ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރުނބާ މޯލްޑިވްސްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގައި ސަރުކާރުގެ ދައުރަކީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން ފެންނަ އެއްކަމަކީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީކުރުމުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާއި، ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ފާޑު ނުކިޔައި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާކަމުގައެވެ.
މި ޙަފްލާގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިތްވަރާއި އަޒުމާއި ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމަށް ބުންވަރު ހުރެއްޖެ ނަމަ ބަޔަކު ދުވަހަކު ޚިޔާލަށް ނުގެންނަ އަދި އެއްގޮތަކަށް ނުވެސް ނެތް ކަމެއް ވެސް، ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެ ކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ޒުވާން ޖީލު، ޤައުމަށްޓަކައި އާ ކޮންމެވެސް ޞިނާޢަތެއް، އުފެއްދުމެއް ނުވަތަ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރުމަށާއި، މުޅި ދިވެހި ޤައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގައި ފަތުރުވެރިކަން އުފަން ކުރެއްވުމުގައި، އަދި ފަތުރުވެރިކަން ތަރައްޤީކުރެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި ޖުމްލަކޮށް ފަތުރުވެރިކަން ތަރައްޤީކުރަން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން މިއަދު ރާއްޖެ ފޯރާފައިވާ އައްސޭރިއަށް، މި ޤައުމައިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެދުވަހު ކެރިވަޑައިގެން އެބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލެއްވުމުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވިދާޅުވީ "ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، މިރޭ ވެސް އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން" ކަމުގައެވެ.
ހަމަ އެއާއެކު އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ޓްރެވަލް އޭޖެންޓުންނަށާއި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ ފަންނާނުންނާއި މިދާއިރާގެ ހުރިހާ މުވައްޒަފުންނާއި މި ޞިނާޢާއަތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތައް ވެސް ޝާމިލުކޮށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހިމެނިވަޑައިގަންނަވާހެން 77 ބޭފުޅަކަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ޙަވާލުކޮށްދެއްވާފައެވެ. އަދި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާއަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މައުޞޫމް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.
ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ އަކީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރަސްމީކޮށް ބާއްވާ އެންމެ ފަހު ޙަފްލާއެވެ. އަދި މި ޙަފްލާގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އެކި ރޮނގުރޮނގުން މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންގެ އަގުވަޒަންކުރުމެވެ.



advertisment