Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ހަނިމާދޫ އެއާޕޯޓް ދެ އަހަރަކުން ނުނިމޭނެ، 8،000 އެނދެއް ވެސް ނޭޅޭނެ!

އިންޑިއާގެ އެކްޒިމް ބޭންކުން ދެބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ހަނިމާދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރަން ހަވާލު ކުރީ ދުވަހަކު އެއާޕޯޓެއް އެޅި ބަޔަކާ ނޫނެވެ. ނަވަރާތަ ސަތޭކަ އަށްޑިހަ ދެ ވަނަ އަހަރު ރަޖިސްޓްރީކުރި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް އިންޑިއާ އަކީ މިވަރުގެ ބޮޑު އެއާޕޯޓެއް އެޅުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބައެކެވެ. ދިވެހީންގެ ބޮލުގައި މިވަރުގެ ބޮޑު ދަރަންޏެއް އެޅުވުމަށް ފަހު އެލް-ބޯރޑް ޖަހައިގެން އެއާޕޯޓް އަޅާ އިންޑިއާގެ ކުޑަ ކުންފުންޏަކަށް މި ޕްރޮޖެކްޓް ދިނީ އިންޑިއާގެ މަސްލަހަތަށް ޓަކައި އިންޑިއާ ބުނާ ގޮތަށް ހަދަން ވެެގެންނެވެ. މިއެއާޕޯޓް އަދި ދެއަހަރު ފަހުން ހުޅުވުމުން އިރުމަތީ އޭޝިއާ، މެދުއިރުމަތި، އަދި ޔޫރަޕުން ސީދާ ފްލައިޓް ހަނިމާދޫ އަށް އޮޕަރޭޓް ކުރާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަޝްރޫއު އިފްތިތާހް ކޮށްދެއްވީ އުތުރުގެ އެ ސަރަހައްދުގައި 8،000 ޓޫރިސްޓް އެނދު އިތުރަށް ތަރައްޤީ ކުރައްވާނެ ކަމުގެ ވައުދާ އެކުގައެވެ.

ފުރަތަމަ ކަމަކީ ތަޖުރިބާއެއް ނެތްް އިންޑިއާ ކުންފުންޏަކުން އެވަރުގެ ބިޔަ އެއާޕޯޓެއް ދެއަހަރު ތެރޭ ނިންމުމަކީ ނާދިރު ކަމަކަށް ވުމެވެ. ދެވަނަ ކަމަކީ 8،000 އެނދަކީ 4،000 ޓޫރިސްޓް ކޮޓަރި އެވެ. އެއީ 100 ކޮޓަރީގެ ރިސޯޓަށް ބެއްޔަސް 40 ރިސޯޓެވެ. ދެ އަހަރުތެރޭ އެ ސަރަހައްދުގައި 40 ރިސޯރޓް އަޅައި ހުޅުވާނީ ކިހިނަކުންތޯ އެވެ؟ ސާޅީސް ފަޅު ރަށް ބިޑަށް ލާފައި ދެއަހަރު ފަހުން އެއާޕޯޓް ހުޅުވޭ އިރު ރިސޯޓްތައް ނުނިމުމުން އެއްކަލަ ދެބިލިއަން ރުފިޔާގެ އެއާޕޯޓް ބާ ދަގަނޑަށްވެ ރައްޔިތުންގެ ބޮލުގައި ބާދަގަނޑުގެ ދަރަނި އެޅުން ނޫން ކަމެއް މިކަމަކުން ނުވާނެއެވެ.

މިވަރުގެ ބިޔަ އެއާޕޯޓަކަށް އިންވެސްޓް ކުރާއިރު ހުންނަން ޖެހޭނީ ރިސޯޓް ހަދާނެ ރަށްތައް ބިޑަށް ލައި، ގެސްޓް ހައުސް ހަދާނެ ބިންތައް ކަނޑައި، ބިޑަށް ލައިފައެވެ. އެހެން ނޫންނަމަ ދެ އަހަރުން އެއާޕޯޓް ނިމޭއިރު ރިސޯޓާއި ގެސްޓް ހައުސް ނުނިމުމުން އެއްކަލަ ބިޔަ އެއާޕޯޓަށް ޖައްސާނީ ދުވާލަކު އެންމެ މޯލްޑިވިއަންގެ ޑޯނިއާ ފްލައިޓެކެވެ! މިއީ ރޭވުންތެރިކަމެއް ނެތި 2023 ގެ އިންތިހާބަށް އަޅާލި ބިންގަލެކެވެ. އަޅާލި މޮޅު ހެޑްލައިނެކެވެ. ކަފަ ވިލާގައި ބިނާކުރަން ވައުދުވި ބިޔަ ގަނޑުވަރެކެވެ.

ތިލަދުންމަތީ ސަރަހައްދަށް އިތުރު 8،000 ޓޫރިސްޓް އެނދު ގެންނަން ސަރުކާރުން ވައުދުވިއިރު، ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ އަށް 8،000 ޓޫރިސްޓް އެނދު ގެންނަން ވައުދުވިތާ މިއީ ފަސްވަނަ އަހަރެވެ. މި ސެޕްޓެމްބަރ މަހު ކުރީކޮޅު ލާމު އަތޮޅުގައި އޮތް ވިޔަވަތި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ އެމް.ޑީ.ޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މޭޔަރު އަލީ ނިޒާރު ވިދާޅުވީ 8،000 އެނދުގެ ވައުދު ސަރުކާރުން ފުއްދައިފި ކަމަށެވެ! ގެސްޓް ހައުސް އަޅާނެ ބިން ބިޑަށް ލައި، އަމިއްލަ ފަރާތްތަކާ ބިން ހަވާލުކޮށްފި ކަމަށާއި، އެބިން ތަކުގައި 8،000 އެނދަށް ވާވަރަށް ގެސްޓަ ހައުސް އާއި ހޮޓާ އެޅޭނެ ކަމަށާއި، ސަރުކާރުގެ ވައުދު އެ ހިސާބުން ފުއްދުނީ ކަމަށެވެ. ދެން އޮތީ ބިޑްތައް ކާމިޔާބު ކުރި އަމިއްލަ ފަރާތްތަކުން ގެސްޓް ހައުސް އާއި ހޮޓާތައް އެޅުން ކަމަށް މޭޔަރ ވިދާޅުވިއެވެ. އެ ވިދާޅުވާ ބިންތައް އައްޑޫގައި ހުރެ ކުނިވެ، ގޮނޑުވަނީ އެވެ. ބިޑް ކާމިޔާބުކުރި ފަރާތްތަކަށް އިންވެސްޓް ކުރާނެ ފައިސާއެއް ނުލިބުނެވެ. އެކަމަކު މޭޔަރު ވިދާޅުވީ ވައުދު ފުއްދިއްޖެ ކަމަށެވެ.

ތަރައްޤީގެ ވައުދުތައް ފުއްދަނީ މިގޮތަށް ކަމުގައި ވަނީ ނަމަ، ކޮންމެ ރަށެއްގައި ޓާރޝަރީ ހޮސްޕިޓަލަކާއި، ކޮންމެ ރަށެއްގައި އެއާޕޯޓެއް ވެސް އެޅިދާނެއެވެ. ބިން ކަނޑައި، ބިޑަށް ލައި، އަމިއްލަ މީހުންނާ ބިން ހަވާލު ކުރުމުން ސަރުކާރުގެ ވައުދު ފުއްދުނީ އެވެ.

އައްޑޫގައި 8،000 އެނދު ނޭޅުނުތާނގައި އެ އަތޮޅުގައި ކުރިން ހިނގަހިނގާ އޮތް ތިން ރިސޯޓްގެ ތެރެއިން މިހާރު ހިނގަނީ އެންމެ ރިސޯޓެކެވެ. ބޮޑު ޖަލްސާއެއް ބާއްވާފައި، އައްޑޫ ގަމަށް ތައާރަފް ކުރަން ބުނި ސީޕްލޭން ބޭސް ވެސް ދިޔައީ ތޮޅިއަށެވެ. އެކަމެއް ނުވިއެވެ. އިންޑިއާ އިން ލޯނުނަގައިގެން އައްޑޫގެ މަގުތައް ހެދުން ފިޔަވައި ރައީސް ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރުތެރޭ އައްޑޫ ސިޓީ އަށް އެއްވެސް ކަމެއް ކޮށް ނުދެއްވައެވެ. އައްޑޫ މީހުންނަށް ލިބުނީ ސިޔާސީ ގޮތުން ކޮޅުކެއްސެވެ. މާބޮޑު އެމް.ޑީ.ޕީ ބަޔަކަށް ވެެގެން ނަށަމުން، ފޮނުއަރުވަމުން ގޮސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވުމުން ވީކަމެއް ނެތެވެ. ދެތިން އިންތިހާބަކާ ދިމާކޮށް އައްޑޫ އަށް ޒިޔާރަތް ކުރެއްވުން ފިޔަވައި އައްޑޫ އޮތް ކޮޅަށް އެމަނިކުފާނު އިސްތަށިފުޅު ވެސް ނުލައްވައެވެ. އަނެއްކާ ވެސް އިންތިހާބް ކައިރިވުމުން އައްޑު އަށް ވަޑައިގެން އައްޑޫ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުވާނެ ކަމަށް ވިދާޅުވާނެއެވެ. މިއީ ސިޔާސީ މީހުންގެ ދުލުން ފާއިތުވި ސާޅީހަކަށް އަހަރުތެރޭ އެންމެ ގިނައިން ބުނި ބޮޑު ދޮގެވެ.

ތިލަދުންމަތީގައި 8،000 އެނދު އަޅާނީ ވެސް އައްޑޫގެ މޭޔަރ މި ވިދާޅުވި ގޮތަށް ކަމަށް ފެނެއެވެ. މިނޫން ގޮތަކަށް ދެ އަހަރު ތެރޭ އެ ސަރަހައްދުގައި އަލުންބަލުން 40 ރިސޯޓް ހެދޭނީ ސުލައިމާނުގެފާނަށް މަސައްކަތް ކޮށްދިން ކަހަލަ ޖިންނީންނާއި އިފުރީތުންނާއި މާރިދުން ގެނެވިގެންނެވެ. ތަޖުރިބާއެއް ނެތް، ނިސްބަތުން ކުޑަ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަނިމާދޫ އެއާޕޯޓް ދެއަހަރަކުން ނުނިމޭނެއެވެ. ސާޅީސް ރިސޯޓެއް ވެސް ނުނިމޭނެއެވެ. ރައްޔިތުން ދަރަނިވެރިވެ، އިންޑިއާ އަށް ޤައުމު މޯގޭޖްވުން ފިޔަވައި މިބިޔަ ދަރަނިން ދިވެހީންނަށް ލިބޭނެ ފައިދާއެއް ނެތެވެ. މިއީ އިބްރާހިމް މުހައްމަދު ސޯލިހަށް 2023 ކަށަވަރު ކުރަން ރާވާފައިވާ ސިލްސިލާ ޑްރާމާތަކުގެ ތެރެއިން ވަރުގަދަ، ބިޔަ ކަސޯޓީއެކެވެ. އިންޑިއާގެ ކަސޯޓީއެކެވެ.

ހަނިމާދޫ ރައްޔިތުންނާއި ރާއްޖޭގެ އެންމެ އުތުރުގެ ރައްޔިތުން މިވަގުތު ތިބޭނީ އުފަލުންކަން ޔަޤީނެވެ. އަދި އަހަރެއްހާ ދުވަސް ފަހުން މި ކަސޯޓީގެ އަސްލު އެ ރައްޔިތުންނަށް ވިސްނޭއިރު މާލަސްވެދާނެއެވެ. މިކަމާ ފުންކޮށް ވިސްނައި 8،000 އެނދުގެ މިއަވާ މެންދުރު ޤަބޫލް ނުކޮށް، ސިޔާސީ އަދި އިގްތިސޯދީ ގޮތުން ވިސްނޭ ބަޔަކަށް ދިވެހީން ވާން އެބަޖެހެއެވެ. ދައްކާހާ ވާހަކައެއް، ލޯމަރާލައިގެން ތިބެ ޤަބޫލް ކުރާކަށް ނުޖެހެއެވެ. މަސްވެރިކަމުގެ މޫސުމުގައި ބާނާ މަސް ކިރޭވަރަށް ކޯލްޑް ސްޓޯރޭޖް ބިނާ ނުކުރެވޭ ބަޔަކަށް، އަހަރު މެދުތެރެއަށް ދާއިރު އާސަންދަ ބަޖެޓް ހުސްކޮށްލާ ބަޔަކަށް، ޤައުމުގެ ރިޒާވް ހަފުސްކޮށްލާ ބަޔަކަށް ކުރެވޭނެ ކަމަކީ އިންޑިއާއިން މަތިމައްޗަށް ދަރަނި ނަގައި، ކުލަ ހުވަފެން ދައްކައިގެން ދެވަނަ ދައުރެއް ކަށަވަރު ކުރަން ދޮގު ހެދުމެވެ.

މިހާރު އެއޮތް ގޮތަށް، ބުނި ތާރީޙަށް، ބުނި ބަޖެޓަށް، ބުނި ފެންވަރަށް ހަނިމާދޫ އެއާޕޯޓް އެޅި ތަނެއް އިންސާނަކަށް ނުފެންނާނެއެވެ. އަދި އެ 8،000 އެނދުވެސް އެ ބުނާ ތާރީހަށް، ބުނި ގޮތަށް އެޅި ތަނެއް ނުފެންނާނެއެވެ. މިއީ ހައްތާވެސް ރިއާސީ އިންތިހާބަށް ކުޅޭ ޑްރާމާތަކެވެ. ވޯޓު ކަށަވަރު ކުރަން ހަދާ ސިޔާސީ ދޮގެވެ. ރައްޔިތުން ބޮލުގައި ބިލިއަނުން ދަރަނި އެޅުވުން ފިޔަވައި ހަނިމާދޫ އަށާއި ދިވެހި ޤައުމަށް މި މަޝްރޫއިން ވާނެ އެއްކަމެއް ވެސް ނެތެވެ. އަސްލު ދަރަނީގެ ދަންތުރަ މިފެންނަނީ އަދިކިރިޔާ އެވެ. ރައްޔިތުން މިހާރު ނުހޭލައިފި ނަމަ ދެއަހަރު ފަހުން ރައްޔިތުން ތިބޭނީ އިންޑިއާ އަށް ދަރައި، އިންޑިއާ އަށް އަޅުވެތިވެފައެވެ.