Support Us

ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާއެކު ދިރިއުޅުން: ރައީސް

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަޙުނިޔާގެ ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބުގައި ވަނީ، ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި ޢަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، މާތް ﷲ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރަންޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *