ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ "އެޕްރިސިއޭޝަން ރިސެޕްޝަން" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެވެސް މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމުގައެވެ. ހަމަ އެގޮތަށް ފަތުރުވެރިކަމުގެ އެންމެ މަތީފަންތީގެ މަންޒިލުތަކާ ރާއްޖެއިން ވާދަކުރަމުންދާއިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ގޮނޑުދޮށްތަކާއި މޫދާ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިގޮތަށް އަލިއަޅުވާލައްވައި މި ސިނާޢަތް ރާއްޖޭގައި ފެށްޓެވުމުގައި އެންމެ އިސްދަޢުރު އަދާކުރެއްވި ބޭފުޅުން އޭރު މިސިނާޢަތް ފެށްޓެވުމަށް ކުރެއްވި ބުރަބޮޑު އުނދަގޫ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ސިނާޢަތް ފެށިގެން މިހާތަނަށް އައިއިރު މި ސިނާޢަތުގައި މަސައްކަތްކުރި އަދި ކުރަމުންގެންދާ ފަރާތްތަކާއި އަދި އެކިގޮތްގޮތުން ސިނާޢަތާ ގުޅިފައިވާ އެތައްބައެއްގެ މިންނެތް މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ހަވާލުކޮށްދެއްވާފައެވެ. އަދި މި ޙަފްލާގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމު ވެސް ވަނީ ބައެއް ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ހަވާލުކޮށްދެއްވާފައެވެ.
މިރޭ ބޭއްވި މި ޙަފްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި އެފަރާތްތަކާއި އެއްތަނަކުން ބައްދަލު ގުޅުންބަދަހިކުރުމުގެ ގޮތުން ބޭއްވި ޙަފްލާއެކެވެ.



advertisment