ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބަޙްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން، ބަޙްރައިން ސަރުކާރުގެ އެހެން ބައެއް ޢިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، ދެޤައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރައްވާނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ނުބުނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރުގައެވެ.