ސައޫދީ އަރަބިޔާގެ ޤުރުއާން މުބާރާތުގައި ބައިވެރިވި ދިވެހި ދެ ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
"ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން" މުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެ ދަރިވަރުންނަކީ އަޙްމަދު ނަބީޙް ޢަބުދުލްޤާދިރާއި މުޙައްމަދު ޔޫޝަޢު އެވެ. މި ދެ ދަރިވަރުންގެ ތެރެއިން އަޙްމަދު ނަބީޙް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ދެ ދަރިވަރުންނާއި މި ދެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ މި ދެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާއި ޝަރަފެއްކަން ފާހަގަކުރައްވައި މި ދަރިވަރުންނާއި ދަރިވަރުންގެ މައިންބަފައިންނަށް ތަޢުރީފާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އަޙްމަދު ނަބީޙް ހޯދި ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤުރުއާނަށް ކުދިން ހިތްޖައްސައި، ދަރިވަރުނަށް ވީހާވެސް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްދީ އެހީތެރިވެދިނުމަށް ކަމުގައެވެ. މި ބައްދަކުރެއްވުމުގައި މި ދެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަނީ ސަރުކާރުން މި ދަރިވަރުންގެ ކަންކަމުގައި ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މި ދެ ދަރިވަރުންގެ މައިންބަފައިންގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment