަން އެބަޖެހެއެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ނޫސްވެރިކަމަށް ޚިދުމަތެއް ކުރުމުގެ ގޮތުން ސަރުކާރުގެ މި ބްލެކްމެއިލް އަށް ހުރަސް އަޅައި، އެފަދަ ކުދި ނޫސްތަކަށް އެހެން ގޮތްގޮތުން އިޝްތިހާރު ލިބޭނެ ހުއްދަ މަގުތައް ކޮށައިދޭންޖެހެއެވެ. އެހެން ނުވެއްޖެ ނަމަ އިދިކޮޅުގެ އަޑު ކެނޑި، ރައްޔިތުންނަށް އަބަދު އިވޭނީ ސަރުކާރަށް ކިޔާ ސަނާގެ އަޑެވެ.

ނޫސްވެރިކަމަކީ ރައްޔިތުންގެ ހައްޤެކެވެ. އެންމެ ކުޑަ މީހާގެ އަޑުވެސް އިވެން ޖެހެއެވެ. މޮޔައެއް ވިއަސް، މަހުޖަނެއް ވިއަސް އެންމެންނަކީ ވެސް ރައްޔިތުންނެވެ. ހުރިހާ ރައްޔިތުންގެ އަޑު އިވެން ޖެހެއެވެ. އެކަމަށް، އެ ހައްޤަށް އެކަކުވެސް ހުރަސްނާޅާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
511

One Response

  1. މި ފަދަ ގޮތެއްފޮތެއް ނެތް ވެރިކަމެއް ފިރުޢައުނުގެ ޒަމާނަށް ފަހު ދުނިޔެ ދެކެފައެއް ނުވެއެވެ. ….. ހަލާކުހުއްޓެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *