...

Support Us

ކޮލަމް ކެޔޮނިރު: ދިރާގުން ހިދުމަތް ދިނީ ރައްޔިތުން ފެލައިގެން، ނެގެން އޮތް އެންމެ ބޮޑު ފައިދާ ނަގައިގެން

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ 34 ވަނަ އަހަރީ ދުވަސް އޮކްޓޯބަރ 1 ގައި ފާހަގަކޮށްފިއެވެ. ދިރާގު ފަދަ ވިޔަފާރި ކުންފުނިތަކުންވެސް މޫނުމަތި ރީތިކުރުމުގެ ގޮތުން ރައްޔިތުންނަށް "ހިދުމަތް" ދިން ކަމަށް ބުނެ އަމިއްލަ ބުރަކަށީގައި އަމިއްލަ އަށް ފިރުމުމުން ހިތުގައި އުފެދެނީ ރުޅިވެރިކަމެވެ. މީގެ ބާވީހަކަށް އަހަރު ކުރީން އަޅުގަނޑުގެ އެޑިޓަރުކަމުގެ ދަށުން ނެރުނު އިނގިރޭސި ހަފްތާ މަޖައްލާ "މަންޑޭ ޓައިމްސް" އަކީ އޭގެ ކުރިން ރައްޔިތުންގެ ލޭބޮމުން، ފަލަވަމުން، މުއްސަނދިވަމުން އައި ބިޔަ ކުންފުނިި "ދިރާގު" ދަހިވެތިކަމުގެ ނިދީން ހޭލައްވާލި މަޖައްލާ ކަމަށް އަޅުގަނޑު ދެކެމެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގެ ފޯނާއި އިންޓަނެޓުގެ ހިދުމަތާ އަޅާބަލާއިރު ދިރާގުގެ އަގުތައް ބޮޑު ކަމަށާއި، މީހުން ނުކުރާ ކޯލްތަކަށް "އޮޅިގެން" އެދުވަސްވަރު ޗާޖުކުރެވުނު ކަމާއި، ހިދުމަތް ހޯދުމަކީ ސަލާން ޖަހައިގެން ރައްޔިތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮތް ހުދުމުހްތާރު ސަގާފަތް ދޫކޮށްލައި "ދިވެހި ރައްޔިތުންގެ ގުޅުމަކަށް" ދިރާގު ބަދަލުކުރަން މަޖްބޫރުވީ މަންޑޭ ޓައިމްސް އިން ކެނޑިނޭޅި ކުރި ޕްރެޝަރުގެ ވެސް ސަބަބުން ކަމަށް ޤަބޫލް ކުރެވެއެވެ.

ދިރާގުގެ ކޮންމެވެސް މައްސަލައެއްގެ ވާހަކަ ނުވަތަ ކޮންމެވެސް ކަސްޓަމަރެއްގެ (ރައްޔިތެއްގެ) ޝަކުވާގެ ވާހަކަ ނެތް މަންޑޭ ޓައިމްސްގެ އަދަދެއް މަދުވާނެއެވެ. އެމަޖައްލާ އަށް ސަރުކާރު މެދުވެރިކޮށް ޕްރެޝަރުކުރަން ވެސް ދިރާގުން އެ ދުވަސްވަރު ވަރަށް މަސައަތްކުރިއެވެ. އެންމެ ފަހުން އެ ކުޑަކުޑަ މަޖައްލާގެ ކުރިމަތީގައި އަމާންދީ، ރައްޔިތުންގެ ބަސް ޤަބޫލުކޮށް، ދިވެހި ރައްޔިތުންގެ ގުޅުމަކަށް، ދިވެހި ރައްޔިތުންނަށް ދޭ ހިދުމަތަކަށް ބަދަލުވާން ދިރާގަށް މަޖުބޫރުވީ 2004 ވަނަ އަހަރު އިތުރު މުއާސަލާތީ ކުންފުންޏެއް (ވަތަނިއްޔާ) ރާއްޖެ އަށް ތައާރަފްވުމާ އެކުގަ އެވެ. އެ ހިސާބުން ދިރާގުގެ އަގުތައް ހެޔޮކުރަން މަޖްބޫރުވެގެން ދިޔައެވެ. އެހެން ކަމުން 34 އަހަރު ދިރާގުން ދިނީ ހަމައެކަނި ހިދުމަތެއް ނޫނެވެ. ތެދެކެވެ. ހިދުމަތެއް ވެސް ދިނެވެ. ނަމަވެސް ހިދުމަތް ދިނީ ރައްޔިތުން ފެލައިގެން، ނެގެން އޮތް އެންމެ ބޮޑު ފައިދާ ނަގައިގެންނެވެ. އެކަމަކު އެއީ އެންމެ އެކަށީގެންވާ ފެންވަރުގެ ހިދުމަތެއްވެސް ނޫނެވެ. ރައްޔިތުން ފެލުމުގެ ހިދުމަތަށް ދިރާގުހާ ހުށިޔާރު ބަޔަކު ނެތެވެ. އެހެންވެ 34 އަހަރު ވަންދެން ރައްޔިތުން ފެލުމުގެ އެވޯޑު ދިރާގަށް ވަރަށް ވެސް ހައްގެވެ.

ދިރާގަކީ ރައްޔިތުންނަށް ޓަކައި، ރައްޔިތުންގެ ހިދުމަތުގައި ފިދާވަމުން އައި، އަމިއްލަ އެދުމެއް ނެތް، ހުދު ކާފޫރުކޮޅެއް ފަދަ ކުންފުންޏެއް ކަމަށް ދައްކަން ކިތައްމެ ވަރަކަށް މަސައްކަތް ކުރިއަސް ދިރާގަކީ އިނގިރޭސީން ކޮލޮނައިސް ކުރި ޤައުމުތަކުގެ ބުރަކަށިމަތީގައި އިނގިރޭސިވިލާތް މުއްސަނދިވި ގޮތަށް ދިވެހި ރައްޔިތުންގެ ބުރަކަށިމަތީގައި، ރައްޔިތުންގެ މަސްކައިގެން ފަލަވީ ގެރިއެކެވެ. ވަތަނިއްޔާ (މިހާރުގެ އުރީދޫ) ގެ ހިދުމަތް 2004 ވަނަ އަހަރު ނައި ނަމަ ދިވެހިން އަދިވެސް ތިބީހީ އިންޓަނޭޝަނަލް ކޯލްތަކަށް މިނިޓަކަށް ފަންސާސް ރުފިޔާ ދައްކާލަދައްކާލަ އެވެ. ދިރާގުގެ އަގުތައް ދަށްކޮށް، ރައްޔިތުންގެ މަތީން ވިސްނާލަން މަޖްބޫރުވީ ވާދަވެރި ވިޔަފާރީގެ މާހައުލަކަށް ރާއްޖޭގެ މުއާސަލާތީ ދާއިރާ ހުޅުވާލެވުމުންނެވެ. ވީމާ 34 އަހަރު ރައްޔިތުންނަށް ކުރީ ހަމައެކަނި ހިދުމަތް ކަމަށް ދައްކަން ދިރާގަށް ވިކިފައި ތިބި މީޑިއާ ތަކުގައި "އެޑްވަޓޯރިއަލް" ލިއުންތައް ލިއުއްވައިގެން ތާރީހު އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެއެވެ.

ދިރާގުގެ އިސް ވެރިން

ދިރާގަކީ ދިވެހި ރާއްޖޭގެ ބޮޑު ކުންފުންޏެކެވެ. މުހިއްމު ވެސް ކުންފުންޏެކެވެ. ނަމަވެސް އެއްވެސް އިރެއްގައި ދިރާގަކީ ވިޔަފާރިއަށް ވުރެ ރައްޔިތުންގެ ހިދުމަތް އިސްކުރި ބައެއް ނޫނެވެ. މިސާލަކަށް ބަލާނަމަ ވެމްކޯ އަކީ ވިޔަފާރި އަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުންޏެކެވެ. އެފަދަ ކުންފުނިތަކުން ކުރާ ޤައުމީ ހިދުތަމަތުގެ ޓެގް ދިރާގުގެ ކަރުގައި އެޅުވުމަކީ ބޭއިންސާފެކެވެ. މިއަދު ދިރާގަކީ ބޭރުގެ ހިއްސާ ވެސް އޮތް، އަދި އާއްމު ރައްޔިތުންގެ ހިއްސާވެސް އޮތް ބިޔަ، ވިޔަފާރި ކުންފުންޏެކެވެ. ވަތަނިއްޔާ އައުމުގެ ކުރިން 16 ވަރަކަށް އަހަރު ދިރާގުން ހިންގީ ވިޔަފާރީގެ މޮނޮޕޮލީއެކެވެ. އެ އަހަރު ތަކުގައި ރައްޔިތުންގެ ނިކަމެތި ކަމަށް ބެލުމެއް ނެތި ރައްޔިތުން އަތުން ނަގަމުން ދިޔަ ބޮޑެތި އަގުތަކުން ދިރާގަށް ލިބުނު މުއްސަނދިކަމުގެ ބަދަލެއްގެ ގޮތުން ދިރާގުން ދިވެހި ރައްޔިތުންނަށް އަދިވެސް އެތައް ގިނަ ކަންކަން ކޮށްދޭން ޖެހެއެވެ.

އަގުތައް އިތުރަށް ދަށްކުރަން ޖެހެއެވެ. އުރީދޫއާ އެކު ޑީލް ހަަދައިގެން ރައްޔިތުން އިތުރަށް ފެލަން އުޅުން ފަަދަ ކަންކަން ހުއްޓާލައި، ކޮމިއުނިޓީ ހިދުމަތޭ ކިޔައިގެން އެންމެ ތިރީހަކަށް ހާސް ރުފިޔާގެ އެހީއެއް ކޮންމެވެސް ރަށަކަށް ހަދިޔާކޮށްފައި އެ ވާހަކަ، ދިރާގުން ލާރިދޭ ހުރިހާ ނޫހެއްގައި ޖައްސުވާފައި މަޝްހޫރުކަން ހޯދަން ނޫޅެ، ހަޤީޤީ ހިދުމަތް ރައްޔިތުންނަށް ދޭންޖެހެއެވެ. ދިވެހި ރައްޔިތުންގެ ގުޅުން ބަދަލުވާން ޖެހެނީ ދިވެހި ރައްޔިތުންގެ ތަރައްޤީގެ ސަވާރީއަކަށެވެ.

އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ދާދި ފަހުން ވިދާޅުވި ބަސް ދިރާގުން ހަނދާންކުރަން ޖެހެއެވެ. ފައްޔާޒު ވިދާޅުވީ ރާއްޖެތެރޭ މީހުންގެ 80% މީހުން މުނިފޫހިފިލުވަނީ އިންޓަނެޓުން "ޕޯން" (ފާޙިޝް އޮރިޔާން ކާޑު) ބަލައިގެންނެވެ. ފައްޔާޒުގެ ބަސް ތެދުކަމުގައި ވަނީ ނަމަ ދިރާގުން ތިޔަ ހޯދާ ވިޔަފާރީގެ ކާމިޔާބުގެ ބޮޑު ހިއްސާއެއް ތިޔަ ހޯދަނީ އޮރިޔާން ކާޑު ވިއްކައިގެންނެވެ. ރައްޔިތުގެ މަސްލަހަތު ހިމާޔަތްކޮށް، ރައްޔިތުންނަށް ހިދުމަތްދޭ ކުންފުންޏެއް ކަމުގައި ވަނީ ނަމަ ރައްޔިތުންގެ ހައްޤުގައި އޮރިޔާން ކާޑު ވިއްކުން ހުއްޓާލަން ދިރާގަށް ގޮވާލަމެވެ. އިންޓަނެޓުން ޕޯން ސައިޓުތަކަށް ވަދެވެން ހުރި ދޮރުތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދަނީ ބަންދު ކުރަމުންނެވެ. ސަރުކާރުގެ ބަހަކަށް، ނުވަތަ އުރީދޫ އިން ހަދާ އެއްޗަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ޓަކައި ޕޯން ސައިޓުތައް އެއްކޮށް ބަންދުކުރަން ދިރާގަށް ކެރޭނެތޯ އެވެ؟ ކެރިއްޖެ ނަމަ ދިރާގަކީ ހަޤީގަތުގައި ވެސް ދިވެހި ރައްޔިތުންގެ ކުންފުންޏެއް ކަމަށް އަޅުގަނޑު ޤަބޫލް ކުރާނަމެވެ. އަދި 34 އަހަރު ދުވަހު ނެގި ބޮޑެތި އަގުތަަކަށް މައާފް ކޮށް، އަޅުގަނޑުގެ ފޯނުގެ ސިމް ވެސް ދިރާގުގެ ނެޓްވޯކަށް ބަދަލުކުރާނަމެވެ. މިކަން ކުރަން ދިރާގަށް ކެރޭނެތޯ އެވެ؟ ދިވެހި ރައްޔިތުންގެ ގުޅުމެއް ކަމަށް އެއިރުން ޤަބޫލް ކުރާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
42
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ވަރަަށްބޮޑު ތެދުފުޅެއް އަދިވެސް ތިޔަ ދެއްވިވަރުކުޑަ ވަރަށްފުރިހަމަ އާޓިކަލް އެއް

  2. ވަރަށްބޮޑު ތެދެއް. މިހާރުވެސް އިންޓަރނެޓް ގެ ޚިދުމަތްދެނިއްޔޭ ކިޔާފަ ހެސް ކިޔާފަ އަގުބޮޑު ޕެކެޖްތައް ތައާރަފް ކޮށްގެން ރައްޔިތުންނަށް ދޯކާ ދެއެވެ. މަހުގެ ދިހަޔަކާ ހަމަޔަށް ދިޔައިމާ ދެން ވީޑިއޯއެއް ޕްލޭ ކުރަން އުޅޭނެ ކަމެއް ނެތް. އެންމެފަހުން ދުއްޕާން ބޮޑުވެގެން އުރީދޫއަށް ބަދަލުކުރީމާ މިހާރު ބަރާބަރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *