Support Us

ދިރިއުޅުމަކީ ހިތި ތަޖުރިބާތައް އެކުލެވޭ ފޮނި އެއްޗެއް

ބަނޑުހައިހޫނުކަމުގެ ހާލުގައި ހަޔާތުގެ ދުވަސްތައް ވޭތުކުރި ކިތަންމެ ބަޔަކު ބޮޑެތި މުއްސަނދި މަހުޖަނުންނަށް ވެފައި އެބަތިއްބެވެ. ކިޔެވުމުގެ ފުރުސަތު ނުލިބި ހަޔާތުގެ ކުރީބައި ހޭދަކުރަން މަޖުބޫރީ ހާލަތުގައި ތިބި ކިތަންމެ ބަޔަކު ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ގުރެޖުއޭޓްވެފައި އެބަތިއްބެވެ. އަމިއްލަ ނަފްސަށް އިތުބާރު ނެތި ކުރިއަށް ނިކުންނަން ނުކެރިފައި ތިބި އެތައް ބަޔަކު ހަޔާތުގައި ކުރެވުނު ހިތްދަތި ތަޖުރިބާތަކުގެ ސަބަބުން ލީޑަރުންނަށް ބަދަލުވެފައި އެބަތިއްބެވެ.

މިފަދަ މިސާލުތައް ބައިވަރެވެ. ހަޔާތުގައި ދިމާވާ ކަންކަމާ މެދު ވަރަށް ފުންކޮށް ވިސްނުމަކީ މުހިންމު ކަމެކެވެ. އެހެނަސް އެއީ އެކަމުން ބުނެދޭ ފިލާވަޅުތައް ލިބިގަތުމަށްޓަކައެވެ. އެ ފިލާވަޅުތަކުގެ އަލީގައި މުސްތަޤްބަލު ބައްޓަން ކުރުމަށްޓަކައެވެ. އެހެނެސް ބުރަކަށިމަތީގައި ބާއްވައިގެން ދުވާ އޮއްގާ އެޅި ބަސްތާއަކަށް އެތަޖުރިބާތައް ވެގެން ނުވާނެއެވެ. އެހެން ވެއްޖެނަމަ ކުރިޔަށްދާން ވަރަށް އުނދަގޫވާނެއެވެ. އަމާޒަށް ވާސިލުވުމަށްޓަކައި އެ ބަރު ބަސްތާ ދޫކޮށްލަން ދަސްކުރަން ޖެހެއެވެ.

ހަޔާތުގައި ވޭތުކުރާ ކޮންމެ ދުވަހަކީ މުހިންމު ސަފްހާއެކެވެ. އެހެނަސް ކޮންމެ ދުވަހެއްގައި ހިނގާ ކަންކަމަށް ބަލާއިރު ހަނދާނުގައި ހަރުލާ ފަދަ ނުވަތަ ބަހައްޓަން ބޭނުންވާ ފަދަ ކަންކަން ހިނގާފައި ނުހުރެދާނެއެވެ. ކޮންމެ މީހެއްގެ ހަޔާތުގެ ޑައިރީގެ ސަފްހާތައް އުކާލާއިރު ތަފާތު ގިނަ ތަޖުރިބާތައް ކުރެވިފައި ހުންނާނެކަން ޔަޤީނެވެ. އޭގެ ތެރޭގައި ވަރަށް ހިތްދަތި ދުވަސްތަކާއި އެކަމަކާ ކުރިމަތިލާން އުނދަގޫ ކަންކަން މާޒީއަށް ފޮނުވާލެވިފައި ހުންނާނެއެވެ.

ގިނަ މީހުންނާ ވާހަކަ ދައްކާލެވޭއިރު، އެމީހުންގެ ހިތްނުތަނަވަސް ތަޖުރިބާތައް ކިޔައިދޭނީ ވަރަށް އަސަރާއެކުއެވެ. އެކަން އެހެން ނުވިނަމައޭ އަބަދު ހިތަށްއަރާ ހާލުގަ އެވެ. އަދި އެފަދަ ހާދިސާތައް ހަޔާތުގައި ކުރިމަތިވުމުން އާންމު ދިރިއުޅުމަށް ނުރަނގަޅު އެތައް އަސަރުތަކެއް ކުރަނީ މަދަކުން ނޫނެވެ. ބައެއް ފަހަރު އެ ކުރާ އަސަރުތަކުން އަރައިނުގަނެވި ގިނަ އަހަރުތަކަކަށް ދެމިގެންދެއެވެ.

ދިރިއުޅުމުގައި ކުރެވޭ ހިތި ތަޖުރިބާތަކާ ދޭތެރޭ އާންމުކޮށް އަހަރުމެން ވިސްނާގޮތަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. އަހަރުމެން ކޮންމެ މީހެއްގެ ހަޔާތުގައި ކުރިމަތިލާ ކޮންމެ އުނދަގޫ ހާލަތަކީ އެއިން ޢިބްރަތް ޙާސިލްކުރާ ކަމަކަށް ހަދަންޖެހެއެވެ. އަދި އެހާލަތުން އަރައިގަންނަ ކޮންމެ ފަހަރަކީ ކުރިޔަށްވުރެ ވަރުގަދަ އަޒުމެއްގައި އަދި ދިރިއުޅުމުގެ ހާލަތަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ފަދަ ތަޖުރިބާއަކަށް ހަދަންޖެހެއެވެ. މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

އެއީ އެއްގޮތަކަށްވެސް ރޮކެޓް ސައިންސެއް ނޫނެވެ. މާޔޫސްކަމާ ކުރިމަތިލާ ގޮތެވެ. އަދި އެއިން އަރައިގަންނަ ގޮތެވެ. އެކި މީހުން އެކަން ކުރާނީ އެކިގޮތަށެވެ. މުހިންމު ކަމަކީ އެ ހާލަތުން ވީ އެންމެ އަވަހަކަށް އަރައިގަތުމެވެ.

ހަޔާތުގެ ފަތްފުށްތަކަށް ޖެހިލަމާ ހިނގާށެވެ. ނާކާމިޔާބު، ހިތްދަތި ލޯބީގެ ހާދިސާތައް ހިނގާފައި ހުރެއެވެ. ކައިވެނި ރޫޅި ހަޔާތް ބޭކާރުވި އިހުސާސް ވާފަދަ ހާދިސާތައް ހިނގައިފައި ހުރެއެވެ. ގާތް ރައްޓެހިންގެ ފަރާތުން މަކަރާއި ހީލަތުގެ އަމަލުތައް ތަޖުރިބާ ކުރެވިފައި ހުރެއެވެ. އާއިލާގެ ގާތް މެމްބަރުންގެ ފަރާތުން ބޭވަފާތެރިކަން އިހުސާސްވާ ކަންކަން ވެސް ހިނގައިފައި ހުރެއެވެ. މަސައްކަތުގެ މާހައުލުގައި ބޭއިންސާފާއި ހިތްދަތި އަސަރު ކުރުވާ ފަދަ ކަންކަން ހިނގާފައި ހުރެއެވެ. އަދި މި ނޫންވެސް ހިތަށް ނާރާ ފަދަ ކަންކަން މީސްމީހުންގެ ހަޔާތުގައި ހިނގައިފައި ހުންނާނެކަން ޔަޤީނެވެ.

ބަޔާންވެދިޔަ ފަދަ ހުރިހާ ހާލަތެއް އެކަކުގެ ހަޔާތުގައި ހިނގާފައި ވެސް އެބަހުއްޓެވެ. އަދި އޭގެތެރެއިން ބައެއް ކަންކަން ބައެއް މީހުންގެ ހަޔާތުގައި ހިނގައިފައި ހުރެއެވެ. އެ ހާލަތްތަކަކީ އެއްގޮތަކަށްވެސް އަހަރެންގެ ޚިޔާލީ ހާލަތްތަކެއް ނޫނެވެ. ގިނަ ބައެއްގެ ދިރިއުޅުމުގެ ތަފާތު ހާދިސާތަކުގެ ވާހަކަތައް އަޑުއިވި އަދި އަމިއްލަޔަށް ކުރެވިފައިވާ ބައެއް ތަޖުރިބާތަކުގެ އަލީގައި ފާހަގަކޮށްފައިވާ ކަންކަމެވެ. މިއިން ކަމެއް މެދުވެރިވާ ވަގުތު މީހާޔަށް ތަފާތު ނޭދެވޭ އަސަރުތައް ކުރެއެވެ. ބައެއް މީހުން ކެއިންބުއިމުން ފޫހިވެ އެއްވެސް ކަމެއް ކުރުމުގެ ޝައުޤުވެރިކަން ގެއްލިފައިވާ ހާލަތުގައި ދުވަސްތައް، މަސްތައް އަދި ބައެއް ފަހަރު އަހަރުތައް ވެސް ކަޑައްތު ކުރެއެވެ. ބުނަން މި އުޅޭ ވާހަކައަކީ އެ ފަދަ އަސަރުތައް ކުރުމަކީ މައްސަލައެކޭ ނޫނެވެ. އެހެނަސް އެފަދަ ނޭދެވޭ އަސަރުތަކުން ވީހާވެސް އަވަހަކަށް އަރައިގަތުން މުހިންމެވެ. އަދި ދިމާވާ އެކަހަލަ ހާދިސާތަކާއި ކުރެވޭ ތަޖުރިބާތަކުގެ "ޕޯސްޓްމޯޓަމެއް" އަމިއްލަޔަށް ހަދާލުން މުހިންމެވެ. ބޭނުމަކީ ދެވަނަ ފަހަރު ކަމެއް ދިމާވާ ހާލުގައި މީހާ އިތުރަށް ވަރުގަދަކޮށް ހުރުމެވެ. ދިމާވާ ނޭދެވޭ ހާދިސާތަކުގެ ސަބަބުން ނަފުސު ފަހަތަށް ސޮއްސާލިޔަ ނުދިނުމެވެ. ދިމާވާ ދެރަ ހާދިސާ ތަކުގެ ސަބަބުން މީހާގެ ސަހުސިއްޔަތު އިތުރަށް ހަރުދަނާވެ ދިރިއުޅުމުގެ މަތީ ހަރުފަތްތަކަށް ފައިނެގުމުގެ އަޒުމު ވަރުގަދަވުމެވެ. ކާމިޔާބާ ހަމަޔަށް ދާން އޮންނަ މިސްރާބު އިތުރަށް ސާފުކުރުމެވެ.

ދިރިއުޅުމަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ބައެއް ފަހަރު ވަރަށް ހިތިކަން ދެއެވެ. އަނެއްބައި ފަހަރު އިންތިހާ އަށް ފޮނި މީރެވެ. އެހެނަސް ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެއެވެ. އެގޮތަށް ވިސްނުން ބައްޓަންކޮށްފި ނަމަ އެންމެ އުނދަގޫ ހާލަތާއިވެސް ކުރިމަތިލާނީ ތަނަވަސް ސިކުނޑިއަކާއި އެކުއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ހިތްދަތި ތަޖުރިބާ ތަކަކީ މުހިންމު އެއްޗެކެވެ. ކޮންމެހެން ކުރަންވެސް ޖެހޭ ތަޖުރިބާތަކެކެވެ. މީހާ މީހަކަށްވެ ހަމަ އިސްކޮޅަށް ދެމިލަން ލިބޭ މުހިންމު ފުރުސަތެކެވެ. ކާމިޔާބު މީހަކަށް ވުމަށް ހުޅުވޭ ދޮރެކެވެ. މިއީ ވަރަށްވެސް ފުން ވާހަކަތަކެކެވެ.

ދެރަ ކަންކަން ދިމާވާ ވަގުތު އެކަން އިހުސާސްވުން ނުވަތަ އެއިން އަސަރު ކުރުމަކީ މައްސަލައެއް ނޫނެވެ. ރޮއެ ކަރުނަ އެޅުންވެސް އެއީ މައްސަލައެއް ނޫނެވެ. އެހެނަސް ކަރުނަ ފުހެލާފައި ހިނިތުންވުމާއެކު ތެދުވަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބާރުލާފައި ހިނގައިގަންނަން ދަސްކުރުން ވަރަށް މުހިންމެވެ. ތިމާއަށް ދިމާވާ ކަންކަމާއި ތިމާގެ ދިރިއުޅުމުގެ ހާލަތާއި އަނެކާގެ ހާލަތާ އަޅާ ނުކިއުންވެސް މުހިންމެވެ. ދިމާވާ ނޭދެވޭ ކޮންމެ ހާލަތަކާ މެދު ޒަމާނުއްސުރެ ވިސްނަމުން އައި "ނެގެޓިވް" ވިސްނުން ދޫކޮށްލާށެވެ. އެއީ މުހިންމު ތަޖުރިބާއެއްގެ ގޮތުގައި ބަލަން ފަށާށެވެ. ވިސްނުންތެރިކަމާއި އެކު ކުރިޔަށް ދާށެވެ. ދިރިއުޅުމަކީ ކާމިޔާބު އަދި ފޮނި އެއްޗަކަށް ހަދާށެވެ. އެއީ ހިތި ތަޖުރިބާތައް އެކުލެވޭ ފޮނި އެއްޗެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *