...

Support Us

ފިނޭ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ހދ. ފިނޭ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ފިނޭ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭ ކައުންސިލުން ވަނީ، މި ސަރުކާރުން، ފިނޭގައި ބޮޑު ތިން މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައިވާކަން، ފާހަގަކުރައްވައި މި ސަރުކާރާ މެދު ފިނޭގެ ރައްޔިތުންގެ އުއްމީދާއި އިތުބާރު އޮތްކަމުގައި ވިދާޅުވެފައެވެ. އަދި، މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ފިނޭގައި ހިންގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ފިނޭ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ސްކޫލް ޢިމާރާތް ބާވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އިޖުތިމާޢީ މަރުކަޒެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން ވޮލީ ކޯޓުގެ މަސައްކަތް ނުނިމި އޮތުމާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ނުލިބުމުގެ ދަތިކަން ކައުސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

ފިނޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުންނާއި އ.ތ.މ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށް ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. މިގޮތުން، ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢުގެ ބީލަމުގެ މަރުޙަލާތައް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ފިނޭއަކީ ކުށްމަދު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެއްކަމުގައި ވުމަކީ، އުފާ ކުރައްވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފިނޭގައި މި ސަރުކާރުން ހިންގި ބޮޑެތި ބައެއް މަޝްރޫޢުތައް މިހާރު ވަނީ މުޅިން ނިމިފައެވެ. އޭގެ ތެރޭގައި ރައްކާތެރި ބޯފެން ލިބޭނޭ ނިޒާމް ޤާއިމް ކުރުމާއި، ފެނާއި ނަރުދަމާ އެޅުމާއި، އާ އިންޖީނުގެއަކާއި އޮފީސް ޢިމާރާތް ތަރައްޤީ ކުރުމާއި، ރަށުގެ ކަރަންޓް ނެޓްވޯރކް ބަދަލުކުރުމުގެ މަޝްރޫޢު ވަނީ ނިމިފައެވެ. މީގެ އިތުރުން އާރް.ޓީ.އެލް.ގެ ހައި-ސްޕީޑް ފެރީގެ ޚިދުމަތްވެސް ފިނޭގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.

ފިނޭއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަންނަވާނީ ހއ. އުތީމަށެވެ. އަދި އެރަށުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދާ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.