Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެ ވާހަކަތަކެއް އަޅުގަނޑުގެ ހިތަކަށް ނުވަނެވެ.

މުދައްރިސު ދަރިވަރު ދެކެ ވަރަށް ބޮޑަށް ރުޅިދުރުވިއެވެ. އަދި، އަށް ވަނަ ގުރޭޑުގައި ކިޔަވަމުން އަންނަ އެ ދަރިވަރާ ސުއާލުކުރެއްވިއެވެ. 'ކަލޭ ފިލާވަޅު ނުލިޔުނީ ކީއްވެހެއްޔެވެ؟"

ޖަވާބުގައި ވަރަށް އަދަބުވެރިކަމާ އަދި މަޑުމައިތިރިކަމާއެކު އެ ދަރިވަރު މުދައްރިސަށް ނަންގަތެވެ. "ފިލާވަޅުގައި އެބުނާ އެއްޗެއް އަޅުގަނޑަކަށް ގަބޫލުކުރެވޭ ގޮތެއް ނުވިއެވެ."

މުދައްރިސު އެއްސެވިއެވެ: "އެއީ ކީއްވެ ހެއްޔެވެ؟"

ދަރިވަރު ނަންގަތެވެ: މުދައްރިސެވެ! ފޮތުގައި އެއޮތް ފިލާވަޅުގައި އެ ބުނަނީ އަޅުގަނޑުމެންގެ ގައުމަކީ މުއްސަނދި ގައުމެކެވެ. ގިނަ އަދަދެއްގެ ފައިސާ ގައުމަށް ލިބޭ ކަމެވެ. ނަމަވެސް، އަޅުގަނޑުމެންގެ އާއިލާ އުޅެން ޖެހިފައިވަނީ ވަރަށް ދަތިހާލުގައި ކުޑަކުޑަ ކޮޓަރިގަނޑެއްގައެވެ. އަޅުގަނޑުގެ މައިންބަފައިން އެ ކޮޓަރިގަނޑަށް ދައްކަން ޖެހޭ ކުލި ދައްކައި ބަނޑުހައިހޫނުކަން ފިލުވާލުމަށް ފަހު، ދެން އިތުރު އެއްޗެއް ހޯދޭހާ ވަރެއް ނުވެއެވެ. އެންމެ ކުޑަވެގެން، އަޅުގަނޑު ލައިގެން މިހުރި ހެދުމާއި ގެންގުޅޭ ދަބަހާއި ފޮތް ފަންސުރާއި މި ހުރިހާ އެއްޗަކީވެސް މީހުން ދީފައި ހުރި އެއްޗިއްސެވެ. މަންމައާއި ބައްޕައަށް މި އެއްޗެހި އަޅުގަނޑަށް ހޯދައިދެވެން ނެތީމައެވެ.

ފޮތް އެ ބުނަނީ އަޅުގަނޑުމެންގެ ރާއްޖޭގައި އެތައްއެތައް ސަތޭކަ ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުންނަ ވާހަކައެވެ. އަދި، އެ ތަންތަނަށް ލައްކަލައްކައިން ފަތުރުވެރިން އަންނަ ވާހަކައެވެ. އަދި އެތަންތަން ހިންގާ މީހުންނަށާއި ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭކަމެވެ. ނަމަވެސް، އަޅުގަނޑުމެން އުޅެން ޖެހިފައިވަނީ އަނދިރިކަމުގެ ތެރޭގައެވެ. ރޭނގަޑު ދެތިން ބޮތްކެއް ދިއްލާލައިފި ނަމަ، ކަރަންޓު ބިލު ބޮޑުވެ އެ ނުދެއްކޭ ގޮތް ވެއެވެ. ޚަރަދުތައް ދެކޮޅުޖެއްސޭ ވަރުގެ މުސާރައެއް ބައްޕަމެންނަކަށް ނުލިބެއެވެ.

ފޮތް އެބުނަނީ އަޅުގަނޑުމެންގެ ރާއްޖެއަކީ އެތައްއެތައް ޚައިރާތުތަކެއް އެކުލެވިގެންވާ ތަނެއްކަމެވެ. ކަނޑުގެ ޚައިރާތުތަކެވެ. ގުދުރަތީ ރީތިކަމުގެ ޚައިރާތެވެ. ނަމަވެސް މިއިން ޚައިރާތެއް އަޅުގަނޑުމެންގެ ގެއަށް އައިސް ވަންނަ ތަނެއް ނުފެނެއެވެ. ހުރިހާ ޚައިރާތެއް ވެސް އަޅުގަނޑުމެންނާ ފެއަށް ގޮސް، ވަންނަތަން ފެންނަނީ މަދު ބައެއްގެ ޖީބުތަކުގެ އެންމެ އެތެރެއަށެވެ.

ފޮތް އެ ބުނަނީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ތައުލީމީ މީހުން އިތުރުވެ، ކަންކަމުގެ ގާބިލު މީހުން ތިބި ކަމަށެވެ. ނަމަވެސް، އަޅުގަނޑުމެންގެ ކަންކަން ހިންގަން އެތިބީ ކިރިޔާ ލިޔަންކިޔަން އެނގޭ ފަދަ ބަޔެކެވެ. ވޯޓެއް ލައިގެން ހޮވާ ކޮންމެ ގޮނޑިއެއްގައި އިށީންނަނީ އެންމެ ކުޑަވެގެން އިބްތިދާއީ ތައުލީމެއް ވެސް ނުނިންމާ މީހުންނެވެ. އަޅުގަނޑުމެންނަކީ ތައުލީމީ ހޭލުންތެރި ބަޔަކަށްވީ ނަމަ، މިފަދަ މީސްމީހުން ވޯޓެއް މެދުވެރިކޮށް ހޮވިދާނެ ހެއްޔެވެ؟ މިކަން އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

އެހެންވެ، އަޅުގަނޑުގެ ހިތަށް ނުވަތް ވާހަކަތަކެއް ގަދަކަމުން ގަބޫލުކޮށް، ދޮގު ހަދައި ފޮތުގައި ލިޔެވިފައި އެ އޮތީ ހަގީގަތެކޭ އަޅުގަނޑުގެ ނަފްސު ގާތު ބުނެ، އަޅުގަނޑުގެ ނަފްސަށް އޮޅުވާލަން އުޅޭކަށް ނުކުރޭނެއެވެ." މިހެން ބުނެ އެ ކުޑަކުޑަ ދަރިވަރުގެ ވާހަކަކޮޅު ނިންމާލިއެވެ.

ދެން، ކުޑަކޮށް ވިސްނަވާލެއްވުމަށް ފަހު، މުދައްރިސު ނިންމެވީ އިތުރު އެއްޗެއް ނުބުނުއްވައި އެ ކުއްޖާއާ ދުރަށް ޖެހިލެއްވުމަށެވެ. އެހެނީ އިތުރު އެއްޗެއް ބުނުއްވައިފި ނަމަ، އޮޔާއި ވައިގެ ތެރެއިން އެ އެއްޗެއް، އެ އެއްޗެއް ނުދާންވީ ހިސާބަށް ގޮސް މުދައްރިސުގެ ވަޒީފާއަށް ބުރުއަރާފާނެތީއެވެ!