Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ފަތުރުވެރިކަމުގެ ޚިދުމަތްތެރީންގެ މޫނުގައި ކޮޅުފައިންޖެހުން!

އެއީ މީގެ 43 އަހަރު ކުރިއެވެ. ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފްވިތާ އެއިރު އަދި ވާނީ އެންމެ ފަސް އަހަރެވެ. ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓް ކަމުގައިވާ ބަނޑޮހުގެ ޓޫރިސްޓް ޝޮޕްގައި ވަޒީފާ އަދާކުރި ހަސަން ބުޝްރީގެ އުމުރުން އެއިރު 29 ވަރަކަށް އަހަރެވެ. ބަނޑޮހުގެ ޝޮޕްގެ ވަޒީފާއިން ފެށިގެން އެ ރިސޯޓްގެ އޮފީސް ސެކެޓްރީ ކަމުން ގޮސް ލޯންޗް ސެކްޝަން މެނޭޖަރު ކަމަށް، އަދި އޭގެ ފަހުން ރިސޯޓް މެނޭޖަރު ކަމާ ހަމައަށް އޭނާ ދިޔައިރު މަސައްކަތް ކުރީ ލިބޭ މުސާރައަކަށް ވުރެ ބޮޑަށް ދާއިރާ އަށް ހުރި ލޯތްބެއްގެ ސަބަބުންނެވެ. އޭގެ ފަހުން ހުދުވެލި ބީޗް ރިސޯޓް، ވާދޫ އައިލޭންޑް ރިސޯޓް، ވިލަމެންދޫ ރިސޯޓް، އަދި ޅޮހިފުށި އައިލޭންޑް ރިސޯޓްގެ މެނޭޖަރު ކަންވެސް އޭނާ ކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަށް ފުރުނު 50 އަހަރުގެ ތެރެއިން 35 ވަރަކަށް އަހަރު، ހޫނު އަތްވާއި ވާރެޔާއި ގަދަ ކަނޑުގައި، ބުރަ މަސައްކަތް ކޮށް، އަލުން ބަލުން ރިސޯޓްތައް ހަދައި، މެނޭޖަރުކަން ކޮށް، އަދި ޖަރުމަނާއި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައި އޮތް ޓޫރިސްޓް ފެއާތަކުގައި ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާ އަށް ގިނަގުނަ ހިދުމަތް ތަކެއް ކުރިއެވެ. ނަމަވެސް މި ސިނާއަތަށް 50 އަހަރު ފުރިގެން ބޭއްވި ޤައުމީ ޖަލްސާގައި ހަމައެއް ލަމައެއް ނެތި އެވޯޑްތައް ބަހާލިއިރު ހަސަން ބުޝްރީ ފަދަ މި ދާއިރާ ކޮނޑުއަޅައިގެން މި ހިސާބަށް ގެނެސްދިން އާއްމު އެތައް މަސައްކަތްތެރީންނެއްގެ މަތީން މި ސަރުކާރުން ހަނދާނެއް ނެތެވެ. ނުވަތަ ގަސްދުގައި ހަނދާން ނައްތާލީއެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް ހުންނަވައިގެން އޭނާ އަމިއްލަފުޅަށް އޭނާ އަށް އެވޯޑް ދެއްވިއެވެ! ނިސްބަތުން މަދު އަހަރު ތަކަކަށް ޕެރެޑައިސް އާއި ރޯޔަލްގެ ސްޕާ މެނޭޖަރަކަށް ހުންނެވި ފައިސަލް ނަސީމަށް އެވޯޑް ލިބިވަޑައިގަތީ ނައިބު ރައީސްގެ މަޤާމްގައި ހުންނެވުމުން ކަމަށް ވެދާނެއެވެ. އެއީ ކޮންމެހެން އެވޯޑް ލިބިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނޫނެވެ. ފައިސަލާއި މައުސޫމަށް ވުރެ ގިނަ ދުވަހު، މާ ބުރަކޮށް މިދައިރާ އަށް ހިދުމަތް ކުރި އެތައް ސަތޭކަ ހިދުމަތްތެރީންނެއްގެ މަތީން ހަނދާން ނައްތާލުމަށް ފަހު ބޭއްވި ފަތުރުވެރިކަމުގެ ރަން ޔޫބީލް ޖަލްސާ އަކީ އެއްވެސް އިންސާފެއް ނެތް ގޮތެއްގައި ބައެއްގެ ހައްޤުން ބަޔަކު މަހްރޫމް ކޮށްލި، ބޭއިންސާފް އެވޯޑް ޖަލްސާއެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

"މިއީ ނުލިބެންޖެހޭ މީހުންނަށް އެވޯޑް ދީފައި ލިބެންޖެހޭ މީހުން ބާކީ ކުރި ހަފްލާއެއް،" މިހަފްލާ ޓީވީން ބެލި މީހަކު ބުންޏެވެ.

ރާއްޖޭގައި މިހާރު މިއޮތް ލަގްޒަރީ ބްރޭންޑް ތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމުގައިވާ ވަން އެންޑް އޮންލީ ބްރޭންޑް ރާއްޖެ އަށް ގެންނެވި އިބްރާހިމް ދީދީ (ސިމް ޑީޑީ) އަށް އެވޯޑް ހައްގެއް ނޫންތޯ އެވެ؟ އެކަމަކު ސިމް ޑީޑީގެ ހިދުމަތް މިސަރުކާރަކުން ފާހަގައެއް ނުކުރި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ރަން ޒަމާނުގައި މަޝްހޫރު އެލް.ޓީ.ޔޫ އާއި ކޮންޑޯގެ ޗާޓަރ ފްލައިޓްތައް ރާއްޖެ އަށް ގެންނަން ބުރަ މަސައްކަތްތަކެއް ކުރެއްވި (ޔުނިވާސަލް) އަހައިމައިދީ އަށް އެވޯޑެއް ހައްގެއް ނޫންތޯ އެވެ؟ އެބޭފުޅާ މިހާރު ދިރިއުޅުއްވަނީ ސީޝެލްސްގައި ކަމަށް ވުމުން، ހއ. ކެލައަށް އުފަން މިނިސްޓަރ މައުސޫމަށް އެއީ ކޮން ބޭފުޅެއްކަން އެނގިވަޑައިނުގަތީ ކަމަށް ވެދާނެއެވެ. މަޝްހޫރު ހެލިކޮޕްޓަރ ހިދުމަތް ހަމިންގ ބާރޑް ދިވެހި ރާއްޖެ އަށް ތައާރަފްކުރެއްވުމުގައި ވެސް އަހައިމައިދީގެ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ. މިއަދު އެކަންކަމުގެ މަތީން މިސަރުކާރު ހަނދާނެއް ނެތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އޭވިއޭޝަން ދާއިރާ އަށް ތަރައްޤީގެ އެތައް ބޮޑެތި ފިޔަވަޅުތަކެއް ގެނެސް ދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެވޯޑެއް ނުދެއްވީ ވެސް ސިޔާސީ ސަބަބުތަކާ ހުރެ އެވެ. ސިޔާސީ ގޮތުން މީހަކާ ހިޔާލް ތަފާތު ވިއަސް އޭނާ އަށް ހައްޤު ތައުރީފް އޭނާ އަށް ދިނުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރިވެތި ގޮތެވެ. ނަމަވެސް ރައީސް ޔާމީން ވެސް ކޮށްލީ ބާކީ އެވެ.

ކޮންމެ އަހަރަކު އެތައް ދިވެހީންނެއް އެޕްރެންޓިސްޝިޕްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާ އަށް ތަމްރީންކޮށްދޭ ފޯސީޒަން ރިސޯޓްސް މަތީންވެސް ކެލާ މައުސޫމް ހަނދުމަފުޅެއް ނެތެވެ. އެއް ޒަމާނެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ނަން ހިނގި އިމާދު އެޖެންސީ މަތީންވެސް މައުސޫމް ހަނދުމަފުޅެއް ނެތެވެ. ރާއްޖޭގެ މި ޒަމާނުގެ ދިވެހި ޓްރެވެލް އެޖެންސީތައް އަމިއްލަ ފައިމައްޗަށް ތެދުވަން ހިއްވަރު ދެއްވައި، ވިލާ ހޮޓެލްސްގެ ރިސޯޓް ތަކުން ރޭޓުތައް ދެއްވައިގެން އެ އެޖެންސީތައް ކޮޅަށް ޖަހައި ދެއްވުމުގައި މުހިއްމު ދައުރެއް އަދާ ކުރެއްވި ވިލާ ހޮޓެލްސްގެ އަލީ ރަޝީދު މަތީން ވެސް މި ސަރުކާރުން ހަނދާނެއް ނެތެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީ އަކަށް ނުވިއަސް އެދާއިރާގެ އެންމެ ފުންނާބު އުސް އެއް ވިޔަފާރިވެރިޔާ ކަމުގައިވާ ޤާސިމް އިބްރާހިމަށް އެވޯޑެއް ދެއްވިއަސް ޤާސިމްވެސް އިންނަވަން ޖެހިވަޑައިގަތީ ހަފްލާގެ ކިބަޅި ފަރާތުން މޭޒެއްގެ ކަނެއްގައެވެ. އެމް.ޑީ.ޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮއިކޮޓް ކުރަން ދުނިޔެއަށް ގޮވިއިރު އެކަމުގައި އިސްކޮށް ހުންނެވި ރައީސް ނަޝީދު ފަދަ ބޭފުޅުންނަށް މި ހަފުލާގައި އެވޯޑާއި ތައުރީފްގެ ބަސްތައް ވިދާޅުވުމަށް ފަހު މިދާއިރާ ކޮނޑުއަޅައިގެން އެކި ފެންވަރުގައި މަސައްކަތް ކުރި އެތައް ބައެއްގެ ފުއްކިބައިގައި ރައީސް ސޯލިހާއި މިނިސްޓަރު މައުސޫމް ޖެއްސެވީ އެތިފަހަރެކެވެ.

ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ އަށް ފަތުރުވެރިކަން އައިސް ގިނަ ފަޅުރަށް ތަކެއް ރިސޯޓްގެ ގޮތުގައި ތައާރަފްކުރިއިރު ފަޅު ރަށްރަށަށް އަރައި ބޯ ޖަނގަލީގެ ތެރެއިން މަގުތައް ކޮށައި، ރާނާނެ ގަލާއި ވެލި ނަގައި، ތޮށި ހަދައި، ކޮޓަރިތައް ރާނައިހެދުމުގެ އެންމެ އިސް އެއް މޭސްތިރިއަކަށް އެދުވަސްވަރު އުޅުއްވި މަޝްހޫރު މާމިގިލީ ބޭސް އަލީގެ ހިދުމަތް ޤަބޫލް ކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާއި ޤާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާނެއެވެ. ނަމަވެސް މަދު އަހަރު ކޮޅަކަށް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީ އަށް ހައްޤު ނޫން އެވޯޑެއް އެރުވިއިރު މާމިގިލީ ބޭސް އަލީ ފަދަ މި ދާއިރާގެ ހިދުމަތުގެ ތަނބުތައް މަތީން މި ސަރުކާރުން ހަނދާނެއް ނެތެވެ.

މެސީ އާއި ރޮނަލްޑޯގެ ކުޅުން ފެނުމުން ޕެލޭ އާއި މެރެޑޯނާ މަތީން ދުނިޔެ ހަނދާނެއް ނުނެތެއެވެ. އަދި ހާލާންޑްގެ ކުޅުން މޮޅަސް މެސީ އާއި ރޮނާލްޑޯ އަދި ޕެލޭ އާއި މެރެޑޯނާގެ މަތީންވެސް ހަނދާނެއް ނުނެތެއެވެ. މިއީ ދުނިޔޭގައި މިފަދަ ކަންކަން އޮންނަ ގޮތެވެ. ނަމަވެސް ދިވެހި ރާއްޖޭގައި ހިދުމަތް ކުރާ ހިދުމަތްތެރީންގެ ހިދުމަތްތައް ސަރުކާރު ތަކުން ހަނދާންނައްތާލާލެއް ވަރަށް އަވަހެވެ. ނަޝީދަށާއި ފައިސަލަށް، އަދި ޑރ. މައުސޫމަށާއި ޑރ. މުސްތަފާ ލުތުފީ އަށް ޓޫރިޒަމްގެ ހިދުމަތުގެ އެވޯޑް އަރުވާފައި މިދާއިރާ ކޮޅަށް ޖަހައި، ގުދާރު ބިންދައިގެންނާއި ވިޔަފާރީގެ ރިސްކް ނަގައިގެން މަސައްކަތްކުރި އެތައް ބަޔަކު ތިބީ ބާކީކޮށް ހަނދާނާއި ތާރީހުން ފޮހެލާފައެވެ.

ޑރ. މައުސޫމަކީ ފަތުރުވެރިކަމުގެ ވުޒާރާ ދުށް އެންމެ ނާޤާބިލް، އެންމެ ޒާތީ ވަޒީރުކަން މިކަމުން އެކަނި ވެސް އެނގެއެވެ. މައުސޫމް މާ ފޯރިއެއްގައި ރާއްޖެ އަށް ތައާރަފް ކުރައްވަން ފޫގެޅުއްވި "ހޯމް ސްޓޭ" ޓޫރިޒަމް ފްލޮޕްވުމަކީ މައުސޫމްގެ ކިބައިގައި މިދާއިރާގެ ވިޝަން އެއް، ދުރު ވިސްނުމެއް ނެތްކަމުގެ ހެއްކެކެވެ. އަދި އައްޑޫ ސިޓީގެ ބަންދުކޮށްފައިވާ ރިސޯޓްތައް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް ވިދާޅުވެ، އައްޑޫ ރައްޔިތުންގެ ޖީބަށް ދެން ވަންނާނީ ޑޮލަރުގެ ބަދަލުގައި ޕައުންޑު ކަމަށް ވިދާޅުވެ ދެއްކެވި ފޮނި ވާހަކަތައް ފެނަށް ގޮސް އައްޑުގެ ޓޫރިޒމް ދާއިރާ ދުވަހަކު ނުވާ ވަރަށް ބިކަވެފައި ވަނީ ޑރ. މައުސޫމްގެ ހިންގުންތެރި ކަމެއް ނެތުމުގެ ސަބަބުންނެވެ. ވިވަރުގެ ވަޒީރަކާ ހަވާލުކޮށްގެން ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަކީ ވެވުނު ބޮޑު އިހުމާލެކެވެ.

ބޮޑުފެންވަޅުގޭ މުޖުތަބާ، ސީނާ އަހުމަދު ޒާހިރު، އިބްރާހިމް ހުސެން ޒަކީ އަދި ހަސަން ސޯބިރު ފަދަ ވަރުގަދަ ޓޫރިޒަމް މިނިސްޓަރުން ދެކެފައިވާ ދިވެހި ރައްޖޭގެ ޓޫރިޒަމް މިނިސްޓަރަކަށް ބޮޑު ކައްކާ ކަމުން ޕީ.އެޗް.ޑީ ނަންގަވައިގެން ހުންނެވި ކެއްކުމުގެ ތަޖުރިބާކާރަކު ލައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދައިރާގެ ގިނަ ހިދުމަތްތެރީންތަކެއްގެ ބޮލަށް ފައިން އަރުއްވައިފައެވެ. މައުސޫމްގެ ރަހަ ތަފާތެވެ. ރަހަ މީރެއް ނޫނެވެ. ޓޫރިޒަމް ސިނާއަތުގެ ގިނަ ބައެއްގެ ކަރުތެރޭގައި ލާފައި ވަނީ ހިތި ރަހައެކެވެ. ފަންސާސް އަހަރުގެ ފޮނިމީރުކަން ވަނީ ޒަހަރަކަށް ހަދައިފައެވެ